Thursday, 18 April 2024

ވާދޫ ރައްޔިތުންވެސް ތިބީ ފަލަސްޠީނާއެކު، 41،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

އަނިޔާވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނާއެކު ވ. ރައްޔިތުންވެސް ތިބިކަން ދައްކައިދީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރ. ވާދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީވުމަށް 41،000 އަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

މި ޙަރަކާތުގައި އިއްޔެ އެ ރަށުގެ ޒުވާނުންނާއި އެހެން އުމުރުފުރައިގެ މީހުން އިންތިޒާމްކޮށްގެން އެއްވުމަކާއި ހަވީރު ހިނގާލުމެއް ބާއްވާފައިވާއިރު، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ހަވީރުގެ ނިއަލަށް އެ ރަށުގައި ފަންޑު ފޮއްޓެއް ބަހައްޓައި. އެ ފަންޑު ފޮއްޓަށް 41،453.50ރ. ލިބިފައިވާކަމަށް އެ ރަށުން މައުލޫމާތު ދެއެވެ.

އެ ރަށުގެ ރައްޔިތުން ބައިވެރިވި އެއްވުމުގައި ފަލަސްތީން މިނިވަން ކުރުމަށާއި އިސްރާއީލުން ކުރަމުންދާ ލާ އިންސާނީ އަނިޔާތައް ހުށްޓާލުމަށް ގޮވާލާފައިވެއެވެ.

އަނިޔާވެރި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ހިތްދަތިކަމުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން، 'ދިވެހިން ފަލަސްތީނާ އެކު’ގެ ނަމުގައި މާލޭ މަޖީދީމަގުގައިވެސް ރޭ ބޮޑު ހިނގާލުމެއް ވަނީ ބާއްވާފައެވެ.

ރަސްފަންނު ބީޗުން ރޭ 8:30 ހާއިރު ފެށި މި ހިނގާލުން ހެންވޭރު ދަނޑުން ނިންމާލާފައިވާއިރު، އެއްވުމުގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަ އާއި ޕޯސްޓަރުތައް ހިފައިގެން ތިބެ އެމީހުންގެ ޝުއޫރު ފާޅުކޮށްފައިވެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި އިތުރު ބައެއް ޖަމިއްޔާތައް ގުޅިގެން ބޭއްވި އެ އެއްވުން ނިންމާލީ ފަލަސްތީނަށް ނަސްރު ދެއްވުމަށް އެދި ކުރެވުނު ދުޢާ އަކުންނެވެ.

ދިވެހީންގެ އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި އެއްވުމުގައި ދިވެހިން ވަނީ ހަރުއަޑުން ތަކުބީރު ކިޔައި، ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި ފަލަސްތީނު މިނިވަންކުރުމަށް އަޑުއުފުލައިފައެވެ.

އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދައި އެ ޤައުމު ބޮއިކޮޓް ކުރުމަށް ވެސް ހިނގާލުމުގެ ބައިވެރިން ގޮވާލަމުން ދިޔައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *