23 އެޕްރީލް 2025

ދެކޮޅު ނުޖެހިގެން، އިތުރު 6.5 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ޚަރަދުތައް ހަމަޖެއްސުމުގެ ގޮތުން އިތުރު 6.5 ބިލިއަން ރުފިޔާ ޚަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅީ މިއަަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މި އަހަރު ތެރޭގައި ޚަރަދުވާނެކަމަށް ބެލެވޭތީކަމަށެވެ.

ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓަކަށެވެ. އިތުރުކުރެވޭ ހަރަދާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.

މި ސަޕްލިމަންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅައިފައިވަނީ ޕީއެސްއައިޕީއާއި އާސަންދައާއި ސަބްސިޑީތަކަށް ކުރާ ޚަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަންއަށްކަމަށާއި، އަދި މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިނގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެ ނޫން ޚަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ޚަރަދު ކުޑަކުރުމަށް ރާވައިފައިވާ ގިނަ ފިޔަވަޅުތައް ރާވައިފައިވާ ގޮތަށް ތަންފީޒުވެފައިނުވާތ،ީ އެ ކަންކަމުން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީވެސް މިހާރު ދަށްވެފައިވާކަމަށް ފިނޭންސްއިން ވިދާޅުވެއެވެ.

އެގޮތުން، އެ ބަޖެޓްގައި 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިނަމަވެސް، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓްގެ މަސައްކަތްވެސް ކުރިއަށްދާކަމަށާއި، ޤާނޫނުގައި ބުނާ މުއްދަތުގެ ކުރިން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

2024 އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ކޮމިޓީއަކާއި ގުޅިގެންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު