ފެނަކައިގެ ތަފާތު 31 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ފެނަކައިން ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ އިންތިޒާމްތަކެއް ތަރުތީބުކޮށް، ފައިސާ ދެއްކުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވަނީ ޤަރާރެއް ހުށަހަޅުއްވާފައެވެ. އޭނާ ހުށަހަޅުއްވާފައިވާ ޤަރާރުގެ ބަހުސްގައި ޙަސަން ވިދާޅުވީ ފެނަކައިގެ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލަތައް އޭސީސީގައި އޮވެ އެކަން ނުބެލި ހުއްޓިފައި އޮތުމަކީ ކޮރަޕްޝަން ހިންގުމަށް އިތުރަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށެވެ.
"ކުންފުންޏަށް ނިސްބަތްވާ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތަފާތު 31 މައްސަލަ އޭސީސީގައި އެބައޮތް. އެ މައްސަލަތަކަކީ ބެލެންޖެހޭނެ މައްސަލަތައް." ޙަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ފެނަކައިގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވަނީ ކުންފުނީގެ މުވައްޒަފުން ފެނަކައިން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެ ކުންފުނިތައް ބަނގުރޫޓްވަމުން ދާއިރު ކުދި ވިޔަފާރިތަކަށް އިސްކަންދޭ ކަމަށް މި ސަރުކާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވިއެވެ.ވެ.
ކުދި ވިޔަފާރިތަކަކީ އިޤުތިޞާދުގެ މައިބަދަ ކަމަށާއި، އެހެންކަމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވާން ދޫކޮށްލުމުން އިޤުތިޞާދު ކުރިއަރުވާނެ އެހެން ގޮތެއް ނޯންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފެނަކަ ކޯޕަރޭޝަނުން އެކި ޕްރޮޖެކްޓްތަކަށް ނުލިބި 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެބަ ހުރި ކަމަށް މިދިޔަ މަހުގެ ތެރޭގައި ކޮންޓްރެކްޓަރުންތަކެއް ކޮށްފައިވާއިރު، 19 ކޮންޓްރެކްޓަރަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ފެނަކައިން ފައިސާ ނުލިބޭ ކުންފުނިތަކުގެ އަދަދު 100 އަށްވުރެ ގިނަވާނެ ކަމަށާއި، ބިލުތަކަށް ފައިސާ ނުދައްކާތާ 500 ދުވަހާއި 300 ދުވަސް ވެފައިވާ ކަމަށެވެ.
މީގެއިތުރުން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރައެވެ.