Thursday, 18 April 2024

ފެނިގެން މިދަނީ އިންސާނީ ޙައްޤުތައް އެހެން މީހުންނަށް ކިޔައިދޭންއުޅޭ ބޮޑެތި ޤައުމުތަކުގެ އަސްލު ސޫރަ: ސިޔާމް

ފެނިގެން މިދަނީ އިންސާނީ ޙައްޤުތައް ކިޔައިދޭންއުޅޭ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ އަސްލު ސޫރަ: ސިޔާމް

މިއަދުވެސް ފެނިގެން މިދަނީ އިންސާނީ ޙައްޤުތައް އެހެން މީހުންނަށް ކިޔައިދޭންއުޅޭ ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި އެޤައުމުތަކުގެ ނުފޫޒުހިނގާ ބޮޑެތި ޖަމިއްޔާ ޖަމާޢަތްތަކުގެ އަސްލުސޫރަކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ސިޔާމް މިއަދު އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުވެސް ފެނިގެން މިދަނީ އިންސާނީ ޙައްޤުތައް އެހެން މީހުންނަށް ކިޔައިދޭންއުޅޭ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެޤައުމުތަކުގެ ނުފޫޒުހިނގާ ބޮޑެތި ޖަމިއްޔާ ޖަމާޢަތްތަކުގެ އަސްލުސޫރަ ކަމަށާއި، އަދި އެބައިމީހުންގެ ނުފޫޒުން މެދުއިރުމަތީގެ ބައެއް އިސްލާމީ ޤައުމުތައްވެސް މައިބަދަ ގުޑާފައިތިބި މިންވަރު ކަމަށެވެ.

"އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކަމަށްބުނެ އުފައްދާފައިހުރި ބަައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތައް މިއަދު ތިބީ އަނގަމަތީ ޓޭޕްއަޅާ އަތްތައްބަނދެގެންނެވެ. ބައެއް ބޮޑެތި ބައިނަލްއަޤުވާމީ ނޫސް އެޖެންސީތަކުގެ ނޫސްވެެރިންގެ ގަލަންތަކުން ޙަޤީގަތް ހާމަކުރާ ލިޔުންތަކަށް ދެލިނުހިނގައެވެ." ސިޔާމް ވިދާޅުވިއެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒުރޭލުން ހިންގާ ލޭއޮހޮރުވުން ދުނިޔޭގެ ހުރިހާބިތެއްގެ ހުރިހާ ރައްޔިތުންނަށްވެސް އެބަފެންނަ ކަމަށާއި، އަދި ވާނުވާވެސް އެބަ އެނގޭ ކަން ފާހަގަކުރައްވަމުން، އެތައްހާސް ފުރާނައެއް ރަހުމެއްނެތި ޝަހީދުވާކުރާ މަންޒަރުތައް އެބަފެންނަ ކަމަށް ސިޔާމް ވިދާޅުވިއެވެ.

Image

"اللهގެ މަދަދާ ރައްކާތެރިކަމަށް އެދި ކުރާ ދުޢާތަކާ އެހީތެރިކަމަށް އެދި ކުރާ އާދޭހާ ރުއިމުގެ އަޑުތައް އަބަދުމެ އެބައިވެއެވެ. މިމަންޒަރުތައް ނުފެންނަނީ އަދި މިއަޑުތައް ނީވެނީ ދުނިޔެ ހިންގަން މަޖުބޫރުކޮށްފައި މިއޮތް ބައިނަލް އަޤުވާމީ ނިޒާމުގެ ބޮޑުންނަށެވެ. އެމީހުންނަކަށް ފަލަސްތީނުގެ ޖައްވުގެ ކަޅު ދުންތަކެއް ނުފެނެއެވެ." ސިޔާމް ވިދާޅުވިއެވެ.

ކުޑަކުއްޖެއް އަންހެނެއް ނުބަލާ ރަޙުމެއް ހަމްދަރުދީއެއްނެތި އެތައްސަތޭކަ އާއިލާއެއް ޝަހީދުކުރާތަނެއް އެމީހުންނަކަށް (ޔަހޫދީންނަށް ތާޢީދުކުރާ ނޫސްތަކަށް) ހޮސްޕިޓަލެއް މަދުރަސާއެއް ރެފިއުޖީ ކޭންޕެއް ނުބަލާ ބޮންއަޅާ އިމާރާތްތައް ބިމާހަމަކުރާތަނެއް އެމީހުންނަކަން ފާހަގަކުރައްވަމުން، ފެނެއް ކަރަންޓެއް ކާއެއްޗެއް ނެތްތާނގައި މިއަދު ފަލަސްތީނުގެ ރައްޔިތުންނަށް ބައިނަލްއަޤުވާމީ މުއާހަދާތައް ބުނާ އެންމެ އަސާސީ ޙައްޤު ކަމުގައިވާ ދިރިހުރުމުގެ ޙައްޤުވެސްނެތްތަން އެމީހުންނަކަށް ނުފެންނަ ކަމަށާއި، މިމަންޒަރުތައްފެނި ހަޤީގަތުގައިވެސް ހިތްކުދިކުދި ވެއްޖެ ކަމުގައި ވިދާޅުވެ، "ކޮބައިތޯ އެ މައުސޫމް އާއިލާތަކުގެ ކުށަކީ؟ ކޮންފަދަ ރަހުމުކުޑަ އަނިޔާވެރި ނާއިންސާފުވެރި ނިޒާމެއްތޯ" ސުވާލުކުރެއްވިއެވެ.

"يا الله ފަލަސްތީނުގެ މުސްލިމުންނަށް ސާބިތުކަންދެއްވާ ފަލަސްތީނުގެ ބިމާ ރައްޔިތުން ޔަހޫދީންގެ ކިބައިން ރައްކާތެރިކުރައްވާށި. آمين"

އަނިޔާވެރި ޔަހޫދީ އިސްރާއިލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު މިމަހުގެ 7 ވަނަ ދުވަހު ހަނގުރާ ފަށާފައިވާއިރު، ހަމާސްއިން ދަނީ މިއިން ޒަމާނަކުވެސް އިސްރާއިލަށް ނުދޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް ރައްދުކޮށްފައެެވެ. އެކަންވީ އެމީހުންނަށް ކުއްލި ސިހުމެއް ގެނުވި، އަދި ބަދަލު ހިފުމުގެ ރޫހު އުފެދުނު ކަމަކަށެވެ.

އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދޭން ފެށުމަށްފަހު، އިޒްރޭލުން ވަނީ ޣައްޒާ އިން ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލައިފައެވެ. އަދި އެތަކެއް ދަތިކުރުންތަކަކާއި އަނިޔާވެރިކަމެއް އިސްކުރަމުންދާ އިޒުރޭލުން ތެލުގެ ބާވަތްތަކާއި ވިޔަފާރި މުދަލާއި ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި އިޒްރޭލުގެ ތެރެއިން ޣައްޒާ އަށް ފޮނުވުން ހުއްޓުވާފައިވެއެވެ. އިޒްރޭލުގެ އެ ފިޔަވަޅާ ގުޅިގެން، ޣައްޒާގެ 2.3 މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *