ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިންގެ ފުރަތަމަ ބުރުގައި ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ ކަޓައިފިއެވެ.
މި މެޗު މިއަދު ކުޅެފައިވަނީ، ބަންގްލަދޭޝްގެ ބަޝުންދަރާ އެރީނާގައެވެ.
މިއަދު ހަވީރު ކުޅުނު ދެވަނަ ލެގުގެ މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ބަންގްލަދޭޝް އާއި ރާއްޖެ ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ބަންގްލަދޭޝަށް ކުރި ލިބުނީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ބަންގްލަދޭޝްއިން ވަނީ ކުރި ހޯދައި، މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެމްޑީ ފައިސަލް އަޙްމަދު ފަހީމް ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ރަކީބް ހުސެއިނެވެ. އެހެންނަމަވެސް މެޗުގެ 36 ވަނަ މިނެޓުގައި ކޯނަރަކުން އައިސަމް އިބްރާހީމް ވަނީ ރާއްޖެއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ރާއްޖެއިން ލަނޑެއް ޖަހާފައިވަނިކޮށް، ބަންގްލަދޭޝްއިން އަލުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަހީމެވެ. މެޗުގެ 59 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ސޮހެލް ރަނާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އަދި މެޗުގެ ފަހުކޮޅު ރާއްޖޭގެ އަހުނަފް ރަޝީދަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.
މިއަދުގެ މެޗް ބަނގުލަދޭޝް ކާމިޔާބުކުރުމުން، ކޮލިފައިންގެ ދެވަނަ ބުރަށް ބަންގްލަދޭޝް ދަތުރުކުރިއިރު، ދެވަނަ ބުރުގައި އެ ޓީމު ހިމެނެނީ އޮސްޓްރޭލިއާ އާއި، ލުބުނާން އަދި ފަލަސްތީނާއެކު ގްރޫޕް އައިގައެވެ.