7 ޑިސެންބަރު 2024

ފަލަސްތީނަށް އެހީވުމަށް މަސްވެރިން މިއަދު 170،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

ފަލަސްތީނަށް އެހީވުމަށް ދިވެހި މަސްވެރިންގެ ފަރާތުން މިއަދު އެކަނިވެސް 170،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ފަލަސްތީނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް މިއަދު ގއ. ކޮލަމާފުށި "ރާސްތާ" ދޯނިން ވަނީ 127،433ރ. ހަދިޔާކޮށްފައެވެ.

ގއ. މާމެންދޫގެ ދެ ދޯންޏަކުން ވެސް މިއަދު ވަނީ އެ ފަންޑަށް ފައިސާ ޖަމާކޮށްފައެވެ. އެ ރަށު ދުވެލި 6 ދޯންޏާއި ހުޝިޔާރު ދޯނިން، ކޮންމެ ދޯންޏަކުން ވަނީ 25،000ރ. ހަދިޔާކޮށްފައިވެއެވެ.

މަސްދޯނިތަކުން މީގެ ކުރިންވެސް ފަލަސްޠީނު ފަންޑަށް ފައިސާ ހަދިޔާކޮށްފައިވާއިރު، ގއ. ކަނޑުހުޅުދޫ މަސް ދޯންޏަކުން ބޭނި ދެ ޓަނުގެ މަހަށް ވާ 50،000ރ. ވަނީ މިދިޔަ ހަފުތާގައި އެ ފަންޑަށް ޖަމާކޮށްފައެވެ.

ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލާފައިވާ ފަންޑަށް މިހާތަނަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިހިނގާ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޣައްޒާއަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ. މުޅި ދުނިޔެއިން ކުށްވެރި ކޮށްފައިވާ މި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 3,785 އަށް އަރާފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,000 އަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

ފަލަސްޠީނަށް މިނިވަންކަން ހޯދައިދިނުމަށްޓަކައި، ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު