Saturday, 25 May 2024

ވަޢުދުވެޑައިގެންނެވި ގޮތަށް، ހިޔާ ފުލެޓްތަކުގެ ކޮންމެ ޓަވަރެއްގައި 2 ލިފްޓް ލާން ބަޖެޓްގައި ހިމަނައިފި

ޑރ. މުޢިއްޒު ވަޢުދުވެޑައިގެންނެވި ގޮތަށް، ހިޔާ ފުލެޓްތަކުގެ ކޮންމެ ޓަވަރަކަށް 2 ލިފްޓް ލާން ބަޖެޓްގައި ހިމަނާފައިވާ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ސަރަޙައްދުގައި ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ހަވީރު، އެމަނިކުފާނަށް ތާޢީދުކުރައްވާ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ވިދާޅުވީ، ވީ ވަޢުދާ އެއްގޮތަށް މާލޭ ސިޓީ އަދި ހުޅުމާލެއަށް އަދި ޖުމްލަކޮށް މުޅި ރާއްޖެއަށް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓް ހެދުމުގެ މަރުޙަލާ ފުރިހަމަކުރެވިފައިވާކަން ފާހަގަކުރައްވަމުން، އެއްކަމަކަށް ހިމަނާފައި އޮންނާނީ ކުރިންވެސް ވިދާޅުވި ގޮތަށް ހިޔާ ފުލެޓް ޓަވަރުތަކުގައި އިތުރު ލިފުޓް ހަރުކުރައްވާނެ ކަމަށާއި އެގޮތުން ކޮންމެ ޓަވަރަކަށް 2 ލިފްޓް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ބުނެފަ އޮންނާނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށްދޭނަމޭ، ކޮންމެ ޓަވަރަކަށް ދެ ލިފްޓް އަންނާނެ. އެއް ލިފްޓަކީ ސްޓްރެޗަރ އެރުވޭވަރުގެ ބޮޑު ލިފްޓެއް، އަނެއް ލިފްޓަކީ ގާތް ގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް. އެހެންވީމަ ކޮންމެ ޓަވަރަކަށް އިރާދަކުރެއްވިއްޔާ ދެ ލިފުޓް އަންނާނެ." އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ވީ ވަޢުދާ އެއްގޮށް ހުރިހާ ކަމެއް ތަންފީޒުކޮށްދެއްވާނެ ކަމުގައެވެ.

ބޯވިއްސާރައިގެ ސަބަބުން އިންތިޚާބީ ރައީސްގެ ވާހަކަކޮޅު ކުރުކޮށްލައްވައި، ހުޅުމާލޭގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމްކުރެއްވުން ކުރިއަށް ގެންދެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ހުޅުމާލޭ ފެސް ދޭއްގައި ދިރިއުޅެމުންދާ ގިނަ ރައްޔިތުންތަކެއް ބައިވެރިވިކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *