އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު އުރުދުނުން ކެންސަލް ކޮށްފިއެވެ.
ބައިޑަން އުރުދުނަށް ވަޑައިގަތުމަށް ހަމަޖެހުނީ، ޔަހޫދީ އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އުރުދުނުން އިންތިޒާމު ކޮށްގެން ބާއްވަން އުޅުނު ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.
އެހެންނަމަވެސް، އުރުދުންގެ ސަރުކާރުން ވަނީ، ޣައްޒާގައި އޮންނަ އަލް-އަހްލާ ޢަރަބި ހޮސްޕިޓަލަށް ޔަހޫދީ އިސްރާޢީލުން ދިން ރަޙުމު ކުޑަ މިސައިލް ހަމަލާއެއްގައި 500 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލުމާ ގުޅިގެން، އެ ސަމިޓާއެކު ބައިޑަންގެ ދަތުރުފުޅު ވެސް ކެންސަލް ކޮށްފައެވެ.
މިއަދު ޝަހީދުކޮށްލި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހޮސްޕިޓަލަށް ދިން ހަމަލާގައި ބަލި މީހުންގެ އިތުރުން، އެ ތަނުގައި ހިޔާވަހިކަން ހޯދަމުން ދިޔަ ގިނަ ޢަދަދެއްގެ މީހުން ޒަޚަމުވެފައިވެއެވެ.
އަލް-އަހްލީ ހޮސްޕިޓަލަށް ޔަހޫދީ އިސްރާޢީލުން ދިން ޙަމަލާއަކީ ނުރައްކާތެރި ޤަތުލުއާންމެކެވެ. ޣައްޒާއާ ގުޅޭ ގޮތުން އުރުދުންގައި ބާއްވަން މަސައްކަތް ކުރި ސަމިޓުގައި ޢަރަބި ޤައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ. އަދި، އެ ސަމިޓަކީ ބައިޑަން މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމެވެ.
އެމެރިކާއާއި އުރުދުންއާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1994 ވަނަ އަހަރުއެވެ.
ޣައްޒާއަށް ދޫކުރަމުންދިޔަ ކަރަންޓާއި ފެންފަދަ ޒަރޫރީ ޚިދްމަތްތައް ކަނޑާލުމުގެ ސަބަބުން އެތައް މައްސަލަތަކެއް ދަނީ މިހާރު ދަނީ ކުރިމަތިވަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލަށް ހަމާސް ޖަމާއަތުން ދިން ކުއްލި ޙަމަލާގައި، އިޒްރޭލުގެ 1500 އަށްވުރެން ގިނަ މީހުންވަނީ މަރާލައި، 200 އެއްހައި އިޒްރޭލު ރައްޔިތު ރަހީނު ކޮށްފައެވެ. ދެފަރާތުން ބަދަލުކުރަމުން އަންނަ ޙަމަލާތަކުގައި، އިޒްރޭލުގެ ބައެއް ރައްޔިތުންނަށް ހާނީއްކަވަމުން ދާއިރު، އިޒްރޭލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ޙަމަލާތަކުގައި، މިހާތަނަށް ފަލަސްޠީނުގެ 3000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެ، ޣައްޒާގެ 500 އަށްވުރެން ގިނަ ގެދޮރު ބިމާހަމަވެފައިވެއެވެ. އަދި 150،000 އަށް ވުރެ ގިނަ ރައްޔިތުން މަގުމަތިވެ، 14،000 އަށްވުރެ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.