Thursday, 18 April 2024

އިމްރާން ޕޮލިސް ބޯޑަށް ނުކިޔަމަންތެރިވާ މައްސަލަ 241 ކޮމިޓީގެ ސަމާލުކަމަށް

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ގެ ބެލުމުގެ ދަށުން ހިންގާ ހޯމް މިނިސްޓްރީން ޕޮލިސް ބޯޑުގެ އެންގުންތަކަށް ނުކިޔަމަންތެރިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ސަމާލުކަމަށް ހުށަހަޅައިފިއެވެ.

241 ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވަނީ ދިވެހި ފުލުހުންގެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުތަކާ ބެހޭ ގޮތުން ޕޮލިސް ބޯޑުން ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، ޕޮލިސް ބޯޑުގެ ޝަކުވާއަކީ އެ ބޯޑުން އަންގާ އެންގުންތަކަށް ހޯމް މިނިސްޓްރީން ނުކިޔަމަންތެރިވާ މައްސަލައެވެ.

އަސްލަމް ވިދާޅުވީ، އެ މައްސަލައިގައި ޕޮލިސް ބޯޑުގެ އިސްވެރިންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ވަކިވަކިން ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާކަމަށެވެ.'

އެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އެފަރާތްތަކުން ލިބުނު މައުލޫމާތުގެ އަލީގައި ކަމާބެހޭ ކަރުދާހެއް މިހާރު އެކުލަވާލާފައިވާ ކަން ފާހަގަކުރައްވަމުން، އެ މައްސަލައަށް ގޮތެއް ނިންމާނީ އެ ތިން ފަރާތާ އެއްކޮށް ބައްދަލުކޮށް މައްސަލަތަކާމެދު ވާހަކަދެއްކެވުމަށްފަހުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހަފްތާތަކުގައި އެ ތިން ފަރާތް އެއްކޮށް ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާތަށް ކުރައްވާނެ ކަމަށެވެ.
ދިވެހި ފުލުހުންގެ ޤާނޫނުގައި ބުނެފައިވާ ގޮތުން، ފުލުހުންގެ ކަންކަން ބަލަހައްޓާ އެންމެ އިސް ފަރާތަކީ ޕޮލިސް ބޯޑު ކަމަށްވާއިރު ފުލުހުންގެ ކަންކަމާމެދު އެ ބޯޑަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ސީދާ ކޮމިޝަނަރ އޮފް ޕޮލިސްއެވެ.

ހޯމް މިނިސްޓަރ އިމްރާން އިހްމާލުން އެތައް ޙައްޤެއް ގެއްލިގެން އެތައް ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އަދި އޭނާ އެއްވެސް ކަމެއް އިޞްލާޙް ކުރަން ބޭނުންނުވާއިރު އެހެން މީހުންނަށް އަބަދުވެސް ނަސޭޙަތްދެމުންދާތީ ގިނަ ބަޔަކު އަންނަނީ އަދާލަތު ޕާޓީގެ އިމްރާންއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން ޖަލުތަކުގައި ހިންގާ ކަންކަމާއި ޖަލުތަކުގައި ތިބޭ ގައިދީން ބޭންކު މެދުވެރިކޮށް ވައްކަންތައް ކުރަމުންދާއިރު، އިމްރާން އެއްވެސް ކަމަކަށް އަޅާ ނުލާތީ ގިނަ ބަޔަކު ދަނީ އެބޭފުޅާއަށް ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *