Saturday, 13 April 2024

އަނިޔާވެރި އިޒުރޭލުން ޣައްޒާގެ ރައްޔިތުންނަށް ބިރު ދައްކަނީ؛ "ޣައްޒާ ދޫކޮށް ނުދާ ކޮންމެ މީހަކީ ޓެރެރިސްޓެއް"

ޣައްޒާގެ ރައްޔިތުންނަށް އަނިޔާވެރި އިޒުރޭލުން ބިރުދައްކައި، ޣައްޒާ ދޫކޮށް ރަފާ ބޯޑަރު ސަރަހައްދަށް ނުދާ ކޮންމެ މީހަކާމެދު އަމަލުކުރާނީ ޓެރަރިސްޓެއްގެ ގޮތުގައި ކަމަށްބުނެ، އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް މިއަދު އިންޒާރު ދޭން ފަށައިފިއެވެ.

މިކަން ހާމަކޮށް ޣައްޒާގެ ބިމުން ޚަބަރުތައް ގެނެސްދެމުން އަންނަ އަލްޖަޒީރާގެ ނޫސްވެރިން މިއަދު ބުނެފައިވަނީ، ޣައްޒާގެ ރައްޔިތުންގެ ފޯނުތަކަށް ކޯލެއް މިއަދު ލިބެމުން އަންނަ ކަމަށެވެ. އެ ކޯލުގައި އިއްވަނީ ރެކޯޑުކޮށްފައިވާ މެސެޖެއް ކަމަށްވާއިރު، އެ މެސެޖުގައި އަންގަނީ، ޣައްޒާ ދޫކޮށް މިސްރުގެ އައްސޭރިއަށް ދިއުމަށް ކަމަށެވެ. އަދި އެތަނަށް ނުދާ ކޮންމެ މީހަކީ ޓެރަރިސްޓެއްގެ ގޮތުގައި ބަލާނެކަމަށާއި، އެމީހަކާމެދު އަމަލުކުރާނީ ޓެރަރިސްޓަކާމެދު އަމަލުކުރާ ގޮތަށް ކަމުގައި އެ މެސެޖުގައި އަޑުއިއްވާކަމަށްވެސް ބުނެފައިވެއެވެ.

އިޒްރޭލުގެ ފައުޖުތަކުން މިހާރު ތައްޔާރުވަމުން އަންނަނީ އެއްގަމު މަގުން ޣައްޒާ ތެރެއަށް ވަދެގަންނަން ކަމަށާއި، އެއީ ހަނގުރާމައިގެ ދެވަނަ މަރުހަލާ ކަމަށާއި، އަދި ތިންވަނަ މަރުހަލާއަކީ ހަމާސް ޖަމާއަތް އެކުގައި ނައްތާލައި، ޣައްޒާއާއި އިޒްރޭލުން ހަވާލުވުން ކަމުގައި އަންގައި އަނިޔާވެރި އިޒުރޭލުން ބިރުދައްކާފައިވެއެވެ.
ފާއިތުވި ދެ ހަފުތާގެ ތެރޭގައި ހުޅަނގު އައްސޭރިން ހައްޔަރުކުރި އެތައް ހާސް މީހުންގެ ތެރޭގައި ވަޒިފާ އަދާކުރުމަށް ޣައްޒާއިން އެތެރެވެފައިވާ 4،000 މީހުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މީހުންނަށް ދީފައިވާ ހުއްދަތައް ބާޠިލުކުރުމަށްފަހު ޔަހޫދީ ބާރުތަކުންވަނީ އެ މީހުން ހައްޔަރުކޮށްފައެވެ. މީގެއިތުރުން ހުޅަނގު އައްސޭރިން ދެން ހައްޔަރުކޮށްފައިވަނީ ޔަހޫދީ ބާރުތަކާ ކުރިމަތިލުމަށް ނުކުތް 1،000 މީހުންނެވެ. އެ ކުރިމަތިލުންތަކުގައި 4،000 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި، ހަމާސްއިން އިޒުރޭލަށް ފޮނުވާލި މިސައިލުތަކާ ގުޅިގެން އަނިޔާވެރި އިޒުރޭލުގެ ދައުލަތުން ހިންގަން ފެށި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުންނަށް މިވަނީ ހިތްދަތި ދުވަަސްތަކެއް ކުރިމަތިލާންޖެހިފައެވެ. މިހިނގާ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ފަލަސްތީނު އިސްރާއީލު ހަނގުރާމައިގައި ޣައްޒާއިން މިހާތަނަށް ފަލަސްޠީނުގެ 4137 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ރަޙްމެއް އިންސާނިއްޔަތު ކަމެއް ނެތް ޒައިނިސްޓް ޔަހޫދީންގެ ވިހަގަދަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި، މީގެތެރޭގައި 1524 ކުޑަކުދިންނާއި 1000 އަންހެނުންނާއި 11 ނޫސްވެރިން ހިމެނޭ ކަމަށާއި، އަދި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 13،000 އަށް އަރާފައިވާ ކަމަށާއި،  މީގެތެރޭގައި 2000 ކުޑަކުދިންނާއި 1400 އަންހެނުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމައެހެންމެ ހައްދުފަހަަނަ އަޅާފައިވާ ލާއިންސާނީ އިސްރާއީލުގެ ޔަހޫދީން ހުޅަނގު އައްސޭރިއަށް ދެމުންދާ ހަމަލާތަކުގައި 81 މީހަކު ޝަހީދުވެފައިވާއިރު 1300 މީހުން ޒަޚަމްވެފައިވެއެވެ. އަދި 860 އަށް ވުރެ ގިނަ މީހުން އިސްރާއީލުން ހައްޔަރުކޮށްފައިވެއެވެ.

ފަލަސްތީނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި 1403 މީހުން މަރުވެފައިވާއިރު، 4629 މީހުން ޒަޚްމުވެފައިވެއެވެ. ހަމާސްއިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ އިސްރާއީލުގެ 203 މީހުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *