Saturday, 13 April 2024

ވިނަރެސް ފްލެޓަށް ދިގު މުއްދަތަށް ފައިސާ ދައްކާއިރު ނަގާ އިންޓްރެސްޓް ރޭޓް ކުޑަކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތައް ދައްކަން ހަމަޖެހިފައިވާ އިންޓްރެސްޓް ރޭޓް ކުޑަކޮށްފިއެވެ.

އާބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މީގެ ކުރިން އިންޓްރެސްޓްގެ ގޮތުގައި ނުވަ ޕަސެންޓް ނަގަން އޮތް ނަމަވެސް މިހާރު އެ އަދަދު ހަ ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ.

ރައީސް ޞާލިޙް މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރެއްވި ކެމްޕޭން ތެރޭގައި މިދިޔަ މަހުގެ 19ގައި ވަނީ، ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށް، އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ކުރިން އާބަންކޯއިން ވަނީ ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓުގެ 15 ޕަސެންޓު ދެއްކުމުން އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ބުނެފައެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި 10 ޓަވަރުގައި ޖުމްލަ 1344 ޔުނިޓު ހިމެނެއެވެ. އެ މަޝްރޫއުގައި ފްލެޓު ދީފައިވަނީ މާލޭ ރައްޔިތުންގެ އިތުރުން، މާލޭގައި އުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.

މީގެ އިތުރުން ސީލައިފްގެ ޚިޔާނަތުގައި ގެއްލުންވި 92 މީހަކަށާއި، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ "ވެށިފަހި މާލެ" މަޝްރޫއުގެ ދަށުން ފްލެޓު ލިބި، ފަހުން އެ ފްލެޓުތައް އަތުލި މީހުންގެ ތެރެއިން 100 މީހަކަށް ވިނަރެސްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.

މިދިޔަ އޮގަސްޓު މަހުގެ 21ވަނަ ދުވަހު ސަރުކާރުން ވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ކެޓަގަރީން ފްލެޓު ލިބުނު މީހުންނާ ރަމްޒީގޮތުން ތަޅުދަނޑި ހަވާލުކޮށްފައެވެ. އެ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން 288 މީހަކާއެކު މިހާތަނަށް އެއްބަސްވުން ހަދައިފައިވާ ކަމަށް އާބަންކޯއިން މިއަދު ބުންޏެވެ.

އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ވިނަރެސްގައި ދިރިއުޅެން ފަށައިފައެވެ.

ވިނަރެސް ފްލެޓުތަކުގެ އަގު ކުޑަކުރުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެސް ވައުދުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *