Saturday, 13 April 2024

ބައިޑެންގެ ބަސްއެހީކަމަށް އިޒުރޭލުން ބުނަނީ، ފޯރުކޮށްދެވެނީ ހަމައެކަނި ބޭހާއި ފެނާއި ކާބޯތަކެތި

ޣައްޒާގެ ވަށައިގެން ހިސޯރުކޮށް އިޒްރޭލުން ވަރުގަދަ އަސްކަރީ ހަމަލާތަކާއި ޤަތުލުއާންމުތައް ހިންގަމުންދާތާ 13 ދުވަސްވެފައިވާއިރު، ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ފޮނުވުމުގެ ފުރުސަތު ދިނުމަށް އިއްޔެ އިޒްރޭލުން އެއްބަސްވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެގެންކަމަށް އަނިޔާވެރި އިޒުރޭލުން ހާމަކޮށްފިއެވެ.

ހައްދުފަހަނައަޅާފައިވާ އަނިޔާވެރި އިޒްރޭލު ސަރުކާރުން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، އިޒްރޭލު ހަންފަތުރާފައި ޣައްޒާއަށް، މިސްރުގެ ރަފަހް ބޯޑަރު ހުރަސްކޮށް އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރުމަށް އިޒްރޭލުން މިހާރު ހުރަހެއް ނާޅާނެއެވެ. ޔަހޫދީ އިޒްރޭލުން މިކަން ހާމަކޮށްފައިވަނީ، ޣައްޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށް އެދި ދުނިޔޭގެ ގައުމުތަކުން އިޒްރޭލަށް ގޮވާލަމުންދާތާ އެތައް ދުވަހެއް ފަހުންނެވެ.

އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދެވޭނެ ގޮތް ހަދާފައިވަނީ އެމެރިކާގެ ރައީސް ބައިޑެން އިޒްރޭލަށް ބާރުއެޅުއްވުމާ ގުޅިގެން ކަމަށް އިޒުރޭލުން ބުނެފައިވާއިރު، ޣައްޒާގެ ދެކުނު ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް މިސްރުގެ ތެރެއިން، ހަމައެކަނި ބޭހާއި ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަހެއް ނާޅާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

" އެހެން ނަމަވެސް، ޣައްޒާގައި ހިފަހައްޓާފައި ތިބި އަހަރެމެންގެ ރަހީނުން އެނބުރި ނާންނަހާ ހިނދަކު، އިންސާނީ އެހީތެރިކަމުގެ އެއްވެސް އެއްޗެއް އިޒްރޭލުގެ ތެރެއިން ޣައްޒާ އަށް ގެންދިޔުން ހުއްދައެއް ނުކުރެވޭނެ،" އިޒްރޭލު ސަރުކާރުން އިއްޔެ ނެރުނު ބަޔާނުގައިވެއެވެ.

އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދޭން ފެށުމަށްފަހު، އިޒްރޭލުން ވަނީ ޣައްޒާ އިން ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލައިފައެވެ. އަދި އެތަކެއް ދަތިކުރުންތަކަކާއި އަނިޔާވެރިކަމެއް އިސްކުރަމުންދާ އިޒުރޭލުން ތެލުގެ ބާވަތްތަކާއި ވިޔަފާރި މުދަލާއި ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި އިޒްރޭލުގެ ތެރެއިން ޣައްޒާ އަށް ފޮނުވުން ހުއްޓުވާފައިވެއެވެ. އިޒްރޭލުގެ އެ ފިޔަވަޅާ ގުޅިގެން، ޣައްޒާގެ 2.3 މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ބުނެފައިވެއެވެ.

ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމުގެ ހުއްދަ ދޭން އިޒްރޭލުން ނިންމުމާ ގުޅިގެން، މިސްރުން މިހާރު އަންނަނީ އެހީގެ ސާމާނު ޣައްޒާ އަށް ފޮނުވުމުގެ ތައްޔާރީތައް ވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ރަފަހް ބޯޑަރު ހުރަސްކޮށް ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ހިފައިގެން ޣައްޒާ އަށް ދާ 20 ލޮރީ އަށް މުދާ ބަރުކުރަމުން އަންނަ އިރު، އެހީގެ ގާފިލާ ޣައްޒާ އަށް ވަންނާނެ ކަމަށް ބެލެވެނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.

އަދި އެހީގެ ސާމާނު ޣައްޒާއަށް ފޮނުވުން ލަސްވަނީ، މިސްރުން އެހީގެ ސާމާނު ހިފައިގެން މިދިޔަ ހަފުތާގައި ޣައްޒާއަށް ވަންނަން އުޅުނު ދެ ލޮރީއަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި، އެ ސަރަހައްދުގެ މަގުތައް ހަލާކުވެފައިވުމާއެކު، މަގުތައް މަރާމާތު ކުރަމުންދާތީ ކަމަށާއި، ރަފަހް ބޯޑަރު ކައިރީގައިވާ މަގުތައް މަރާމާތުކޮށް، ބޮޑެތި ލޮރީތަކަށް ދަތުރުކުރެވޭ ވަރަށް މަގުތައް ތައްޔާރުކުރުމަށް އަށެއްކަ ގަޑިއިރު ހޭދަވާނެ ކަމަށް މިސްރުން ހާމަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *