ށ. ނަލަންދޫގައި ރިސޯޓު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އަނެއްކާ ވެސް އިއުލާންކޮށްފިއެވެ.
މިއީ މިކަމަށް އިޢުލާންކުރެއްވި ދެވަނަ ފަހަރެވެ. ނަލަންދޫގައި 200 އެނދުގެ ރިސޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިދިޔާ އޮގަސްޓު މަހު ވެސް އިއުލާން ކުރިއެވެ. ނަމަވެސް އަލުން އިއްޔެ ވަނީ އަނެއްކާ ވެސް ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް އަލުން ބީލަމަށް ހުޅުވާލައިފަ އެވެ. ނަލަންދޫ އަލުން ބީލަމަށް ހުޅުވާލީ ފުރަތަމަ ބުރުގައި ކުރިމަތިލި ފަރާތް ޑިސްކޮލިފައިވެފައި ވުމުން ކަމަށް މަޢުލޫމާތު ލިބެއެވެ.
އިއްޔެކުރި އާންމުކުރި އިއުލާނުގައިވާ ގޮތުގައި އަންނަ މަހުގެ ހައެއްގެ ކުރިން މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަން ޖެހެއެވެ.
ނަލަންދޫއަކީ ގުދުރަތީގޮތުން ރީތި ރަށެއްްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. ޤުދުރަތީ ގޮތުން ރަށުގެ އެތެރޭގައި ބޮޑު ފަޅެއް ލެވިފައިވާ ނަލަންދޫގައި މީގެ ކުރިން ބޭނުން ކުރަމުން ދިޔައީ އަމިއްލަ ފަރާތަކުންނެވެ. އެ ރަށުގައި އެފަރާތުން ކުރަމުން އައި މައިގަނޑު މަސައްކަތަކީ ހުއިފިލަނޑާ ދިރުވާ އާލާ ކުރުމުގެ މަސައްކަތެވެ. މި ސަރުކާރުން ވަނީ އޭރު އެ ރަށް ހިންގަމުން ދިޔަ މީހުން އަތުން އެ ރަށް ނަގައި، ރިސޯޓު ހެދުމަށް ނިންމައިފައެވެ. އަދި އެ މީހުންނަށް ލ. އަތޮޅުން ވަނީ ރަށެއް ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ގުޅުންހުރި:
ބޮޑުތިލަދުއްމަތީގެ 2 ރަށެއްގައި ރިސޯޓް ތަރައްޤީކުރަން ހުޅުވާލައިފި