ސަމަރުބްލޫ އިބްރާހީމް މަނިކު ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކަށް ފާހަގަކުރައްވައި، ނައިބު ރައީސް ތަޢުރީފް ކުރައްވައިފި

ދިވެހި ޤައުމަށް ބޭނުންވެފައިވާ އެތައް ޚިދުމަތްތަކެއް މީގެ އެތައް އަހަރެއްކުރިން ފެށްޓެވުމުގައި އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެމަނިކުފާނަށް ތަޢުރީފްކުރައްވައިފިއެވެ.

އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސަމަރު ބްލޫ އިބްރާހީމް މަނިކު ދިވެހި ޤައުމަށް ކޮށްދެއްވި އަގު ނުކުރެވޭ އެކި ޚިދުމަތްތައް ފާހަގަކުރައްވައި ތަޢުރީފްކުރައްވާފައިވެއެވެ.

އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ސަމަރު ބްލޫ އިބްރާހީމަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެއް ބޭފުޅާކަމަށާއި، މީގެ އެތައް އަހަރެއްކުރިން ދިވެހި ޤައުމު މިއަދު މިދެކޭ އެތައް ޚިދުމަތެއް ފެށްޓެވުމުގެ މޭސްތިރިއެއްގެ ގޮތުގައި ނައިބު ރައީސް ވަނީ އެމަނިކުފާނު ސިފަކުރައްވާފައެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް އިންޤިލާބީ އެތައް ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރަައްވަމުން، އެދާއިރާއިން މީހުން ބިނާކުރުމަށް ދެއްވި އަޙައްމިއްޔަތުކަން މިއަދު ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއިން ފެންނަމުންދާކަން ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ޚިދުމަތްތައް މިއަދު ފާހަގަކުރަމުންދާ މިންވަރަށްވުރެ ބޮޑަށް މިދާއިރާއިން ފެންނަން ހުންނަންޖެހޭކަމަށެވ.

"އަބަދުވެސް ފާހަގަކުރެވުނީ އެއީ ކަމަށް ކަމޭ ހިތްތަވާއިގެން ޤައުމަށް އަދި ޒުވާނުންނަށް ކޮންމެވެސް ކަމެއް ކޮށްދެއްވަން އުޅުއްވި ބޭފުޅެއްގެ ގޮތުގައި. ޤައުމަށް މިފަދަ މުހިއްމު ޚިދުމަތް ކޮށްދެއްވި ބޭފުޅުންގެ ޒިކުރާ ހަނދާންކޮށް އައު ކުރަންޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.

މި ތަޢުބީންގެ ޖަލްސާގައި ޢާއިލާގެ ފަރާތުން ވާހަކަފުޅުދެއްކެވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމެވެ.

އެމަނިކުފާނު ވިދާޅުވީ، ސަމަރު ބްލޫ އިބްރާހީމަކީ ވަރަށްވެސް އާދަޔާ ޚިލާފު ބޭފުޅެއްކަމަށާއި، ޤައުމީ ޚިދުމަތުގެ އިތުރުން އެއީ ޢާއިލީ ގުޅުންތަކާއި އެކުވެރިންނާއެކު ގާތްގުޅުމެއް އެންމެ ފަހު ދުވަހާއި ޖެހެންދެންވެސް ބެހެއްޓެވި ބޭފުޅެއްގެ ގޮތުގައި ޢައްބާސް ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ޢާއިލާއާއި ސަމަރު ބްލޫ ޚިދުމަތް ކުރެއްވި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް މުވައްޒަފުން ބައިވެރިވެފައެވެ.

އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހިމް މަނިކަކީ ޤައުމީ ޚިދުމަތްތެރިއެކެވެ. ޤައުމަށްޓަކައި އެމަނިކުފާނު ކޮށްދެއްވި ޚިދުމަތު ލިސްޓް އެހާމެ ދިގެވެ. އެމަނިކުފާނު ވަނީ 1974 އިން ފެށިގެން 2006 އާއި ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ހަމައެހެންމެ އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައިވެއެވެ. ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިންޑިއާގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 72 އަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު