15 ޖަނަވަރީ 2025

ބައިޑަން ކޯފާވެ ވިދާޅުވީ ރަޝިޔާއާއި ހަމާސް ގަދަވިޔަނުދޭނެކަމަށް

ޔުކްރެއިން ހިފަން މަސައްކަތްކުޜާ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އާއި ހަމާސްއަކީ އެއް ގޮތަކަށް މަސައްކަތް ކުރާ ބައެއް ކަމަށާއި، އެ މީހުން ގަދަވިޔަނުދޭން މަސައްކަތްކުރުމަކީ އެމެރިކާގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ، އެމެރިކާގެ ރައްޔިތުންނަށް ދެއްވި 10 މިނިޓްގެ ތަގުރީރުގައެވެ. ބައިޑަން ވިދާޅުވީ ހަމާސްއިން އިޒްރޭލަށް އަރައި، މި މަހު 7 ގައި ހިންގީ ނުބައިކަން ބޮޑު ޤަތުލެއް ކަމަށާއި. އެކަމުގައި އެމެރިކާއިން އިޒްރޭލަށް ފުރިހަމައަށް އެހީވާނެކަމުގައެވެ.

އިންސާނީ ޙައްޤުތަކާއި ޑިމޮކްރެސީގެ ޗެމްޕިއަން ކަމަށް ދަޢުވާކުރާ އެމެރިކާގެ ރައީސް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ އިޒުރޭލަށް ވަޑައިގެން، އިޒުރޭލުގެ އަނިޔާވެރި ޢަމަލުތައް ދިފާޢުކުރެއްވުމަށް ފަހުގައެވެ.

"ޕުޓިން އާއި ހަމާސްއިން ކުރިމަތިކުރަނީ ތަފާތު ދެ ނުރައްކަލެއް. އެކަމަކު ދެ ބައިގެ މަޤްސަދު ދާދި އެކައްޗެއް؛ އެއީ ޑިމޮކްރަސީ އޮންނަ އަވަށްޓެރި ޤައުމެއް ނައްތާލުން،" ބައިޑަން ވިދާޅުވިއެވެ.

އެފަދަ ހަރުކަށިކަމެއް ހުއްޓުވުން މުހިންމު ވަނީ އެމެރިކާގެ ރައްކާތެރިކަމާއި ސަލާމަތަށް އެކަނި ނޫން ކަމަށާއި އެއީ މުޅި ދުނިޔޭގެ މަސްލަހަތަށް ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓައިދެނީ އަބަދުވެސް އެމެރިކާގެ ލީޑަޝިޕުން ކަން ފާހަގަކުރައްވަމުން، އިޒްރޭލް އާއި ޔުކްރެއިންއަށް އެހީވުމުގެ ޕެކޭޖެއް ކޮންގްރެސްއަށް ފޮނުވާނެކަމަށް ވައުދުވެވަޑައިގަތެވެ. އެހެންނަމަވެސް، ބައިޑަންގެ އެހީގެ ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ކޮންގްރެސް އިން ފާސްކޮށްގެންނެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ، އިޒްރޭލްގައި ބައްދަލުކުރެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެން ބައިޑަން ދެއްވި ތަޤްރީރުގައި ޣައްޒާއަށް އަރައިގަތުމަށް އިޒްރޭލުން ކުރަމުން ދާ މަސައްކަތް ހުއްޓާލަން ގޮވާލައްވާފައެއް ނުވެއެވެ. އެކަމަކު ވިދާޅުވީ ހަމާސްގެ ފަހަތުން ދާއިރު އާންމުންނަށް ލިބޭ ގެއްލުން ވީހާ ވެސް ކުޑަކުރަން ޖެހޭނެ ކަމަށެވެ.

ހަމާސް އިން އިޒުރޭލަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،300 އަށް އަރައެވެ. އޭގެ ރައްދުގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު