15 ޖަނަވަރީ 2025

"މަދުވެގެން އިތުރު 13 ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކޮށް، ފަތުރުވެރިކަން ފުޅާކުރާނަން"

މުޅި ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރައްވާނެ މަދުވެގެން އިތުރު 13 ޑޮމެސްޓިކް އެއަރޕޯޓް ތަރައްްޤީކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމްކުރި ޖީއެމް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަހަރުގެ ޖީއެމް ފޯރަމް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު އަވަހަށް ނިންމުމާއެކު، ޑޮމެސްޓިކް އިތުރު އެއަރޕޯޓްތަކެއް ތަރައްޤީކުރައްވާނެ ކަމަށާއި، މަދުވެގެން 13 ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރައްވާނެ ކަމަށެވެ.

މުޅި ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށްޓަކައި، އެ ތަސައްވުރު ފުރިހަމަކުރެއްވުމަށް، ރާއްޖޭގެ ދަތުރުފަތުރަށް އޮތް ދަތިތަށް ދެނެގަނެ، އައު ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީ ކުރުމަކީ މި ސިނާއަތް ކުރިއެރުވުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތްކަމުގައި ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އައު އަދި ޒަމާނީ ގޭޓްވޭއާއެކު، މަދުވެގެން އައު 13 ޑޮމެސްޓިކް އެއަރޕޯޓް އަންނާނެ. އަދި ދެކުނުގައި ސީޕްލޭން ހަބެއް ތަރައްޤީކުރެވޭނެ. ޖުމްލަކޮށް ޤައުމީ ގުޅިފައިވާ ދަތުރުފަތުރާއެކު ފަތުރުވެރިކަން ފުޅާވެ، އިތުރު ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި، ބެޑް ކެޕޭސިޓީ އިތުރުވާނެ." މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރައްވައި، "ވައިޑް ބޮޑީ އޮޕަރޭޝަންސް" އަލުން ފައްޓަވާނެކަމަށް ފާހަގަކުރައްވަމުން، މޯލްޑިވިއަންއާއި އެމްއޭސީއެލްގެ ހިންގުން ހަރުދަނާކުރައްވައި ދެ ކުންފުންޏަކީ ޚާއްސަ ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް، އަދި ޖުމުލަ ގޮތެއްގައި މުޅި ދިވެހި އިޤްތިޞާދަށް ފައިދާކޮށްދޭ ދެ ކުންފުންޏަށް ހައްދަވާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފުޅާކުރެއްވުމުގެ އިތުރަށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.
މިއަދުވެސް ފަތުރުވެރިކަމުގެ ސަބަބުން އެތައް ޢާއިލާތަކެއްގެ ދިރިއުޅުން އުފުލައިދީފައިވާކަމަށާއި، ފަތުރުވެރިކަމުގެ ފައިދާ ބެހިގެންދިޔުން ފުޅާކޮށް، ޞިނާޢަތަކީ ކޮންމެ ދިވެއްސަކަށް ފައިދާކުރަނިވި ޞިނާޢަތަކަށް ހެއްދެވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ، މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދެއްވުމާއި މަސައްކަތާ އެކަށޭނަ ރަނގަޅު މުސާރައެއްގެ ކަށަވަރުކަމާއި މުވައްޒަފުންގެ އާއިލާތަކާ އެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްސަ ރިޓަޔަރމަންޓް ސްކީމެއް ތަޢާރަފްކުރެއްވުމަށާއި އެ ފަރާތްތަކަށް ޚާއްސަ ސޯޝަލް ހައުސިން ސްކީމެއް ތަޢާރަފްކުރުމަށް ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރުކުރެއްވިއެވެ.

ރާއްޖޭގެ މިވަގުތުވެސް 16 ޑޮމެސްޓިކް އެއަރޕޯޓެއް އޮތްކަމުގައިވިޔަސް އޭގެތެރެއިން ބައެއް އެއަރޕޯޓުތަކަށް އުދުހުންތައް އޮންނަނީ ވަރަށް މަދުންނެވެ. ޑޮމެސްޓިކް އެއާޕޯޓްތަކުގެ އެދެވޭ ފައިދާއެއް ނެރެވޭނީ އެސަރަހައްދުގައި ފަތުރުވެރިކަން ފުޅާކޮށްގެންކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި އިންތިޚާބީ ރައީސް ވިދާޅުވަމުންގެންދެވިއެވެ. އެހެންކަމުން އެ ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރައްވާނެކަމުގެ ޔަޤީންކަން ރިޔާސީ އިންތިހާބުގެ ތެރޭގައި އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު