ކިތަންމެ ވަރަކަށް އިމާރާތްތައް ހެދިޔަސް، ކިތަންމެ ވަރަކަށް ބްރިޖު އެޅިޔަސް، ކިތަންމެ ބިމެއް ހިއްކިޔަސް، އުމްރާނީ ތަރައްޤީ ގެނަޔަސް ޙަޤީޤީ ތަރައްޤީ ނާންނާނެ ކަމަށާއި، ނަފްސުގެ މުއްސަނދިކަމާއި، ސިކުނޑީގެ މުއްސަނދިކަމާއި، ހިތުގެ މުއްސަނދިކަން އަނބުރާ ނާންނަހާ ހިނދަކު ޙަޤީޤީ މާނައިގައި ޤައުމު ތަރައްޤީ ނުވާނެ ކަމަށް، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ވެރިންނާއި ދީނީ ޢިލްމުވެރިންނާއި އެހެނިހެން ދާއިރާތަކުގެ އިލްމީ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ ކިތަންމެ ވަރަކަށް ބްރިޖު އެޅިޔަސް، ނަފްސުގެ މުއްސަނދިކަން ނާންނަހާ ހިނދަކު ޙަޤީޤީ މާނައިގައި ޤައުމު ތަރައްޤީ ނުވާނެ ކަމަށެވެ.
"ކިތަންމެ ވަރަކަށް އިމާރާތްތައް ހެދިޔަސް، ކިތަންމެ ވަރަކަށް ބްރިޖު އެޅިޔަސް، ކިތަންމެ ބިމެއް ހިއްކިޔަސް، އުމްރާނީ ތަރައްގީ ގެނަޔަސް ހަގީގީ ތަރައްގީ ނާންނާނެ. ނަފްސުގެ މުއްސަނދިކަން ސިކުނޑީގެ މުއްސަނދިކަން ހިތުގެ މުއްސަނދިކަން އަނބުރާ ނާންނަހާ ހިނދަކު ހަގީގީ މާނައިގައި ގައުމު ތަރައްގީ ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ދިވެހި ޤައުމުގެ ދިވެހިވަންތަކަމާއި ދީނީ ބައެއް ސިފަތައް ނެތި ދަމުން ދާ ކަމަށާއި އެ ކަންކަން އިޔާދަކުރުމަށް މުހިންމު ކަންކަން ކުރަން ޖެހޭ ކަމަށާއި، ދީން ހިމާޔަތް ކުރުމަށް ޓަކައި ދީނީ ވާހަކަތަކާއި މައުލޫމާތު ދޭ ގޮތްތައް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.
މިކަންކަން ކުރުމަށް ޓަކައި އެމަނިކުފާނުގެ މެނިފެސްޓޯގައި އިލްމީ ދިރާސާތައް ކުރުމަށް ގްރާންޓް ސްކީމެއް ހިމަނާފައިވާނެ ކަަމަށާއި، އޭގެ އަލީގައި ޤައުމަށް ބޭނުންވާ އެކިއެކި ދާއިރާތަކުން މުހިންމު ހައްލުތައް ހޯދިގެންދާނެ ކަމަށެވެ.
"މުއްސަނދި ހަޒާނާ އެބަހުރި، އެހެންނަމަވެސް މީގެ ބޭނުން ކުރަން އެބަ ޖެހޭ، އިލްމީ ދިރާސާތައް ކުރެވި، ޕްރެކްޓިކަލް ސޮލިއުޝަންތައް ނެރެވެން އެބަޖެހޭ، އޭރުން އަޅުގަނޑުމެންގެ ގައުމު ދެން އޮތް ޖީލަށް ފޯރުކޮށްދެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިޑާޅުވީ، ދުވަހަކު ވެސް ދިވެހި ބަހަށާއި އިސްލާމް ދީނަށާއި ސަގާފަތާއި އާދަކާދަތަކަށް ނުދޭ ވަރުގެ އިސްކަމެއް ދީ، ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސައްކަތް އެ މަނިކުފާނުގެ ވެރިކަމުގައި ކުރައްވާނެ ކަމަށެވެ.