އަނިޔާވެރި އިޒުރޭލުގެ ޔަހޫދީން ޣައްޒާގެ 42 އިންސައްތަ ގެދޮރު ސުންނާފަތިކޮށްލައިފިއެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމާލާތަކުގެ ސަބަބުން ޣައްޒާގައި ދިރިއުޅެމުންދާ އެތައް ހާސް ރައްޔިތުންގެ ގޯތި ގެދޮރު ބިމާ ހަމަކޮށްލައިފިއެވެ. ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންްދާ 15،100 ގެދޮރު ސުންނާފަތިކޮށްލާފައިވާއިރު، އެއީ 164،756 ހައުސިން ޔުނިޓް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާރު ޣައްޒާގެ 2.3 މިލިއަން ރައްޔިތުންގެ ތެރެއިން 1.7 މިލިއަން ރައްޔިތުންނަކީ ރެފިއުޖީންނެވެ.
ފެނުގެ ޚިދުމަތް ދެމުންދާ 11 ސްޓޭޝަނެއް ނެތިކޮށްލާފައިވާއިރު، 205 ކިޔަވައިދޭ ތަންތަން ބިމާ ހަމަކޮށްލާފައިވެއެވެ.
މީގެއިތުރުން ޔަހޫދީ ނުބައި އަނިޔާވެރިކަމުގައި ދެމުންދާ ޙަމަލާތަކުގައި ނަރުދަމާ ނިޒާމަށްވެސް ވަނީ އެތައް ގެއްލުންތަކެއް ދީފައެވެ. އެގޮތުން 65 ސްވަރޭޖް ޕަންޕިން ސްޓޭޝަނަށް ވަނީ ސުންނާފަތިކޮށްލާފައެވެ.
ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް އިޒުރޭލުގެ ޔަހޫދީ ފައުޖުދަތަކުން ރޭވެސް ފަލަސްޠީނުގެ 50 މީހުން ޝަހީދުކޮށްލައިފިއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު މިހާރު ވަނީ 4،000 އިން މައްޗަށް އަރާފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރަމުންދާ ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.