Thursday, 18 April 2024

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާއިން ދެކޮޅުހަދައިފި

ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ގޮވައިލާ އ.ދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ޤަރާރަށް އެމެރިކާއިން ދެކޮޅުހަދައިފިއެވެ. އެމެރިކާއިން ވީޓޯ ކޮށްފައިވާ ޤަރާރަކީ ޙަމާސް ޖަމާޢަތުން އިސްރާޢީލަށް ދެމުންދާ ހަމަލަތައް ކުށްވެރިކޮށް، ހަމަލަ ބަދަލު ކުރުން ހުއްޓައިލުމަށް ވަނީ ގޮވާލި ޤަރާރެވެ. އެ ޤަރާރުގައި ޔަހޫދީ އިސްރާޢީލުގެ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ގޮވައިލާފައެވެ.

އ.ދގެ ސަލާމަތީ މަޖިލީހުގައި މި ޤަރާރަށް ވޯޓަށް އެހުމުން 12 މެންބަރުން ޤަރާރާ އެއްކޮޅަށް ވޯޓު ދީފައިވީނަމަވެސް، ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދޭން ދެކޮޅު ހަދާފައި ވަނީ އެމެރިކާއިން އެކަނިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ރަޝިޔާއާއި އިނގިރޭސިވިލާތުން ވަކި ކޮޅަކަށް ތާޢީދު ކޮށްފައެއް ނުވެއެވެ.

ޤަރާރާ ދެކޮޅު ހެދުމަށްފަހު އެމެރިކާއިން ބުނީ، ހަނގުރާމަ ހުއްޓައިލަން އެ ޤައުމުން އިސްނަގައިގެން ޚާރިޖީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ޤަރާރު ވީޓޯ ކޮށްފައި ވަނީ، އެ މަސައްކަތްތަކަށް ވާގޮތެއް ބެލުމަށެވެ.

ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހުމަށް ބްރެޒިލުން ހުށަހެޅި ޤަރާރާ ގުޅޭގޮތުން އެމެރިކާއިން ބުނީ، އެ މީހުން ބޭނުންވާ މިންވަރަށް ޙަމާސް ޖަމާޢަތުގެ އަމަލުތައް ޤަރާރުގައި ކުށްވެރި ކޮށްފައި ނުވާ ކަމުގައެވެ. ހަމައެހެންމެ އަމިއްލަ ދިފާޢުގައި ޣައްޒާގެ މުސްލިމުން ގަތުލު ކުރުމަކީ ޔަހޫދީ އިސްރާޢީލަށް ލިބިގެންވާ ހައްޤެއް ކަން ޤަރާރުގައި ބަޔާންކޮށްފައި ނެތް ކަން އެމެރިކާއިން ފާހަގަކުރިއެވެ.

މިފަހަރު ނޫނަސް، އެތަކެއް ފަހަރެއްގެ މަތިން ޒަޔަނިސްޓު އިސްރާޢީލާ ދެކޮޅަށް ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރުތައް ވީޓޯކޮށް، އެމެރިކާއިން ޔަހޫދީން ހިމާޔަތް ކޮށްދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *