Thursday, 18 April 2024

އެފްއޭއެމުގެ ފައިސާގެ މުޢާމަލާތްތަކާ ގުޅޭ ޖިނާޢީ ތަޙުޤީޤެއް ފަށައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާޢީ ތަޙުޤީޤަކަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުން އެ އިދާރާއަށް ވަދެ ފާސްކޮށްފިއެވެ.

ފުލުހުން މިކަން ކަށަވަރުކޮށްދެއްވާފައިވާއިރު، އެފްއޭއެމްގެ މާލީ މުއާމަލާތްތަކާއި ގުޅޭ ތަޙުޤީޤެއް ފުލުހުން ފަށާފައިވަނީ ބައިނަލްއަޤުވާމީ ފުޓްބޯޅަ އިދާރާތަކުން އެފްއޭއެމަށް ފޮނުވާ ފައިސާ، އަމިއްލަ މީސްމީހުންގެ އެކައުންޓުތަކަށް ފޮނުވައި، މަނީ ލޯންޑަރިން އާއި ޚިޔާނާތަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރަކަށެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި، މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ އެފްއޭއެމް ހައުސްއަށް ފުލުހުން ވެދެފައިވަނީ ކޯޓު ޢަމުރެއްގެ ދަށުންނެވެ.

ރާއްޖެއަކީ ބޭރު ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ދަޢުލަތުގެ މުއައްސަސާތަކަށް ލިބިފައި އޮތުމާއި، އެ ކަންކަން އެމަގަށް ހިނގުމަށް ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ޤައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ މި މައްސަލަ ތަޙުޤީޤުކުރަން އަމުރުކުރީ އެކި ފަރާތްތަކުން އެފްއޭއެމަށް ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށްވެސް ޕީޖީން ވިދާޅުވިއެވެ.

ޕީޖީން ވިދާޅުވީ، އެކަމުގެ ތެރެއިން އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިން އާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ހީލަތުގެ ނުވަތަ އެ ނޫންވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާ ނަމަ، އެ ކަމެއް ތަޙުޤީޤުކޮށް، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމަށް އަމުރުކޮށްފައިވާނެ ކަމަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، އެފްއޭމުގައި ހުރި މައްސަލަތަކާ ގުޅިގެން ދާދިފަހުން އެ އިދާރާގެ ހިންގާ ކޮމިޓީގެ ދެ މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި ހިންގާ ކޮމިޓީގެ މެންބަރުކަން ކުރެއްވި ކުލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލެވެ.

މިހާރު އެފްއޭއެމަށް ދިމާވެފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންކާރު ކުރައްވައެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *