Saturday, 22 June 2024

ހިތް އެދޭހާ ކަމެއް.. (ނުވަވަނަބައި)

ކުއްލިއަކަށް ޕިކަޕްގެ ދުވެލި މަޑުޖައްސައިލުމާއެކު ކޮޅަށް ތިބި އެންމެނެކޭ އެއްފަދައިން ރާހިލްއާ ޝައިނާގެ ފައިންވެސް ހަމަނައްޓައިލިއެވެ. އަދި އެކެއް އަނެކެއްގެ ގައިގައި ބާރަށް ގޮސް ޖެހުނެވެ. ފަޅި ސިކުންތެއްގެ ތެރޭ ބޭއިހްތިޔާރުގައި ގެނެވުނު ހަރަކާތަކާއެކު ރާހިލްއަށް ޝައިނާގެ އުނަގަނޑުގައި އަތްއަޅުވައިލެވުނީ ޝައިނާ އަރި އަޅައިލުމުން ސަލާމަތްކުރުމުގެ ނިޔަތުގައެވެ. އެވަގުތު އެދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. ހަމަ އެހާމެ އަވަހަށް ޝައިނާ އެ ނަޒަރު ވަކިކޮށްލިއެވެ. ހިނގަމުންދާ ކޮންމެ ސުކުންތަކާއެކު ދެމީހުންގެ ދެމެދަށް ވެރިވަމުންދާ އުދާސްކަމާއި ހޫނުކަމުގެ އަސްލަކީ އިރުގެ ދޯދިތައް ކަމަށް ވިސްނައިދޭން އުޅުނު ކަމުގައިވިޔަސް، ދެހަށީގައި ހިފައިފައިވާ ހެނދުނުގެ ފިނީން އެކަނިވެސް ބުނެދެމުންދިޔައީ އެ އުދާސްތަކަކީ އެ ދޯދިތަކާއި އެއްވެސް ގުޅުމެއްހުރި ކަމެއްނޫންކަމުގައެވެ.

ރާހިލްއާއި ޝައިނާއަށްވެސް ހުރެވުނީ ކިހާ ގާތުގައިކަން ރޭކައިލީ ޕިކަޕުގައި ތިބި މީހުންގެ ދިމާކުރުމާއި އަޅުވައިކިޔުމުގެ އަޑުތައް އިވެން ފެށުމުންނެވެ. ވާނީވެސް އެހެންތާއެވެ. ރާހިލް ލައިގެން ހުރި ފެހި ކުލައިގެ ގަމީހުގެ ކުލަތަކާއި ނުހަނު ގުޅޭނެހެން ޝައިނާ ލައިފައިވާ ފިޔާތޮށި ހެދުމުގައި ދުރުން ބަޔަކަށް ފެންނާނީ އެއީ ފިލްމެއްގެ ބަތަލުންތަކެކޭވެސް ހީވާހާ ގުޅޭ ޖޯޑެއްގެ ގޮތުގައެވެ. ނަމަވެސް އެދެމީހުންގެ މޫނުގެ ކުލަވަރު އެންމެ ގާތުން ފެންނާނެ ބަޔަކަށް ތިބީ ހަމަ އެދެމީހުންނެވެ. ޕިކަޕުގެ ތެރެއިން އިވިލާ ކޮންމެ ދިމާކުރުމުގެ ބަހަކާއެކު ޝައިނާގެ މޫނު ލަދުން ރަތްވެގެންދާގޮތް ފެނި ރާހިލްގެ ހިނިތުންވުން ފުންވަމުންދިޔައެވެ. އެހެނެއްކަމަކު ދެމީހުންވެސް ބެލީ އެ އަޑުތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ވޭތޯއެވެ.

ވިއްސަކަށް މިނެޓުގެ ދަތުރަކަށްފަހު އެމީހުންގެ މަންޒިލާ ހިސާބަށް ވާސިލްވެވުނެވެ. ގަސްބިޔަ ޖަންގަލީގެ ތެރެއިން އައިސް ނުކުމެވެން އޮތް ބީޗާއި ހިސާބަށް އާދެވުމާއެކު އެންމެ ފުރަތަމަ ޕިކަޕުން ފުންމާލި މީހުންގެ ތެރޭގައި ރާހިލްވެސް ހިމެނުނެވެ. ފާއިތުވެދިޔަ މަދު ވަގުތުކޮޅުގައި ވިޔަސް ޝައިނާގެ ހިޔާލު ބަދަލުވެފައި ވެދާނެ ކަމުގެ އުއްމީދުގައި ރާހިލް މިފަހަރުވެސް ޝައިނާ ފޭބުމަށް އަތްދިއްކޮށްލިއެވެ. ނަމަވެސް ހުޝިޔާރުކަމާއެކު ޝައިނާ ޕިކަޕުން ފުންމާލައިގެންގޮސް ކުރިއަށް ހިނގައިގަތެވެ. ކައްކަން ހަމަޖެހިފައިވާ ހިސާބު ސާފުކޮށް އެތާ އެއްޗެހިތައް ބެހެއްޓުމަށްފަހު އެންމެން އަވަސްވެގަތީ ގެއިން ގެނައި ތަކެއްޗާއެކު ހެނދުނުގެ ނާސްތާ ފުރިހަމަ ކުރުމަށެވެ. ބިޔަ ގަސްތަކުން ހިޔާ އެޅިފައިވާ ސަރަހައްދެއްގައި ވަށްބުރެއްގެ ބައްޓަމަށް ވާގޮތަށް އެންމެން އިށީނެވެ.

" އޭ މިއޮށް ދިމާ ބޭރަށް އެރެންވާނެ ސައިބޮއެ ނިންމާފަ ބޯވަ ހިފަން އިނގޭ. ފިހެލައިގެން ކާލަން ވަރަށް މީރުވާނެ. އައްޔަ ބުނި އޭނަ ގެނައިމޯ ދަގަނޑާ އެއްޗެހިވެސް" ކައިރީގައި އިން ނިހާމް ރާހިލްގާތު ބުންޏެވެ.

" އެންމެން ކިހިނެއް ވެފަތަ ތިތިބީ؟ އަދިވެސް ނިދާ ނުހޭލަނީތަ؟ ހިނގާބަލަ ފުޅި އަނބުރަން" ނިހާމް ބުންޏެވެ. ހެނދުނުގެ ވަގުތު ކަމަށްވުމާއެކު އެކަކުވެސް އެހާ ވާހަކަ ގިނަ ކުރާތަނެއް ނުފެނެއެވެ. އަދިވެސް ގިނަމީހުންގެ ލޮލުން ނިދި ނުފިލަނީ ކަންނޭނގެއެވެ.

" މިތާ ކޮން ފުޅިއެއްތި އެނބުރޭނީ. ކޮންމެސް މީހެއް ފަށާ. އޭނަ ބުނާނީ ދެންޖެހޭ މީހެއްގެ ނަން. އެމީހާ އަނެއްކާ ދެންޖެހޭ މީހެއް." ނިހާމްގެ ވާހާކައަށް ތޫބާ ރައްދުދިނެވެ.

" އޯކޭ އަހަރެން ފަށާފާނަން. ޕާސަނަލް ސުވާލުވެސް ކުރެވޭނެ އިނގޭ. އޭރަށް މަޖާވާނީ. އޯކޭ.. އަހަރެން ޑެއަރ." ނިހާމް ބުންޏެވެ.

" މީނަ އަނގައިން އެއްޗެއް ބޭރުވެދާނެތީ ދޯ ޑެއަރ މި ބުނީ. އޯކޭ. ފަސް މިނަޓުތެރޭ އެހެރަ ރުކުން ކުރުނބަލެއް ގެނެސްދީ." ހަފްސާ ބުންޏެވެ. ނިހާމް ވަގުތުން އެބުނި ރުކާ ދިމާއަށް މިސްރާބުޖެހިއެވެ. ނިހާމް ރުކަށް އަރަން އުޅުނުގޮތް ބަލާފައި ދެންތިބި އެންމެން ހެމުންދިޔައެވެ. ނުހަނު ހާލުން ކަމުގައިވިޔަސް ހައެއްކަ މިނަޓުތެރޭ އޭނާ އެ ކުރުނބާ ގެނެސް ހަފްސާ އަތަށް ދިނެވެ.

"އޯކޭ. ދެން އަހަރެން ބުނަންވީ ދޯ މީހެއް." ނިހާމް މާނޭވާ ލެވިފައިހުރެ ވާހަކަ ދެއްކިއެވެ. "ރާހިލް"

ހުރިހާ އެންމެންގެ ކަޅި ރާހިލްއާ ދިމާލަށް ހުއްޓުނެވެ. ޑެއަރ ނަގަން ހިތަށްއެރި ނަމަވެސް ނިހާމްއާ ޖެއްސިވަރުކަމެއް ޖައްސައިފާނެ ކަމަށްް ރާހިލް ވީސްނައިލިއެވެ. އޭނާއަކީ އެކަހަލަ ކަންކަމުގައި އެއްވެސް ތަޖުރިބާއެއް ހުރި މީހެއް ނޫނެވެ. ކޮންމެ ސުވާލެއް ކުރިޔަސް ހެޔޮކަމަށް ރާހިލްއަށް ޖެހުނީ ސުވާލު ނަގާށެވެ.

"އޯކޭ ޓްްރުތް" ރާހިލް ބުންޏެވެ

"މީ ވަރަށް ކުރީގަ އުޅޭ މީހެއްނު. ކިތަށް މީހުނާ ރައްޓެހި ވެއްޖައިންތަ؟" ތަންކޮޅެއް ލާނެތްކޮށް އުޅޭ އަޖްމަލް ރާހިލްއާ ކުރިމަތި ކުރުވި ސުވާލާއެކު އެތާ ތިބި އެންމެން ހޭން ފެށިއެވެ.

"އޭ ކޮންމެހެން ޖަވާބުދޭން ބޭނުން ނެތިއްޔާ ސުވާލު ބަދަލު ޖުރެވިދާނެ އިނގޭ" ރާހިލްގެ ފަރާތުން ޖަވާބެއް ނުލިބި ގިނައިރު ވާން ފެށުމުން ނިހާމްވެސް ޖެއްސުން ކުރާ ރާގަކަށް ބުންޏެވެ.

"ވިސްނާލަނީ" ރާހިލް ބުންޏެވެ.

"ހުސް ފޮނިދޯ" އެތާ އިން ތޫބާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އެހެން އެންމެންވެސް އެ ހުނުމުގައި ބައިވެރިވިއެވެ.

"ސެވެންޓީން." ރާހިލްގެ ޖަވާބުދިނެވެ. "ސެވެންޓީން ނޫނީ ސިކްސްޓީން. ގައިމުވެސް އެއަށްވުރެ ގިނައެއް ނުވާނެ"

ރާހިލްގެ ޖަވާބާއެކު މުޅިތަނަށް ހިމޭންކަން ވެރިވިއެވެ. ރާހިލްއަށް ލަދުން ބޯ ކަހައިލެވުނު ނަމަވެސް އޭނާ ދެން ސުވާލުކުރަން ބޭނުންވާ މީހާގެ ނަން ބުނެލިއެވެ. "ރާފިއު ނެކްސްޓް"

"އޯކޭ ޓްރުތް"

"ލައިކްވާ ކުއްޖެއް ހުރޭތަ؟" ތޫބާއަށް ރާހިލްގެ ހިތުގައި އޮތް ސުވާލު އެނގިިގެން ކަހަލަގޮތަކަށް އަހައިލިއެވެ. ހުދު ރާހިލްވެސް ވަނީ އޭގެ ޖަވާބު އެނގެން ބޭނުންވެފައެވެ.

" ސީދާ ތިހެން ބުނާކަށް ނޭނގޭ. އެކަމް ތިކަހަލަ ގޮތެއް ހީވާތާ ދުވަސްކޮޅެއް ވެއްޖެ" ރާފިއު ޝައިނާއާ ދިމާލަށް ބަލައިލަމުން ބުންޏެވެ. އެ މަންޒަރު ފެނުމާއެކު ރާހިލްއަށް ދަތްކުނޑި ވިކައިލެވުނެވެ. މި އެންމެން ތެރޭގައި އެހާ ފާޅުކަން ބޮޑު ގޮތަކަށް ރާފިއު އެހެން އެ ބުނީވެސް ޝައިނާއަށް އިޝާރާތެއް ދޭން ކަމުގައި ރާހިލްއަށް ވިސްނުނެވެ. ނަމަވެސް އޭނާއަށް އޭނާގެ މަގްސަދު ހާސިލްވެއްޖެއެވެ. އޭނާ ރާފިއުއާ ސުވާލުކުރަން ބޭނުންވީ ރާފިއުގެ ހިތް ޝައިނާއާމެދު އޮތްގޮތް ބެލުމަށެވެ. އެކަން އެނގި ސާފުވުމުން ދެން އިތުރަށް އޭނާ

" އޯޯކޭ.. ދެން ތޫބާ"

" ޓްރުތް"

***********

"އޭ މޭން. ކަލޭ އޯކޭތަ؟" ނިހާމް އަތުގައި އޮތް ދަގަނޑުން ބޯވަ ނައްޓައިލައި ބާލިދީއަށް ވައްޓައިލަމުން ރާހިލްއަށް ގޮވައިލިއެވެ.

"ކީކޭ؟ އާން!! މަ އޯކޭ. ވަރަށް ހޫނެއްނު؟ އެހެންވެ ކުޑަކޮށް ބުރާންތި އަރާފަ މި ހުންނަނީ" ރާހިލް ބުންޏެވެ.

"ބުރާންތި އަރާފަ ތި ހުންނަނީ އެހެން ކަމަކާ. އަހަރެން ހީކުރީ ކަލެއަށް ވަރަށް މިކަން ސަޅިވާނެ ކަމަށް. އެހެންވެ ގެނައީވެސް. އެކަމު ބޯވައަކާ ބޯވައެއް ދޫކޮށްލާފަ ތިތާ އަތް އުރާލައިގެން ތި ހުންނަނީ.. ކަލޭ އެ ޝައިނާ ޗިކު ބޭނުންވީ ދޯ؟" ނިހާމް ބުންޏެވެ.

"ސާބަހޭ ނިހާމަށް. އެބުނީ 17 ކުދިންގެ ކަންތައް ނިންމައިފީމޭ. އޭނަ ހުންނާނެތަ ބޭނުންވެއްޖެ ކުއްޖެއްގެ ކަންތައް ނުޖައްސާ؟ ނޭނގެ އެއްނު ޝައިނާ ކަންތައް ނުކުރާ ކަމެއްވެސް. އެއްތާކު ވިއްޔަ އުޅެނީވެސް" އެމީހުންގެ ކައިރީގައި އުޅުނު އަޖުމަލާއި ޝާޑު އެ ވާހަކަ އިވުމުން މަޖާވެލައިފައި ބުންޏެވެ.

"ނޫނޭ. އަހަރުމެން މިހާރު އުޅެނީ ދެ ތަނެއްގަ. އޭރު އެއް ސޫޓެއްގަ އުޅެން ޖެހުނީ ގެސްޓްހައުސް ފުލްވެފަ އޮތީމަ. އަހަންނާ ޝައިނާއާ ދޭތެރޭ ތިކަހަލަ ކަމެއް ނުހިނގާ. އަހަރެން އެކަމަކާ ނުވެސް ވިސްނަން. އެއީ މީހަކު ވައި އެޅޭވަރަށްވުރެ މާ ބޯހަރު އަންހެނެއް" ރާހިލް އަވަސްވެގަތީ ޝައިނާ ދިފާއުކުރުމަށެވެ. ހުދު އޭނާއަކަށްވެސް އެކަމުގެ ސަބަބެއް ނޭނގުނެވެ. އޭނާ ބޭނުންނަމަ އޭނާގެ މޮޅުކަން ދެއްކުމަށް އެއީ ވީކަމެއް ކަމުގައިވެސް ބުނެވުނީހެވެ. އެވާހަކަ ދޮގުކުރާނެ އިތުރު މީހަކުވެސް އެތަނުގައި ހުރީކީ ނޫނެވެ. ނަމަވެސް އެފަދަ ގޮތަކަށް ޝައިނާއޭ ކިޔައިގެން ދޮގު ހަދާކަށް އޭނަގެ ޟަމީރު އެއްބަހެއް ނުވިއެވެ.

"އެ ތެދެއް. މަށަކަށްވެސް ހިއެއްނުވޭ ޝައިނާ އެއީ އެކަހަލަ ކުއްޖެއް ހެނެއް. އެހެންނޫނަސް ރާހިލްއަށްވުރެ ބޮޑަށް އެ މަންޖެ ދޯޅީ ރާއްޕެއާ. ރާއްޕެއަށް ދެން ތިކަން ވިއްޔާ ވީ. އޭ ޝާޑު ދީބަލަ ބްލީޗް ފުޅި.. މިހަރުގަ އެބޮތް ކަންނޭގެ" ނިހާމް ރާހިލްގެ ވާހަކައަށް ތާއީދުކޮށް ބުންޏެވެ.

"މަށެއް ނުބުނާނަން ތިކަމަކާ ވަކި އެއްޗެއް. އަންހެނުންގެ ގޮތެއް ނޭނގޭނެ. އެމީހުން ބޭނުންވާ ކަމަކިއްޔާ އެ ކަމެއްގަ މިތިބަ ބޯވަތަކަށްވުރެ ވަރުގަދައަށް ވަކި ހިއްޕާލާނެ" ޝާޑު އަތުގައި އޮތް ބްލީޗްފުޅި ނިހާމަށް ދިއްކޮށްލަމުން ބުންޏެވެ.

ދަތުރުގެ ކަންތައް ނިމިގެންދިޔައިރުވެސް ރާހިލްއަށް ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ. އާންމުގޮތެއްގައި އެކަހަލަ ތަަންތަނަށް އައިސް ސަކަރާތް ޖެހުމުގައި އެންމެ އިސްކޮށް އުޅޭ ރާހިލްގެ ފަރާތުން ފެންނަމުންދިޔަ މަޑުމޮޅިކަން ފާހަގަވެ ނިހާމްވެސް އެކަމާ ސުވާލު ކުރިއެވެ. ނަމަވެސް ރާހިލް ހަމައެކަނި އެއީ "ވޯކް ސްޓްރެސް" ކަމަށްބުނެ ފުއްދާލީއެވެ.  އޭނާގެ އެކުވެރިން ދެއްކި ވާހަކަތައް ހުއްޓުމެއްނެތި އޭނަގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައިރު މުޅި ދަތުރުގަައި ރާފިއުއާއި ޝައިނާ އެހާ އެއްކޮށް އުޅޭތަން ފެންނަ ކޮންމެ ފަހަރަކު އޭނާއަށް އެވާހަކަތަކުން އުނދަގޫވަމުން ދިޔައެވެ. އެންމެން މޫދުގައި އުޅުން ވަގުތުވެސް ރާފިއު އާއި ޝައިނާ ހީހީފައި އެކެއް އަނެކެއްގެ ގަޔަށް ފެންޖަހާފައި އުޅުނު ގޮތުން ރާހިލްގެ ބޮލުގައި ތޫނު ރިހުމެއް އުފެދިފައިވިއެވެ. ބޭނުން ނުވި ކަމުގައިވިޔަސް އޭނާއަށް އެކަންކަމަށް ސަމާލުކަންދެވެނީ ކީއްވެކަމެއް ނޭނގެއެވެ. އެއީ ރަހްމަތްތެރިން ދެއްކި ވާހަކަތަކުގެ ސަބަބުން ކަމުގައި އޭނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ.

ރާހިލްއާ ޝައިނާއާ ވަކިން ދިމާވެވޭ ވަރުވީ ކައި ނިންމައިލުމަށްފަހު މޫދު ކައިރިއަށް ތަށި ދޮންނަން ދިޔަ ވަގުތުގައެވެ. ރާހިލް ހަމަ އައިސް ކައިރީގައި ހުއްޓިލުމާ އެކުހެން ޝައިނާ ތަށި ދޮވެ ނިންމާފައި ދުރަށް ހިނގައިގަތެވެ. ރާހިލް ޝައިނާގެ އަތުގައި ހިފެހެއްޓިއެވެ.

"ދޫކުރޭ" ޝައިނާ ރާހިލްއަށް ލޯ އަޅައިލަމުން ބުންޏެވެ. ރާހިލް ޝައިނާގެ އަތުން ދޫކޮށްލިއެވެ. ޝައިނާ ގަދަހަދަން ފަށައިގެން އިތުރު އަނިޔާއެއް އޭނާގެ ފަރާތުން ލިބޭކަށް އޭނާ ބޭނުމެއްނުވެއެވެ.

"ރިއާންއަށް އެނގޭތަ ވަޒީފާގެ ކަމަކު ޝައިނާ މިތަނަށް އައިސް ތި ގަންނަގަނޑު؟" ރާހިލް ރުންކުރު ގޮތަކަށް އަހައިލިއެވެ.

"ތިބުނީ.." އެބުނި އެއްޗެއްގެ މާނަ ނޭނގުމުން ޝައިނާއަށް ބުމަ ގޮށް ޖަހައިލެވުނެވެ.

"މިބުނީ ރާފިއުގެ ކަންތައް. ޝައިނާ ހިކުރީ އަހަރެން މީ ކަނު ބީރު މަންމަން މީހެއް ކަމަށްތަ؟ އެޗް.އާރާ ހިސާބަށް ވާހަކަ ގޮސްދާނެ ކަމަށް ނުވިސްނަންތަ؟" ރާހިލް އިންޒާރެއް ދޭ ފަދައަކުން ބުންޏެވެ.

"އަހަރެންނަކަށް ތި ކިޔާ އެއްޗެއް ނޭނގުނު. އެކަމަކު ތި ބުނަނީ އަހަރެންނާ ރާފިއު އާ ދޭތެރޭ ގުޅުމެއް އޮތް ކަމުގެ ވާހަކަ ކަމަށް ވަންޏާ ބުނެލަން އޮތީ އެއީ ހަމައެކަނި އަހަރެންގެ ރައްޓެއްސެކޭ. ރާހިލް ހީކުރަނީ ދުނީޔޭގެ ހުރިހާ ފިރިހެނުންނަކީ ރާހިލް ކަހަލަ އަންހެނުން ހިތި ބައެއް ކަމަށްތަ؟ އަންހެނުންނާ ދޭތެރޭ ތިބުނާގޮތް ނޫން ގޮތަކަށް ބަލާނުލެވޭ މީހުން ކަމަށްތަ؟ އެންމެނަކީ ރާހިލްހާ ގޮތެއްފޮތެއްނެތް ވިޔާނުދާ މީހުނެއް ނޫން. އެހެންނޫނަސް އަހަންނާ ރާފިއުއާ ދޭތެރޭ ތި ބުނާވަރު ގުޅުމެއް އޮތަސް އެއީ ރާހިލްއަކާ ބެހޭކަމެއް ނޫން" ޝައިނާގެ ރާހިލްއާ އަމާޒުކޮށް ބަހުގެ ހަމަލާއެއް ފޮނުވައިލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ. ރާހިލްއަށް ގަނޑުވެފައި ހުރެވުނީ ޝައިނާ ބުނި ބަސްތައް ހަޖަމްކުރަން ދަތިވެފައެވެ.

އިރުއޮއްސުމުގެ އަސަރުތަށް އުޑުމަތިން ފާއްދައިލައިފިއެވެ. ރަތްވިލާތަށް އުޑުގައި ރަސްކަންކުރަން ފެށިއެވެ. ވަށައިގެންވާ މޫދުގެ ލޮނުގަނޑު އެ އުޑުގެ ކުލަތަކުން ފަވާލައިފިއެވެ. ބަލައި ފޫހި ނުވާނޭ މަންޒަރެކެވެ. ކޮންމެ މީހަކުވެސް ބޭނުންވެފައިވަނި އެ މަންޒަރުގެ ފުރިހަމަކަން ހިތްފުރޭވަރަށް ބަލައިލުމަށް އެތަނުގައި މަޑުކުރުމަށެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ނިމުން އަންނަ ފަދައިން ދަތުރުގެ ފޮނި ހަނދާންތައް ހިތުގައި ރައްކާކުރަމުން އެ އެންމެންވެސް ގެއަށް ދާން ތައްޔާރުވިއެވެ. މާދަމާރޭ އޮންނަ ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އޭގެ ތެރެއިން އެއްބަޔަކީ މާލެއަށް ފުރައިގެން ދާނެ ބަައެކެވެ. އެކުގައި މަސައްކަތްކުރި ޓީމް އުވާލެވެނީއެވެ. އެ ބަދަހި އާއިލާ ރޫޅިގެން ދަނީއެވެ. އެހެންކަމަށްވުމާއެކު އެ ހަނދާންތައް ވެފައިވަނީ އެއިން ކޮންމެ މީހަކަށްވެސް މުހިއްމު ހަނދާން ތަކަކަށެވެ.

ޕިކަޕަށް އެއްޗެހި އަޜުވައި ހަމަޖެހިލުމާއެކު ސައިކަލުގައި އައި ގްރޫޕް އެމީހުންގެ ސައިކަލުތަކާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭގެ ތެރޭގައި ރާފިއުވެސް ހިމެނެއެވެ. ދެންތިބި މީހުން އޭރު ޕިކަޕަށް އަރަނީއެވެ.

"ބުނީމެއްނު ހޮޓެލުން އެއްޗެއް ނަގަން އޮތް ވާހަކަ؟ އަހަރެންނާއެކު ސައިކަލްގަ ދާންވީނު؟ އަހަރެންވެސް ހޮޓެލްއަށް މި ދަނީ ފުރަތަމަ ޗާޖަރު ބަލާ." ރާފިއު ޝައިނާގާތު ބުނި އަޑު ރާހިލްއަށް އިވުނެވެ.

"ތީ ރަނގަޅު ހިޔާލެއް. އެހެންނޫނަސް މިކޮޅަށް އައި އިރުވެސް ޕިކަޕް އޮތީ ވަރަށް ފުލްކޮށް. ރާފިއު އަހަރެން ޑްރޮޕް ކޮށްދޭނަން ދޯ ގެސްޓް ހައުސްއަށް" ޝައިނާ ރާފިއު އާ އެއްބަސްވަމުން ސައިކަލާ ދިމާލަށް ހިނގައިގަތެވެ.

"ބްރޯ ކީއްވެތަ ސައިކަލުގަ ނައީ؟" ކައިރީގައި ހުއްޓިލި ނިހާމްގާތު ރާހިލް އެހިއެވެ.

"ހާހަކުން ދުވަހަކު މިހެން ލިބޭ ފުރުސަތެއްގަ އެންމެނާ އެއްކޮށް ޕިކަޕް ދުއްވާލީމަ ކިހާ މަޖާ. ތި ޝަކުވާނުކޮށް އަވަހަށް އަރާބަލަ " ނިހާމް ރާހިލް ޕިކަޕާ ދިމާލަށް ކޮށްޕައިލަމުން ބުންޏެވެ.

***********

ކޮޓަރިއަށް އާދެވުމާއެކު ފެންވަރާ ރީތި ވެލައިގެން ރާހިލްވެސް ނުކުތީ ހޮޓެލްއަށް ދިޔުމަށެވެ. މާދަމާގެ ހަފްލާއަށް އަންނަ މީހުންގެ ކުރިމަތީ ޕްރެޒެންޓޭޝަން އެޅުވުމުގެ ކުރިން އޭނާ އަމިއްލައަށް ޓެސްޓު ކޮށްލަން ބޭނުންވީއެވެ. ސައިކަލުގައި ހޮޓެލްއާ ދިމާލަށް މިސްރާބު ޖެހިއިރު ވިއްސާރަ ވިލާތަކުން އުޑުމަތި ބަނަކޮށްލައިފައި ވެއެވެ. އެކަމަށް ފަރުވާލެއްނުދީ ރާހިލް އޭނާގެ މަންޒިލަށް މިސްރާބު ޖެހިއެވެ.

ހޮޓެލްއަށް ވަތްއިރު ލޮބީ އޭރިޔާގައި ބަހައްޓާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޝައިނާއާއި ރާފިއު ތިއްބެވެ. އެކަމާމެދު އެއްޗެއް ހިތަށްނޭރުވޭތޯ މަސައްކަތް ކުރަމުން އޭނާ ގޮސް ހޮޓެލްގެ ކޮންފެރެންސް ރޫމަށް ވަނެވެ. ދިހަވަރަކަށް މިނަޓުގެ މަސައްކަތަށްފަހު އެތާހުރި ބޮޑު ޓީވީގައި ޕްރެޒެންޓޭޝަން އެޅުވޭގޮތް ހަމަޖެހުމުން ރާހިލް ހިތްހަމަ ޖެހިފައިހުރެ އެތަނުން ނުކުތެވެ. ލިފްޓުން ފޭބިއިރު އަދިވެސް ރާފިއުއާ ޝައިނާ ލޮބީގައި ތިއްބެވެ. ރާހިލް އެކަމާ އަޅައިނުލައި ގެސްޓްހައުސަށް ދިޔުމަށް ނުކުތެވެ. ނަމަވެސް އޭރު ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. އިތުރު ގޮތެއް ނެތުމާއެކު ރާހިލްއަށްވެސް ޖެހުނީ ހޮޓެލްގައި މަޑުކުރާށެވެ. އޭނާގޮސް ޝައިނާމެން ގާތު ހުރި އެހެން ގޮނޑިއެއްގައި އިށީނެވެ. އޭރު ޝައިނާއާ ރާފިއު ހީހީފައި ލެޕްޓޮޕުން ކޮންމެސް އެއްޗެއް ބަލަމުން ދިޔައެވެ. އަނގަނުހުޅުވާ އިނދެވޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަމިއްލަ މިޒާޖުގެ ގޮތުންނާ އެކުވެސްމެއެވެ. އޭނާއަށް މިނެޓެއްހާއިރުވެސް އެގޮތުގައި އެ ހިމޭންކަމުގައި ކެތް ނުކުރެވުނެވެ؟

"މާ މަޖާ އެއްޗެއްތަ ތި ބަލަނީ. އަހަރެންނަށްވެސް ނިކަން ދައްކާލަބަ" ރާހިލް އަމިއްލައަށް އެކަމުގެ ތެރެއަށް ވަދެގަތެވެ.

"ހަހަހަ. އާނ މީ ދަތުރުގެ ފޮޓޯތައް ބަލަނިކޮށް ރާފީ އަށް އޮޅިގެން އޯޕެން ކުރެވުން ފޮޓޮއެއް. ބަލާބަ ރާފީ ކުޑައިރު. ސޯ ފަނީ. ބަޓް ލޯބި ދޯ؟" ޝައިނާ ހިނިތުންވެފައި އިނދެ ރާހިލްއަށް ރާފިއުގެ ކުޑައިރުގެ ފޮޓޮއެއް ދައްކައިލިއެވެ. މަޖާވެފައި ހުރިވަރުން އޭނާއަށް ރާހިލްއާ ދެމެދު ޖެހިފައިވާ މައްސަލައިގެ މަތިންވެސް ހަނދާން ނެތްކަހަލައެވެ.

"ކިއުޓް… ރާފީ… " ރާހިލް ގަދަކަމުން ކަހަލަ ގޮތަކަށް ޝައިނާ ރާފިއުއަށް މުހާތަބު ކުރި ވަނަން ކިޔައިލިއެވެ. އަނެއްކާވެސް ރާފިއުއާއި ޝައިނާ އެމީހުން ކުރަންތިބި ކަންތަކުގެ ތެރެއަށް ދިޔައެވެ. އޭރު ނޭނގޭ ރުޅިވެރިކަމެއް ރާހިލްގެ ނަފްސަށް ވެރިވަމުން ދިޔައެވެ. ޝައިނާ ހެމުންގޮސް ރާފިއުގެ ގައިގައި ޖެހިގަންނަ ކޮންމެ ފަހަރަކު ނުވަތަ ރާފިއު ޝައިނާގެ ކޮނޑުގައި އަތް އަޅުވައިލާ ކޮންމެ ފަހަރަކު އޭނާގެ ލޭ ކެކެމުންދިޔައެވެ. އޭނާއަކީ ކުރިން ދުވަހަކުވެސް ދެމީހެެއްގެ އުޅުން ހުންނަ ގޮތާމެދު މިހާ ރުޅިއަންނަ މީހެއް ނޫނެވެ. ނަމަވެސް ޝައިނާގެ ސަބަބުން އޭނާގެ އެތެރެ ހަށީގައި ފޮރުވިފައިވާ ކޮންމެވެސް އިހްސާސެެއް ތިލަކުރުވައިފިއެވެ. އޭނާއަށް ނޭނގެނީ އެއީ ކޮން އިހުސާސެއް ކަމެވެ.

އިތުރަށް އެތާ އިނުމަކީ ބުއްދިވެރި ގޮތެއްނޫން ކަމަށް ވިސްނައި ރާހިލް އަވަސް އަވަހަށް އެތަނުން ނުކުތެވެ. ބޯ ވާރޭގެ ތިކިތަކުން ދެމުންދިޔަ ހަމަލާތަކަށް ފަރުވާލެއްނެތި އޭނާގޮސް ސައިކަލުގައި ގެސްޓްހައުސް ކުރިމައްޗަށް މަޑުކުރިއެވެ. ކޮޓަރިއަށްވަތް ނަމަވެސް ތެމިފައިވާ އެއްޗެހި ބަދަލު ކުރުމުގެ ހިޔާލެއް އޭނާގެ ނެތް ކަހަލައެވެ. އޭގެ ބަދަލުގައި އަނެއްކާވެސް ވާރޭގެ އަސަރު ކުރަމުންދިޔަ ބެލްކަންޏަށް ނުކުމެ ދެފަރާތަށް ހިނގަންފެށިއެވެ. ލައިގެންހުރި ގަމީސް ގައިގައި ތަތްލާފައިވުމުގެ ސަބަބުން އުނދަގޫވި ނަމަވެސް އޭނާ އިންތިޒާރު ކުރަމުން ދިޔައީ ޝައިނާ އަންނާނެ އިރަކަށެވެ.

ރާހިލްގެ ހިތް ނުތަނަވަސްކަމާއި ޝަކުވާއިން ފުރެމުންދަނީއެވެ.

ޝައިނާގެ ފަރާތުން އޭނާއަށް ލިބޭ ނަފްރަތުގެ އަސްލު އޮޅުން ފިލަންދެން ސުވާލު ކުރަން ބޭނުންވަނީއެވެ.

ރާފިއުގެ ރަހްމަތްތެރިކަން އޭނާއަށްވުރެ ރަނގަޅީ ކޮންގޮތަކުންތޯ އޮޅުން ފިލުވަން ބޭނުންވަނީއެވެ.

ހިތުގައިވާ އުދާސްތައް ފިލައިގެން ދާވަރަށް ޝައިނާއާ ދިމާލަށް އެއްޗެހި ކިޔަން ބޭނުންވަނީއެވެ.

ރާފިއުގެ މޫނު މަތީގައި ޖަހަން ބޭނުންވަނީއެވެ.

ރާފިއުގެ އަތް ބިންދާލާ ހިތްވަނީއެވެ.

ރާފިއުގެ ބޯ ފާރާލައި ޗިސްކޮށްލަން ބޭނުންވަނީއެވެ.

ހުދު އޭނާއަށް ކުރެވެމުންދާ ބީރައްޓެހި އިހުސާސްތަކާ ދުރަށް ފިލަންދާން ބޭނުންވަނީއެވެ.

ސައިކަލެއްގެ އަޑާއެކު ފަނޑުއައްޔެއް ފެނުންހެން ހީވެ ރާހިލް ބެލްކަނިން ބޭރު ބަލައިލިއެވެ. ތިންވަނަ ފަންގިފިލާގައި ހުރި ނަމަވެސް ދޮރުމަތީގައި މަޑުކުރި ސައިކަލާއި އޭގެމަތީގައި އިން ރާފިއު ރާހިލްއަށް ސާފުކޮށް ފެނުނެވެ. ފުރަގަސް ޖަހައިގެންހުރި އަންހެންކުއްޖާއަކީ ޝައިނާކަން އޭނާއަށް ޔަގީންވިއެވެ. އެދެމީހުންވެސް ތިބީ ތެމިފައިކަމުން އެމީހުންވެސް އައީ ވާރެއާ ތެމިގެންކަން އޭނާއަށް އެނގުނެވެ. ސައިކަލު ދުއްވާލުމުގެ ކުރިން ރާފިއު ޝައިނާގެ ބޮލުގެ އިސްތަށިގަނޑު ކުޑަކޮށް ހާވައިލިތަން ފެނުނެވެ. އެހަރަކާތް ވެގެން ދިޔައީ ރާހިލް އައިސްފައިވާ ރުޅީގެ އަލިފާނަށް ތެޔޮއެޅުން ކަހަލަ ކަމަކަށެވެ. ހަމަޖެހިލުމަށްޓަކައި އޭނާ ކޮޓަރިއަށް ވަނެވެ. ތެތްވެފައިވާ އިސްތަށިގަނޑުގައި ދެއަތުން އަތްފުނާ އަޅައިލިއެވެ.

"ޑޭމް އިޓް" ރާހިލްގެ ނަފްސަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ބޭރަށް ނުކުތެވެ. ޝައިނާ ދާނީ ލިފްޓުންކަން ޔަގީންވާތީ އޭނާ ސިޑިއާ ދިމާލަށް ދުއްވައިގަތެވެ. އަދި ޝައިނާ އުޅެމުންދާ ގެސްޓްހައުސްގެ މެއިން ސޫޓް ހުންނަ ފަސްވަނަ ފްލޯއަށް ދުވެފައިގޮސް އެރިއެވެ. އޭރު ޝައިނާ އެޕާރޓްމެންޓްގެ ދޮރު ލެެއްޕެންދިޔަތަން ފެނުނެވެ.

ކެތްމަދުވެފައިހުރެ ޝައިނާގެ ފަހަތުން ލެެއްޕެންއައި ދޮރު ކޮށްޕާލަމުން ރާހިލް އެ އެޕަރޓްމެންޓްގެ ތެރެއަށް ވަދެގަތެވެ. ސިޓިންގްރޫމްގެ މެދަކާ ހިސާބުގައި ހުރި ޝައިނާއަށް ސިހިފައި ފަހަތް ބަލައިލެވުނެވެ. ރާހިލް ވަކިން އެހެން ތަނަކަށް ބަދަލުވީއްސުރެން ފުރަތަމަ ފަހަރަށް އެ އެޕަރޓްމެންޓްގެ ތެރެއިން ފެނުމުން އޭނާ ހައިރާންވިއެވެ. އަދި އެކަމާ ނުރުހި އެއްޗެއް ބުނަން އަނގަހުޅުވައިލިއެވެ. އެހެނަސް އެބަސްތަށް ބޭރުވުމުގެ ކުރިން ދުރުފިޔަވަޅުތަކެއްގައި އައި ރާހިލް އެދެމީހުންގެ ދެމެދުގައިވާ ޖާގަ ނައްތައިލިއެވެ. އަދި ޝައިނާގެ މޫނުގައި ހިފަހައްޓައިލަމުން ފިނިން ތުރުތުރު އަޅަމުންދިޔަ ޝައިނާގެ ތުންފަތް ގައިދު ކޮށްލިއެވެ.

އެސްފިޔަ ޖަހައިލާފަދަ މަދު ހިނދުކޮޅެއްގެ ތެރޭގައި ހިނގައި ދިޔަ ކަންތަކުގެ ސަބަބުން ހިނދުކޮޅަކަށް ޝައިނާގެ ހިތުގެ ތެޅުންވެސް މަޑު ޖެހިލި ކަހަލައެވެ. މިވަނީ ކިހިނެއްކަން އޭނަގެ ސިކުނޑިން ބުނެދިނުމާއެކު ހަމަ އެހާމެ އަވަހަށް ހިތުގެ ތެޅުން މެކުހަށް ޖަހައިފިއެވެ. ހިނދުކޮޅަކަށް ހަރަކާތް ހުއްޓިފައި ހުރެވުނު ނަމަވެސް އޭނާއަށް އެކަން އިހުސާސް ކުރެވުމާއެކު ދެފަހަރެއްގެ މަތިން ރާހިލްގެ މޭގައި އަތްއަޅައި ކޮށްޕައިލިއެވެ. ރާހިލްއަށް އެކަމުގެ ހިލަމެެއްވެސް ނުވާކަހަލައެވެ. ހިލައިން ހާދައިފައިވާ ފާރެއްގައި ހުންނަ ފަދަ ސާބިތުކަމެކޭ އޭނާގެ ހަށިގަނޑުގެ ސާބިތުކަމެކޭ ތަފާތެއް ނެތެވެ. އިސާހިތަކު ޝައިނާވެސް ރާހިލްގެ މެއަށް ދެމުންއައި ހަމަލާތަށް ހުއްޓައިލިއެވެ. އެފަދަ ފިނިރެއެއްގައި އެކެއްއަނެކެއްގެ ފަރާތުން ލިބެމުންދާ ހޫނުން އެހަށިތަކުގެ ހީފިލަމުންދާއިރު ދެމީހުންނަށްވެސް އެ ވަގުތުކޮޅު ދިގުދެމިގެން ދިޔުމަށް އެދެވޭކަހަލައެވެ. ޝައިނާގެ އަތްބީއްސާލެވޭ ކޮންމެ ގޮތަކުން ރާހިލްގެ މެއާއި ބަނޑުގައި ގޮޅިގޮޅި ޖެހި އެތުރިފައިވާ މަސްތަށް އިހްސާސްވަމުންދިޔައެވެ. ބޭއިޙްތިޔާރުގައި އޭނާގެ ދެއަތްތިލަ ރާހިލްގެ ތެތްއިސްތަށިގަނޑުގެ ތެރެއަށް މަހާލެވުނެވެ. ރާހިލްގެ އަތްވެސް ޝައިނާގެ ހަށިގަނޑުގައި ބީހެމުންދިޔައީ އެ ހަށިގަނޑުގެ ކޮންމެ ވަނާއެއް ދަސްކުރަން އުޅޭފަދަ ގޮތަކަށެވެ. އެ ހަށިގަނޑުގެ ރީތި ބައްޓަން އޭނާގެ ހިތާއި ސިކުނޑީގައި ކުރަހާލަން އުޅޭ ކަހަލައެވެ. އިސާހިތަކު ދެ ނޭވާ ގުޅި އެއްރާގަކަށް ދެމީހުންގެ ހަރަކާތްތަށް ބަދަލުވަމުން ދިޔައެވެ.

ކުއްލިއަކަށް ޝައިނާ އަތުގައި ހުރި ބާރެއްލުމަށްފަހު ލުއްކެތްޖަހައި ރާހިލް ދުރަށް ކޮށްޕައިލިއެވެ. ކަންކަށިމައްޗަށް އަރައިގެންދިޔަ ވަރުގަދަ ހަމަލާއާއެކު ރާހިލްއަށް ސިހުންލިބުނެވެ. އޭނާގެ ސިކުނޑިއަށް ވެރިވެފައިވި މަސްތުކަމުން ހޭލެވުނުކަހަލައެވެ. ރާހިލް މަލާމާތުގެ ރާގަކަށް ހޭންފެށިއެވެ.

"ރިއަލީ؟ އަހަހަހަ.. އަހަރެން އަތްލީމަ ދޯ ކަމު ނުދަނީ؟ ރާފިއު ކޮންމެ ގޮތަކަށް ގައިގައި ކޭތުނަސް މައްސަލައެއް ނޫން. އަހަންނަށް ވަރަށް ރަނގަޅަށް ތިކަހަލަ އަންހެނުންގެ ގޮތް އިނގޭ. އަހަރެންގެ އަމަލުތަކަށް ފާޑުކިޔާފަ އަހަރެން ކުރިމަތީ މާ މާތް މީހަކަށް ވެގެން އުޅެނީ އަހަރެންނާ ދޭތެރޭ ހަމައެކަނި ޒީވާގެ ބޭބެގެ ނަޒަރުން ދެކޭތީ. ތިކަހަލަ ރީތިކަން ނީލަންކިޔާ ކޫޑި–" ރާހިލްގެ ވާހަކަ ފުރިހަމަ ނުކުރެވެންދެން ޝައިނާ އަނެއްކާވެސް ރާހިލްގެ މޫނުމަތީގައި އެތިފަހަރެއް ޖެހިއެވެ.

"ނުކުމޭ. މިބުނީނު ހަމަ މިހާރު ނުކުންނާށޭ މިތަނުން." ޝައިނާގެ އަޑު އެޕަރޓްމެންޓްގެ ތެރޭގައި ގުގުމާލިއެވެ.

ރާހިލްގެ އަނގައިން ނުކުތް ހަޑިމުޑުދާރު ބަސްތަކުން ޝައިނާގެ އަމިއްލަ ނަފްސު ދިފާއުކުރަން ކިތަންމެ ބޭނުންވި ނަމަވެސް އޭނާ އެކަމެއް ނުކުރާނެއެވެ. ރާހިލް އޭނާއާ ދިމާލަށް އެ ފޮނުވާލި ބަސްތަކަކީ މުޅި އުމުރުގައި އޭނާ އެ ބަސްތަކަކުން ސަލާމަތްވާން މަސައްކަތްކުރި ބަސްތަކެވެ. އުޅުމެއްނެތް މައިންބަފައިންގެ ސަބަބުން ދުނިޔެއަށް އުފަންވިއިރުވެސް ގެއްލިފައިވި އިއްޒަތާއި އަބުރު ހޯދައި ގަދަރުވެރި މީހަކަށްވުމަށް އޭނާ ކިހާ މަސައްކަތެއް ކުރިހެއްޔެވެ؟ ފުރާވަރަށް އެޅިގެން އައި އިރު ފިރިހެންކުދިންނާ ވީހާވެސް ދުރުން އޭނާ އުޅުނީ އެފަދަ ތުހުމަތުތަކުން ސަލާމަތްވުމަށެވެ. ނަމަވެސް ރާހިލްގެ ފަރާތުން އިވުނު ބަސްތަކުގެ ސަބަބުން ފަޅި ސުކުންތުކޮޅެއްގެ ތެރޭގައި އޭނާ އެކަމަށްޓަކައި ކުރަމުން އައި ހިތްވަރު ފުނޑުފުނޑު ވެއްޖެއެވެ. އެންމެ ގާތުގައި ހުރެ އޭނާ ހެެއްވާލުމަށްފަހު ރާހިލް އެ ހިފީ އޭނާގެ ބަލިފައިގައެވެ. ކިތަންމެ މަސައްކަތް ކުރިނަމަވެސް ހިތުގައި ޖެހުނުވަރު ޝައިނާއަކަށް ނުފޮރުވުނެވެ. އިސާހިތަކު އެސްފިޔަތަށް ފޫދުއްވާލައި ފައިބައިގެންއައި ބަރު ކަރުނަތިކިތަށް އޭނަގެ ކޯތާފަތް ތެތްމާލިއެވެ. އެމަންޒަރު ރާހިލްއަށް ފޮރުވުމަށްޓަކައި އޭނާ ފަހަތަށް އެނބުރުނެވެ.

"ކީކޭ ހިތަށް އަރައިގެންތަ ތި އުޅެނީ؟ ކޮބާތަ ރާހިލްގެ މައްސަލައަކީ؟" ޝައިނާގެ އަޑުގައިވި ހިތްދަތިކަން އިވުމާއެކު ރާހިލްގެ ސިކުނޑި އަލުން މަސައްކަތްކުރަން ފެށިކަހަލައެވެ. ހިނގައިދިޔަ ކަންތައްތަކާއި ބުނެވިފިޔަ އެއްޗެެއްސާމެދު އޭނާއަށް ވިސްނައިލެވުނީ އަދި ކިރިޔާއެވެ. ކުރިން އޭނާގެ ސިކުނޑިވަނީ އެއަށްވުރެން ބޮޑަށް ފުސްކަމެއްގެ ތެރޭ ބެދިފައެވެ. އެކަމުގެ ތެރޭގައި އޭނާއަށް ރުޅި އިސްކުރެވުނީއެވެ.

"ހޭ ހޭ ލުކް އެޓް މީ. އައިމް ސޮރީ. އައި ޑިޑްންޓް މީން ޓު. އަހަރެން ޝައިނާއާ ދޭތެރޭ އެހެނެއް ނުދެކެމޭ." ރާހިލް ޝައިނާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އޭނާއާ ކުރިމަތިވާހެން އަނބުރާލެވޭތޯ އުޅުނެވެ. ޝައިނާ އެ އަތް ފޮޅުވައިލަމުން އިތުރަށް ދެ ފިޔަވަޅު ކުރިއަށްއަޅައިލިއެވެ.

"ޝައިނާ ޕްލީޒް… އަހަރެންނަކަށް ނޭނގެ މިދުވަސްކޮޅު އަހަރެންނަށް ވެގެން އުޅޭގޮތެއް. ރުޅިއަންނަނީ. އުނދަގުވަނީ. ޝައިނާގެ ކަމަކިއްޔާ އަދި ސަފުން އަހަރެންގެ ސިކުނޑި ފަޅައިގެންދާކަހަލަ. ފަހަރެއްގައި އަހަރެންނަށް އެރޭ ޝައިނާލާފަ ތަޅުލެވުނީމަ ވީގޮތުން މާބޮޑަށް ވިސްނެނީ ކަންނޭގެ. އެކަމާ ގިލްޓީވަނީ ކަންނޭނގެ. އެކަމަކު ޕްލީޒް. އަހަރެން ދެންމެ ކީ ހުރިހާ އެއްޗެއް ހަނދާން ނައްތާލާ." ރާހިލް މާޔޫސްވެފައިހުރެ ބުންޏެވެ.

"އަހަރެންނަށް ރަނގަޅީ ރާހިލް މިވަގުތު ދިޔައިއްޔާ" ޝައިނާ ހަރުކަށިކަމާއެކު ބުންޏެވެ. ރާހިލްގެ ބަހަނާތަށް އަޑުއެހުމުގެ އެއްވެސް ޝައުގެއް އޭނާގެ ނެތެވެ.

ރާހިލް މަޑުމަޑުން ބޯ ޖަހައިލުމަށްފަހު ޝައިނާ އެދުނު ފަދައިން އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އެ ފިޔަވަޅުތަށް އޮބާލައިގޮސް ދޮރުން ނުކުމެ ދޮރު ލެއްޕުނު އަޑާއެކު ޝައިނާގެ ރުއިމާއި ގިސްލުމުގެ އަޑު މުޅި އެޕަރޓްމެންޓްގެ ތެރޭގައި ގުގުމާލިއެވެ. މޭގައި އަތް އަޅައިލަމުން އޭނާއަށް ބިންމައްޗަށް ތިރިވެވުނެވެ. ތުއްތުއިރުއްސުރެން މީހުންގެ ފަރާތުން އިވެމުންދިޔަ ބަސްތަކާ ނުރުހުމުގެ ބެލުންތަށް އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. ފަސްއަޅާ ވަޅުލެވިފައިވާ މާޒީގެ ސަފްހާތަށް ތިލަވެ އޭނާގެ ހަނދާނާއި ބައްދަލުކުރިއެވެ.

14 އަހަރު ކުރި

މަދަރުސާގެ ދޮރާށިން ނުކުމެގެން އައި 9 އަހަރުގެ ތުއްތު ޝައިނާގެ ކޯތާފަތް ތެމިފައިވަނީ ތާޒާ ކަރުނައިންނެވެ. އޭނާގެ ފަހަތުން ނުކުތް ހަމަ އެފުރައިގެ އަންހެންކުއްޖަކު ޝައިނާއާ ދިމާލަށް ދެރަވެފައި ބަލައިލިއެވެ. އެއަށްފަހު ދުވެލާފައި ދުރުގައި ބަލަންހުރި އެކުއްޖާގެ މަންމަގެ ގާތަށް ދިޔައެވެ. ޝައިނާވެސް ގޮސް ދުރުގައިހުރި އޭނާގެ ދޮންތަގެ އަތުގައި ހިފައިލިއެވެ.

"ދޮންތިގެ ޕްރިންސަސްއަށް ރޮވެނީ ކީއްވެ" ފަނަރަ އަހަރުގެ ޝިޔާނާ އޭނާގެ ކޮއްކޮގެ ކޯތާފަތް ފޮހެލައިދެމުން ބުންޏެވެ.

"ލަމްޔާބުނީ ލަމްޔާގެ މަންމަ ބުންޏޯ ކޮއްކޮއާ ވާހަކަ ނުދައްކާށޭ. އެއީ ކީއްވެތަ ދޮންތީ؟ އެއްވެސް ކުއްޖަކު ޝައިއާ ފްރެންޑް ވާން ބޭނުން ނުވަނީ. ޝައި ކަޅުވީމަތަ؟ ޝައި ހަޑިތަ." ތުއްތު ޝައިނާގެ އަޑުން އިވެމުންދިޔަ ޝަކުވާތަށް އަޑުއަހާކަށް ޝިޔާނާއާކަށް ފަސޭހައެއް ނުވެއެވެ. ނަމަވެސް ކޮއްކޮއަށް ހަގީގަތް ކިޔާދޭނެ ހިތްވަރެއް އޭނާގެ އެއްނެތެވެ. ކޮއްކޮގެ ވާހަކަތަކަކީ އަސްލެެއްނެތް ވާހަކަ ތަކެެއްކަން އޭނާއަށް އެނގެއެވެ. އެދެބެއިންގެ ގައިގައި ހުންނަ އޮޅަލި ކުލައިގެ އޮމާން ހަންގަނޑާއި މޫނުގައިވާ ރީތިކަމަކީ ދުނިޔޭގެ ފެންވަރުގައިވެސް އެތަކެެއް ފަންނާނުންނެއް ބޮޑުއަގު ދިނުމަށްފަހު ހޯދަން ބޭނުންވާފަދަ ކުލައަކާއި ރީތިކަމެކެވެ. އެއީ އެދެބެއިންގެ މަންމަގެ ސަބަބުން މަޝްހޫރުވެފައިވާ ރީތިކަމެކެވެ. އެދެބެއިންގެ ހަޔާތް އަޑިގަނޑަކަށް ވައްޓައިލިފަދަ ރީތި ކަމެކެވެ.

"ކޮއްކޮ ވަރަށް ރީއްޗޭ. ހުރިހާ ކުދިން ޖޭ ވަނީ" ޝިޔާނާ ޝައިނާގެ ދަބަސް ކޮނޑުގައި އަޅުވައިލުމަށްފަހު ޝައިނާ ގޮވައިގެން ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާހެން ބައިސްކަލުގައި އަންނަ ގްރޫޕްފެނި އޭނާއަށް އިސްޖަހައިލެވުނެވެ. ހިނގުން އަވަސްކުރަން ބޭނުންވިޔަސް ޝައިނާއަށް އޭނާއާ އެއްވަރަށް ނުހިނގޭނެތީ އެ ހިޔާލު ދޫކޮށްލީއެވެ.

"އޭ ޝިޔާ. މި ހިތުގާ ވިދާ… ކުރާނަން މަގޭ ހިތް ފިދާ" ބައިސްކަލުގައި އައި ގްރޫޕް ޝިޔާނާއާ އެއްވަރު ކޮށްލަމުން އެއްރާގަކަށް ކިޔަން ފެށިއެވެ.

"އޭ ޝިޔާ. މިރޭ އިންވައިޓްއެއް ދޭންވީނު" އެކަކު އޭނާގެ އަތުގައި އޮތް މަލެއް ޝިޔާނާގެ މޫނުގައި އުނގުޅައިލަމުން ބުންޏެވެ. ޝިޔާނާ އޭނާގެ މޫނު ދުރުކޮށްލިއެވެ.

"އޭ. މަންމަ ކައިރިއަށް ޖައްސާލީމަ ބައި ވަން ގެޓްވަން ފްރީއެއް ހަދާ ނުލެވޭނެތަ؟" އެހެން ބައިސްކަލެއްގައި އިން މީހަކު ބުންޏެވެ. ޝިޔާނާ އެއިން ކަމަކަށް ރައްދު ނުދިންތާ އިސް އުފުލާވެސް ނުލިއެވެ.

"މާ ނޫންކަމަށް ހެދިގެން މައުސޫމް ކަމަށް އެކްޓް ޖައްސަނީދޯ. ތިހިރީ މީހާރު އުމުރަށް އެޅިފަ. މަންމަ ކުރާތަން ފެނި އިވިފަ ކުރާހިތްނުވެ ހުންނާނެތަ؟" އެހެން މީހަކު އެހެން ބުނުމާއެކު އެތާ ތިބި އެންމެން ހޭން ފެށިއެވެ. އޭރު ޝިޔާނާމެންގެ ގެ މަގުގެ ކޮޅުން ފެންނަން ފަށައިފިއެވެ. އެހެންކަމުން ޝައިނާގެ އަތަށް ދަމައިލަމުން ޝިޔާނާ ހިނގުން ކުޑަކޮށް ބާރުކޮށްލިއެވެ.

"އޭ އޭ ހާދަ އަވަހަކަށް. ރިލެކްސް މަންޖޭ. އަން މިއޮތީ މަލެއް.." އެތަނުން މާ ހިފައިގެން ހުރި މީހާ އެ މާ އެއްލީ ސީދާ ޝިޔާނާގެ މޭ މައްޗަށެވެ. މާފުންކޮށް ކަފައިފައިވާ ކަރުވަޅެއް ނޫންނަމަވެސް އެމަލުގެ އެއްބައި ޝިޔާނާގެ މޭމަތިން ހެދުމުގެ ތެރެއަށް ވަނެވެ.

"އޭ ނަސީބުހުރި މަލެކޭ ދޯ" އެމަންޒަރު ބަލަންތިބި އެންމެން ހޭންފެށިއެވެ. އޭރު ޝިޔާނާ ގެއަށްވަދެ ދޮރާށި ލައްޕައިލިއެވެ. ދޮރުގައި ލެގިިލައިގެންހުރެ ފުންނޭވައެއް ދޫކޮށްލުމަށްފަހު ހެދުމުގެ ތެރެއިން މާ ނަގައި އެއްލައިލިއެވެ. އޭނާ ވަނީ ފެންކަޅިވެފައެވެ. ނަމަވެސް ކަރުނަތައް ހިންދައިލަމުން ކޮއްކޮ ޝައިނާއަށްޓަކައި އެ މޫނުމައްޗަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަދި މައިގެއަށް ވަނުމަށް ހިނގައިގަތެވެ.

ގެއަކީ އެ މުޅިރަށުގައިވެސް ނެތްފަދަ ރީތި ގެއެކެވެ. ވާނީވެސް އެހެންތާއެވެ. އެ މުޅިރަށުގެ އިތުރުން އެ އަތޮޅުގައިވެސް އެންމެ އަގުބޮޑު ޑިމާންޑުހުރި މަސައްކަތް ކުރަނީ އެދެބެއިންގެ މަންމަވިއްޔާއެވެ. އެ ގެދެކެ ކިތަންމެ ފޫހިވި ނަމަވެސް މިއަދު ޝިޔާނާމެންނަކަށް އެރަށުން ހިޔާވަހިކަށް ލިބޭނެ އިތުރު ގޮތެއްނެތެވެ. މާލެ ގޮސްފިނަމަ އުޅެން ޖެހޭނެ ހާލު އޭނައަށް އަންދާޒާ ކޮށްލެވެއެވެ. މަންމަ އޭނާ ސްކޫލަށް ވެެއްދިއެވެ. އެކަމަށް ބޭނުންވާ ވަސީލަތްތަށް ހޯދައިދިނެވެ. ނަމަވެސް މަންމަގެ ފަރާތުން ލިބެމުންދާ އަނިޔާއާ ބަސްތަކުގެ ސަބަބުން ކިޔެވުން ވެގެންދިޔައީ އޭނާއަށް ނާފްސާނީގޮތުން ގޮންޖެހުމަކަށެވެ.

އޭނާގެ އުމުރުން 6 އަހަރުގައި މަންމަ ޝައިނާ ވިހެއުމާއެކު އޭނާގެ ހައްޓަށް ލިބެމުންދިޔަ އަނިޔާތަށް މަދުވި ނަމަވެސް އޭރު އޭނާގެ ބޮލުގައި އިތުރު ޒިންމާއެއް އެޅުނެވެ. ކޮއްކޮގެ ނެޕީ ބަދަލުކޮށް ގައިން ތާހިރުކުރަވަން ޖެހެނީ އޭނާއަށެވެ. އުމުރުގެ ހަގުކަމާއެކު ބައެއްފަހަރު އޭނަގެ ސަބަބުން ކޮއްކޮއަށް އަނިޔާވިޔަސް އޭނާއަކަށް އިތުރު ގޮތެެއްނެތެވެ. ވިހެއުމާއެކުވެސް މަންމަ ކޮއްކޮއަށް ގާތުންދޭން ދެކޮޅު ހެދުމުން ކޮއްކޮއަށް ބުއްފުޅި ގިރާފައިވެސް ދޭން ޖެހުނީ އޭނާއަށެވެ. އޭރު އޭނާއަކަށް ބޭބީ ފޯމިއުލާއެއް ނުލިބެއެވެ. އެއީ ކޯއްޗެެއްކަންވެސް ނޭނގެއެވެ. އޭނާއަށް ކުރެވުނީ ކިހާ ނުރައްކާތެރި ކަމެއްކަން މިހާރު އެނގެއެވެ. އެފަދަ ޅަ އަމަލުތަކުގެ ސަބަބުން ކޮއްކޮއަށް ދެރަގޮތެއް ދިމާ ނުކުރެއްވި ކަމަށްޓަކާ އޭނާ ﷲއަށް ހަމްދު ކުރެއެވެ. އޭނާއެކޭ އެއްފަދައިން ބައްޕައަކާނުލާ ދުނިޔެެއަށް އުފަންވިކަމުގައި ވިޔަސް އެ ކޮއްކޮ އެއީ އޭނާއަށް އެ އިލާހު ދެއްވި ނިއުމަތެއް ކަމުގައި އޭނަ ދެކެއެވެ. އެ ކޮއްކޮއަކީ އެއީ އޭނާގެ އެކަނިވެރިކަން ފިލުވައިލުމަށްޓަކައި ލެއްވުނު ރަހްމަތެކެވެ. ދިރިއުޅުމަށްޓަކައި ލެއްވި މަގްސަދެކެވެ. އެހެންކަމުން އޭނާދަނީ ވަރަށް ހިތްވަރުކުރަމުންނެވެ. އޭނާއަށް ލިބުންފަދަ އަނިޔާތަކުން ކޮއްކޮ ސަލާމަތްކުރުމަށެވެ. އޭނާއަށް ނުކިޔެވުނު ކިޔެވެލި ކޮއްކޮއަށް ކިޔަވައިދިނުމަށެވެ. އޭނައަށް ނުލިބުނު ލޯބި ކޮއްކޮއަށް ދިނުމަށެވެ. އެހުރިހާ ކަމެއް ﷲގެ އިރާދަފުޅާއެކު އޭނަ ކުރަމުންދިޔައެވެ. އޭނާ ނާކާމިޔާބުވެފައިވަނީ އެންމެ ކަމެއްގައެވެ. އޭނައަށް އިވުންފަދަ ބަސްތަކަށް ކޮއްކޮގެ ކަންފަތުގައި އަތްއެޅުމަށެވެ. މީހުންގެ ދުލުގައި އޭނާއަކަށް ނުހިފެެއްޓޭނެއެވެ. ނަމަވެސް އޭނާއަކީ މިއަދު އެ ކޮއްކޮގެ މަންމައާއި ބައްޕަވެސްމެއެވެ. އޭނާގެ އަމާޒަކީ ކޮއްކޮއަށް ވަޒީފާއެއް ލިބޭވަރަށް ރަނގަޅަށް ކިޔަވައިދީ ތަރުބިއްޔަތު ކުރުމަށްފަހު މާލެ ބަދަލުވުމެވެ. އެ ކުޑައާއިލާގެ ފަތިފުށް ނޭނގޭ ތަނަކަށް ދެވުމުން ފަހަރުގައި އޭނާއަށްވެސް ދިރިއުޅުމެއް ފެށިދާނެއެވެ. އެކަމަށްޓަކައި އޭނަ ކުރަންޖެހޭ އިންތިޒާރު ކިތަންމެ ދިގު ކަމުގައިވިޔަސް އެއީ ފޮނި އިންތިޒާރެކެވެ.

"ބަލަ އަދިވެސް ބަތްތެލި އުދާ ނުލެވެނީތަ؟ ކިޔަވަން ދަނީކީނޫން މަސައްކަތެއް ކުރަނީކީ ނޫން. ކަލޭ ބައްޕަ ކަލޭ ގެންގޮސް ގަނޑުވަރެއްގަ ބައިންދާނެ ކަމަށްތަ ތީނީ. އޭނަ ގަބޫލެެއްނުކުރާނެ ކަލޭތީ އޭނަ ދަރިއެއްކަންވެސް." މަންމަގެ ހަޅޭކާއެކު ޝިޔާނާގެ ދުވަސް އަދިކިރިޔާ ފެށުނީއެވެ.

"ކޮއްކޮ ސްކޫލަށް ފޮނުވާލާފަ ޖައްސާލިތަނުން ނިދުނީއޭ މަންމާ. ހޭލިއިރު ހުރީ މާ ލަސްވެފަ." ޝިޔާނާ އަވަހަށް ބަދިގެއަށްވަދެ އޭނާގެ މަސައްކަތް ފެށިއެވެ. ކައްކާފައި ޝައިނާއަށް ކާން އަަޅައިދުނުމަށްފަހު ތެލިތަށި ދޮވެ ގޭތެރެ ފޮޅައި ސާފުކޮށް އެއްޗެހިދޮވެ އިސްތިރި ކުރުމުގައި އޭނާ އުޅުނެވެ. އިރުއޮއްސެންވާއިރަށް ޝައިނާ ގޮވައިގެން ކޮޓަރިއަށް ވަދެވޭވަރުވީ ކިރިޔާއެވެ. ކޮއްކޮއާއެކު ނަމާދުކޮށް ކޮއްކޮއަށް ޤުރުއާން ކިޔަވައިދިނުމަށްފަހު އޭނާ ކޮއްކޮގެ ފިލާވަޅުތަކުގައި އެހީވެދިނެވެ. ގިނަ މާއްދާތަކެއް ނޭނގުނެއްކަމަކު އޭނާއަށް ހިސާބު ކޮންމެވެސް ވަރަކަށް އެނގެއެވެ. އެކަން ނިންމައިލުމަށްފަހު އޭނާ އަވަސްވެގަތީ މަންމަގެ ފާހިޝްއަމަލުތަކުގެ ކިއްލާއަކަށް ގެ ބަދަލުކޮށްލުމުގެ ކުރިން ޝައިނާ ނިންދެވުމަށެވެ.

ތުއްތު ޝައިނާ އަވަސްއަވަހަށް އެކަމާ އެއްބަސްވިއެވެ. ސުވާލުނުކުރި ކަމުގައިވިޔަސް އެގޭތެރޭގައި އާދަޔާހިލާފު ކަމެއްހިނގާކަން އެތުއްތު ސިކުނޑިއަށް ވިސްނެއެވެ. ދޮންތައަށް ކުރިމަތިވާ ފުރައްސާރަތަކާއި އެކަމާ ގުޅުމެއްވާކަންވެސް އެނގެއެވެ. ބައެއްރޭރޭ ޝައިނާއަށް ހޭލެވޭއިރު ގޭތެރެއިން ބިއްލޫރި ފުޅިތައް ތެޅުވޭއަޑާއި ފިރިހެނުން ވާހަކަ ދައްކާއަޑު އޭނާއަށް އިވެއެވެ. އެ ހުރިހާ އަޑެެއްގެ ތެރެއިންވެސް އޭނާއަށް އެންމެ ފާހަގަ ކުރެވެނީ މަންމަގެ ހުނުމުގެ އަޑެވެ. އާންމު އުޅުމުގައި މަންމައަށް އެދެބެއިންނާ ހީސަމާސާކުރުން ކީއްކުރަންހެެއްޔެވެ؟ ވާހަކަ ދައްކާލުންވެސް ބޮޑުކަމަކަށް ވާއިރު ކޮންމެރެއަކު އިވޭ މަންމަގެ އުފާވެރި ހުނުމުގެ އަޑު ވެފައިވަނީ ޝައިނާ ވަރަށް އަހާހިތްވާ އަޑަކަށެވެ. މަންމަ އެމީހުންނާ ދޭތެރޭ ބަހައްޓާ ދުރުކަމާމެދު ޝަކުވާކުރަން ބޭނުންވިޔަސް މަންމަގެ ރުޅިގަދަކަންފެނި އެކަން ކުރާކަށް ޝައިނާއަކަށް ނުކެރެއެވެ.

އާދުވަހަކަށް އިރުއަރައިގެން އައިއިރު ރޭހިނގި އެއްވެސްކަމެއްގެ އަސަރު ގޭތެރެއަކުން ނުފެނެއެވެ. ޝިޔާނާ އަވަސް އަރުވާލައިގެން އުޅުނީ ޝައިނާ ސްކޫލްދޮށަށް ގެންދިޔުމަށެވެ. ކޮއްކޮ ސްކޫލްދޮށަށް ލައިފައި ގެއަށް އައިއިރު މަންމަ ކޮޓަރީގެ ދޮރުން ނުކުންނަނީއެވެ. ފައި އެޅޭނޭޅޭ ގޮތް ނޭނގި އެއްފަހަރު އަރިއަށް އަނެެއްފަހަރު ސީދަލަށް އަންނަމުން އައިސް ޝިޔާނާއާ އަރައިހަމަކުރިއެވެ. އެއަށްފަހު ގުޅައަކަށް ޝިޔާނާގެ އިސްތަށިގަނޑުގައި ހިފައިގަތެވެ. ވީ ތަދާއެކު ޝިޔާނާއަށް ރޮއެގަނެވުނެވެ.

"މީ ހުސް ކަަލޭގެ ކަންތައް. މަ ރީއްޗަށް ކަލޭ ބައްޕައާއެއްކޮށް އުޅެނިކޮށް ކަލެއާހެދި އޭނަ މާ ދޫކޮށްލާފަ ދިޔައީ. ކަލޭ މަރުވި ނަމަ. ކަލޭ ޖެހޭތަ މަގޭ ދިރިއުޅުން ހަލާކު ކުރަން" ޝާއިރާ އަނގައިން ވަރުދޫވެފައިހުރެ ވާހަކަދެއްކިއެވެ.

" އައްދޯތް މަންމާ ތަދުވެޔޭ. ޕްލީޒް ދޫކޮށްބަލަ" ޝިޔާނާ އޭނާގެ މަންމަގެ ވާހަކަތަކަށް ރައްދުދޭކަށް ނޫޅުނެވެ. އެއީ އޭނާއަށް އާ ވާހަކަތަކެއް ނޫނެވެ. ދުނިޔެއަށް އުފަންވީއްސުރެން މިއަދާހަމައަށް ކޮންމެ ދުވަހަކު މަންމަ އޭނާއަށް އެވާހަކަތައް ތަކުރާރުކޮށްދެއެވެ. ޝިޔާނާގެ ބޮލުން ދޫކޮށްލުމަށްފަހު ޝާއިރާ ވަކި އެއްޗެެއް ބުނުމެއްްނެތި ގޮސް ސޯފާއަށް ވެއްޓިގަތެވެ.

ޝާއިރާއަކީ އެ ރަށުގައިވެސް ނެތްފަދަ އާދަޔާހިލާފު ރީތިކަމެއް ލިބިފައިވާ ފަތްމިންޏެޖެެވެ. އެކަމުގެ ސަބަބުން ފުރާވަރަށް އެޅިގެން އައި އިރު އެރަށުގެ އެތަށް ޒުވާނުންނެއް ތިބީ ޝާއިރާ ލިބޭތޯ އެގޭދޮށުގައި މުގޯލި އަޅައަޅައެވެ. ނަމަވެސް ޝައިރާގެ ހިތްދެވުނީ މާރާމާރީއެއްގެ ކުށުގައި އެރަށަށް އަރުވާލެވިފައިހުރި ޒުވާނަކަށެވެ. އާދިލްއަށެވެ. އާދިލްގެ ގޯސްކަމުގެ ވާހަކަ މުޅިރަށުގައި ފަތުއަޑު ކިޔާފައި ފެތުރުން ނަމަވެސް ޝާއިރާ އެ އަޑުތަކަށް ދިނީ ބީރު ކަންފަތެކެވެ. އަދި މައިންބަފައިންނާ އާއިލާއަށްވެސް ސިއްރުން އާދިލާއެކު ލޯބީގެ ގުޅުމެއްފެށިއެވެ.

އާދިލްއަކީ މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހެއްކަން އެނގުނު ހިސާބުން ޝާއިރާ އެގުޅުން ކަނޑައިލަން ބޭނުންވިއެވެ. އެހެނަސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އޭރު އެދެމީހުންނަށްވެސް ވަނީ ފަހަނައަޅައިދާން ނުޖެހޭ ކިތަންމެ އިމެއް ފަހަނައަަޅައި ދެވިފައެވެ. ޝާއިރާއަށް އާދިލް ދޫކޮށްލަން ނުކެރޭނެކަން އެނގުމާއެކު އާދިލް އޭނާގެ ރޭވުން ހަރަކާތަށް ގެނައެވެ. އާދިލްއަށް ޝާއިރާގެ ރީތިކަން ފެނުނީ ހުސްނުވާވަރަށް ފައިސާ ހޯދޭނެ މަގެއްގެ ގޮތުގައެވެ.

"ބޭބް. މީތި ޓްރައި ކޮށްލަބަ.." އާދިލް ފާޑެެއްގެ ދިޔާ އެއްޗެއް އަޅައިފައިވާ ތަށްޓެެއް ޝާއިރާއަށް ދެމުން ބުންޏެވެ.

"ނޫން އާދިލް. އަހަރެންނަކަށް ނުކެރޭނެ. އެހެންނޫނަސް މަންމައަށް އެނގިއްޖެެއްޔާ މަ މަރާލާނެ." ޝާއިރާ ބުންޏެވެ. އާދިލް ވަގުތުން މޫނު އަނބުރައިލިއެވެ. އަދި ޝައިރާއާ ވާހަކަ ނުދައްކައި އެތަށް އިރެއް ވަންދެން އިނެވެ. ޝާއިރާ އެކަމާ ވަރަށް ދެރަވެއްޖެއެވެ.

"އަޅެ. ސޮރީއޭ ޕްލީޒް. ރުޅިނައިސްބަ… އަހަރެން މި ޓްރައި ކޮށްފާނަމޭ. އެކަމަކު މިރޭ އެކަނި" ޝާއިރާ އާދިލްގެ އަތުގައިހުރި ތަށިނަގައި އެއްފަހަރުން އޭގެ މެދާ ހަމައަށް ހުރި އެއްޗެހި ދިރުވައިލިއެވެ. އޭނަ ކަރުގައި ދިލައެއްނެގި ނަމަވެސް އެކަަމަކށް ފަރުވާލެއްނެތެވެ. އާދިލް މަކަރުވެރި ގޮތަކަށް ހިނިތުންވެލިއެވެ. އެހެން ބުނި ނަމަވެސް އެއީ ޝާއިރާ އެކަން ކުރާނެ ފަހު ރޭ ނޫންކަން އޭނާއަށް އެނގެއެވެ. އާދިލްގެ މަސައްކަތުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރަލާއި މަސްތުވާތަކެތީގެ އެކި ވައްތަރުތަކަށް ޝާއިރާ އާދަކުރުވައިފިއެވެ. އެއާނުލައި އުޅެން ނޭނގޭ ހިސާބަށް ޝާއިރާގެ ކަންތައް ދިޔައެވެ. އެކަމާ ޝައިރާގެ ތިމާގެ މީހުން ނުރުހުންވެ ކަންބޮޑުވާއިރު ޝާއިރާގެ މަންމަ އޮންނަނީ ގިނަފަހަރަށް ވިސްނާ ވިސްނާ ބަލިވުމުގެ ސަބަބުން ރަށުގެ ސިއްހީ މަރުކަޒުގައި އެނދުމަތިކޮށްފައެވެ. އެހެނެއްކަމަކު ޝާއިރާގެ ފަރުވާލެއް މިއިން އެއްވެސް ކަމަކަށް ނެތެވެ.

"ކޮބާ. މިރޭ ތާސްބައި ނުގެންނަންތަ؟" ފަރިތަކަމާއެކު ކުރިމަތީގައި ހުރި މޭޒުން ފުޅިއެއް ކަނޑާލައި ތައްޓަކަށް އަޅަމުން ޝާއިރާ ބުންޏެވެ. ހަމަ އެޅުމާއެކުހެން އާދިލް އެ ތަށި ޖަހައިގަތެވެ. އަދި ފުޅިއާ އެއްކޮށް ކައިރީގައި އިން ރަހްމަތްތެރިޔާގެ އަތަށް ދިނެވެ.

"އާދިލް! ކިހިނެއް ތި ހެދީ؟" ޝާއިރާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

"ސޮރީ ބޭބް. އަބަދަކު މީއްޗެހި ފްރީކޮށެއް ނުލިބޭނެއްނު. މި ހާދަ އަގުބޮޑޭ. އަނެއްކާ ރަށަށް އަރުވަންވެސް އެހާ ރިސްކީ. ފައިއްޓެ ރިސޯޓުގަ އުޅޭތީ ކިރިޔާވެސް މިކަން ވަނީ. މިރޭ އެކަމް ޕޭ ނުކުރެވޭތީ. އަހަރެންވެސް މި އިންނަނީ އަނގަ ނަގައިގެން ކަމެއް ނުވެފަ." އާދިލް ދެރަވެލާފައި ބުންޏެވެ.

"ކިހާވަރެއްތަ ދޭން ޖެހެނީ؟ އަން. މިއޮތީ ދުއިސައްތަ ރުފިޔާ" ޝާއިރާ އަތުގައި އޮތް ދަބަހުން ސަތޭކައިގެ ދެ ނޫޓު ނަގައި ދިއްކޮށްލިއެވެ. އެއާއެކު އެތާ ތިބި އެންމެން ހޭން ފެށިއެވެ.

"ބޭބް.. މި 200 އަކީ އެއްވެސް އެއްޗެެއް ނޫނެއްނު" އާދިލް ބުންޏެވެ.

"ކިހާވަރެއްތަ ބޭނުންވަނީ؟" ޝާއިރާ އަނެއްްކާވެސް އަހައިލިއެވެ.

" ބުނަންވީތަ؟ ވިހި ހާސް. ދޭން ނުލިބެންޏާ އެހެން ގޮތެެއް އަހަންނަށް އެނގޭ" ފައިރޫޒް ބުންޏެވެ.

" ވިހި ހާހޭ؟ ކޮންތާކުން ވިހިހާސް؟ އަޅެ ބުނެބަލަ ދެން އޮތްގޮތެއް" ޝާއިރާ ކަންބޮޑުވެފައި ބުންޏެވެ.

 

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޝައި ހާދަ ހިތްވަރު ގަދައޭދޯ. ހީކުރީ ރާހިލް ޝައިގެ ހުރިހާ ކަމެއް ބަލާނެ ކަމަށް. އެކަމަކު މިފެންނަނީ ތަނެއްދޮރެއް ނުބަލާ ރާހިލް ޝައިނާއަށް ހިތުހުރިހާ އެއްޗެއް ކިޔާތަން. އެކަމަކު ޝައިނާއަށް ޓަކައި މުޅިން ތަފާތު ރާހިލްއެއް ފެންނާނެ ކަމަށް މިބަލަނީ. ވަރަށް ރީތި މިބައިވެސް. ވެއިޓިންގ ފޯ ނެކްސްޓް އެޕިސޯޑް.❤

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު