އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ބޭރުގެ މީޑީއާތަކަށް ދައުވަތު

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބައިނަލްއަޤްވާމީ މީޑީއާތަކަށް ރައްޔިތުންގެ މަޖިލީހުން  ދައުވަތު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު އިއުލާނެއްގައި، މި ރަސްމިއްޔާތު ކަވަރު ކުރަން ޝައުގުވެރިވާ ބޭރުގެ މީޑީއާތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.

އަންނަ މަހު 17 ގައި ޖުމްހޫރީ މައިދާނުގައި އޮންނަ މި ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި ބޭރުގެ މީޑިއާތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަނޑިއަކީ، މި މަހު 31ގެ ކުރިންނެވެ. އެޕްލިކޭޝަން ހުށަހެޅުން އޮތީ، އެކަމަށް ހާއްސަ އޮންލައިން ފޯމަކުންނެވެ.

އެ އިއުލާނުގައި ވަނީ، ބޭރުގެ މީޑިއާ ފަރާތްތަކަށް ވިސާގެ ކަންކަން ހަމަޖެއްސުމުގައި މަޖިލީހުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، މި ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި ޓިކެޓާއި ހުރުން ފަދަ ޚަރަދުތައް މަޖިލީހުން ނުދެއްވާނެ ކަމަށާއި، އެކަން ކުރަން ޖެހެނީ، އެމީހަކު ނިސްބަތްވާ މީޑިއާ އައުޓްލެޓަކުން ކަމަށެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައި، ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު، ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ކަމަަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީގެ ކުރިން ހާމަކުރައްވާފައިވެއެވެ.

ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވާނީ، ރާއްޖޭގެ 8 ވަނަ ރައީސްގެ ގޮތުގައެވެ. އެމަނިކުފާނު ވެގެންދަނީ، ރިޔާސީ އިންތިޚާބު ދެބުރު ވެސް ކާމިޔާބު ކުރައްވައިގެން ހުވާ ކުރައްވާ ފުރަތަމަ ރައީސަށް ކަން ފާހަގަކުރެވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުވެސް ކާމިޔާބުކުރެއްވި، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުއިއްޒުއަށް ލިބިވަޑައިގަތީ، 129،159 ވޯޓު (%54) އެވެ. މިއީ ފުރަތަމަ ބުރާ އަޅާބަލާ އިރު 27،524 ވޯޓުގެ ކުރިއެރުމެކެވެ. އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ލިބިވަޑައިގަތީ، 109،868 ވޯޓު(%45) އެވެ. މިއީ ފުރަތަމަ ބުރާ އަޅާބަލާ އިރު 23،707 ވޯޓުގެ ކުރިއެރުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު