ރާއްޖެއަށް ބޭނުންވާ ބޭސް ގެންނަން ބޭރު ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ވާހަކަ އެސްޓީއޯ އިން ދޮގުކޮށްފިއެވެ.
އެސްޓީއޯއިން މިކަން ހާމަކުރައްވާފައި މިވަނީ، އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިއަދު ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
އިންތިޚާބީ ރައީސްގެ ތަރުޖަމާނު ފިރުޒުލް މުހައްމަދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ގެންނަން ޓެމިލްނާޑޫގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ގާއިމްކުރަމުން އަންނަ ކަމަށް އިންތިގާލީ ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތަކުގައި ފާހަގަވެފައިވާ ކަމަށެވެ.
އެހެންނަމަވެސް، ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި އެ ފަދަ އެއްބަސްވުމެއް ގާއިމްކުރުމަކީ އިންތިހާބީ ރައީސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ މަނިކުފާނުގެ އޮފީހުން ވިދާޅުވެފައިވެއެވެ.
އެހެންވެ، އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ބުނީ ފިރުޒުލް އެ އިޝާރާތް ކުރެއްވި ފަދަ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.
"އެ ފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން މި ކުންފުންޏަށް އަދި އަންގާފައި ނުވާކަންވެސް ހުރިހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެސްޓީއޯއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.
ބޭސް ގަންނަން އެއްބަސްވުމެއް ހަދަން އުޅޭ ވާހަކަ އެއް ފެންމަތިވެފައި މިވަނީ، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ބައެއް ހިދުމަތްތައް އެއްކޮށް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކުރައްވާފައިވަނިކޮށެވެ.
ލެބޯޓްރީގައި ބޭނުންކުރާ ކެމިކަލާއި ސިރިންޖު ފަދަ އެއް ފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ސާމަނަކީ ވަކި އުސޫލަކުން އޯޑަރުކޮށް، ސްޓޮކް ބަލަހައްޓަމުން ގެންދަންޖެހޭ ތަކެއްޗައް ވިޔަސް މި ސަރުކާރުން އެގޮތަށް އަމަލު ކުރަމުން ނުދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ފިރުޒުލް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް އެ ވާހަކަތައް ސަރުކާރުން ދޮގުކުރަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކޮވިޑުގެ ދަތި ދުވަސްވަރު ވެސް މެދުކެނޑުމެއް ނެތި ސިއްހީ ސާމާނު ލިބުނު ކަމަށާއި، ހަމަ އެގޮތަށް އެ ދާއިރާއަށް ބޭނުންވާ ސާމާނު ހުއްޓުމެއްނެތި ލިބޭނެ ކަމަށެވެ.
ގުޅުންހުރި:
ބޭސް ގެންނަން އިންޑިޔާގެ ކުންފުންޏަކާއެކު ހަދަންއުޅޭ އެއްބަސްވުން މަޑުޖައްސާލުމަށް އެދިއްޖެ