30 އެޕްރީލް 2025
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން، ފޮޓޯ: އާބަންކޯ

ހުޅުމާލެ ފޭސް ތިނެއްގެ 10 ހެކްޓަރުގެ ބިން ހިއްކައި، އިތުރު ބިން ހިއްކަން ތައްޔާރުވަނީ

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭގެ ބިން ހިއްކައި ނިންމައި ސައިޓް ބީގެ މަސައްކަތް ފަށައިފިއެވެ.

އާބަންކޯ އިން ވިދާޅުވީ، ސައިޓްއޭގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކާފައިވާނެ ކަމަށާއި، ސައިޓް ބީ ހިއްކަން ފެށުމުގެ ކުރިން ސައިޓް ބީގެ ބައެއް ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އަންނަ އާދިއްތަ ދުވަހުގެ ކުރިން ނެގުމަށް ވެސް އަންގާފައިވާނެ ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތްތައް އާބަންކޯ އިން ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުނިންނެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށާއި، ހުޅުމާލެ ފޭސް ތިނެއްގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހުޅުމާލެ ހިއްކަން ފެށީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 1997 ގައެވެ. ރައީސް މައުމޫންގެ ޒަޢާމަތުގައި ހުޅުމާލޭގެ ފޭސް އެކެއްގެ ބިން ހިއްކައި ނިންމައި، ފްލެޓްއަޅައި ފެލްޓް ދޫކޮށްފައިވެއެވެ. ދެވަނަ ފިޔަވަހި ހިއްކީ އެމަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2014 ގައެވެ. ފޭސް 2 ގައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ރައީސް ޔާމީން ހިންގެވިއެވެ. ރާއްޖޭގައި އަލަށް 25 ބުރީގެ އިމާރާތްތައް، "ހިޔާ ޓަވަރ"ތައް އަޅުއްވަން ފައްޓަވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް 2 ގައެވެ. މި ވޭތުވެދިޔަ 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ވަނީ ގިނަ އިމާރާތްތަކެއް ބިނާކޮށް، އެތައް ޚިދުމަތެއް ފުޅާކޮށްފައެވެ. ހުޅުމާލެއަކީ ހިތްގައިމު ސަހަރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު