ހިތް އެދޭހާ ކަމެއް.. (ދިހަވަނަބައި)

"ކިހާވަރެއްތަ ދޭން ޖެހެނީ؟ އަން. މިއޮތީ ދުއިސައްތަ ރުފިޔާ" ޝާއިރާ އަތުގައި އޮތް ދަބަހުން ސަތޭކައިގެ ދެ ނޫޓު ނަގައި ދިއްކޮށްލިއެވެ. އެއާއެކު އެތާ ތިބި އެންމެން ހޭން ފެށިއެވެ.

"ބޭބް މި 200 އަކީ އެއްވެސް އެއްޗެެއް ނޫނެއްނު" އާދިލް ބުންޏެވެ.

"ކިހާވަރެއްތަ ބޭނުންވަނީ؟" ޝާއިރާ އަނެއްްކާވެސް އަހައިލިއެވެ.

"ބުނަންވީތަ؟ ވިހި ހާސް. ދޭން ނުލިބެންޏާ އެހެން ގޮތެެއް އަހަންނަށް އެނގޭ" ފައިރޫޒް ބުންޏެވެ.

"ވިހި ހާހޭ؟ އެކަމަކު އާދިލް.. ކޮންތާކުން ވިހިހާސް. އަޅެ ބުނެބަލަ ދެން އޮތްގޮތެއް" ޝާއިރާ ކަންބޮޑުވެފައި ބުންޏެވެ.

"ބޭބް ފައިއްޓެމެނާ އެއްކޮށް ރިސޯޓަށް ޖައްސާލަންވީ. އެތާ އުޅޭނެ މުއްސަނދިން. ބުނާ ކަންކަން ކޮށްލީމަ އެންމެ ރެއަކުންވެސް ވިހިހާސް ނެގޭނެ. ބޭބް ނުލާހިކު ރީއްޗެއްނު. ޔަގީން ނުކެޓޭނެ މީހެއް ނުހުންނާނެކަން." އާދިލް ޝާއިރާ އިތުރަށް ގާތް ކޮށްލަމުން ބުންޏެވެ.

"ޗީޑި!!! އާދިލްއަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟" ޝާއިރާ އާދިލްގެ އަތް ފޮޅުވާއިލަމުން ތެދުވިއެވެ.

" ކިހިނެއްވީ؟ އަހަރެންނަށްވެސް ކޮށްދެމެއްނު. ބޭބްއަށްވެސް އޯކޭއެއްނު. މި ބޭނުމިއްޔާ ޖެހޭނީ އެކަން ކުރަން" އާދިލް ތެދުވެ ހަޅޭއްލަވައިގަތެވެ.

"އަހަރެން ލޯބިވަނީ އާދިލް ދެކެއޭ. ކިހިނެެއްތަ އާދިލްއަށް ކޮށްދޭ ކަންކަން އެހެން މީހުނަށް ކޮށްދޭނީ؟؟ އަހަންނަށް ހެޔޮ ދުވަހަކު ތިއިން އެއްޗެއް ނުބޮއެ ނުދަމާ ހުންނަން ޖެހުނަސް. އަހަރެން ތިކަމެއް ނުކުރާނަން" ޝާއިރާ ރުޅިއައިސްފައިހުރެ އަތްދަބަސް ކޮނޑުގައި އަޅުވައިލަމުން އެތަނުން ނުކުތެވެ.

"އޭ ކަޑައެއްނު. ޕްލޭން ފްލޮޕް" ފައިރޫޒް ޗޮކެެއް ކަނޑައިލަމުން ބުންޏެވެ.

"ނޫނޭ. ފުރަތަމަ މިހެން ވާނެކަން މަށަށް އެނގޭ. ބަލަން ހުންނާތި!! ބަރާބަރު ތިންދުވަސް ތެރޭ އޭނަ އެއްބަސްވާނެ." އާދިލް ޔަގީން ކަމާއެކު ބުންޏެވެ. އެކަންތައް ހިނގައިދިޔައީވެސް އެގޮތަށެވެ. ޝާއިރާއަށް އޭނާގެ ގޮތުގައި ކެތްކޮށްލެވުނީ ދެތިން ދުވަހަށެވެ. މަސްތައް ދެވިހިފައިފައި ވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުން ބަލިކަށިވުމުގެ އަސަރު ފެންނަން ފެށިއެވެ. ހަތަރުވަނަ ދުވަހުގެ އިރު އެރިއިރު ޝާއިރާ ހުރީ އާދިލް އެރަށުގައި ބަހައްޓާފައި ހުންނަ ގޭގެ ކޮޓަރީގެ ދޮރުމަތީގައެވެ.

"އާދިލް. ދޮރު ހުޅުވާފަ އަހަރެން ވައްދަބަލަ. ހެޔޮނުވާނެ.. އަހަރެންނަށް މިވަނީ ކިހިނެއްތަ؟ އަހަރެން މިކަމުން ސަލާމަތްކޮށްދީ. އަހަރެން އާދިލް ބުނިިކަމެއް ކުރާނަން" ޝާއިރާ އާދިލްގެ ކޮޓަރީގައި ޓަކިޖަހަމުންދިޔައެވެ. އާދިލް ދޮރުހުޅުވުމަށްފަހު ތުރުތުރު އަޅައަޅާހުރި ޝާއިރާ އެތެރެއަށް ވެއްދިއެވެ. އޭނާ ބޭނުންކަމެއް ޝާއިރާ ލައްވައި ކުރުވުމަށް އެއްބަސް ކުރުވިއެވެ.

އެދުވަހަށްފަހު އާދިލް ބުނިފަދައިން ޝާއިރާ އޭނާގެ ރީތިކަން ގިނަބައެއްގެ ކުރިމަތީގައި ނީލަންކިޔަމުން ދިޔައެވެ. އެންމެ އާދައިގެ މީހުންގެ އިތުރަށް ރިސޯޓްތަކަށް އަންނަ މުއްސަނދި ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ހިމެނޭހެން އެންމެންގެ މެދުގައިވެސް ޝާއިރާވެފައިވީ މަގްބޫލު މީހަކަށެވެ. ހަށިވިއްކުމަކީ އޭނާ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް ކަމުގައި ވެ ނިމިއްޖެއެވެ. ޝާއިރާ އެކަމާމެދު ކުޑަކޮށްވެސް ވިސްނާނުލަނީ އާދިލާއެކު ތަނަވަސްކަމުގައި އުފާވެރި އުޅުމެއް އުޅެވޭތީއެވެ. ނަމަވެސް ކަންތައްތަށް ބަދަލު ވެގެންދިޔައީ ޝާއިރާ ބަލިވެ އިންކަން އާދިލްއަށް އެނގުނު ހިސާބުންނެވެ.

"އާދިލް ޕްލީޒް. ދެން ހިނގާބަ މެރީ ކުރަން. ނޫނީ އަހަރެން ކިހާ ލަދުގަންނާނެ؟" ޝާއިރާ އާދިލްގާތު ބުންޏެވެ.

"ދައްކާ ވާހަކަ. ކިހިނެއް އެނގެނީ ތީ އަހަރެންގެ ކަމެއްވެސް؟ މީހެއްގެ ދަރިއެއް މަގޭ ބޮލުގަ އަޅުވަން ނޫޅޭ." އާދިލް ބުންޏެވެ.

"އަހަރެން ޕްރޮޓެކްޝަން ޔޫޒް ނުކުރަނީ ހަމައެކަނި އާދިލްއާ އެއްކޮށޭ. ކީއްވެތަ ގަބޫލް ނުކުރަނީ. ޕްލީޒް އާދިލް އަހަރެން އާދިލް ދެކެ ވަރަށް ލޯބިވެއޭ" ޝާއިރާ އާދޭސް ކުރިއެވެ. ނަމަވެސް އާދިލް އެކަމަށް ދިނީ ބީރު ކަންފަތެކެވެ. ބަނޑަށް ގިނަ ދުވަސްވެފައި ވުމުގެ ސަބަބުން ކުއްޖާ ވައްޓާލެވޭކަށް ނެތެވެ. އެބޯޝަން ހައްދަން އިތުރު ލާރިތަކެއް ހަރަދު ކުރުމުގެ ބަދަލުގައި އާދިލް ވިސްނީ އެކަމުން ބޯދަމައިގަންނާށެވެ. އެރަށުން ދާށެވެ. އޭނާއަށް ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވާކަށް މިހާރު މާ ގިނަ ދުވަހެއްނެތެވެ. އެހެންކަމުން މިނިވަންވުމާއެކު އޭނާ ޝާއިރާ އެރަށަށް ދޫކޮށްލުމަށްފަހު ފުރައިގެން ދިޔައެވެ.

ޝާއިރާއަށް ހަދާނެގޮތް ހުސްވެ އޭނާގެ މައިންބަފައިންނަށް ބަނޑުގައިވާ ދަރިފުޅުގެ ވާހަކަ އެންގިއެވެ. ހަމައެއާއެކު ލިބުނު ޝޮކުގައި ބަލިކަށިވެފައިވާ ޝާއިރާގެ މަންމަގެ ހިތުގެ ހިނގުން ހުއްޓި ދުނިޔެއާ އަލްވަދާއު ކިއެވެ. ޝާއިރާގެ ބައްޕައަކީ ރަށަށް ބީރައްޓެއްސަކަށް ވުމުން ލިބުނު ލަދާއެކު އެރަށުގައި ހުންނާކަށް ޝާއިރާގެ ބައްޕަ ބޭނުމެއް ނުވިއެވެ. ލޯބިވާ އަނބިމީހާ ނިޔާވުމުގެ އަސްލު ކަމުގައިވި އަންހެން ދަރިފުޅާ އޭނާ ގުޅުން ބާއްވާކަށް ބޭނުމެއް ނުވިއެވެ. ރަށު އޮފީހުގެ ވަޒީފާ ދޫކޮށްލުމަށްފަހު ޝާއިރާގެ ބައްޕަ މާލެ ދިޔައީ ހަމައެކަނި ޝާއިރާގެ ކޮއްކޮ ގޮވައިގެންނެވެ. ޝާއިރާ ރަށަށް ބިކަ ކޮށްލުމަށްފަހުގައެވެ.

މާބަނޑު ދުވަސްވަރު ޝާއިރާ އުފުލަން ޖެހުނު ވޭނަކީ އާދަޔާ ހިލާފު ވޭނެކެވެ. ހަށިގަނޑަށް ބޭނުންވާ މަސްތުގައި ނުޖެހި ގިނަ ދުވަސްވަމުން ދާ ކޮންމެ ފަހަރަކު ހޮސްޕިޓަލުގައި އޭނާއަށް އެތަށް ފަރުވާއެއް ދޭންޖެހެއެވެ. އެއްމަހު ޖަލުން އަނެއް މަހު ގޭބަންދުން ކަހަލަ ގޮތަކަށް އުޅެމުން ޝާއިރާ ދުވަސްނުފުރައި ޝިޔާނާ އުފަންކުރިއިރު ޝިޔާނާގެ ހާލުވެސް އެހާމެ ދަށެވެ. ނާރސަރީގައި ހަމަސްދުވަހު ބާއްވަން ޖެހުނެވެ. ކުއްޖާ ދިރިއޮތުމަކީވެސް އަޖައިބެއްކަމަށް ގިނަ ޑަކްޓަރުން ބުންޏެވެ.

ވިހައި ގަދަވުމާއެކު ޝާއިރާ އޭނާ ކުރިން އުޅުނު އުޅުމަށް ރުޖޫއަވީ އޭނާއަކީ ދިރިހުރި ތުއްތު ފުރާނައެއްގެ މައިމީހާ ކަމުގައިވެސް ވިސްނާލުމެއްނެތިއެވެ. އޭނާ އުޅުނީ އޭނާއަށް ދިރިއުޅުމަށްޓަކައި ކުރަން އެނގޭ ހަމައެކަނި މަސައްކަތް ކަމުގަައިވާ ހަށިވިއްކުމުގެ ވިޔަފާރިކޮށްގެން އަތްމަތި ތަނަވަސް ކުރެވޭތޯއެވެ. އަދި އޭނާގެ މަސްތީ ދުނިޔޭގެ އުފާތައް ހާސިލް ކުރެވޭތޯއެވެ.

ހޮސްޕިޓަލުން ދަރިފުޅު ދޫކޮށްލުމާއެކު ޝާއިރާ އެކުއްޖާއާ ހަވާލުވިނަމަވެސް އޭނާ ތުއްތު ޝިޔާނާގެ މައްޗަކަށް ރަހުމެއް ނުބަހައްޓައެވެ. ދިރިހުރެވޭ މިންވަރަށް ކާންދީ ފެންދިނުމައްފަހު ދޫކޮށްލާފައި އޮންނަ އޮޅު ޖަނަވާރެކޭ ޝިޔާނާއެކޭ ޝާއިރާއަށް ތަފާތެއް ނެތްކަހަލައެވެ. އޭނާއަށް ޝިޔާނާ ފެންނަމުންދިޔައީ އަމިއްލަ ދަރިއެއްގެ ގޮތުގައެއް ނޫނެވެ. ދުނިޔޭން އޭނާ އެމީހެއްދެކެ އެންމެ ލޯބިވި މީހާގެ ފުށުން ލިބުނު ކެހިވެރިކަމުގެ ނިޝާނެއްގެ ގޮތުގައެވެ. އެހެންކަމުން ޝިޔާނާ ބޮޑުވަމުން އައިވަރަކަށް ޝާއިރާގެ ފަރާތުން ލިބެމުންދިޔަ އާނިޔާތައް ދިޔައީ އިތުރު ވަމުންނެވެ.

ޝިޔާނާގެ އުމުރުން ފަސްއަހަރުގައި ޝާއިރާ އިތުރު ކުއްޖަކަށް ބަލިވެ އިނުން ވެގެންދިޔައީ ޝިޔާނާގެ ނަސީބަށްކަމެއް ނުވަތަ ލިބެންއުޅޭ ކުއްޖެއްގެ ބަދު ނަސީބަށްކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މާބަނޑުއިރު ވަމުންދިޔަ އުނދަގޫ ތަކުގެ ސަބަބުން ޝިޔާނާއަށް އަނިޔާކުރުން ޝާއިރާ މަދުކުރިކަމެވެ. އޭނާގެ ގިނަ ކަންކަމުގަޔާއި ގޭތެރޭގެ ކަންކަމުގައިވެސް އެހީވަނީ ތުއްތު ޝިޔާނާއެވެ. ކޮންމެއަކަސް މަންމަގެ ފަރާތުން ލިބެމުންދިޔަ އަނިޔާތައް މަދުވަމުންދާތީ ޝިޔާނާ ހުރީ ވަރަށް އުފަލުންނެވެ. އެކަމަށްޓަކައި މަންމަގެ ބަނޑުގައިވާ ކޮއްކޮއަށް އޭނާ ޝުކުރު ވެރިވީ ޅައުމުރުގައި އެ ކޮއްކޮގެ ސަބަބުން އޭނާއަށް ކުރިމަތިވެދާނޭ ޒިންމާތަކަށް ވިސްނާލުމެއްނެތިއެވެ. ނަމަވެސް އޭނާގެ ހިތުގައި މިއަދު އެކަމަކާމެދު ޝަަކުވާއެއް ނެތެވެ.

އެހެން ރޭރެއެކޭވެސް އެއްފަދައިން ޝިޔާނާ އޭނާގެ ކޮއްކޮ ޝައިނާއާއެކު އެނދުގައި އޮށޯވެލައިގެން އޮތެވެ. އެހެނަސް ބޭރުން އިވެމުންދާ އަޑުތަކުގެ ސަބަބުން އެރޭގެ ނިދިވަނީ އޭނާއާ ބީރައްޓެހި އެއްޗަކަށްވެފައެވެ. އަނެއްކޮޅުން އޭނާގެ ގާތުގައިއޮތް ޝައިނާ އޮތީ ހުމާއި ފިހިފިހިއެވެ. މިގަޑީގަ ބޭސް ބަލައި ނުކުމެއްޖެނަމަ މަންމަ އަންނާނެ ރުޅި އޭނާއަށް އެނގެއެވެ. މަންމަ އޮންނަނީ މަންމަގެ ރައްޓެހިން އައިސްއުޅޭއިރު ކޮޓަރިން ނުކުތުން މަނާކޮށްފައެވެ. އަމުދަކުން އެއީ ޝިޔާނާވެސް ކުރަން ބޭނުން ކަމެއް ނޫނެވެ. ނަމަވެސް ތުރުތުރު އަޅަމުންދިޔަ ޝައިނާގެ ކުކުރުމުގެ އަޑަށް ބީރުކަންފަތެއް ދިނުންވީ ޝިޔާނާއަށް އުނދަގޫ ކަމަކަށެވެ. ހިތްވަރުކޮށްލާފައި އޭނާ ކޮޓަރިން ނުކުތީ ބޭސް ހިފައިގެން ވީހާވެސް އަވަހަކަށް އައުމަށެވެ. ނަމަވެސް ބޭރުން ފެނުނު މަންޒަރާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

ދެޖިންސުގެ މީހުން އެއްވެސް ބިރެއްނެތި ޓީވީން ޖަހައިފައިވާ ލަވައިގެ ހަމައާ އެއްގޮތަށް އެކެއްއަނެކެއް ގައިގައި ކޭތި މަސްހުނިވަމުންދާއިރު ގޭގެ އެތަންމިތަނުގައި ނިވާކަމެއް ނެތި މީހުން ފާހިޝް ކަންކަމުގައި އުޅުނެވެ. އެމީހުންގެ ތެރެއިން ގިނަބަޔަކު ތިބީ ޝިޔާނާ ނުކުތްކަންވެސް ނޭނގޭ މިންވަރަށް ހޭބުއްދިފިލައި ޢަމަލުވެފައެވެ. އަނެއްބަޔަކު ޝިޔާނާ ނުކުތުމުން ޝިޔާނާއާ ދިމާލަށް ފާޑަކަށް ލޯ އަޅަމުން ދިޔައެވެ. ޝާއިރާގެ މޫނުން ފެންނަމުންދިޔައީ ރުޅިވެރިކަމެވެ.

ޝިޔާނާ އިސްޖަހައިލިއެވެ. ހަލުވި ފިޔަވަޅުތަކެއްގައިގޮސް އެމީހުން ހުރަސްކޮށް އަނެއްފަރާތުގައި ހުރި ބަދިގެއިން ބޭސްކާޑު ހިފައިގެން އެއައި ބާރުމިނުގައި ކޮޓަރިއަށް ވަދެ ދޮރުއްޕިއެވެ. އެއަށްފަހު ފުންނޭވާއެއް ބޭރުކޮށްލިގޮތުން ހީވީ އެއޮށްހާއިރު އޭނާގެ ނޭވާވެސް ހިފެހެއްޓިފައި ހުރިހެނެވެ.

"އެއީތަ ޝާއިރާގެ މަންޖެއަކީ؟" ޝާއިރާގެ މޫނު ފާޅުވާންހުރި ރުޅިވެރިކަމަށް ބެލުމެއްނެތި އެތަނުން މީހަކު އަހައިލިއެވެ. އޭނާހުރީ ޝިޔާނާ ނުކުތުމުން ހިތްހަމަ ނުޖެހިފައެވެ.

"މަށަށް ޔަގީން އެއީ ޝާއިރާގެ މަންޖެކަން. ޝާއިރާ ޅަދުވަސް ފެނުނުހެން ވިއްޔަ ހީވީ ހަމަ" ޝާއިރާގެ ފަރާތުން ޖަވާބެއް ނުލިބުމުން އެމީހާ އަނެއްކާވެސް ބުންޏެވެ.

"އާން. އެއީ އާދިލް ދިޔައިރު މަށަށް ޖައްސާފަދިޔަ ބަ*" ޝާއިރާ އަތުގައި އޮތް ސިނގިރޭޓު ދަމާލަމުން ބުންޏެވެ،

"ބަ*ައަކަށް ވާންނީ ކީއްވެގެންތަ؟ ބަ*އަކަށްވަނީ ޝާއިރާއަށް އޭނާ ގެންގުޅެން ނޭނގޭތީއޭ. ނޫނީ މިހާރު އެއީ ޝާއިރާއަށް ޖަވާހިރެއް." އެތަނުގައި އިން އިތުރު ފިރިހެނެއް ޝާއިރާގާތު ބުންޏެވެ.

"އެ ތެދެއް. މަވެސް ދީފާނަން ފަަންސާސްހާސް. އަހަރުމެން ދެމީހުނަށް. އެންމެ ރެއަކަށް." އޭނާއާ ޖެހިގެންއިން މީހާ ބުންޏެވެ. ޝާއިރާ ފާޑަކަށް ތުން އަނބުރައިލާމުން މޫނު އަނބުރައިލިއެވެ.

"އޭ އޭ. އަނެއްކާ ހާޑުވީތަ؟ ހަމަ އައިޑިޔާއެކޭ. ޝާއިރާ ހިތްހަމަ ނުޖެހެންޏާ ނުދައްކާ ވާހަކައެއް." އެމީހާ ބުންޏެވެ.

"މަށަށް ކޮންކަމެއް. މަށަށް ހެޔޮ އެ އެއްޗަކަށް ކޮންމެ ގޮތެއްވިޔަސް. އެކަމު އޭނައަށް އަދި އެންމެ ފަނަރަ އަހަރު. ކުޑަކުއްޖެއްވީމަ ކަމެއްވިއްޔާ މަ ދޯ ބެދޭނީ." ޝާއިރާ ބުންޏެވެ. އޭނާއަށް މިހާރު އުޅޭ އުޅުމާއެކު ސަލާމަތްވެގެން އުޅެވުނަސް ކުޑަކުދިންނާ ބެހޭ ކަންކަމުގައި ގާނޫނު ހަރުކަށިވެފައިވާ މިންވަރު ހުދު އޭނާއަށްވެސް އެނގެއެވެ. ނަމަވެސް ލާރިއަށް ދަހިވެތިވެފައިވާ ޝާއިރާ އޭނާގެ އެކުވެރިން ހުށަހެޅި ބައިލައްކަ ރުފިޔާއަށް ފެންބޮވައިގަނެެއްޖެއެވެ. ޝިޔާނާގެ ފަރާތުން އެމީހުން އެބުނާ ކަމެއް ކޮށްދެވޭނެ ގޮތަކާމެދު ވިސްނަންފެށިއެވެ.

"އަހަހަހަހަހަ. ޝާއިރާއަށް ހަމަ ހީވަނީތަ؟ ޝާއިރާ ކޮޓަރިއަށްލާ ތަޅުލައިން އިނެކޭ ކިޔާފަ އެވަރު ކުއްޖަކު މަޑުން ހުންނާނެހެން. މަށަށް ޔަގީން މިހާތުވެސް ކިތަންމެ ގޮތަކަށް އުޅެފަ ހުންނާނީ. މާ ރަނގަޅެއްނު އެއްޗެއް ލިބޭ ގޮތަށް ކުރުވަން." ރައްޓެހިންގެ ވާހަކަތައް ޝާއިރާއަށް ގަބޫލުކުރެވެންފެށިއެވެ. އިރުކޮޅަކު ވިސްނަން އިނދެފައި އޭނާ ބުންޏެވެ.

"ކަލޭމެނަށް ކެރޭނެތަ ގަދަކަމުން ކުރަން؟ ހަމަ ތި އަގަށް؟" ޝާއިރާގެ ސުވާލާއެކު އެތާތިބި ދެ ފިރިހެނުން ހިނިގަނޑެއް ޖަހައިލިއެވެ. އަދި އެކަކު އަނެކަކަށް ބަލައިލުމަށްފަހު ބޯ ޖަހައިލީ ޝިޔާނާފަދަ ފަތްމިންޏެއް ލިބޭތީ އެކަމާ އުފާ ކުރަމުންނެވެ.

ޖެހިގެން އައި ދުވަހު ޝިޔާނާ ބަދިގޭގަ ހުއްޓާ ޝާއިރާ ކޮތަޅެއް ހިފައިގެންް ޝިޔާނާގެ ގާތަށް ޖެހިލިއެވެ.

"އަންން. މި ހެދުން ހެޔޮވަރުތޯ ބަލާބަލަ." ޝިޔާނާ އެކޮތަޅުން ހެދުން ނަގައި ބަލައިލިއެވެ. އާންމުގޮތެއްގައި އޭނާ ލާން މަންމަ ހޯދައިދޭ ހެދުންތަކަށްވުރެ ބޮޑަށް ޒީނަތްތެރިކޮށްފައިވާ ގަޔަށްބާރު ހެދުމެއްކަން އެއަށް ބަލައިލުމުންވެސް އޭނާއަށް އެނގުނެވެ. ވަކިން ހާއްސަކޮށް ރަށުތެރޭގައި އޭނާއާ ދޭތެރޭ ދެކޭ ގޮތުގެ ސަބަބުން އެހެދުން ލައިގެން ބޭރަށް ދިޔުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ. ނަމަވެސް ޝާއިރާއާ ޒުވާބު ކުރުމެއްނެތި ހެދުން ރީތިކަމަށް ބުނަމުން އޭނާ އަލުން އެ ފަތްޖަހައިލުމަށްފަހު ކޮތަޅަށްލިއެވެ.

"މިރޭ ތި ލައިގެން ރީތި ވެލައްޗޭ. އަން. މިއޮތީ ލިޕްސްޓިކެއްވެސް." ޝާއިރާ އަތުގައި އޮތް ލިޕްސްޓިކް ޝިޔާނާގެ އަތަށް ލައިދެމުން ބުންޏެވެ.

"މިރޭ ތާކަށް ދާން އޮތީތަ؟" ޝިޔާނާ ހަމަޖެހިފައި އަހައިލިއެވެ. ނަމަވެސް މަންމަ އޭނާއާ އެހެންޏާ ނުދައްކާހާ ރީއްޗަށް ވާހަކަ ދައްކަމުންދާތީ އޭނާއަށް އުނދަގޫ ވަމުންދިޔައެވެ.

"ނޫން. މިރޭ އަންނާނެ ޝިޔާ ކައިރިއަށް މީހެއް. އޭނައާ މީޓް ކޮށްލަބަލަ" ޝާއިރާ އޭނާގެ އެދުމުގެ ވާހަކަ ބުންޏެވެ. ޝިޔާނާގެ ބޮލުގައި ވަގުތުން ރިއްސައިލިއެވެ. ރޭގައި އޭނާއަށް ކޮޓަރިން ބޭރަށް ނުކުމެވުމާ މިކަމާ ގުޅުމެއްވާކަން އޭނާގެ ސިކުނޑިން އިންޒާރު އަޅަމުން ދިޔައެވެ.

"މަންމާ. އަހަރެން އެއްވެސް މީހަކާ ބައްދަލު ކުރާކަށް ބޭނުމެއްނޫން. މަންމަ ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން އަޅައެއް ނުލަމެއްނު. ޕްލީޒް އަހަރެން ލައްވާ ތިކަންކަން ކުރަން ނޫޅޭ" ޝިޔާނާއަށް ޝާއިރާ ކުރަން އުޅުނުކަންތައް ރޭކައިލި ކަހަލައެވެ. ޝިޔާނާގެ ވާހަކަ ހުރިގޮތުން ޝާއިރާ ގާތަށް ރުޅިއައެވެ. އަދި އެ އައި ރުޅީގަ ގޮސް ޝިޔާނާގެ އިސްތަށިގަނޑުގައި ހިފިއެވެ.

"މަގޭ ކުރިމަތީގަ އަދި ފާޑު ފާޑުގެ ވާހަކަ އެބަ ދައްކައެެއްނު. ބަލަ ތިހިރީ ބޮޑުވެފަ. ކަލޭ ބޭނުން ނުވާތީތަ ރޭގަ ނުހުރެވިގެން އެތަނަށް ނުކުތީ.. މަސައްކަތްކޮށްގެން ލާރި ހޯދޭނީ!!! ކަލޭ ހީކުރީ ފައިސާ އަޅަނީ ގަހުގަ ކަމަށްތަ؟ މަ ގޮތްގޮތަށް އުޅެޔޭ ކިޔާފަ މޮޅެތި ބަސް އެއްލާއިރު އެންމެ ފަހަރަކުވެސް ހިތަކަށް ނާރާތަ ކަލޭގެ ބަފައާ ދިމާ ނުވިނަމަ މާ މި ވައްތަރަކަށް ނޫޅޭނެކަން. ކަލޭ ހީކުރަނީ ތިހެން ކިޔައިގެން މަ ލަދު ގަންނާނޭތަ؟ ކަލޭގެ ބަފާ ނޫނީ މަގޭ ބަފާ ދިޔަގޮތަށް ހާލުގަ ޖެހުނީމަ ކަލޭމެން އެއްލާލާފަ މަށެއް ނުފިލަމޭ. ބަލަ މަ މިވައްތަރަށް އުޅެގެން ނޫންތަ ކަލޭމެނަށް ބޯހިޔާވަހިކަންދީ ކާންދީ ހެދުންދީގެން މި އުޅެނީ؟؟ އެކައްޗެއްވެސް ލާނެ ކަމެއް ނެތް" ޝާއިރާ އެއްއަތުން ޝިޔާނާ ލައިގެންހުރި ހެދުމުގެ ކަރުވަޅުގައި ހިފައި ދަމައިގަތުމާއެކު ހެދުން އިރައިލިއެވެ. ޝިޔާނާ ރޮއެގަތެވެ. އެއަޑަށް ސިޓިންގްރޫމްގައި އިން ޝައިނާ ދުވެފައި އައިސް ޝާއިރާގެ ފައިގައި ހިފެހެއްޓިއެވެ.

"މަންމީ ޕްލީޒް. މަންމި ދޮންތިއަށް ތަދުނުކުރޭ ޕްލީޒް. " ޝައިނާރޮއެ ރޮއެފައި ޝާއިރާގެ ފައިގައި ހިފައިގެންއިނދެ އާދޭސް ކުރަމުންދިޔައެވެ. ނަމަވެސް ޝާއިރާ ހުއްޓައިލީ އެކި ފަހަރުމަތިން ދަމައި ޝިޔާނާގެ ހެދުން އެއްކޮށް ވީދައިލުމަށްފަހުގައެވެ.

" ފާޑު ފާޑުގެ ވާހަކަ ނުދައްކާ މިރޭ ތައްޔާރު ވެގެން ހުރޭ. ނޫނިއްޔާ ކަލެއަށް އެނގޭނެ މަގޭ ހުރިވަރެއް." ޝާއިރާގެ ފައިކައިރީގައި އިން ޝައިނާ ދުރަށް ފޮޅުވައިލަމުން ބުންޏެވެ. ޝައިނާގޮސް ކައިރީގައިހުރި ފާރުގައި ޖެހި މައިތިރިވިތަން ފެނި ޝިޔާނާ އަވަހަށް އެދިމާލަށް ދިޔައެވެ. އަމިއްލަ ދެލޮލުން ކަރުނަ ނުހިކުނު ކަމުގައިވިޔަސް ޝައިނާ އުރާލައި މޭގައި ލައްކޮށްލައިގެންހުރެގޮސް ކޮޓަރިއަށްވަނެވެ.

ޝިޔާނާގެ ހިތްވަނީ އިންތިހާއަށް ބިރުގަނެފައެވެ. މަންމަ ކުރާ ވިޔަފާރީގެ ތެރެއަށް ކޮންމެވެސް ދުވަހަކުން އޭނާ ވައްދާނޭ ހީވެފައި އޮތަސް މިހާ އަަވަހަށް މިދުވަސް ދެކެން ޖެހިދާނޭ އޭނާ ހިއެއް ނުކުރެއެވެ. އެދުވަހުގެ އިރުއޮއްސުނީ އެހެން ދުވަސްދުވަހަށްވުރެ މާ އަވަހަށޭވެސް ޝިޔާނާއަށް ހީވިއެވެ. ކޮޓަރީގައި ގިނައިރު ތަޅުލައިގެން ތިބުމުގެ ސަބަބުން ޝައިނާވެސް ބަނޑުހައިވެގެން ޝަކުވާ ކުރަމުންދިޔައެވެ. ނަމަވެސް ބޭރަށް ނުކުންނާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ޝާއިރާވެސް އޭނާ ހޯދާކަށް އަދި ނާދެއެވެ. މިރޭ އެކަމުން ސަލާމަތްވީ ކަމުގައި ދެކި ގާތްގަނޑަކަށް 10 ޖެހުމުން ޝިޔާނާ ނިދަން ތައްޔާރުވިއެވެ. އޭރު ޝައިނާވެސް އޮތީ ބަނޑުހައިވެގެން ޝަކުވާ ކުރަމުންގޮސް ނިދިފައެވެ. ޝިޔާނާ އެނދުގައި ފުރޮޅިލައި ފުރޮޅިލައި އޮތްތާ ގަޑިއެއްހާއިރުފަހުން ޝާއިރާ ކޮޓަރީގެ ދޮރުގައި ތަޅަން ފެށިއެވެ. ނަމަވެސް ޝިޔާނާ ދޮރުހުޅުވުމުގެ ހިޔާލެއް ނުކުރެއެވެ.

"ތަޅުލައިގެން ތި އޮންނަނީ މަށަށް ނުހުޅޅުވޭނެ ކަމަށްތަ؟ ނުކުމޭ" ޝާއިރާގެ ބާރު އަޑަށްނިދިފައި އޮތް ޝައިނާއަށްވެސް ހޭލެވުނެވެ. ޝައިނާ ބިރުންއައިސް ޝިޔާނާގެ ގައިގައި ބައްދައިލިއެވެ.

"ކޮއްކޮ ބަސްއަހައިގެން އިންނައްޗޭ އިނގޭ. ދޮންތި އެބަ އަންނަން" ޝިޔާނާ ކޮޓަރިން ނުކުތެވެ. އޭރު ސިޓިންގްރޫމްގެ ބޮޑު ގޮނޑީގައި ޝާއިރާގެ އިތުރުން ކުރީރޭ އޭނާ ވާހަކަދެއްކި ދެ ފިރިހެނުން ތިއްބެވެ. ދަހިވެތިވެފައިވާ ސިންގާތަކެއް އޭގެ ކޮއްތަށް ބަލާފަދަ އުސޫލަކުން އެމީހުން ޝިޔާނާއަށް ބަލަމުން ދިޔައެވެ. ޝިޔާނާ އައުމާއެކު އެތަނުން އެކަކު އަތުގައި އޮތް ސިޓީއުރައެއް ޝާއިރާގެ އަތަށް ދިއްކޮށްލިއެވެ. ޝާއިރާ އޭގެން ނެގި ފަސްސަތޭކައިގެ ނޫޓުބޮނޑިފެނި ޝިޔާނާގެ ލޯބޮޑުވިއެވެ. އޭނާގެ މަންމަ ހަގީގަތުގައިވެސް އޭނާގެ އިއްފަތްތެރިކަން ވިއްކައިލަނީބާއެވެ.

"ހަމަ ވާނެތަ؟" ޝާއިރާ ރުންކުރު ގޮތަކަށް އެދެމީހުންގާތު އެއްސެވެ.

"ކޮންއިރަކުތަ އަހަރުމެން މަދުންދިނީ؟" އެތަނުން އެކަކު ޖަވާބުގައި ބުންޏެވެ.

"އޯކޭ އަހަރެން މިދަނީ މިރޭ ސަފާރީއަށް. ގޮއްސަ އަންނަން ވާއިރަށް ކުރާކަމެއް ކޮށް ނިންމަންޖެހޭނެ. އަދި ބުނަން. މީ މަށަށް އެނގިގެން ހިނގާ ކަމެއްނޫން" ޝާއިރާ އަތްދަބަސް އަޅުވައިލަމުން ގޮނޑިން ތެދުވިއެވެ. ނަމަވެސް ދޮރާއި ހަމައަށް ނުދެވެންދެން ޝިޔާނާ ދުވެފައިގޮސް ޝާއިރާގެ އަތުގައި ހިފެހެއްޓިއެވެ.

"މަންމާ. ދަނީތަ؟ އަހަރެން އެކަނި ބަހައްޓާފަތަ؟ މަންމާ ޕްލީޒް ނުދޭ. އާދޭސް ކޮށްފަ މިބުނީ މަންމާ. މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި. މަންމާ. އެމީހުން އަހަންނަށް ކޮންމެ ގޮތެއްވެސް ހަދާފާނެ މަންމާ ޕްލީޒް" ޝިޔާނާ ރޮއެފައި ކުރަމުންދިޔަ އާދޭސްތައް އެހުމެއްނެތި ޝާއިރާ ޝިޔާނާ ދުރަށް ކޮށްޕައިލިއެވެ. އަދި އެތަނުން ނުކުމެގެން ދިޔައެވެ.

އަމިއްލަ ހަލާމެދު ހަމްދަރުދީވަމުން ގިސްލެވޭހާލު ޝިޔާނާއަށް ފާރުގައި ލެގިލެވުނެވެ. ނަމަވެސް ދުރުގައި ތިބި ދެމީހުންގެ ތެރެއިން އެކަކު އިންތަނުން ތެދުވެ ޝިޔާނާއާ ދިމާލަށް ފިޔަވަޅު އަޅައިލުމާއެކު އޭނާ ދުވެފައިގޮސް ކޮޓަރިއަށްވަދެ ތަޅުލިއެވެ. ބޭރުގައި ތިބި މީހުނަށް އެކަމުން އަސަރެއް ނުކުރާ ކަހަލައެވެ. އެމީހުން އައިސް ކޮޓަރީގެ ދޮރުގައި ތަޅަންފެށިއެވެ.

"އޭ މަންޖޭ. ތިހެން ފިލޭނެ ކަމަށްތަ ހީކުރަނީ؟؟ އަހަރުމެން ތިހިރީ ކަލޭ ގަނެފައޭ"

"ތެދެއް ފުރަތަމަ އަހަރުމެންގެ ހުރި ވަރެެއްވެސް އެނގޭނީ އެއްފަހަރު ގޮތް ބަލާލީމައެއްނު"

އެމީހުންގެ ވާހަކައަށް ރައްދު ދިނުމެއްނެތި ޝިޔާނާ ކޮއްކޮގެ ގައިގައި ބައްދާލައިގެން އިނެވެ. އެދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ދަތްދޮޅީގެ ކައިރިންގޮސް ޝައިނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ހިނދެމުންދިޔައެވެ.

"އޭ ދޮރު ވައްޓާލަންވީތަ ނޫނީ ހުޅުވާނީތަ؟؟ ****" ބޭރުން ވާހަކަދައްކަމުންދިޔަ މީހާ ވަރަށް ބާރަށް ގޮވައިލިއެވެ. އެވަގުތު އޭނާ ދޮރުގައި ޖެހިބާރުމިނުން ހީވީ ދޮރުވެސް ދެންމެ ދެންމެ ނައްޓައިގެން ގޮސްދާނެ ހެންނެވެ. ޝިޔާނާގެ ގައިގައި ބައްދާލައިގެން އިން ޝައިނާވެސް ސިއްސައިގެން ދިޔައެވެ. އެކުއްޖާ އިނީ އަނގައިން ބަހެއްވެސް ބޭރު ނުވާވަރަށް ބިރުގެންފައެވެ. ޝިޔާނާއަށް ސަލާމަތެއްނެތްކަން އެނގި ހަތިޔާރު ބަހައްޓަން މަޖުބޫރުވިއެވެ.

"ކޮއްކޯ. ދޮންތި ދޫނީ. ދޮންތި މި އުޅެނީ ދޮރު ހުޅުވަން އިނގޭ. ދޮންތި ކޮއްކޮ ފާހަނައަށް ލާނަން. އެ ބޭބެތައް އެ އައީ ދޮންތިއާ ކޮންމެސް ވާހަކައެއް ދައްކަންވެގެން. އެ ބޭބެތައް ދިޔައިމަ ދޮންތި ދޮރު ހުޅުވާނަން އިނގޭ. އެކަމް ކޮއްކޮވެސް އެތެރެއިން ތަޅުލައިގެން ހުންނައްޗޭ. ކޮންމެ އަޑެއް އިވުނަސް ދޮންތި ކޮންމެ އެއްޗެއް ކިޔަސް ދޮންތި ކިތަންމެ ހަޅޭލެވިޔަސް ކޮއްކޮ ވާހަކަ ނުދައްކައްޗޭ. ދޮރުވެސް ނުހުޅުވައްޗޭ އިނގެ. ޕްލީޒް. ފިލަފިލާ ކުޅޭ ގޮތަށް. ޕްލީޒް ދޮންތި މިބުނި ވާހަކަ ހަނދާން ބަހައްޓައްޗޭ. ވާހަކަ ނުދައްކާތި!! ދޮރުގައި ޓަކިވެސް ނުޖަހާތި!! އައި ލަވް ޔޫ ސޯ މަޗް ދޮންތިގެ ޕްރިންސަސް." ޝިޔާނާ ފާހަނައިގެ ދޮރުކައިރީގައިހުރެ ޝައިނާއާ ސިއްރުން ވާހަކަދެއްކިއެވެ. އެފަދަ ރަހުމްކުޑަ ބަޔަކު ތުއްތު ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލަންވެސް ފަސްނުޖެހޭނެކަން އެނގޭތީ އޭނާ އަވަސްވެގަތީ ކޮއްކޮއަށް ހިމާޔަތް ދިނުމަށެވެ. އޭރު އަޑު ބޭރުނުވި ނަމަވެސް ގަނެފައިވާ ބިރުގެ ސަބަބުން ޝައިނާއަށް ރޮވެމުންދިޔައެވެ. ނަމަވެސް ޝިޔާނާގެ ވާހަކައަށް އެއްބަސްވަމުން ޝައިނާ ނިކަން އަވަހަށް ބޯ ޖަހައިލިއެވެ.

ޝައިނާ ފާހަނައަށްވަދެ ތަޅުލުމާއެކު ޝިޔާނާވެސް ފާހަނައިގެ ބޭރުން ތަންޑު އަޅުވައިލިއެވެ. އޭނާގެ ކުޑަވެސް ނަސީބެއް ހުރިނަމަ މަންމަ އެދެމީހުނަށް ޝައިނާ އެކޮޓަރީގައި އުޅޭކަން އަންގައިފައި ނުވާނެކަމަށް އުއްމީދުކުރެވެމުން ދިޔައެވެ. އަދި ޝައިނާ ގަނެފާނެ ބިރަކަށް ވިސްނައިލަމުން ފާހަނައިގެ ލައިޓް ޖައްސައިލުމަށްފަހު ކޮޓަރީގެ ދޮރާއި ދިމާލަށް ހިނގައިގަތެވެ.

ޝިޔާނާ އަށް ދޮރު ނުހުޅުވެންދެން ދޮރު ނައްޓައިގެން އައިސް ވަރަށް ބާރަށް ޝިޔާނާގެ ގައިގައި ޖެހުނެވެ. ތޫނު ތަދަކާއެކު ޝިޔާނާގެ ނިއްކުރިން ލޭ އަންނަން ފަށައިފިއެވެ. ކޮޓަރިއަށް ވަތް ދެ ފިރިހެނުންނަށް އެކަމުން އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. އެމީހުންގެ ބާރުގައި ޝިޔާނާ އެނދާއި ހިސާބަށް ގެންދިޔައިރުވެސް ޝިޔާނާގެ އާދޭހަކަށް ހުއްޓުމެއް ނާދެއެވެ.

"ޕްލީޒް… ހެޔޮނުވާނެ. އަހަރެންނަށް ތިހެން ނަހަދާ. ބަލަ ތީ އިންސާނުންނެއް ނޫންތަ؟ އަހަރެން ދޫކޮށްލާ ހެޔޮނު–"

ޝިޔާނާގެ ވާހަކަ ހުއްޓުނީ އެއިން މީހަކު އޭނާގެ އަނގަމަތީގައި ޖެހުމުންނެވެ. އިސާހިތަކު އަނގަމަތިވެސް ފަޅައިގެންގޮސް ލޭ އަންނަން ފެށިއެވެ. އެމީހުން ޝިޔާނާގެ އަޑު ބަންދުކުރުމަށްޓަކައި އެނދުގައި އޮތް ބެޑުޝީޓު އަތަށް ބޮނޑިކޮށްލަމުން ޝިޔާނާގެ އަނގަޔަށް ކޮށްޕައިލިއެވެ.

ސަލާމަތްވާން ކިތަންމެ މަސައްކަތް ކުރިނަމަވެސް އެގޭގެ ބޯ ފާރުތަކުގެ ތެރެއަށް ހިނދެމުންދިޔަ އަޑުތަކާއެކު ޝިޔާނާގެ އިއްފަތްތެރިކަންވެސް އަނިޔާވެރި ބައެއްގެ ފައިދަށުވެގެން ހިނގައްޖެއެވެ. އެދެމީހުންނަށް ޝިޔާނާގެ ހަށިގަނޑަކީ އެފަދަ ކަމަކަށް މުޅިންއާ ހަށިގަނޑެއްކަންވެސް ނޭނގޭކަހަލައެވެ. މަންމަ އޭނާ ވިއްކައިލިއިރު އެކަކަށް ވިއްކައިނުލީ ކީއްވެބާއޭވެސް ޝިޔާނާގެ ހިތަށް އަރަމުންނެވެ. އެކަމުންވެސް އޭނާއަށް ލިބެމުންދާ ވޭން އިންތިހާއެވެ. ނަމަވެސް ހަށިގަނޑުގެ ހުރިހާ ނާރެއް ބުރިބުރިވަމުންދާފަދަ ވޭނާއެކުވެސް ޝިޔާނާގެ ހިތްވަރަކަށް ގުޑުމެއް ނާދެއެވެ. އޭނާގެ ހަށީގައި ހަމަ ނޭވާ ހުރި ހިނދަކު އެމީހުން ކުރަން އުޅޭ ކަންތަށް އޭނާގެ ރުހުމުގައި ކުރާނެ ފުރުސަތެއް ނުދޭނެއެވެ. އޭނާއަށް ވީވަރަކުން އަނގައިގައި އޮތް ބެޑުޝީޓު ދުރުކޮށް ހަޅޭލަވައި އެދެމީހުން ދުރަށް ކޮއްޕަމުން ދިޔައެވެ. ސަލާމަތްވާން ކުރި މަސައްކަތުގެ ތެރެއިން ޝިޔާނާއަށް އެތަނުން އެކަކުގެ ފަލަމަސްގަނޑުގައި ފައި އަޅައި ކޮށްޕައިލެވުނެވެ. އެމީހާ ދުރަށް ޖެހިލުމާއެކު ލިބުނު ޖާގައިގެ ބޭނުން ހިފައި ޝިޔާނާ އެތަނުން ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް އެއާ ޖެހިގެންހުރިމީހާ ޝިޔާނާގެ އަތުގައި ހިފައި އެނދާ ދިމާލަށް ހޫރައިލިއެވެ. އެވަގުތު ޝިޔާނާގެ ބޯ ބާރު އަޑަކާއެކު ކައިރި ފާރުގައި ޖެހުނެވެ. އިސާހިތަކު ޝިޔާނާގެ މޫނުމައްޗަށް އަނދިރިވެ ހޭ ހުއްޓިއްޖެއެވެ.

ފާހަނައިގެ ދޮރުގައި ލެގިލައިގެންއިން ޝައިނާއަށް އިރުއިރުކޮޅާ އިސް އުފުލައިލައި ފާހަނައިގެ ތަންޑާއި ދިމާލަށް ބަލައިލެވެއެވެ. ދޮންތަގެ ވޭނީ ހަޅޭކުގެ އަޑު އިވޭ ކޮންމެ ފަހަރަކު އެ ޅަހިތް ކުދިކުދިވަމުންދާ ކަހަލައެވެ. ކަމުގެ ކުޑަބޮޑުމިން އިހުސާސް ނުވިކަމުގައިވިޔަސް ދޮންތައަށް ބަޔަކު އަނިޔާވެރި ވަނީކަން އޭނާގެ ޅަސިކުނޑިއަށް ވިސްނެއެވެ. ކުއްލިއަކަށް ދޮންތަގެ އަޑު ކެނޑިގެން ދިޔުމާއެކު ޝައިނާގެ ހިތަށް ހާސްކަން ވެރިވި ނަމަވެސް އެކުއްޖާ ދޮންތައަށްވި ވައުދުގައި ހިފެހެއްޓިއެވެ. ކޮންމެ ގޮތެއްވިޔަސް ފާހަނައިގެ ދޮރުގައި ޓަކި ނުޖެހުމަށް އަދި އަނގައިން ބަހެއް ބޭރު ނުކުުރުމަށް ވީ ވައުދެވެ. އަޑު ނުކުމެދާނެކަމަށް އެތުއްތު ދެއަތުން އަމިއްލަ އަނގަ ނިވާކޮށްލައިގެން އިނެވެ. މެންދުރު ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ކޮޓަރިއަށް ވަތްގޮތަށް ނުކައި އިނުމުންނާއި ފާހަނައިގައި ގިނައިރު އިނދެ ގައިން ދާހިތްލަމުން ދިޔުމުގެ ސަބަބުން ތުއްތު ޝައިނާގެ ހަށިގަނޑުން ވަރުދޫވެ ފެންމަދުވަމުން ދިޔައެވެ. އިތުރަށް ކޮޅަށް އިންނާނެ ހިތްވަރު ނެތުމުގެ ޝައިނާ ފައިކުރުކޮށްލައިގެން ފާހަނައިގެ ތަޅުންމަތީގައި އޮށޯވެލިއެވެ. އެވަގުތު އޭނާގެ ލޯ މެރިގެންދިޔައީ ނިދީގެ ސަބަބުންކަމެއް ނުވަތަ ހަބަރުހުސްވެގެންކަމެއް ނޭނގެއެވެ.

"އޭ ކިހިނެއް ތި ހެދީ؟ ހެސްކިޔާފާ ލޭ ފައިބާ އެބަ މީނަ ބޮލުން" ޝިޔާނާގެ ގާތުގައި ހުރި ފިރިހެންމީހާ ބުންޏެވެ.

"މަ ގަސްތަކު ނޫނެެއްނު. އޭނަ ގަދަ ހަދަންފެށީމަ މަވެސް އެހެން ހެދީ. މިހާރު ހެއެއްވެސް ނެތް ދޯ؟" ދެންހުރި މީހާ ހާސްވެފައި ބުންޏެވެ.

"ބުރޯ. މީނަގެ ވިންދެއް ނެތް. ނޭވައެއްނުލާ" ޝިޔާނާގެ ގާތުގައިހުރި މީހާ ބުންޏެވެ. އެމީހުންގެ މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ.

"އޭ މީނަ މިއޮތީ މަރުވެފަ ކަންނޭގެ. މިއީ ހުސް ކަލޭގެ ކަންތައް. ކަލޭ ޖެހޭތަ އެގޮލާ ހޫރާލަން" ރުޅިއައިސްގެންގޮސް އެނާ ދެންހުރި މީހާގެ ކަރުގައި ހިފައިގަތެވެ.

"އޭ އޭ މާއްޓޭ ކައޭ ހަމަޖެހިބަ. މިގަޑީ މަގޭ ގައިގަ ތަޅައިގަތީމަ ކޯއްޗަކަށްތަ ވާނީ؟ މަށަށް އަންނަ ތުހުމަތަކިއްޔާ ކައެއަށްވެސް އަންނާނެ. ހިނގާބަލަ ވިސްނަން. މީނަ މިތާ ބާއްވައިގެނެއް ނުތިބެވޭނެއެއްނު" ޝިޔާނާ ކޮއްޕާލި މީހާ ހާސްވެފައި މޫނުގައި އަތް އުނގުޅައިލިއެވެ. "ހިނގާ ވަޅުލަން ދާން"

"އޭ ކައޭ މޮޔަވީތަ؟؟ މިހާރު މީހުންތައް ފަތިސް ނަމާދަށް ދާނޭ. މީ މާ ގަސްގިނަ ބޯ ޖަންގައްޔެއް އޮންނަ ރަށެއްވެސްނޫން ކޮންތާކުތަ ވަޅުލާނީ. އެބޮތް ގޮތެއް!! އަން މީގަ ދަންމަޅިއެއް ޖަހާބަލަ" އޭނާ ދެންހުރި މީހާ އަތަށް އެނދުގެ ބެޑްޝީޓް ނަގައި އޮޅައިލުމަށްފަހު ދިއްކޮށްލިއެވެ. އޭރުވެސް ދެންހުރި މީހާ ހުރީ ވަމުންދާގޮތެެއް ނޭނގި ސުވާލު މާކެއްގެ ތެރޭގައެވެ.

"ސާބަސް ބަލަން ނުހުރެ މީގަ ދަންމަޅިއެެއް ޖަހާބަލަ. ޝާއިރާ ހީކުރާނީ މިރޭ އަހަރުމެން އޭނައަށް މިހެން ހެދީމާ އަމިއްލައަށް މަރުވީ ކަމަށް. އޭނާ އެގޮތަށް އެހެން މީހުނަށް ކިޔާދޭނެ. އަވަސްކުރޭ. އަހަރުމެންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ މީ"

އެމީހާ އެދުނު ގޮތަށް ޝިޔާނާ މަރާލި މީހާ ދަންމަޅިއެއް ޖަހާލައި ފަންކަލުގައި އަޅުވާލައިފިއެވެ. ދެމީހުންގެ މަސައްކަތުން ޝިޔާނާ އޭގައި އެލުވުމަށްފަހު ބަދިގެއިން ގެނައި ތެލިދޮންނަ ފުޅިއާއި ދާގަނޑު އަދި ސްޕޮންޖްގެ އެހީގައި ކޮޓަރީގެ އެތަން މިތަނުގައިހުރި ލޭތައް ފިލުވައިލުމަށްފަހު އޭއްޗެސް ކޮތަޅަކަށްއަޅައި އެ ހިފައިގެން އިރު އަރަންވާއިރަށް އެގެއިން ނުކުތެވެ. އެމީހުންގެ މަސައްކަތާމެދު އެމީހުން ތިބީ ހިތްހަމަ ޖެހިފައެވެ. އެމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން މި ފަނާވަނިވި ދުނިޔެއާ އަލަވަދާއުކީ ޝިޔާނާގެ ފުރާނައަކީ އެދެމީހުނަށް އެއްޗެސް އަގެއްހުރި އެއްޗެއް ނޫންކަހަލައެވެ.

އާދުވަހަކަށް އިރުއަރައިގެން އައި އިރު ރަށުތެރޭގައި ފަތުއަޑު ކިޔާފައި ދައްކަމުންދިޔައީ ޝިޔާނާ ދަންޖެހުނު ވާހަކައެވެ. ސަފާރީގައި ރޭ ހޭދަކޮށްލުމަށްފަހު ޝާއިރާ ރަށަށް އައީ އެދުވަހުގެ ހަވީރުގެ ވަގުތާއި ގާތްވަނިކޮށެވެ. ގެއާ ދިމާލަށް ހިނގަމުންދިޔައިރު މަގުތަކުން ދިމާވާ ކޮންމެ މީހެއް އޭނާއަށް ބަލަމުން ދިޔައެވެ. ނަމަވެސް އެއީ އާންމު އުސޫލުކަމަށްވާތީ އެކަމަށް މާބޮޑު ފަރުވާލެއްނުދީ ޝާއިރާ ކުރިއަށްދިޔައެވެ. ގެއާ ހިސާބަށް އާދެވުނުއިރު ގޭދޮށަށް އެއްވެފައި ތިބި މީހުނާއި ފުލުހުންގެ ވެހިކަލްފެނި އޭނާ އަވަސްއަވަހަށް މީހުންގެ ތެރެއިން ފުރޭނިގެންއައިސް އެންމެ ކުރީ ސަފުގައި ހުއްޓިލިއެވެ. އެވަގުތު ފޮތިގަނޑެއް އަޅައިގެން ނެރުނު ހަށިގަނޑުފެނި އޭނާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އެއީ ޝިޔާނާއަށް ވެދާނޭ އޭނާގެ ހިތްބުންޏެވެ. ޝާއިރާއަށް ހުރެވުނީ ހުރި ފިޔަވަޅު މަތީގައި ގަނޑުވެފައެވެ.

"އައްސަލާމް އަލައިކުމް. ޝިޔާނާގެ މަންމަ ތޯ؟" އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު ޝާއިރާއަށް އިޝާރާތް ކުރުމުން އެތަނުގައި އިިސްކޮށް އުޅުނު އޮފިސަރު އައިސް ޝާއިރާގެ ގާތުގައި ހުއްޓިލިއެވެ. އެރަށުގެ ފުލުހުންނަށް އޭނާއަކީ ކާކުކަމާއި އޭނާގެ އުޅުން އެނގޭނެކަން ޝާއިރާއަށް އެނގެއެވެ. އެރަށުގައި އެކަމަށް ފިޔަވަޅު އަޅާނެވަރުގެ ފުލުހެއް ނުހުންނާނެކަންވެސް އެނގެއެވެ. އެހެންކަމުން އެއީ އެރަށު ފުލުހެއް ނޫންކަން އޭނާއަށް އެނގުނެވެ. ނަމަވެސް އެމީހާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޝާއިރާ ބޯ ޖަހައިލިއެވެ.

" އަޅުގަނޑަކީ ސަރޖެންޓް ނިޒާމް. ޝިޔާނާގެ މަރުގެ ތަހުގީގުގައި ހަރާކާތްތެރިވުމަށް މާލެއިން ފޮނުވި ޓީމުގައި އިސްކޮށް ހަރާކާތްތެރިވާ އޮފިސަރ. ޝިޔާނާގެ މަންމައާ އަޅުގަނޑު ސުވާލުކޮށްލަން ބޭނުން. އެތެރެއަށް ވަޑައިގަންނަވާ" ޝާއިރާ އެ އޮފިސަރުގެ އިޝާރާތަށް ގޭ ތެރެއަށްވަނެވެ.

"ބައްލަވާ އަޅުގަނޑު ރަށުގައި ނެތި އެނގޭތޯ ހިނގިކަމެއް ހިނގީ. އަޅުގަނޑު ރޭގެ ވަގުތެއްގައި ރަށުން ބޭރަށް ދިޔައީ. އަޅުގަނޑަކީ ޝިޔާނާގެ މަންމަ އަޅުގަނޑަށް ކިޔާދެވިދާނެތޯ މިކަން ހިނގިގޮތް." ޝާއިރާ އަމިއްލަ ދިފާއުގައި ވާހަކަ ދެއްކިއެވެ.

"އަޅުގަނޑުމެންނަށް ފުރަތަމަ މިކޮޅު ސްޓޭޝަނުން ކޯލެއް އައީ މެންދުރު އެގާރަ ޖެހިއިރު. ހީވާގޮތުން މައްސަލަ ރިޕޯޓު ކުރީ ގެ ކައިރީގައި އުޅޭ އަވަށްޓެރިއެއް. ޝިޔާނާގެ ކޮޓަރީގެ ބިއްދޮށަށް ވާގޮތަށް މިގެއާ އިންވެގެން ހުރި އަނބުގަހަކުން އަނބު ބިންނަން އުޅުމުގެ ތެރޭގައި މިގޭގެ އިންފާރުން އެތެރެއަށް އަނބުތައް އެޅިގެން އަނބުތައް ހޮވަން ގެއަށް ވަތް މީހެއް އެއީ. އެމީހާ ގޭތެރެއަށް ވަނީ ފާހަނައިން ކުޑަކުއްޖަކު ރޮމުން ދޮރުގައި ތަޅާއަޑަށް ކަމަށް ބުނި. އެކުއްޖާ ކޮބާތޯ ބަލަމުން އަންނައިކޮށް ޝިޔާނާގެ ކޮޓަރި ދޮރު ހުޅުވާފައި ހުރެގެން އޭނާވަތް އިރު ޝިޔާނާ ހުރީ ފަންކަލުގައި ދަންޖަހެފައި. އެމީހާ އެކުއްޖާ ގޮވައިގެން ނުކުތްގަޑީ ކުއްޖާއަށްވެސް މަންޒަރު ފެނުނު. އެކުއްޖާ އެގަޑީގަ ރޮމުން ފާހާނާއިގަ އެކުއްޖާ ތަޅުލީ ޝިޔާނާ ކަމަށްބުނި. ޝިޔާނާގާތަށް ދާންވެސް އުޅުނު. ކޮންމެއަކަސް މިކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުންވެސް ވަނީ ވަރަށްބޮޑު އަސަރުތަކެއް ކޮށްފަ. ރުއިން ހުއްޓާލިގޮތަށް އަދިވެސް ވާހަކައެއް ނުދައްކާ. މިވަގުތު ކުއްޖާވީ ސިއްހީ މަރުކަޒުގަ. ޝިޔާނާގެ މަރާބެހޭގޮތުން މިހާތަނަށް ބުނެވޭނީ އަމިއްލައަށް މަރުވި މަރެއްގެ ގޮތުގައި." ފުލުސް މީހާ ޝާއިރާއަށް ކަން ވެގެން އުޅޭގޮތުގެ ކުރު ހުލާސާއެއްދިނެވެ.

"އަހަރެން އަހަން ބޭނުންވަނީ އެންމެ ސުވާލެއް. ޝިޔާނާ މަރުވީ އަމިއްލައަށް ކަމުގައި ފެނުނަސް ޝިޔާނާގެ ގައިން އެކި ކަހަލަ އަނިޔާގެ ނިޝާންތަށް ފެންނަށް އެބަހުރި. މިކަމުގައި ބައެއްގެ އަތެއްވެސް ވެދާނެ. ޝިޔާނާ މަރުވި ރޭ ޝިޔާނާގެ މަންމަ ކޮންމެހެންވެސް ރަށުން ވޭރަށް ދާން ޖެހުނީ ކީއްވެތޯ؟" ނިޒާން އޭނާ އަހަން އުޅުނު ސީދާ ސުވާލު ކޮށްލިއެވެ.

ޝާއިރާ ހާސްވެ ކަންބޮޑުވިއެވެ. މޫނުމަތިން ދާހިއްލަން ފަށައިފިއެވެ. ނަމަވެސް ގަދަކަމުން ދެލޮލަށް ކަރުނަތައް ހިލުވައިލަމުން އޭނާ މަންމައެއްގެ ރޯލު ކުޅުމަށް އަވަސްވެގަތެވެ.

"އާން މީ ހުސް އަހަރެންގެ ކުށް. އަހަރެންނަށް ޝިޔާނާ ބަހައްޓާފަ ނުދެވުނު ނަމަ މިހެން ނުވީސް. މަގޭ ދަރި" ޝާއިރާ ރޮމުން ރޮމުން ގޮނޑީގައި އިށީނެވެ.

"ބައްލަވާ އަޅުގަނޑުވެސް މަސައްކަތް މިކުރަނީ މިކަމުގެ އަޑީގަ އިތުރު ބަޔަކު ތިބިތޯ ބަލަން. ދަރިފުޅަށް އިންސާފު ހޯދައިދޭން ބޭނުން ނަމަ ތަހުގީގަށް އެއްބާރުލުން ދެއްވާ. އަޅުގަނޑު ކުރި ސުވާލަށް ޖަވާބު ދެއްވާ." ނިޒާމް ޝާއިރާ ގާތު އިށީނދެލަމުން ބުންޏެވެ.

"އަޅުގަނޑަށް އެނގޭނީ ކިހިނެއް މިހެން ވާނެކަމެއް؟؟ މިރަށު އެންމެނަށްވެސް އެނގޭނެ. އަޅުގަނޑަކީ ވަރަށް ގިނައިން ރަށުން ބޭރަށް ދާ މީހެއްކަން. އަބަދުވެސް ދަނީ ކުޑަކުއްޖާ… މިބުނީ ޝައިނާ.. ޝިޔާނާއާ ހަވާލުކޮށްފަ. ރޭގައިވެސް ވީ ހަމަ އެހެން. އެކަމަކު އައި އިރު ބަލާބަލަ އަހަރެންގެ ދިރިއުޅުމަށް ވެފަ އޮތްގޮތް" ޝާއިރާ އަނެއްކާޥެސް ރޯންފެށިއެވެ. ނިޒާމް އެތަނުން ތެދުވެ އެތާހުރި އެހެން އޮފިސަރެއްގާތު ޝާއިރާގެ ކުޑަދަރިފުޅު ކައިރިއަށް ސިއްހީ މަރުކަޒަށް ގެންގޮސް ދިނުމަށް ބުންޏެވެ.

ސިއްހީ މަރުކަޒަށް ދެވުމާއެކު ޝާއިރާއަށް އިތުރު ހައިރާންކަމެއް ލިބުނެވެ. ޝައިނާ ކައިރީގައި އިށީނދެލައިގެން އެއިނީ މީގެ 16 އަހަރުކުރިން އޭނާ ދޫކޮށްލާފަޢި ދިޔަ ބައްޕައެވެ. ޝާއިރާގެ ގާތަށްރުޅިއައެވެ. ބަޢްޕައާ ދިމާއަށްހަޅޭއްލަވައި ފޮނުވައިލަން ބޭނުންވިއެވެ. ނަމަވެސް ކައިރީގައި ހުރި ފުލުސް އޮފިސަރާމެދު އޭނާ ވިސްނާލިއެވެ.

"ކީއްކުރަން ކަލޭ ތި އައީ؟ ކާފަދަރި ފެނިގެންތަ؟ ބުނަން. މިތަނުން ދޭ. މިއީ މަގޭ ދަރިއެއް. މަރުވީވެސް މަގޭ ދަރިއެއް. ކަލޭމެން މިކަމުގެ ތެރެއަށް ވަންނަން ނޫޅޭ!!" ޝާއިރާ ބައްޕަގެ އިތުރުން އެތަނުގައި އިން އޭނާގެ ކޮއްކޮއާއި ކޮއްކޮގެ ފިރިމީހާއަށް މުހާތަބުކޮށް ބުންޏެވެ.

"ޝިޔާނާއަށް ވި ކަންތަކަށްފަހު އަހަރުމެން ޝައިނާ ކަލެއަށް ދޫކޮށްލާފަ ދާނެހެން ހީވަންޏާ އެއީ ކަލެއަށް ކުރެވޭނެ ވަރަށްބޮޑު ކުށްހީއެއް." ޝާއިރާގެ ބައްޕަ ބުންޏެވެ.

"އޭ މީ މަގޭ ދަރިއޭ އަޑެއްނީވޭތަ؟ ކަލޭމެނަކަށް ނުބެހެވޭނެ" ޝާއިރާ ހަޅޭއްލަވައިގަންނަމުން ޝައިނާގެ އަތުގައި ހިފިއެވެ. ނަމަވެސް ޝައިނާ ސިއްސައިގެންގޮސް ޝާއިރާގެ ކޮއްކޮގެ ގައިގައި ބައްދައިލިއެވެ. އޭރު ދުރުގައިހުރި ފުލުސް އޮފިސަރުވެސް އެމީހުން ގާތަށް އަތުވެއްޖެއެވެ.

"ކިހިނެއްތޯ ވީ؟" އެމީހާ ސުވާލުކުރިއެވެ.

"މީނަ އުޅެނީ މަގޭ ދަރިފުޅު ގެންދަން" ޝާއިރާ އައިސްފައިހުރި ރުޅީގައި ބުންޏެވެ.

"ބައްލަވާ އޮފިސަރ. އަޅުގަނޑަކީ މިކުއްޖާގެ ކާފަ. ދެން މިީނީ މިކުއްޖާގެ ބޮޑުދައިތަ. އަޅުގަނޑުމެން ބުނީ ޝިޔާނާ އެފަދަ ގޮތަކަށް ފެނުމުން ކުއްޖާއަށް އައިސްފައިވާ ނަފްސާނީ ބަދަލުތަކާއެކު އެގޭގައި އުޅޭކަށް ފަސޭހައެއް ނުވާނޭ. ޝާއިރާއަށްވެސް މިކަމާ ފިކުރުކުރަމުން އެކުއްޖާއަށް އެންމެ ދޭން ވާވަރު އަޅާލުމެއް ނުދެވޭނެޔޭ. ކޮންމެ ގޮތެއްވިޔަސް މަރުވީވެސް ހަމަ ޝާއިރާގެ ދަރިއެއް. އެންމެ ރަނގަޅުގޮތަކީ ޝާއިރާއަށްވެސްް މިކަމުން އަރައިގަނެވެންދެން އަޅުގަނޑުނެން މާލެ ގެންގޮސް މިކުއްޖާއަށް ފަރުވާ ދިނުން. އަދި ކުއްޖާ ހަމަޖެހެންދެން މި މާހައުލާ ދުރަށް ގެންދިޔުން." ޝާއިރާގެ ބައްޕަ ބުންޏެވެ. ޝާއިރާގެ ފަރާތުން ލިބިދާނެ ޖަވާބަކަށް އޮފިސަރު ޝާއިރާގެ މޫނަށް ބަލައިލިއެވެ.

"މައްސަަލައެއްނެތް. އަހަރެންވެސް ތިކަން ގަބޫލުކުރަން. ފަރުވާ ނިމުނުހާ އަވަހަކަށް މަގޭ ދަރުފުޅު ގެނެސްދޭން ޖެހޭނެ. އޮފިސަރ. ހިނގާ އަޅުގަނޑަށް ޝިޔާނާގެ މޫނު ދައްކާލަން" ޝާއިރާގެ އެދުމަށް އޮފިސަރ ޝާއިރާ ގޮވައިގެން ދިޔައެވެ. އޭނާހުރީ ޝައިނާގެ ކިބައިންވެސް ސަލާމަތްވެވޭތީ ހިތްހަމަ ޖެހިފައެވެ.

އެހުރިހާ މަންޒަރެއް ބަލަން އިން ކުޑަކުޑަ ޝައިނާއަށް އޭރު އެއީ އޭނާއަށް އެ ނުބައި މަންމަ ފެންނާނޭ އެންމެ ފަހު ފަހަރުކަމެއް ނޭނގެއެވެ. ޝައިނާމެން މާލެ އައިތާ ތިންމަސް ދުވަސްވީއިރު ފުލުހުންނަށް ޝިޔާނާގެ ހަށިގަނޑުން ލިބުނު ޑީ.އެން.އޭ ގެ އެހީގައި އެރޭގެ ދެ ގާތިލުން ހޯދައި ސުވާލުކުރެވުނެވެ. އަދި އެމީހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކުގެ އެހީގައި ޝާއިރާވެސް ހައްޔަރު ކުރެވުނެވެ. އަދި އެތިންމީހުންނަށް އުމުރު ދުވަހުގެ ޖަލުހުކުމެއް ކުރެވުނެވެ. ނަތީޖާއެއްގެގޮތުން ގޮތުން ޝައިނާގެ ބަލަދުވެރިކަން ވާރުތަވީ އޭނާގެ ބޮޑުދައިތާ ޝަފިއްޔާއަށެވެ. ޝަފިއްޔާގެ ދެމަފިރިންވެސް އެކަމާ ތިބީ ނުހަނު އުފަލުންނެވެ. އެދެމަފިރިންނަށް ލިބިފައިވާ ހައަހަރުގެ ތުއްތު ޝިމާންއާއެކު ދިހަ އަހަރުގެ ޝައިނާ އެމީހުން ބަލައިބޮޑު ކުރީ އަމިއްލަ ދަރިއެއްފަދައިންނެވެ.

އަމިއްލަ މަންމައަކު އަޑީގައިހުރެ ދަރިއަކާމެދު އަމަލުކުރި ލާއިންސާނީ ގޮތުގެ ވާހަކަ ވެގެންދިޔައީ އެދުވަސްކޮޅު މުޅި ރާއްޖެވެސް ސިއްސުވައިލި ވާހަކައަކަށެވެ. ޝައިނާއަށް މާބޮޑަށް އެކަމުގެ ހަގީގަތެއް ނޭނގުން ނަމަވެސް ބޮޑުވަމުން އައި ވަރަކަށް ޝައިނާއަށްވެސް ތަންދޮރު އޮޅުންފިލަމުންދިޔައެވެ. އެކަމުގެ ސަބަބުން ކިތަންމެ އަސަރެއްކުރި ކަމުގައިވިޔަސް ތުއްތު އިރުގައި ދިމާވި ކަންތައްތަކުގެ ސަބަބުން ޝައިނާވީ އާދަޔަހިލަފަށް ހިތްވަރުގަދަ ކުއްޖަކަށެވެ. އުމުރުގެ އެހެންކުދިންނާ އަޅައިބަލާއިރު ހަރުދަނާ ކުއްޖަކަށެވެ. ސްކޫލް ދައުރުގައިވެސް އެހެންކުދިންނަށް ކުރިމަތިވާ ނާއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާ ކުއްޖަކަށެވެ.

އޭނާއަށް ލިބިފައިވާ މަންމަގެ ރީތިކަމުގެ ސަބަބުން ޝައިނާވަނީ ގިނަ ފިރިހެންކުދިންގެ ތެރޭގައި މަގްބޫލު ސޫރައަކަށް ވެފައެވެ. ނަމަވެސް މާޒީގެ ސަބަބުން ފިރިހެނުންނަށް އޭނާގެ އިތުބާރުވަނީ ގެއްލިފައެވެ. ފިރިހެންކުއްޖަކާ ގާތް ރަހްމަތްތެރިކަމުގެ ގުޅުމެއްވެސް ބާއްވާކަށް އޭނާ ބޭނުމެއްނުވެއެވެ. ކިތަންމެ ފަހަރަކު އެންމެން އެމީހުންނާ އެއްގޮތެއް ނުވާނެކަމަށްބުނެ ޒީވާވެސް އޭނާއަށް ވިސްނައިދޭން އުޅެއެވެ. ނަމަވެސް އެމީހުންނާ އެއްގޮތްވާނީ ކޮންބައެއްކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟ ގޮތްބެލުމުގެ ނަމުގައިވިޔަސް ގިނަ ބަޔަކާ ވާހަކަދައްކާކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާގެ ފުރިހަމަ އަމާޒަކަށް ވެފައިވަނީ އޭނާގެ އަބުރަށް ހުތުރު އަރާފަދަގޮތަކަށް އެއްޗެއްބުނުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދިނުމެވެ. އަމިއްލަ ދިރިއުޅުމައިގެން ކުރިއަށްގޮސް މުސްތަގްބަލް އުޖާލާކުރުމަށް މަސައްކަތް ކުރުމެވެ.

~~~~~~~~~~~~~~~~~~~~~~~~~~

ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތަށް އައުމަށް ހަމަޖެހިފައިވާ މެހެމާނުންގެ އިސްތިގުބާލްގައި ޝައިނާގެ އިތުރުން އޭނާއާއެކު އެދަތުރުގައި ބައިވެރިވި ހެޑްއޮފީހުގެ ދެ ސްޓާފުންނާއި ރާފިއުވެސް ޓަރމިނަލްގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. މެހެމާނުން ގެނައުމަށް ހަމަޖެހިފައިވާ ޗާޓަރޑް ފްލައިޓް ޖެއްސިތާ އަދި ވީ އެންމެ ދެތިން މިނެޓެވެ. އެހެންދުވަސްދުވަހާ ހިލާފު މަޑުމައިތިރިކަމެއް ޝައިނާގެ ނަފްސަށް ވެރިވެފައިވާއިރު އެކަމާ ކަންބޮޑުވެގެން ރާފިއުވެސް ވެގެން އުޅޭގޮތް ހޯދުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ޝައިނާ މިއަދު ރާފިއުއާވެސް ވާހަކަ ދައްކަން ބޭނުން ނުވާކަހަލައެވެ. ރާހިލްއަށް އޭނާއާ ދޭތެރޭ އެކަހަލަ ގޮތަކަށް ވިސްނުނީ އޭނާއަށް ރާފިއުމެންނާ މާ ގާތްކޮށް އުޅެވުނީމަ ކަމުގައި އޭނާ ނިންމިއެވެ. ކުރިއްސުރެން ފިރިހެނުންނާ އޮންނަ ދުރުކަށް އެގޮތުގައި ބޭއްވުނުނަމަ ރާހިލްއަށް އެހެން ވިސްނުމުގެ ޖާގައެއް ނުލިބޭނެ ކަމުގައިބުނެ އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔައެވެ. ހަގީގަތަކީ މާލޭގެހަލަބޮލި ކަމުގެ ތެރޭގައި އުޅުމަށްފަހު ރަށްފުށުގެ ހިމޭން މާހައުލުން އޭނާއަށް ކީ މަރުހަބާގެ ސަބަބުން ރަށްފުށުގެ އާދަކާދައާއި ދިރިއުޅުން ހުންނަގޮތް ބަލައިލުމަށް އޭނާވެސް  ޝައުގުވެރިވީއެވެ. އަދި އެކަމަށްޓަކައި ރާފިއުގެ އެހީ ހޯދުނީއެވެ. އެކަމުގެ ސަބަބުން ރާހިލްއަށް ނުބައި މާނައެއް ނެގުނީއެވެ.

ކޮންމެއަކަސް ސިކުނޑީގައި ހިނގަމުން އައި ހިޔާލު ތަކުގެ ސަބަބުން ވަކި މީހަކާ ވާހަކަ ދެއްކުމެއްނެތި އެހެން މީހުނެކޭ އެއްފަދައިން ޝައިނާވެސް ޓާރމިނަލްގެ ދޮރާ ދިމާލަށް ބަަލަހައްޓައިގެން ހުއްޓެވެ. ނަމަވެސް ދުރުގައި ހުރި ރާހިލްގެ ކަޅި ހުއްޓިފައިވަނީ އެ ދޮރަކަށްނޫނެވެ. ރޭގައި ހިނގައިދިޔަ ކަންތަކަށްފަހު ޝައިނާ ފެނުނީއްސުރެން އޭނާއަށް ޝައިނާއާ ނަޒަރު ވަކިކޮށްލުން ވެފައިވަނީ ދަތިކަމަކަށެވެ. މެންދުރުގެ ގަދަ އަވިން ހިމާޔަތްވުމަށް އަޅައިފައިވާ އަވިއައިނުގެ ސަބަބުން އެދެލޯ ނުފެނުނު ކަމުގައިވިޔަސް އެ ދެލޮލުގައިވާ އަސަރުތައް ދެނެގަތުމަށް ރާހިލްވަނީ އިންތިހާއަށް ބޭނުންވެފައެވެ. އެ ކިޔުނު ބަސްތަކުގެ ސަބަބުން ރާހިލްއަށް ފެންނާނީ ހިތާމައާއި ހިތްދަތިކަންބާއޭ ނުވަތަ އޭނާއަށްޓަކައި އުފަންވެފައިވާ ރުޅިވެރިކަމެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެއީ ރިޅިވެރިކަން ކަމުގައި ވުމަށް އޭނާއަށް ހިތާހިތުން ދުއާކުރެވެމުންދިޔައެވެ. އޭނާގެ ދުލުން ބޭ އިހްތިޔާރުގައި ބޭރުވި މާނައެއްނެތް ބަސްތަކެއްގެ ސަބަބުން ޝައިނާ ހިތުގައި ޖެހެން އޭނާ ބޭނުންނުވަނީއެވެ. އެއަށްވުރެ އެ ރުޅިވެރިކަންވެސް އޭނާއަށް މާ ރަނގަޅެވެ. އެކަން އޮޅުން ފިލުވަން ބޭނުންވި ކަމުގައިވިޔަސް ކާރުގައި އެއަރޕޯޓަށް އައި އިރުވެސް އެދެމެދަށް ވެރިވެފައިވި ހިމޭންކަމުގެ ސަބަބުން ރާހިލްއަށް އެވާހަކަ ދައްކާކަށް ނުކެރުނެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ވަރަށް ސަޅި. ހަމަ ސަތޭކަ. ޝާއިރާ ކަހަލަ މަންމައިން މަދުން ނަމަވެސް މި ދިވެހިރާއްޖޭގައި އުޅޭކަން ހިތާމަޔާއެކު ފާހަގަ ކުރަން. އަދި ޝާއިރާ ކަހަލަ މީހުން އުފަންކޮށް އަޅާނުލާ ބާކީ ކޮއްލާ ކިތައްމެ ކުއްޖަކު އަމިއްލަ ދަރިން ފަދައިން ބަލާ ހިތްވަރުގަދަ (މަންމައިން) ވެސް މިމުޖުތަމައުގައި އުޅޭކަން އުފަލާއި އެކު ފާހަގަ ކުރަން. ޝައިނާގެ ކުޑައިރުގެ މިބައި ކިޔާފަ ހަމަ ރޮވިއްޖެ.

    1. ޔެސް ޔެސް🥺🥺 ޝައިނާ ފާހަނައިގަ ތަޅުލެވުނު ދުވަހުގެ ހާދިސާއާ ޝައިނާގެ މާޒީއާ އޮތް ގުޅުން އެނގުމުން ރާހިލްއަށް ވާނީ ކިހިނެއްބާ ދޯ؟؟

  2. އެސޮރުގެ ހިތަށް ތޫފާނެއް ތޯއްޗެ އަންނާނީ. މިހާރުވެސް އޭގެ ކޮޅުމަތި ފެންނަން ފަށައިފިނު. ހަލަނިކަމުން ހިފިނުހުރެގެން އުޅޭ ސޮރެއްވިއްޔަ….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު