ރިޒާވްއާމެދު ކަންބޮޑުވުން؛ ބޭނުންކުރެވޭ ރިޒާވް ހުރީ 68 މިލިއަން ޑޮލަރުގައި

ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް އެއްކޮށް ހުސްވަމުންދާ ކަމަށާއި ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 68 މިލިއަން ޑޮލަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވް ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމުގެ ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކުރި ނަމަވެސް އެކަން ސަރުކާރުން ދިޔައީ އޮޅުވާލާ ސިއްރު ކުރަމުން ކަމަށެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމަށް ހެދި ކޮމިޓީގެ ޗެއަރއަކަށް ހަމަޖައްސަވާފައިވާ ސައީދު ވިދާޅުވީ ނިމިގެން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ ދައުލަތުގެ ރިޒާވުގެ ވާހަކަ ކަމަށެވެ.

"ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްމިހާރު އެއްކޮށްހުސްވަނީ. 68 މިލިއަން ޑޮލަރަށް ވެއްޓުނު އިރު ސަރުކާރާއި އެމްއެމްއޭ ދަނީ އެކަން ސިއްރު ކުރަމުން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން މި ޤައުމު ވައްޓާލި ނުރައްކާތެރި ހާލަތެއް ކަމަށެވެ.

ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވް 68 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަަމަށް ސައީދު ވިދާޅުވިއިރު، އެމްއެމްއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 148 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ