ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ މިއަހަރުގެ ބަޖެޓު ފޫބައްދަން ކަމަށް އިންތިޤާލީ މުއްދަތުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެެވެ.
" މި ސަޕްލިމެންޓަރީ ބަޖެޓަކީ ސަރުކާރުން ހުށަހަޅުއްވާ ބަޖެޓެއްކަން. މިހާރު ހިނގަމުންދާ ސަރުކާރުން އެބޭފުޅުން މިއަހަރަށް ފާސްކުރެއްވި ބަޖެޓުގެ ތެރެއިން ކަންކަން ހަމަނުޖެހި ދާތީވެ އެކަންކަން ފޫބެއްދުމަށް ނިންމި ނިންމުމުގެ ތެރެއިން އެބޭފުޅުން ހުށަހަޅުއްވާ ބަޖެޓެއް. މީ އެއްވެސް ހާލެއްގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެދިވަޑައިގަތުމަކަށް ނުވަތަ އެފަދަ މަޝްވަރާގެ ތެރެއިން ހުށަހަޅުއްވާ ބަޖެޓެއް ނޫން." ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ މި ބަޖެޓުގެ ތެރެއިން އާ ސަރުކާރަށް ލިބިގެންދާނީ ވަރަށް ހަނި ޖާގައެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވަނީ މި ސަރުކާރުގެ ފަރާތުން ހިންގަމުންދާ މަޝްރޫއުތަކުގެ އިތުރުން ތަރުތީބު ވެގެން އަންނަ މާލީ ޒިންމާތަކުގެ ތެރެއިން އާ ސަރުކާރަށް ވާރުތަވާ ކަންތައްތައް ކަމަށެވެ.
މި ލިބުނު ފުރުސަތުގައި އަމާޒަކަށްވާނީ އަލަށް ފެށޭ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތުގެ ޕްލޭން ތައްޔާރުކޮށް ފަށައިގަތުން ކަމަށް ފާހަގަކުރައްވަމުން، މިހާރު ދިމާވެފައިވާ ގިނަ ގޮންޖެހުންތަކާއެކުވެސް އުއްމީދާއެކު މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ދަތިތަކެއް ހުރިކަމުގައި ވިޔަސް އެކަންކަމުން އަރައިގަނެ ކުރިއަށް ދިއުމުގެ ވިސްނުން ހުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.