އޮކްޓޫބަރު 17 ވަނަ ދުވަހު، ޔަހޫދީ އިސްރާއީލުން ޣައްޒާގެ އަލްއަހްލީ އަރަބް ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާއެއްގައި 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި އަނިޔާވެރި ޤަތުލުޢާންމުވެގެންދިޔައީ މުސްލިމު އުންމަތަށް ކުއްލި ސިހުމެއް ގެނުވި ކަމަކަށެވެ. މިއީ މިހާތަނަށް އިސްރާއިލުން ޣައްޒާއަށް ދިން އެންމެ ބޮޑު އެއް ހަމަލާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާގެ އޮފިޝަލެއް ވިދާޅުވީ އިސްރާއީލުން ހަމަލާ ދީފައިވާ ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލުގައި ޔަހޫދީންގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް ރައްޔިތުން ވަގުތީ ހިޔާވަހިކަމުގައި އެތަނުގައި ތިބިކަމަށެވެ. މި ޙަމަލާގައި 500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުފުތީ މެންކު ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވީ އަސަރުން ފުރިގެންވާ ޕޯސްޓެކެވެ.
"އަހަރެންގެ ދަރިފުޅާމެދު އުންމީދެއްވިއެވެ. އެއީ ޑޮކްޓަރ އަހަރެން ގާތު ބުނި ވާހަކައިން އާވެއާލާވި އުންމީދެކެވެ. ކުޑައިރުކޮޅެއްފަހުން އަނެއްކާވެސް އެނބުރި އައީމެވެ. އެހެނަސް، އަހަރެންގެ ދަރިފުޅެއް ނެތެވެ. ޑޮކްޓަރެއްވެސް ނެތެވެ. އަދި ހޮސްޕިޓަލެއްވެސް ނެތެވެ." މުފުތީ މެންކް ވިދާޅުވިއެވެ.
މުފުތީ މެންކްގެ މި އަސަރުގަދަ ޕޯސްޓަކީ އެ ހޮސްޕިޓަލަށް ޖައްބާރު އަނިޔާވެރި ހަައްދުފަހަނަ އަޅާފައިވާ ގޮތެއް ފޮތެއް ހަމައެއް ލަމައެއް ނެތް އިޒުރޭލް ޔަހޫދީން ބޮންއަޅައި ހިންގި ޤަތުލުއާންމާ ގުޅިގެން ކުރައްވާފައިވާ ޕޯސްޓެއްކަމަށް ބެލެވެއެވެ.
ހަމަލާގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި އެތައް ސަތޭކަ ބަޔަކު ތިބި ކަމަށް ބެލެވޭކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި ޝަހީދުވި މީހުންގެ ސީދާ އަދަދު ނޭނގޭކަމަށްވެސް ހާމަކުރެއްވިއެވެ.
ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.