ރާއްޖޭގެ ފަތުރުވެރިކަމުގެ ޙަޤީޤީ ޗެމްޕިއަނުންނަކީ ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުން ކަމަށް އިންތިހބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކުރުނބާ ރިސޯޓުގައި މިހާރު ކުރިއަށްދާ ޖީއެމް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޙަޤީޤީ ޗެމްޕިއަނުންނަކީ ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި، ހާއްސަކޮށް ރާއްޖޭގެ ޒުވާނުން ކަމަށެވެ. އަދި އެ މީހުންނާއެކު ދިވެހި އެތައް ހާސް އާއިލާއެއްގެ ދިރިއުޅުން ކުރިއަށް ގެންދިއުން މުހިންމުކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ "ފުރަތަމަ ދިވެހީން" ކަމަށާއި، ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދުމާއި ޝޯޝަލް ބެނިފިޓްސް ދިވެހީންނަށް މުހިންމުކަމުގައެވެ.
އެމަނިކުފާނުގެ ސިޔާސަތަކީ "ފުރަތަމަ ދިވެހީން" ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް ލިބޭ މުސާރަ އިތުރުކޮށްދީ، ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު އިސްކަން ދޭނެ މުހިންމު ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހީންނަށް ލިބޭ މުސާރަ އިތުރުކޮށްދީ، މަސައްކަތުގެ ރަނގަޅު މާހައުލެއް ހޯދައިދީ، ޗުއްޓީ ލިބުމުގައި ރަނގަޅު ގޮތެއް ހޯދައިދިނުން." މުއިއްޒު ވިދާޅުވިއެވެ.
މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުމަށް ރިސޯޓް ވެރިންނާއި މެނޭޖްމަންްޓާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށް ރިޓަޔާމަންޓް ޕެންޝަން ސްކީމަކާއި އަދި ބޯހިޔާވަހިކަންވެސް ފޯރުކޮށްދިނުމުގައި ވެސް އެ މީހުންނަށް ހާއްސަ ސްލޮޓްތަކެއް ދިނުމަށް ހުށަހަޅާފައިވާ ކަން ފާހަގަކުރައްވަމުން، އިސް މެނޭޖްމަންޓްތަކުގެ މަޤާމުތަކަށް ދިވެހީން އިތުރު ކުރުމުގެ މުހިންމުކަމުގައި މުޢިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ ފަތުރުވެރިކަމުގައި ދާއިރާގައި ކުރިއަށް ދިއުމަށް އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލުމަށް ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.