ކުރިއަށް އޮތީ ވަރަށް ޚައްސާސް ދުވަސްތަކެއް، ކެމްޕެއިންތެރޭގައި ދެއްކެވި އެކުވެރިކަން ދައްކައިދެއްވުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ކެމްޕޭން ކުރުމުގައި ޙަރަކާތްތެރިވި ޓީމުތަކާއި ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތީ ވަރަށް ޚައްސާސް ދުވަސްތަކެއްކަމަށާއި، އެކުވެރިކަމާއެކު ޤައުމު ސަލާމަތްކުުރުމަށް ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރޭ ސޯޝަލް ސެންޓަރ އޮތް މިބައްދަލުކުރެއްވުމުގައި ޕީޕީއެމް ޕީއެންސީ ކެމްޕޭން ޙަރަކާތްތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ވަނީ ޑރ. މުޢިއްޒަށް އަރުވާފައެވެ.
"ކަމެއް ޙާސިލްވުމަށްފަހު އެކަމެއް ދެމެހެއްޓުން ފަސޭހަވާނެ. ދެން މިއޮތީ ދެމެހެއްޓުން. ޤައުމީ މަސައްކަތެއް. އަޅުގަނޑު އެދެނީ ކެމްޕޭންގައި ދެއްކި އެކުވެރިކަން އެގޮތުގައި ދައްކާ، އަޅުގަނޑުމެންގެ މިޤައުމު ސަލާމަތްކުރުމުގައި އެއެކުވެރިކަންމަތީ އެއަށްވުރެ ވަރުގަދަ ނުގުޑާ ޢަޒުމެއްގައި ދެމިތިބުން." ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ދިވެހި ޤައުމު ހަމައަކަށް އެޅުމަށް ކުރަންޖެހޭ މަސައްކަތްކުރުމުގައި އެމަނިކުފާނަށް ވެރިކަމަށް އައުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތެއްގެ އެހީތެރިކަން ބޭނުންވާނެކަމަށް ފާހަގަކުރައްވަމުން އެހެންކަމުން ކެމްޕޭން ދުވަސްވަރު އޮތް ބަދަހި ގުޅުން އެއަށްވުރެވެސް ވަރުގަދަ ނުގުޑާ ޢަޒުމެއްގައި އެ އެކުވެރިކަން ދަމަހައްޓައި ދެއްވުމަށް އިންތިޚާބީ ރައީސް އެދިވަޑައިގަތެވެ.
އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ޕީޕީއެމް ޕީއެންސީގެ ކެމްޕޭން ޓީމުތަކުން ކޮށްދެއްވީ ޤައުމީ މަސައްކަތެއްކަމަށާއި، އެއީ ޤައުމުގައި ހިނގަމުންދިޔަ އެތައްކަމަކުން އަރައިގަތުމަށް ކުރެއްވި ބުރަ މަސައްކަތް ކަމުގައި ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ޑރ. މުޢިއްޒު ވަނީ އެމަނިކުފާނަށް ކެމްޕޭން ކޮށްދެއްވި ޓީމަށް ޝުކުރު އަދާކުރައްވަމުން، ރެއާއި ދުވާލު ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް އެކި ޓީމުތަކުން ކޮށްދެއްވި މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ގެންގުޅުނު ބަދަހި ގުޅުން އައު ސަރުކާރު ހިންގުމުގައިވެސް ދަމަހައްޓައިދިނުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންނެވިއެވެ.
ރޭ ކެމްޕޭން ޓީމްތަކާއެކު ޑރ. މުޢިއްޒު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނާއެކު ފޮޓޯ ނެގުމުގެ ސެޝަންއެއް ބޭއްވިއެވެ.