ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަކަށް އަރައިގެން ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ޤައުމީ ދިފާޢީ ބާރުން މިއަދު ވިދާޅުވީ ގަލެއްގެ މައްޗަށް ބީހިފައިވާ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުންދާ ކަމަށާއި، ދޯނީގެ އަޑިން ފަޅައިގެން ގޮސްފައިވާ ތަންތަން ބެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދު ފަރަށް އަރާފައިވަނީ މ.މުލީގެ 7.2 ނޯޓިކަލް މޭލު ހުޅަނގުން، "އާމިރާ" ނަމަކަށް ކިޔާ ދޯންޏެވެ. މި ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:11 ހާއިރު ކަމަށް ޤައުމީ ދިފާޢީ ބާރުން މަޢުލޫމާތު ދެއްވައެވެ.
މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.