ކޮންމެއަކަސް ސިކުނޑީގައި ހިނގަމުން އައި ހިޔާލު ތަކުގެ ސަބަބުން ވަކި މީހަކާ ވާހަކަ ދެއްކުމެއްނެތި އެހެން މީހުނެކޭ އެއްފަދައިން ޝައިނާވެސް ޓާރމިނަލްގެ ދޮރާ ދިމާލަށް ބަަލަހައްޓައިގެން ހުއްޓެވެ. ނަމަވެސް ދުރުގައި ހުރި ރާހިލްގެ ކަޅި ހުއްޓިފައިވަނީ އެ ދޮރަކަށްނޫނެވެ. ރޭގައި ހިނގައިދިޔަ ކަންތަކަށްފަހު ޝައިނާ ފެނުނީއްސުރެން އޭނާއަށް ޝައިނާއާ ނަޒަރު ވަކިކޮށްލުން ވެފައިވަނީ ދަތިކަމަކަށެވެ. މެންދުރުގެ ގަދަ އަވިން ހިމާޔަތްވުމަށް އަޅައިފައިވާ އަވިއައިނުގެ ސަބަބުން އެދެލޯ ނުފެނުނު ކަމުގައިވިޔަސް އެ ދެލޮލުގައިވާ އަސަރުތައް ދެނެގަތުމަށް ރާހިލްވަނީ އިންތިހާއަށް ބޭނުންވެފައެވެ. އެ ކިޔުނު ބަސްތަކުގެ ސަބަބުން ރާހިލްއަށް ފެންނާނީ ހިތާމައާއި ހިތްދަތިކަންބާއޭ ނުވަތަ އޭނާއަށްޓަކައި އުފަންވެފައިވާ ރުޅިވެރިކަމެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެއީ ރުޅިވެރިކަން ކަމުގައިވުމަށް އޭނާއަށް ހިތާހިތުން ދުއާކުރެވެމުންދިޔައެވެ. އޭނާގެ ދުލުން ބޭ އިހްތިޔާރުގައި ބޭރުވި މާނައެއްނެތް ބަސްތަކެއްގެ ސަބަބުން ޝައިނާ ހިތުގައި ޖެހެން އޭނާ ބޭނުންނުވަނީއެވެ. އެއަށްވުރެ އެ ރުޅިވެރިކަންވެސް އޭނާއަށް މާ ރަނގަޅެވެ. އެކަން އޮޅުން ފިލުވަން ބޭނުންވި ކަމުގައިވިޔަސް ކާރުގައި އެއަރޕޯޓަށް އައި އިރުވެސް އެދެމެދަށް ވެރިވެފައިވި ހިމޭނަކަމުގެ ސަބަބުން ރާހިލްއަށް އެވާހަކަ ދައްކާކަށް ނުކެރުނެވެ.
ޓާރމިނަލްގެ ދޮރުން ފުރަތަމަ ނުކުމެގެންއައި މެހެމާނުންނާއެކު ރިއާންވެސް ނުކުތެވެ. ބެއިޖްކުލައިގެ އަތްދިގު ދޫ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއްގައިހުރި ރިއާން ފެނުމާއެކު ދުރުގައިހުރި ރާހިލް ކުރިއަށް ހިނގައިގަތެވެ. އަދި ދެމީހުން އެކުގައި ރަސްމިއްޔާތަށް އައި ހާއްސަ މެހެމާނުންތައް ހޮޓެލްގެ ވޭންގެ އިތުރުން ކުލީކާރުތަކުގައި ފޮނުވައިލުމަށް އެހީތެރިވެދިނެވެ. އެމީހުނާއެކު ރާފިުވެސް ފޮނުވައިލިއެވެ.
"އަހަރެންވެސް ހޮޓެލްގަ މަޑުކުރާނީ. މިއޮށް ހޫނުވާއިރު މިތާ ނުތިބެ ތިމީހުން ދިޔަސް އެންމެ ރަނގަޅު" މީހުން ގޮސް ހުސްވުމުން އެތަނުގައި ބާކީތިބި ޝައިނާއާއި ރާހިލްއަށް އިޝާރަތްކޮށް ރިއާން ބުންޏެވެ.
"މަޑުކޮށްބަލަ. ހާދަ އަވަހަކަށޭދޯ ފޮނުވާލަން ތި އުޅެނީ. އަހަރެން ވަރަށް ބަނޑުހައި. ހިނގާބަލަ ކާ އެއްޗެއް ދޭން." ރާހިލް ރިއާންގާތު ބުންޏެވެ.
"އަހަރެންވެސް ވަރަށް ހައިވެއްޖެ. އެހެންވީމަ ހިނގާ ދޯ މިތާ ކައިރި ތާކަށް އަރަމާ. ޝައިނާވެސް އަންނަންވީނު" ރިއާން ދައުވަތުދިނެވެ.
"ނޫނޭ އެހެން ފަހަރަކުން. އަހަރެން އެހާ ކާހިތެއްނެތް." ޝައިނާ ކުރުގޮތަކަށް ޖަވާބުދިނެވެ.
"ތިގޮތް ކަމަކު ނުދާނެ.. އެއްޗެއް ނުކެޔަސް ޑްރިންކެއް ނެގިދާނެއްނު މިއޮށް ހޫނުވާ ގަޑީގަ. އެހެންނޫނަސް ޝައިނާ ތި ނިންމާލީ ވަރަށް ބޮޑު މަސައްކަތެއް… އައި އޯވް ޔޫ ދިސް ވަން. ސޯ ވަޓް ޑޫ ޔޫ ސޭ؟ މައި ޓްރީޓް؟" ރިއާން ބުންޏެވެ.
ރިއާން ގާތުގައި ހުރި ރާހިލްއަށް ބަލައިލުމަށްފަހު ޝައިނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ރާހިލްއާ ކުރިމަތިލާކަށް އޭނާ ބޭނުމެއްނުވެއެވެ. ނަމަވެސް ދެން މިރޭގެ ހަފްލާއަށްފަހު މިކަންވެސް ނިމުނީތާއޭ ހިތަށް އަރުވައިލަމުން ޝައިނާ އެއްބަސްވިއެވެ. އަދި އޭނާއާ އެއްކޮށް އައި ދެ މުވައްޒަފުން ގާތު އޭނާ ދާނީ ވަކިން ކަމުގައި ބުނެ އެދެމީހުން ފޮނުވައިލިއެވެ.
ކާރުގައި ދިޔައިރު ރިއާންއަށް ރާހިލްއާއި ޝައިނާގެ ދެމެދަށް ވެރިވެފައިވި ހިމޭންކަން ފާހަގަވިއެވެ. އެއީ އޭނާ ދުރުގައި ހުރިއިރު އަބަދު ދެ ކުޑަކުދިންހެން ކޯޅުމެއްގައި އުޅޭ ދެމީހުންނެވެ. ހަގީގަތުގައި ރިއާންއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ރާހިލް މާ މަޑުން އިންނާތީއެވެ. ޝައިނާއަކީ އެއްވެސް އިރެެއްގައި އެހާ ސަކަރާތްބޮޑު އަނގަގަދަ ކުއްޖެއްގެ ގޮތުގައި އެނގިފައި ނެތުމުން ރިއާންއަށް ޝައިނާގެފުށުން ފެނުނީ ހަމަ އާންމުގޮތެއްގައިވެސް ހުންނަ މިޒާޖެވެ.
"ހާދަ މަޑުންނޭ ދެމީހުން ތި ތިބެނީ. ޖަހާނެ ސަކަރާތް ހުސްވީތަ؟ އަހަރެން މާލޭގަ ހުރިއިރު ގައިމު ތި ދެމީހުންގެ ޝަކުވާ އަޑު އަހާފަ އިތުރު ކަމެއް ކުރާކަށް ވަގުތެއް ނުވޭ " ރިއާން ދިމާކުރުމުގެ ރާގެއްގައި ބުންޏެވެ.
"އެހެންނު ވާނީ. މި އަންނަނީއޭ ކިޔާފަ ހެނދުނު އަހަރުމެން ހޭލައްވައިފި. އާދެވޭވަރު ތިވީ މެންދުރު. މީހުން ބޮލުގަވެސް ރިއްސާނެ ދޯ ރަތްދައްކާ އަވީގަ ވިއްޔަ ހުންނަން ޖެހުނީ" ރާހިލް ޖަވާބުދިނެވެ.
"އެކޮޅު ރަންވޭ ކްލިއަރ ނުވީއޭ. އަހަރެން ކީއްތަ ކުރާނީ؟" ރިއާން ދިފާއުގައި ބުންޏެވެ.
"ދެން މައްސަަލައެއްނެތޭ ކޮބާތަ އެއްކަލަ އަހަރެން ބުނި…." ރާހިލް ނުހަނު ފަސޭހައިން ރިއާންގެ ސަމާލުކަށް އެހެން ދިމާލަކަށް އަނބުރައިލަމުން ވާހަކައެއް ފެށިއެވެ. ޝައިނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ހީވާގޮތުން އެއީ ރާހިލްގެ ބައްޕަގެ ކެމްޕޭނާ ގުޅޭ ވާހަކަ ތަކެކެވެ. މާގިނައިރެއްނުވެ ކެފޭއެއްގެ ކައިރިއަށް މަޑުކޮށްލި ކާރުން ފައިބައިގެން ތިންމީހުންގޮސް ކެފޭގެ އޯޕެން އޭރިއާގައި ހިޔާއެޅިފައިހުރި މޭޒެއްގެ ދޮށުގައި އިށީނެވެ. އެވަގުތަކީ ކެފޭގައި މީހުންވެސް މަދު ވަގުތެެއްކަމަށްވުމާއެކު ދާދި އަވަހަށް އޯޑަރު ދެވުނެވެ.
"މިކޮޅަށް އައުމުގެ ކުރިން ބަލާލިން ވެބްސައިޓްއަށް ލާފައިން ހޮޓެލްގެ ވަރޗުއަލް ޓުއަރ. ވެލް ޑަން!! ޝައިނާގެ ފުރަތަމަ ލީޑިންގް ޕްރޮޖެކްޓާ ބަލާފަ މާ ބޮޑަށްވެސް ހިތްހަމަޖެހޭ. އަސްލު ހަމަލޮލުން ބަލާލަން ނައިސް ސީދާ އޯޕެނިންގަކަށް ދާންވެސް ނިންމީ އެހެންވެ" ޝައިނާ ވާހަކައިގައި ބަައިވެރިކުރުމަށް ރިއާން މަސައްކަތްކުރިއެވެ.
"އެކަމަކު އަސްލު އަހަރެން މާ ހިތްހަމަ ޖެހުނީސް ސަރ އައިސް ބަލާލާފަ ޑެސިޝަަނެއް ނެގިނަމަ. ފަހަރެއްގައި ހަމަ ބަދަލުކުރަންޖެހޭ ކަމެެއްވެސް ހުރެދާނެއެއްނު" ޝައިނާ ބުންޏެވެ.
"ހިއެއް ނުވޭ އެހާ ބޮޑު މައްސަލައެއް ފެންނާނެ ހެނެއް. އެހެން އުޅޭ ކުދިކުދި ކަންތައް ހުޅުވާފަހުންވެސް ރަނގަޅުކޮށްލެވޭނެ އެއްނު." ރިއާން ބުންޏެވެ.
"އަސްލު އަހަރެންވެސް ހިއެއްވެސް ނުކުރަން އެހާ ކުޑަ ދުވަސްކޮޅެއް ފިނިޝިންގް ނިމޭނެއެކޭ. އައިމް އިމްޕްރެސްްޑް.." ރާހިލްއަކަށް ހިމޭނަކުން ނީނދެވުނެވެ. އޭނާ އިންނަތާކު ވާހަކައެއް ދައްކަންޏާ އޭގެ ތެރެއަށް ވަދެގަތުމަކީ މިޒާޖުގައި ހަރުލާފައިވާ ކަމަކަށް ވާތީ ރާހިލްއަށް ހިނދުކޮޅަކަށް ޝައިނާއާ ދެމެދު ހިނގަމުންދާ ކަންތައް ހަނދާނުން ކައްސައިލައި ހިޔާލު ފާޅު ކުރެވުނީއެވެ.
"ޔާ ބިކޯޒް އަންލައިކް ސަމް ޕީޕަލް.. މިބުނީ މިކޮޅަށް މަޖާނަގަން އައި ބައެއް މީހުނާ ހިލާފަށް އަހަރެން މަސައްކަތްކުރީ ހަވާލުވެފައިވާ ކަންތައް ނިންމޭތޯ ވިއްޔަ" ޝައިނާ ރާހިލްއާ ދިމާލަށް ވައްބަހެއް އެއްލިއެވެ.
ރާހިލް އެކަމާ ހިތްހަމައެއް ނުޖެހުނެވެ. ނޭނގޭ ސަބަބަކާހުރެ ޝައިނާ އަބަދު އޭނާއާ ޖައްސާލައިފައި ހުންނަ ހުރުމުގެ ސަބަބުން އޭނާގެ ބޯ ގޮވަން ފަށައިފިއެވެ. އިއްޔަރޭ އެދެމެދުގައި ކޮންމެ ކަމެއް ހިނގިކަމުގައި ވިޔަސް އޭގެ ކުރިންވެސް ކަންއޮތީ އެހެންނެވެ. ނުވިތާކަށް އޭނާ ދެންމެ އެބުނި ވާހަކައަކީ އޭނާ ޝައިނާގެ މަސައްކަތައް ކުރި ތައުރީފެކެވެ. ފާޑުކިޔުމެެއްނޫނެވެ. ޝައިނާގެ ރައްދު އެފަދަ ގޮތަކަށް ލިބެންޖެހޭ ސަބަބެއް އޭނާއަކަށް ނޭނގެއެވެ.
"އަސްލު ކޮބާތަ ޝައިނާގެ މައްސަލައަކީ؟ އަހަރެންނާ ހަވާލު ކުރެވުނު ކަމަކިއްޔާ އަހަރެންވެސް އޮންނާނީ ނިންމާފަ. އަހަރެން ފަރުވާކުޑައެކޭ ނުބުނެވޭނެ. އަބަދުވެސް އަހަރެންދެކެ މާވަރުގެ ރުޅިއެއް އަންނަ ސަބަބެއް އަހަރެންނަށް ބުނެދެވިދާނެތަ؟ ކަމެއް ރަނގަޅުކުރަން އުޅުނަސް ޝައިނާއަކަށް ސަލާމަތެއް ނޯވޭ" ރާހިލްގެ އަޑުގައިހުރި ހިތްހަމަ ނުޖެހުމުގެ އަސަރު ސިއްރެއް ނުވިއެވެ. އޭނާ މޭޒުގައި އަތްވިއްދައިލަމުން ކުރިއަށް ޖެހިލައި ޝައިނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ހަހަ ތިއީ ޖޯކެއްތަ؟. ނޭނގިގެންތަ ތި އަހަނީ ކީއްވެހޭ ރުޅިއަންނަނީ؟ ރޭގަ ވީ ކަންތަކާ ކިޔުނުހާ އެއްޗެހި އޮތްތާނގަ ބާއްވާފަ އަހަރެން ފާހަނައިގަ ތަޅުލިރޭ މަތިން ހަނދާން ނެތުނީތަ" ޝައިނާވެސް ރާހިލްގެ ހަރަކާތް ތަކުރާރުކޮށްލައި ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ.
"އަހަރެން އެރޭ ދިޔައީ ބޮކިވެސް ދިއްލާފަ. އަހަންނަށް ކިހިނެއްތަ އެނގެނީ ތީ އެވަރު ކަމަކާ ބިރުން ހޭނެތޭވަރު ކުޑަކުއްޖެއް ކަމެއް؟ ޕްރިޓީ ޑްރެމެޓިކް.. އިފް ޔޫ އާސްކް މީ" ރާހިލް މަލާމާތުގެ ރާގެއްގައި ބުންޏެވެ.
"އޯހް ޑްރެމެޓިކް؟ ސޭޒް ދަ ސިކްސް ފީޓް މޭން ދެޓްސް ސްކެއަރޑް އޮފް އަ ސިކްސް ސެންޓިމީޓަރ ކޮކްރޯޗް" ޝައިނާ ރައްދުދިނެވެ.
"ވެލް އެޓްލީސްޓް އަހަރެން ހެއެއް ނުނެތެއެއް–"
"ރާހިލް އޭ ހަމަޖެހިބަލަ!! ދެން އޯކޭ އޭ. ޔާރައްބީ މިއޮއް ބައެއްދޯ. އަހަރެން ހީކުރީ ކާރުގަ މަޑުން ތިބީމަ އަދި ދެމީހުނަށް ހެޔޮ ވިސްނުން ލިބުނީ ކަމަށް." ރިއާން ރާހިލްގެ ކޮނޑުގައި ހިފަހައްޓާލަމުން ރާހިލްގެ ވާހަކަ ހުއްޓުވިއެވެ. އޭރު ރާހިލްއާ ޝައިނާ ތިބީ އެކެއްއަނެކެއްގެ ގަޔަށްބޮލަށް އަރައިގަންނަ ހިސާބުގައެވެ. ރިއާން އިނީ އަދިވެސް އެދެމީހުންގެ ޒުވާބު ފެށިގެން އެހިސާބަށް ދިޔަގޮތާމެދުވެސް ވިސްނާލަން ނޭނގިފައެވެ.
"ސާބަސް!! ދެމަފިރިންތަ ތީ؟ އަބަދު ތިގޮތަށް ތި ޒުވާބު ކުރަނީ؟ ތިހެން އުޅެމުންގޮސް އެންމެފަހުން ތިދެމީހުން ކަންނޭގެ އިންނާނީވެސް" ރިއާން ބޯ ހޫރައިލިއެވެ.
"ޗި. އައި ހޭޓް ހިމް." " ޗި. އައި ހޭޓް ހަރ" ޝައިނާއާއި ރާހިލަށް އެއްފަހަރާ ބުނެވުނެވެ.
"އޯކޭ އޯކޭ. ބަޓް ދެއަރ އިޒް އަ ވެރީ ތިންލައިން ބިޓްވީން ހޭޓް އެންޑް ލަވް. މީހުން ބުނެ އުޅޭ ނަފްރަތަކީ ލޯބީގެ ފެށުމޭވެސް. ނޮޓް ދެޓް އައި ބިލީވް އިން ލަވް" ރިއާން ލާނެތް ފާޑަކަށް ހިނިއައިސްފައި އިނދެ ބުންޏެވެ.
"ކީކޭ ތި ބުނަން އުޅެނީ؟؟" ރާހިލް ސުވާލުގެ ނަޒަރަކުން އެއްބުމަ ހިއްލައިލިއެވެ. ބަދަލުގައި ރިއާން ދެއަތް ކޮނޑާހިސާބަށް ހިއްލައިލުމަށްފަހު ދެކޮނޑު އަރުވައިލަމުން ނޭނގޭކަމަށް އިޝާރާތް ކުރިއެވެ.
"ރިއާންއަށް ހީވޭތަ އަހަރެން މި އަގްލީ ސަންތިގަނޑާ އިންނާނޭ؟؟ އޯ ޕްލީޒް އައި ހޭވް ސީން ޕްރިޓިއަރ ގަރލްސް އިން މައި ނައިޓްމެއަރޒް" ރާހިލް ޝައިނާ ރުޅިއަރުވައިލުމުގެ ނިޔަތުގައި ބުންޏެވެ. އަދި އެކަން ކާމިޔާބުކުރިއެވެ.
"ސީ ޔޫ ޓުނައިޓް. ނޮޓް އިން ނައިޓްމެއަރޒް.. އެޓް ދަ އިވެންޓް" ޝައިނާ ރުޅިއައިސްގެން އިންގޮނޑިން ތެދުވުމާއެކު ބޭރަށް ނުކުންނަށް ހިނގައިގަތެވެ.
"ޝައިނާ. ދަނީތަ؟ ރާހިލްގެ ފަރާތުން އަހަރެން މާފަށް އެދެން އެކަމަކު އަދި ދާކަށް ނުވޭނު. އޯޑަރ ވެސް ނާދޭ.." ރިއާން އިނީ ރާހިލްގެ އަމަލުތައް ހުރިގޮތުގެ ސަބަބުން ހިތްހަމަ ނުޖެހިފައެވެ.
"މިވަގުތު އަހަރެން މިތާ އިނުން ރަނގަޅެއްނޫން. އަހަރެން ދާނީ ކާރެއް ނަގައިގެން. ޑޯންޓް ވޮރީ" ޝައިނާ ރިއާން ބުނި އެއްޗަކަށް ފަރުވާލެއްނުދީ އެތަނުން ދިޔައެވެ. ޝައިނާ ދިޔުމާއެކު ރިއާން ސުވާލުގެ ނަޒަރަކުން ރާހިލްއާ ދިމާލަށް ބަލައިލިއެވެ.
"ވަޓް؟" ރާހިލް ފެންތަށި ތުނބުގައި ޖަހައިލިއެވެ.
"އަހަރެން ވާނުވާގަ ނުބަހައްޓާ މި ވާ ގޮތެއް ކިޔާދޭން ވެއްޖެއެއްނު. އެންމެ ދެމަހެއްހާ ދުވަސްތެރޭ ހާދަ ބަދަލެކޭ ރާހިލްއަށް ތި އައީ. ތީ ކުރިން ދުވަހަކުވެސް ތިގޮތަށް އަންހެންކުދިން ޗޭސްކޮށް އުޅުން މީހެއްނޫން. ކުޑަމިނުން ކުއްޖެއް ހިފަހައްޓަންވެސް އުޅުނު މީހެއްނޫން. އެންމެ އީޒީ ކުދިން ބަލާފަ ގެންގުޅެނީ. ޝައިނާ އެ ހުރިހާ ގޮތަކަށް ރާހިލް ރިޖެކްޓް ކުރާއިރު.. އަހަރެން ދަންނަ ރާހިލްނަމަ އެކަން ހަނދާންނައްތާލާފަ ފަސޭހަ އޮޕްޝަނަކަށް ދާނެތާ ކިތަންމެ ދުވަހެއް… އަހަންނަށްވެސް އެނގޭ އެއީ ރީތި ކުއްޖެއްކަން. އެ ސިފައިގެ އަވައިގަ ޖެހިގެންކަން ރާހިލް މިކޮޅަށް އައީވެސް. އެކަމަކު ރާހިލް ތިއުޅެނީ ކުޅިވަރެއް ކުޅެން ކަމަށްވަންޏާ ތިކަން ދޫކޮށްލާ. ޝައިނާއަކީ ރާހިލް ތި ހީކުރާ ކަހަލަ ކުއްޖެއްނޫން. ވަރަށް ނިކަމެތި އެެކަނިވެރި ކުއްޖެ-"
"ޔެސް ޔެސް އަހަރެންނަށް އެނގެއޭ ރިއާން. ތީ ރިއާން އަލަށްކިޔާ ބަނދިވަރެއް ނޫނެއްނު. އަހަރެންނަކަށް ނޭނގެ ޝައިނާ އަހަރެންދެކެ އަންނަ ރުޅިއެއް. އަހަރެންމިހާރު ނޫޅެން އޭނައާ ހެދި މާވަރަކުން" ރާހިލް ރިއާންގެ ވާހަކަ މެދުކަނޑައިލިއެވެ.
"އަހަރެންނަކަށްވެސް މީގެ ކުރިން ޝައިނާގެ މިޒާޖުގައި މައްސަލައެއް ފާހަގަ ކުރެވިފައެއްނެތް. އަނެއްހެން އަހަރެންނަކީ މުވައްޒަފުންގެ ކަންކަމުގެ ތެރެއަށް މާބޮޑަށް ވަދެގަންނަ މީހެއްވެސް ނޫން. އެކަމަކު މިކޮޅަށް އައިފަހުން ތިދެމީހުންގެ ކަންތައް ބޮޑުކަމަކަށްވެގެން އަހަރެންވެސް ކުޑަކޮށް ބަލައިލިން. ނީމް ބުނީ އޮފިސްތެރޭގަ އަބަދުވެސް ޝައިނާގެ ވާހަކަ ދައްކާކަމަށް. އޭނާއާ ގޯސްގޮތަކަށް އެޕްރޯޗް ނުކުރާހަ ހިނދަކު އޯކޭއޯ. އެކަމަކު ކިރިޔާވެސް މީހަކު އޭނާއަށް އިންޓްރެސްޓް ޝޯ ކުރާހެން ހީވަންޏާ އެމީީހަކާ ދޭތެރޭ ވަރަށް ރުންކުރު ކަމަށޯ ފާހަގަ ކުރެވެނީ. ހީވާގޮތުން ޝައިނާ ފިރިހެނުންދެކެ ވަރަށް ރުޅިއާދެޔޯ. ޝީ ހޭޓްސް މޭލް އެޓެންޝަން. އެހެންވީމަ ތީ ރާހިލްގެ މައްސަލައެއްނޫން. ޝައިނާގެ މިޒާޖުގެ މައްސަލައެއްކަމަށް ބަލާފަ ތިކަން ދޫކޮށްލާ"
"މިޒާޖުގައި ހުންނަ ގޮތެއްހެނެއްވެސް ހިއެއްނުވޭ. ގައިމު މިކޮޅުގަ ރާފިއުއާވެސް ވަރަށް ކޫލްކޮށް އުޅެނީ. އަނެއްކާ ޝައިނާއަކީ ޒީމެން އޭޖް ކުއްޖެއް. އެންމެ 23 އަހަރެއްނު. ފިރިހެނުންނަށް އެވަރަށް ނަފްރަތު ކުރާވަރުގެ ސަބަބެއް އޮންނަ ވަރަށްވުރެ މާ ޔަންގް. މެރީވެސް ކުރީކީ ނޫނެއްނު. ގޯސް ފިރިއެއްގެ އެކްސްޕީރިއަންސް އެއްވެސް ނޯންނާނެ." ރާހިލް ރިއާންގެ ވާހަކަ ގަބޫލެއްނުކުރިއެވެ.
"އަހަރެން މި ބުނީއެއްނު މައްސަލަ ޖެހެނީ އޭނައަށް އިންޓްރެސްޓް ޝޯ ކުރާ ހިސާބުންނޭ. ވެދާނެއެއްނު ރާފިއުގެ ފަރާތުން އެކަހަލަ ނިޔަތެެއް ފާހަގަ ނުވަނީކަމަށް. އަނެއްކޮޅުން ކޮންމެހެން މެރީ ނުކުރިޔަސް ލައިފްގަ ކަމެއް ހިނގާފާނެ. ވެދާނެއެއްނު އެބިއުސިވް އެކްސް އަކަށްވެސް. ރާހިލް ކުދިންނާއެކު ސްލީޕް ކުރާތީވެސް އޭނާ ރުޅިއާދެއެއްނު. ވެދާނެ އެއްނު ޗީޓިންގް ކޭސްއަކަށްވެސް." ރިއާން މަސައްކަތްކުރީ ރާހިލްއަށް ވިސްނައިދިނުމަށެވެ.
"ހިއެއްނުވޭ ތިހެނެއްވެސް. ޝައިނާ ޑޭޓް ކުރީ އެންމެ މީހަކާ. އެވެސް ހައިސްކޫލްގަ" ރާހިލް ބުންޏެވެ.
"އައްދޭ. ހާދަ ވަރަކަށް އޭނަ ދަސްކޮށްފީމޭ ދޯ. އަހަންނަކަށް ނޭނގެ އަދި ތިހާ ގާތްކަމެއް." ރިއާން ހައިރާންވެފައި ބުނަމުން ކޮފީތަށި ތުނބުގައި ޖައްސައިލިއެވެ.
"އެކަހަލަ މީހަކާ ގާތްވެވޭނީ މިވަރަކަށް. ވީ ކިސްޑް." ރާހިލްގެ ޖަވާބާއެކު ރިއާންގެ އަނގައިގައި ހުރި ކޮފީފޮދުވެސް ބުރައިގެން ނުދިޔައީ ކިރިޔާއެވެ. އަވަހަށް ދިރުވާލަން އުޅުމުގެ ތެރޭގައި މިހާ ކޮށިއަރައިގަތެވެ.
"އޭ އޭ. ހާދަ ވަރެކޭ ތިވީ. ރިއާންއެއްނު ބުނީ އެއީ ހަމަ ސިސްޓަރ އެކޭ. އެކަހަލަ ހިޔާލެއް ނެތޭ. އަހަންނަށް މިކަން ނުވާނޭވެސް. ދެން މި ފެންކޮޅު ބޯލާފަ ހަޖަމްކޮށްލަބަ. ލިޓެރަލީ.." ރާހިލް ރިއާންއާ ގާތަށް ފެންތަށި ޖައްސައިލަމުން ބުންޏެވެ.
"ޔޫ ވަޓް؟" ރިއާން ފެންތަށި ބޯލުމަށްފަހު ހަމަޖެހެން މަސައްކަތްކުރަމުުން އަހައިލިއެވެ.
"އައިމީން އައި ކިސްޑް ހަރ. އެންޑް ވަން މިނަޓް ޝީ ވޯޒް ކިސިންގް މީ ބެކް.. ބަޓް ދަ ނެކްސްޓް ސެކަންޑް ޝީ ސްލެޕްސް މީ. ކޭން ޔޫ ބިލީވް އިޓް؟" ރާހިލް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބުންޏެވެ.
"އޯކޭ އޯކޭ. ތީ ކޮން އިރަކު ހިނގިކަމެއް؟؟ އަނެއްކާ ޔަގީންތަ ތީ ރާހިލްއަށް ފެނުނު ހުވަފެނެއް ނޫންކަން." ރިއާންހުރީ އަދިވެސް އެވާހަކަ ގަބޫލު ނުކުރެވިފައެވެ.
"ޕިސް ރޭގައޭ. އެކަމަކު ކުރިންވެސް އަހަރެންނަށް ހީވި އަހަރުމެން ދެމީހުން ދޭތެރޭގަ ކޮންމެވެސް ޓެންޝަންއެއް އޮތްހެން… އޭނަގެ ގޮތެއް ނޭނގެ. ހަމަގައިމުވެސް އަހަރެންނަށް އެހެން ފީލްވި" ރާހިލް ބުންޏެވެ.
"ފަހަރެއްގާ ރާހިލް އަސްލުކޮށް ވެސް ޝައިނާދެކެ ލައިކް ވަނީ ކަންނޭގެ." ރިއާން ބުންޏެވެ.
"ޕިސް.. ލައިކޭ؟ އަހަރެންނަށް އެންމެ މަހެއް އިތުރަށް ލިބުނު ނަމަވެސް ޝައިނާގެ ކަންތަށް މިއަށްވުރެ ކުރިއަށް ގެންދާނަން.. އޭނައަށް އެކަންޏެއް ނޫނޭ ގޮތްދޫނުކުރެވެނީ.." ރާހިލްގެ ޖަވާބާއެކު ރިއާންއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އޭނާގެ ރަހްމަތްތެރިޔާ ދުވަހަކުވެސް އިސްލާހެއްނުވާނޭ ހިތަށް އެރިއެވެ. ނަމަވެސް ފުރާވަރަށްފަހު އުމުރުގެ ބޮޑުބައި ވިލާތުގެ ގައުމެއްގައި ހޭދަކޮށްފައިވާ މީހަކަށް ދޭނެ ނަސޭހަތެއްވެސް އޭނާއަކަށް ނޭނގުނެވެ. ހުދު އޭނާއަކީވެސް އޭގެ މީހެކެވެ. ނަމަވެސް އެމީހުންނެކޭ އެއްފަދައިން އަންހެނުންގެ ދަޅައިގައި ނުޖެހި އޭނާއަށް ވަނީ ސަލާމަތްވެވިފައެވެ.
***********
އިވެންޓް ފެށުމަށް އޮތް ވަގުތު ކުޑަތަންވަމުން ދިޔަ ވަރަކަށް ކޮންފަރެންސް ހޯލްގެ ތެރެއަށް މީހުން ޖަމާވަމުން ދިޔައެވެ. މާލަމުގެ ވަށައިގެން ދަމާފައިވާ ހުދުކުލައިގެ ފޮތިތަކަށް ހޮޓެލްގެ ރަސްމީ ކުލަ ކަމުގައިވާ ގަދަ ނޫކުލައިން އަލި އަޅުވައިފައިވާއިރު މާލަމުގައި އަތުރައިފައިވާ ވަށްމޭޒުތަކާއި ގޮނޑިތަކުގައިވެސް ވަނީ ހުދުފޮތި އަޅައި ގަދަ ނޫކުލައިގެ ސެންޓަރޕީސްތަށް ބަހައްޓައިފައެވެ. ސްޓޭޖުގައިވާ ބެކްޑްރޮޕް ފަރުމާ ކުރެވިފައިވަނީ ކަނޑުއަޑީގެ މަންޒަރެއް ސިފަވާފަދަ ގޮތަކަށެވެ. މެހެމާނުންނަށް މަރުހަބާ ކިޔުމުގައި ރިއާންއާއި އާރް.އެލް. ހޯލްޑިންގްސް ގެ އިސްވެރިން އުޅުނެވެ. ހުދުކުލައިގެ ގަމިހާއެކު ހިމަދިގު ކަޅުޓައިއެއް އަޅައިފައިވާއިރު އޭގެ ބޭރުން ލައިފައިވާ ކަޅުކުކައިގެ ވެސްޓާއި ޓަކްސީޑޯގެ ސަބަބުން މިރޭ ރިއާންއާ ދިމާވާ ކޮންމެ މީހަކަށްވެސް އެއީ ހަފްލާގެ މުހިއްމު މީހެއްކަން އެނގޭފަދަ ޝާހީކަމެއް އޭނާގެ ފަރާތުން ފެންނަމުން ދިޔައެވެ. އޭނާގެ ހައިބަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އަތުކުރީގައި އަޅައިފައިވާ ރަންކުލައިގެ ގަޑީގެ ސަބަބުންނެވެ.
ރިއާންއާ ހިލާފަށް ރާހިލް ހުދުކުލައިގެ ގަމީހުގެ ބޭރުން ލައިފައިވަނީ އާދަޔަހިލާފަށް ގަދަ ކަޅުނޫކުލައިގެ ބްލޭޒާ ސޫޓެކެވެ. އޭނާއަކީ އެއްވެސް އިރެއްގައި ޓައި އަޅަން ގަޔާވާ މީހަކަށް ނުވާތީ ޓައި އެޅުމުގެ ބަދަލުގައި އަތުކުރީގައިވާ ގަޑިއާ ގުޅޭނެހެން ކަރުގައިވާ ރިހިކުލައިގެ ފަށެއް އަޅައިފައިވެއެވެ. އަދި އެފަށް ފެންނަ ފަދައިން ގަމީހުގެ މޭމަތިން ދެގޮށެއް ނައްޓައިލައިފައިވެއެވެ. ޖަލްސާގައި ކުރާނެ މާބޮޑު ކަމެއް ނެތުމުން އޭނާ ދިޔައީ ކުޑަކުއްޖެއް ފަދައިން ރިއާން ދާހާ ތަނަކަށް ރިއާންގެ ފަހަތުން ހިނގަމުންނެވެ. ބައެއްފަހަރު ރިއާން އެހެން މެހެމާނުންނާ ދައްކާ ވާހަކައަށް ސަމާސާ ބަހެއް އިތުރުކޮށްލައި އެމީހުން ހެއްވައިލައެވެ. އެކަމުގައި އޭނާއަށްވުރެ ކުޅަދާނަ އިތުރު މީހެއް ނެތްކަހަލައެވެ.
"ސީރިއަސްލީ.. އަހަރެން ހިތަށް އަރާ އަބަދު ތި ހައިޕަރ އެނަރޖީއެއްގަ އުޅޭއިރު ރާހިލްގެ ސޯޝަލް ބެޓެރީ ޑްރެއިން ނުވޭބާއޭ. އަަހަރެންގެ ކޮލަށްވެސް މިހާރު އެބަ ތަދުވޭ އަބަދު މި މީހުންނަށް ސްމައިލްކުރަން ޖެހޭވަރުން" ރިއާން ގަދަކަމުން ހިނިތުންވެލައިގެން ހުރެ އިތުރު މީހަކާ ސަލާން ކޮށްލުމުގެ ކުރިން ހަމައެކަނި ރާހިލްއަށް އަޑު އިވޭނެހެން ބުނެލިއެވެެ.
"އެހެން އެވަނީ ތި ގަދަކަމުން ހޭން އުޅޭތީއޭ. ތިންކް ޕޮސިޓިވް. އޭރަށް ހުރިހާ ކަމެއްވެސް އަންނާނެ ނެޗުރަލީ" ރާހިލްވެސް މޫނުމަތިން ހިނިތުންވުން ވަކިކޮށްލުމެއްނެތި ބުންޏެވެ.
ގިނަބަޔަކު އައިސް ހަމަޖެހުމާއެކު ރިއާން ރާހިލް ގޮވައިގެން އެންމެ ކުރީސަފުގެ މެދުގައިހުރި މޭޒުގައި އިށީނދެލިއެވެ. ރާހިލްއާ ރިއާންގެ އިތުރުން އެމޭޒުގައި އިތުރު ބަޔަކަށް ތިބީ ރިއާންގެ ބައްޕަ ރިޔާޒާއި ދޮންމަންމަ ޝީރީނެވެ. ތުނިކޮށް ކޮށައިފައިވާ ހުދު ތުނބުޅިއާއި ބޯ އިސްތަށިގަނޑުގެ އިތުރުން ހެދުން އެޅުމުގައި ހުރި ފާޑުވެރިގޮތުގެ ސަބަބުން ފުރޮޅުލީ ގޮނޑިއެއްގައި އިންނަމަވެސް ރިޔާޒުގެ ހައިބަތަށް ބަދަލެއް ނާދެއެވެ. ގާތުގައި އިން ޝީރީންވެސް ފެންނަނީ އެހާމެ ޒުވާންކޮށެވެ. ސާޅީހުގެ ފަހުގެ އަހަރުތަކުގައިވެސް އެ މޫނުމަތިން ރުލެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. ލުއި މޭކަޕެއްކޮށް ކޮނޑާއި ހަމައަށް ކޮށައިލެވިފައިވާ ފަން އިސްތަށިގަނޑުގައި އަޅި ކުލައެެއް ޖައްސައިފައިވާއިރު އޭނާ ލައިގެން ހުރި ގަދަނޫކުލައިގެ ޒަމާނީ ކުރުތާގައިވަނީ އިސްތަށިގަނޑުގައިވާ އަޅިކުލައާގުޅޭ މިނާތަކެއް ހަރުކުރެވިފައެވެ.
"މީ އަހަރުމެންގެ ރާހިލްތަ؟ މިހާރު ނުވެސް ފެނޭ. ކޮބާތަ ތިގޭ ކުދިންކޮޅު؟" ރިޔާޒު އޭނާ އިށީނދެގެން އިން ފުރޮޅުލީ ގޮނޑީގައި ރާހިލް ގާތަށް ޖެހިލަމުން އަހައިލިއެވެ.
"އާނ އަސްލު ރާއްޖެ އައި ގޮތަށް މިކޮޅަށް އައީ. އަދި ރިޔާޒުބެމެން ގާތަށް ނުދެވިގެން މި އުޅެނީ." ރާހިލް ހިނިތުންވެލާފައި ޖަވާބުދިނެވެ. އަދި ދުރުގައި އިން ޝީރީނަށްވެސް ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. އެމީހުން ކުރަމުން ދިޔަ ގިނަ ސުވާލުތަކަށް ޖަވާބުދެމުން ދިޔައީ ރާހިލްއެވެ. ރިއާން އޭނަގެ ބަސްމަދު މިޒާޖުގެމަތިން މާގިނަ ވާހަކަ ދެއްކުމެއްނެތި ފޯނާ ކުޅެން އިނެވެ.
ޖަލްސާ ފެށުމުގެ ވަގުތު ކުޑަތަންވަމުންދާ ވަރަކަށް ރާހިލްގެ ކަޅި އެކި ދިމަދިމާލަށް ދަތުރުކުރަން ފެށިއެވެ. ހިތްއަވަސްވެފައިވާ މީހެއް ފަދައިން ފައި ތަޅުވާާލަ ތަޅުވާލައި އިނދެ އިރުއިރުކޮޅާ މެހެމާނުން ވަންނަ ދޮރާދިމާލަށް ބަލައިލައެވެ.
"ކާކު ހޯދަނީ. ޝައިނާތަ؟" ރިއާން ރާހިލްގެ ގާތަށް ގޮނޑި ޖައްސައިލަމުން އަހައިލިއެވެ.
"ޗި! އަހަރެން ކީއްކުރަން އޭނަ ހޯދަންވީ؟ ތިހެން ބުނީމަ މި ހަނދާންވީވެސް. ކޮބާތަ އޭނަ؟ މި ޕްރޮޖެކްޓްގެ ބާނީއެއް ނޫންތަ އެއީ؟" ފުރުސަތުގެ ބޭނުންހިފައި ރާހިލް އަހައިލިއެވެ. ރާހިލް އޮޅުވައިލާން މަސައްކަތްކުރިނަމަވެސް ރިއާންއަށް ރާހިލް އޭރުވެސް ހޯދަމުން ދިޔައީ ޝައިނާކަން އެނގުނެވެ.
"ނޭނގެ. ވަރަށް ލަސްވަންދެން މިތަން ސެޓްކުރުމުގަ އޭނާ އުޅުނީ އެކަމަކު މިހާރު މިނިސްޓަރ އަންނަންވެސް ފަސްމިނަޓަށްވީ. ހިއެއްނުވޭ ކަމަކާނުލާ އިވެންޓް މިސް ކޮށްލާނެހެނެއް. އޭނަގެ ޕްރެޒެންޓޭޝަންވެސް އޮންނާނެ އަހަރެންގެ ސްޕީޗް ނިންމާފަ" ރިއާން ފޯނުނަގައި ޝައިނާއަށް ގުޅައިލިއެވެ. ފުރަތަމަ ރިންގާއެކު ޝައިނާ ފޯނު ނެގިއެވެ. ރިއާންގެ މޫނަށް އަރައިގެންދިޔަ ރޫތަކުގެ ސަބަބުން ރާހިލް އިނީ ފޯނުގެ އަނެއްފަރާތުން ދައްކަމުންދިޔަ ވާހަކަތައް އެނގެން ކެތްމަދުވެފައެވެ.
"ބޭރުގަޔޯ. އަޅެ ހިނގާބަ މަށާއެއްކޮށް. އެބަ އަންނަން އިނގެ" ރިއާން ރިޔާޒްމެނަށް ބޯ ޖަހައިލުމަށްފަހު އޭނާގެ ކޯޓުގެ ގޮށްއަޅުވައިލަމުން ހިނގައިގަތެވެ. ރިއާންގެ ފަހަތުން ރާހިލްވެސް ހަލުވި ފިޔަވަޅުތަކެއްގައި އެ މާލަމުން ނުކުތެވެ.
ވަކި ހިސާބަކަށް ދެވުނު އިރު ލިފްޓް ކައިރީގައި މަޑުކޮށްލައިގެންހުރި ޝައިނާފެނި ރާހިލްގެ ދެފައިއޮޅި ވެއްޓެން ނުދިޔައީ ކިރިޔާއެވެ. އޭނާގެ ފިޔަވަޅުތައް އިހްތިޔާރަކާނުލައި ލަސްކޮށްލެވުނެވެ. ކަނޑުނޫކުލައިގެ ލޭސްފޮތިން އެކީއެކައްޗަކަށް ޖަރީކުރެވިފައިވާ ކަޅުކުލައިގެ ޖަމްޕްސޫޓް ހެދުމުގައި ޝައިނާގެ ފަރާތުން ފެންނަނީ ދުނިޔެމަތީގެ ކަމެއްހެންވެސް ހީނުވާފަދަ ރީތިކަމެކެވެ. ހެދުމުގެ މަތީބައި ނިމޭހިސާބުން އުނަގަނޑުގައި ރިހިކުލައިގެ ހިމަ ބެލްޓެއް އަޅައި އޭގެ ތިރިއާދަޔާހިލާފަށް ދޫކޮށް އޮތުމުގެ ސަބަބުން ހެދުމުގެ ތިރީބައި ފަރުމާކޮށްފައިވަނީ ދެފަޔަށް ވަކިން ކަމުގައިވިޔަސް ބައެއްފަހަރު އެއީ އެކީ އެކައްޗަކަށް ފަހައިފައިވާ ވަށްތިރިއެކޭވެސް ހީވާ ފަހަރު އާދެއެވެ. ހެދުމުގެ އަތްވެސް ވަނީ ތިރީބައެކޭ އެއްފަދައިން އުޅަނބޮށްޓާއި ހިސާބަށް ދިގުކޮށްގެނެސް ދޫކޮށްލައިފައެވެ. ބައްދާލެވިފައިވާ ކަރާއި ގުޅޭނެހެން އިސްތަށިގަނޑު އުސްކޮށް އައްސައިލެވިފައިވުމުގެ ސަބަބުން ކަންފަތުގައި ލައްވާފައިވާ ބޮޑު ރިހިކުލައިގެ ބޮޅަށް އެކަށީގެންވާ ސަމާލުކަމެއް ލިބެމުންދިޔައެވެ.
ޝައިނާހުރި ހިސާބާ ގާތަށް އާދެވުނު ވަރަކަށާ ރާހިލްގެ ނަޒަރު އެމޫނުން ވަކިކޮށްލުން އުނދަގޫވަމުންދިޔައެވެ. އެހެންޏާ ހަމައެކަނި މަސްކަރާއަކުން ފުއްދާލާ ދެލޮލުގައި ނުލާއި ރިހިކުލަ ރަމްޒުވާފަދަ ސްމޯކީ މޭކަޕެއްކޮށް އަނދުން އަޅައިފައި ހުރުމުގެ ސަބަބުން އެދެލޮލުން އާދަޔާހިލާފު ދަމާބާރެއްގެ އިހުސާސް ރާހިލްއަށް ކުރެވެމުން ދިޔައެވެ. އަދި އެ އިހުސާސްގެ ސަބަބުން މޭފިތި ނޭވާލާން އުނދަގޫވާންފެށިއެވެ.
"އަހަރެން ހާސްވަނީ. އަހަންނަށް ކަމެއް ދޫކޮށްލެވިފަ އިނިއްޔާއޯ؟ ލައިޓިންގް. ސައުންޑް. ޑެކޯ. ކަމެއް ގޯސްކޮށް ކުރެވިފަ އިނިއްޔާއޯ؟ އޯ ގޯޑް. ވަޓް އިފް ދިސް ގެޓްސް ރުއިންޑް އަހަރެންނާ ހެދި؟" ޝައިނާ ހާސްވެފައިހުރެ ރިއާންއާ ވާހަކަދެއްކިއެވެ. އެ ހާސްކަމުގެ ސަބަބުން އޭނާއަށް އެތެރެއަށް ވަންނާނެހާ ހިތްވަރުވެސް ނުލިބެނީއެވެ.
"ޝައިނާ ހަމަޖެހިބަ!! ދެން ތި ހުރިހާ ކަމަކާ ވިސްނުމުގެ ބޭނުމެއް ނެތެއްނު. ޔޫ މެނޭޖްޑް ޓު އޯރގަނައިޒް މި މުޅި ހޮޓެލް. މި އިވެންޓަކީ އެޔާ ބަލާފަ ކޯއްޗެއް. އަހަރެންނަށް ޔަގީން މިކަހަލަ އިވެންޓެއް ޝައިނާހާ ފުރިހަމައަށް އޯރގަނައިޒް ކުރެވޭނެ އެކަކުވެސް މި އިވެންޓަކަށް ނާންނާނެކަން.. އެހެންނޫނަސް އަހަރުމެން މިއައީ އެތެރޭގަ ތިބެފަ. ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަ. ދޯ ރާހިލް؟" ރިއާން ރާހިލްއަށް ދޯ ދިނެވެ. ނަމަވެސް ރާހިލްއަށް ރިއާންކީ އެއްޗެއް ނީވޭ ކަހަލައެވެ. ކަޅި ޖަހާނުލައި އޭނާއަށް ޝައިނާއާ ދިމާލަށް ބަލަން ހުރެވުނީ އެއީ ދުނިޔެ މަތީގައިވާ އަށްވަނަ އަޖައިބު ފަދައިންނެވެ.
"އެހެމް އެހްމް. ދޯ ރާހިލް." ރާހިލްގެ ސަމާލުކަން ހޯދުމަށްޓަކައި ރިއާން ކަރުކެހިލިއެވެ.
"އޭނ ކީކޭ؟ އާނ ޔެސް… ޔެސް ޔޫ ލުކް ގުޑް" ރާހިލްގެ ޖަވާބާއެކު ސުވާލުގެ ނަޒަރަކުން ޝައިނާ ރާހިލްއަށް ބަލަައިލިއިރު ރިއާންއަށް ފުންނޭވާއެއް ދޫކޮށްލަމުން ނިއްކުރިއާއި ނޭފަތް ގުޅޭ ހިސާބުގައި ހިފަހައްޓައިލެވުނެވެ. އޭނާ ދެއްކި އެންމެ ވާހަކައެއްވެސް ރާހިލްއަށް ނީވޭކަން އެނގުނެވެ. އެވަރަކުން އަދި އެކަމާ މުޅިން ނުގުޅޭ ޖަވާބެއް ދޭން ޖެހޭ ހެެއްޔެވެ؟
"އައި މީން ދަ އިވެންޓް ރާހިލް" ރިއާން ތަކުރާރުކޮށްލިއެވެ.
"އޯ.. އޯ ޔެސް ޔެސް އެވްރީތިންގް އިސް ޕާފެކްޓް. ނަތިންގް ޓު ވޮރީ އަބައުޓް ރިއަލީ. އެކްސެޕްޓް ދެޓް ޔޫ މައިޓް ހިޕްނޮޓައިޒް ސަމް މެން އައުޓް ދެއާ." ރާހިލްގެ ޖަވާބުން ޝައިނާގެ ނިތަށް ރޫތައް ގިނަވިއެވެ. ރިއާންވެސް ކައިރީގައި ހުއްޓާ ރާހިލް އެފަދަ ގޮތަކަށް އޭނާއާ 'ފްލަރޓް' ކުރަނީ ހެއްޔެވެ.
"ރާހިލް ރިއަލީ؟ މީ ސަމާސާ ކުރަންވީ ގަޑިއެއް ނޫނޭ" ޝައިނާ ކުރިއަށް ޖެހިލަމުން ހިތްހަމަ ނުޖެހިފައި ބުންޏެވެ.
"އެބްޒޮލިއުޓްލީ ޔެސް ޝައިނާ. އެގްރީޑް ދެޓް އިޓްސް ނޮޓް ޓައިމް ޓު ޖޯކް. އިޓްސް ޓައިމް ފޯރ ދަ މިނިސްޓަރ ޓު އެރައިވް ސޯ ޕްލީޒް. ލެޓް އަސް އޯލް ގޯ އިންސައިޑް." ރިއާން އެދެމެދުގައި ޒުވާބެއް ނުފެށެންދެން ހުއްޓުވިއެވެ. ޝައިނާވެސް ރިއާންގެ ފަހަތުން ހިނގައިގަތެވެ. ނަމަވެސް އެހިނގުމުގައިވާ ޖެހިލުންވުން ފާހަގަ ކުރެވި އެންމެ ފަހަތުގައިހުރި ރާހިލް ދުވެލައިފައި އައިސް ޝައިނާއާ ހަމަކޮށްލިއެވެ.
"ހޭ. އަހަރެން އަސްލުވެސް މީން ކޮށްފަ ބުނީ. ސަމާސާއަކަށްނޫން. ޔޫ ލުކް ޑޭންޖެރަސްލީ ބްރެތްޓޭކިންގް. އައި މީން ޔޫ ޓުކް މައި ބްރެތް. ލިޓެރަލީ.." ކުރީގައިހުރި ރިއާންއަށް ނީވޭނެހެން މަޑުމަޑުން ޝައިނާގެ ކަންފަތް ދޮށުގައި ރާހިލް ބުނެލިއެވެ.
"ތޭންކްސް އައި ގެސް" ރާހިލްގެ ބަސްތަށް އިވުމާއެކު ކޮށްފައިވާ މޭކަޕާއެކުވެސް ޝައިނާގެ ދެކޮލަށް ހޫނުވެ ޖަންބުކުލަ އަރައިގެން ދިޔައެވެ. އެ އިހްސާސްތައް ކޮންޓްރޯލްކޮށް އެ މަންޒަރު ރާހިލްއަށް ފޮރުވުމަށްޓަކައި ތުންފަތުގައި ދަތް އަޅައިލަމުން އިސްޖަހައިލިއެވެ. ނަމަވެސް އެ ހަރަކާތް ރާހިލްގެ ލޮލުގައި އަޅައިގަތެވެ. އިސާހިތަކު ކުރިންރޭ އެދެމީހުންގެ ދޭތެރޭ ހިއްސާކުރެވުނު ވަގުތުކޮޅު ހަނދާންވުމާއެކު އޭނާގެ ހިތް އަވަސްވެ ހައްޓަށް އުދާސްކަން ވެރިވާންފެށިއެވެ. އެ ތުންފަތުގެ މީރުކަން އަދިވެސް އޭނާގެ ސިކުނޑީގައި ހަރުލާފައިވިއެވެ. އެސިކުނޑި އަމިއްލަ ބާރުގެ ދަށަށް ގެނައުމަށްޓަކައި ރާހިލް ފަޓުލޫނުގެ ޖީބުގައިވާ އަތް މުއްކަވައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި މިފަހަރު ރިއާންއަށްވެސް އިވޭނެ ފަދައިން ދެއްކޭނެ ގޮތަކަށް ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.
"ސޯ މިއީ ޝައިނާގެ ޑިޒައިނެއްތަ؟ ދަ ޑްރެސް؟" ރާހިލް އަހައިލިއެވެ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުންވެސް އޭނާބެލީ ޝައިނާއާ ވާހަކަ ދެއްކޭތޯއެވެ.
"ހްމްމް. ކުރީދުވަހު ފެހީ" ޝައިނާ ކުރުކޮށް ޖަވާބު ދިނެވެ.
"ވަރަށް ރީތި. ކަންފަތުގަ އިން ހޫޕް ތި ހެދުމާ ވަރަަށް ގުޅޭ. ޔޫ ލުކް ޕާރފެކްޓް" ރާހިލްގެ ތައުރީފުގެ ބަސްތައް އިވުމާއެކު ރިއާންގެ ގާތަށް ހިނިއައި ނަމަވެސް އޭނަ ކެއްސުމަކުން އެކަން ފޮރުވައިލިއެވެ. އޭރު އެމީހުންނާ ތިބެވުނީ މާލަމުގެ ތެރޭގައެވެ.
"ތޭންކްސް. އެކަމަކު ހީ ނުކުރާތި ތިހެން ކޮށްލާ ތައުރީފަކަށް ދޭ ރައްދަކުން އަހަރެން މާފު ކުރީއޭ." ޝައިނާ ބުންޏެވެ. އަދި ރިއާންމެންނާ ދުރުގައި އޭނާ އިށީނުމަށް ހަމަޖެހިފައިވާ މޭޒާ ދިމާލަށް ދިޔައެވެ. އެތަނުގައި ހޮޓެލްގެ މެނޭޖަރުގެ ހައިސިއްޔަތުން ރާފިއުވެސް އިނެވެ. ޝައިނާ ގޮސް އިށީނުމާއެކުހެން ރާފިއު ޝައިނާގެ ކަންފަތްދޮށުގައި އެއްޗެއް ބުނެލިގޮތުންނާ އެއާއެކު ރައްދުގައި ޝައިނާވެސް ރާފިއުއަށް ހިނިތުންވެލިގޮތުން އެކުރީ ތައުރީފެއްކަން ރާހިލްއަށް ޔަގީންކުރެވުނެވެ.
ރިއާންއާއެކު ހިނގައިގަތް އިރުވެސް އޭނާގެ ނަޒަރު ޝައިނާމެން ތިބި މޭޒާ ވަތްކެއް ނުކުރެވުނެވެ. ގޮނޑީގައި އިށީނދެވުމާއެކު މޭޒުމަތީގައިހުރި ނަން އަލްކޮހޮލިކް ސްޕާރކްލިންގް ޑްރިންކް ތަށި ނަގައި އެއްފަހަރުން ހުސްކޮށްލިގޮތުން ހީވީ ޝައިނާ ފެނުނީއްސުރެ އިހުސާސް ކުރެވެމުންދިޔަ ކަރުހިއްކުމުގެ އަސަރު އެކީހެން ފިލުވައިލާން އުޅުނު ހެންނެވެ.
ފަތުރުވެރިކަމާއިބެހޭ ވަޒީރުގެ އިތުރުން އަތޮޅުގެ މެންބަރުންނާއި ގިނަ އަދަދެއްގެ ސީޔާސީބޭފުޅުން އަދި ވިޔަފާރިވެރިން ބައިވެރިވި އޯޝޭނިއާ ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތު ކާމިޔާބު ކަމާއެކު ނިންމައިލެވުނެވެ. ފޮޓޯ ނެގުމުގައި އުޅުނު މަދު ބަޔަކު ފިޔަވައި ދެންތިބިމީހުން ގޮސް ތަނުން މީހުން މަދުވާން ފަށައިފިއެވެ.
"އޯކޭ ޓީމް ފޮޓޯ. އާދޭ އެންމެން." ރާހިލް ހޮޓެލްގެ މަސައްކަތުގައި އުޅުނު ލޯކަލް ޓީމުގެ އިތުރުން ޝައިނާއާއި ހެޑްއޮފީހުގެ ދެ މުވައްޒަފުންނަށް ގޮވައިލިއެވެ. ފޮޓޯގްރަފަރގެ އިރުޝާދާ އެއްގޮތައް ހުއްޓި ޓީމް އެކުގަޔާއި ވަކި ވަކި މީހުންނާއެކު ފޮޓޯ ނެގުމުގައި އުޅުނެވެ. އެގޮތުގެ މަތިން ރާހިލްއާ ޝައިނާވެސް އެކުގައި ފޮޓޯ ނަގަންޖެހުނެވެ. "ވާއު" އެދެމީހުން އެކުގައި ކެމެރާގެ ލެންސަށް އެރި ވަގުތު ފޮޓޯނަގަން ހުރި އަންހެން ކުއްޖާއަށް މަޑުމަޑުން ބުނެވުނެވެ. އެހެން މީހުނެކޭ އެއްގޮތައް ކައިރީގައި ހުއްޓިލައިގެން ހުރެ ފޮޓޯއެއް ނެގުމަށްފަހު ދާން އުޅުނު ވަގުތު ފޮޓޯ ނަގަން ހުރި ކުއްޖާ އެދެމީހުންނަށް ގޮވައިލިއެވެ.
"އެކްސްކިއުޒް. ސޮރީ. ދެމީހުން ފޮޓޯކޮޅަކަށް އަރައިލެވިދާނެތަ؟؟ އަސްލު ލޭޑީގެ ހެދުމާ ޖެންޓްގެ ސޫޓާ ވަރަށް ގުޅޭ. ޕްލަސް ދަ ލުކްސް އެންޑް ފީޗަރޒް. ހަމަ އައިޑިއަލް މެގެޒިން ކަޕްލް އަކާ ދިމާވިކަހަލަ. ބޭނުމިއްޔާ އަޅުގަނޑު ފޮޓޯތައް ދީފާނަން. އެކަމް ތިދެމީހުންގެ ހުއްދައާއެކު ހަމަ އަޅުގަނޑުގެ ޕޯރޓްފޯލިއޯ އަށް އެޑްކޮށްލަންވެގެން" އެމީހާ އަދަބުވެރިކަމާއެކު ބުނިގޮތުން އެދެމީހުންނަށް އިންކާރު ކުރާކަށް ނުކެރުނެވެ. އެއީ މާބޮޑު މާނައެއްނެތް ފޮޓޯ ތަކެއްކަމުގައި ދެމީހުންވެސް ނިންމިއެވެ.
"ޝައިނާ ބޭނުމިއްޔާ ނޫނެކޭވެސް ބުނެވޭނެ އިނގޭ. މިހާރު ހުއްޓާލަން ބޭނުންވިޔަސް" ރާހިލް ހުރީ ޝައިނާ ހިތްހަމަނުޖެހިދާނެތީ ކަންބޮޑުވެފައެވެ.
"އިޓްސް އޯކޭ ރާހިލް. އަހަރުމެން ދޭތެރޭ ޖެހިފައި އޮތީ މުޅިން އެހެން މައްސަލައެއް. އެކުއްޖާ ކިހާ ނައިސް. އެންޑް ޔަންގް ކިހިނެއް އެނގެނީ މިއީ އޭނަގެ ޕޯރޓްފޯލިޔޯއަށް ކިހާ މުހިއްމު ނޫން ފޮޓޯތަކެއް ނޫން ކަމެއްވެސް." ޝައިނާ ބުންޏެވެ.އަފި ފޮޓޯ ނެގުމައިގެން ކުރިއަށް ދިޔައެވެ.
"އޯކޭ. ކުޑަކޮށް ކައިރިވެލާ. ޔެސް. ކޮނޑުމަތިން މިކޮޅަށް. ޔެސް. ކުޑަކޮށް ލޭޑީގެ ވެއިސްޓްގަ ރައިޓް ހޭންޑް އަޅުވާލާ ތްރީ ޓޫ ވަން. ބިއުޓިފުލް. ޔެސް އަދި ވަންސް. ސަމް މޯ. މިފަހަރު ދެމީހުން އެކަކު އަނެކަކަށް ބަލާލާފަ. ވާއު މާވެލަސް.. ކުޑަކޮށް ކައިރިއަށް މޫނު ގެންގޮއްސަ. ޔެސް ޕަރފެކްޓް" ފޮޓޯ ނަގަމުން ދިޔައީ އެތަށް ބައެއްގެ ކުރިމަތީގައި ކަމަށްވިޔަސް ހުންނަން ޖެހުނު ގާތްކަމުގެ ސަބަބުން ރާހިލްއަށް އެކަމުން އަސަރުތަކެއް ކުރުވައިފިއެވެ. ފޮޓޯ ނެގުމަށްޓަކައި ޝައިނާއާ ގާތްވެލަންޖެހޭ ކޮންމެ ފަހަރަކު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ނަމަވެސް އެ އިހުސާސް ތަކަކީ ކުރީރޭ ހިނގައިދިޔަ ކަންތަކުގެ ސަބަބުން އުފެދެމުންދާ ވަހުމެއްކަމަށް އޭނާ ދިޔައީ ހިތަށް ވިސްނައިދެމުންނެވެ.
އެންމެފަހު ފޮޓޮއަށް ހުއްޓުންވަގުތު ޝައިނާގެ ކަރަށް ރާހިލްގެ ހޫނު ނޭވާ އެޅިގެން ދިޔުމާއެކު ޝައިނާގެ ގައިގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނުފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ރާހިލްގެ ގައިން ދުވަމުންދިޔަ މޮންޓް ބްލެންކް ސެންޓުގެ މީރުވަސް ނޭފަތުގައި ޖެހުމާއެކު އޭނާއަށް ބޭއިހްތިޔާރުގައި ދެލޯ މަރައިލެވުނެވެ. އެވަގުތުކޮޅު ދިގުދެމިގެންދިޔުމަށް އެދެވުން ނަމަވެސް ފޮޓޯ ނަގަން ހުރި ކުއްޖާ އެމަންޒަރު ނަގައި ނިމިއްޖެކަން އެނގުމާއެކު ޝައިނާއަށް ކުއްލިއަކަށް ދެލޯ ހުޅުވައިލެވުނެވެ. އޭރު ރާހިލްވެސް އޭނާގެ ގައިން ދޫކޮށްލަނީއެވެ. އޭނާގެ މޫނަށް ބަލައިލުމެއްވެސް ނެތި ރާހިލްގޮސް ތަންކޮޅެއް ދުރުގަިއ މަޑުކޮށްލިއެވެ. ރާހިލްގެ ހަރަކާތްތަށް އަވަސް ވެފައި މޫނުން ފެންނަންހުރި ހާސްކަމުގެ ސަބަބުން ޝައިނާއަށް އެދިމާލަށް ހިނގައިގަނެވުނެވެ.
"ރާހިލް.. އޯކޭތަ؟ ކެމެރާ ފެނުނީމަ ހާސްވަނީތަ؟" ޝައިނާއަށް އެވަގުތު ފުރަތަމަ ވިސްނުން ގޮތް އަހައިލިއެވެ.
"ނޮޓް އެޓް އޯލް. ޝައިނާއަށް އަހަރެން ފެނިހުރެތަ ތި ވާހަކަ ދައްކަނީ؟ ނިކަން މިމޫނަށް ރަނގަޅަށް ބަލައިލަބަ. އައިމް މޭޑް ފޯރ ކެމެރާޒް" ރާހިލް އާދައިގެ މަތިން އޭނާގެ އަމިއްލަ ނަފްސަށް ތައުރީފު ކޮށްލިއެވެ. ޝައިނާ ފޫހި ގޮތަކަށް ކަޅި އަނބުރައިލުމަށްފަހު އެތަނުން ދާން ހިނގައިގަތީ ރާހިލްއަށް އެއްވެސް ކަމެއް ނުވާކަމުގައި ޔަގީން ކުރަމުންނެވެ.
"އޭ އޭ މަޑު ކޮށްބަ" ޝައިނާ ދުރަށް ހިނގައިގަތް ވަގުތު ރާހިލް ޝައިނާގެ އަތުގައި ހިފައިލިއެވެ. ޝައިނާ ކުޑަކޮށް ފަހަތަށް އެނބުރިލަމުން އެއފަގަރު ރާހިލްއަށް އަނެއްފަހަރު އެދެމީހުންގެ އަތަށް ބަލައިލިއެވެ.
"ސޮރީ" ރާހިލް އަވަސް އަވަހަށް ޝައިނާގެ އަތުން ދޫކޮށްލިއެވެ.
"އަސްލު އަހަރެން ބޭނުންވީ މާފަށް އެދެން. ރޭގަ ވީ ކަންތަކަށް. އައި ވޯޒް އަމް.. އިޓް ވޯޒް އަމް.. އައި ޖަސްޓް.. އިޓްސް އަމް. އިޓްސް ޖަސްޓް… ޝައިނާ ތިހިރީ އަހަރެންދެކެ ރުޅި އައިސްފަތަ؟" ދެއްކޭނެ އުޒުރެއް ސިކުނޑިއަށް ނައުމުން ރާހިލް އަވަސް އަވަހަށް އަހައިލިއެވެ.
"އަހަހ. ތީ ސަމާސާ އެއްތަ؟ ރާހިލް. އަހަރެންގެ ބަހާއި އަމަލުން… އަހަރެންގެ ދެލޮލުން.. ރާހިލްއަށް އަހަރެން ރުޅިއައިސްފަހުރި ވަރު ނުފެންނަންޏާ ރާހިލް އަމިއްލަ ނަފްސާ ސުވާލުކޮށްބަލަ. އަހަރެން ރުޅި އަންނަވަރުގެ ކަމެއް ކުރެވުންތޯ. ރާހިލް އަހަންނަށް ހެރެސް ކުރީތީ މައްސަލަ ނުޖައްސާ ކަމައްޓަކައިވެސް ޝުކުރު ކޮށްބަލަ." ޝައިނާ ދަތްކުނޑިވިކައިލަމުން ބުންޏެވެ.
"އޯކޭ ވައު. ސޯ މިހާރު ޝައިނާ ތި ހެދީ އަހަރެން ޝައިނާއަށް ހެރެސް ކުރި ކަމަށްތަ؟ އަހަރެން ހިއެއް ނުކުރަން މީ އެހާ ފުންކޮށް މާނަ ނަގަންޖެހޭ ކަމެއް ކަމަކަށް. ފޯނު އަތުލަންވެގެން އުޅުން ދުވަހު ޝައިނާ ފުންމައިގެން އައިސް އަހަރެންގެ ގަޔަށް އެރިއެރުމަކީ ހެރެސްމެންޓެއް ނޫންތަ؟ ޑޯންޓް ބީ އަ ހިޕޮކްރިޓް. އަހަރުމެން ދެމީހުންނަކީވެސް ތަންދޮރު އެނގޭވަރުގެ ދެމީހުން. އިޓް ވޯޒް ޖަސްޓް އަ ޑޭމްންޑް ކިސް ދެޓް މެންޓް ނަތިން. އަހަރެން ގަބޫލުކުރަން އަހަރެންކަން އިސްނެގީ. ސޮރީ ފޯ ދެޓް. އެކަމް ޝައިނާ އަމިއްލައަށް ބުނެބަ ޝައިނާ އެންމެ ފަހަރަކުވެސް އެކަމުގަ ބައިވެރިއެއް ނުވަމޭ. ޓްރުތް އިޒް ޔޫ ވޯންޓެޑް އިޓް އޭޒް މަޗް އޭޒް އައި ޑިޑް.. އިފް ނޮޓް މޯރ" ރާހިލް މަލާމާތުގެ ރާގެއްގައި ވާހަކަދެއްކިއެވެ. އެ ވާހަކަތަކަށް ދޭނެ ރައްދެއް ޝައިނާއަކަށް ނުވިސްނުނެވެ. އެވަގުތު ފޮޓޯ ނަގައިދޭ ކުއްޖާ އައިސް ޝައިނާ ގާތު މަޑުކޮށްލުމީ ނަސީބެއް ކަމުގައި އޭނާ ގަބޫލުކުރިއެވެ.
"ވަރަށްބޮޑަށް ޝުކުރިއްޔާ އެނގޭ. ހަމަ ވަރަށް ނުބުނަން ހުރެފަ ޕޯޒް ކޮށްދޭން ބުނީވެސް. އެއްވެސް ވަރަކަށް މޮޑެލިންގްއަށް އިންޓްރެސް ހުރޭތަ؟" އެކުއްޖާ ޝައިނާ ގާތު އަހައިލިއެވެ.
"ނޯ. ތެންކްޔޫ. އަސްލު އަލަށްވެސް ނުކުރާ ކަމެއް ދެންމެ މިވީ ވެސް. މޮޑެލް ކުރާކަށް އެއްވެސް ވަރަކަށް ބޭނުމެއް ނޫން. އޯކޭ އިނގޭ ފޮޓޯތައް ނުދިނަސް. ގުޑްލަކް ވިތް ދަ ޕޯރޓްފޯލިއޯ. ޕޭޖެއް އިންނާނެތަ ފޮލޯ ކޮށްލަން؟" ޝައިނާ އެކުއްޖާއާ ވާހަކަ ދައްކަމުން ދުރަށް ހިނގައިގަތެވެ. އެ މަންޒަރު ބަލަންހުރި ރާހިލްގެ ބޯ އޭރު ފަޅައިގެންދާން އުޅޭ ކަހަލައެވެ. ޝައިނާއާމެދު އޭނާއަށް ކުރެވޭ ބީރައްޓެހި އިހުސާސްތަކާއި ޝައިނާއާ ގާތްވެވޭ ކޮންމެ ފަހަރަކު އޭނާގެ ނަފްސު އަމިއްލަ ބާރުގެ ދަށުން ވީއްލިގެން ދާން އުޅޭ ގޮތާމެދު ވިސްނައި އޭނާގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. ފޮޓޯޝޫޓްގެ މެދުތެރެއިންވެސް އޭނާ ދުރަށް ހިނގައިގަންނަށް ޖެހުނު ސަބަބަކީ އެއީއެވެ. ނަމަވެސް އޭނާ ހަމަބުއްދި ހުރިހާ ހިނދަކު އެ އިހުސާސްތައް ބޭޒާރުވިޔަ ނުދީ ހިފަހައްޓަން އޭނާއަށް ކުރެވެން ހުރި ހުރިހާާ މަސައްކަތެއް ކުރަނެއެވެ. ހިޔާލުތަކަށް ގެއްލިފައިހުރެ ތުނިކޮށް ފަޅަން ފަށައިފައިވާ ތުނބުޅީގައި އަތް ހިންގައިލަމުން ރާހިލް ފޯނުން ކޮންމެވެސް މީހަކަށް ގުޅައިލިއެވެ.
"ހައި. އަހަރެން ބޭނުން މީޓް ވެލަން. ނޫނޭ. މިހާރު. ފަހުން ވިއްޔާ އަޅާނުލާ. އޯކޭ. އެބަ ފޮނުވާލަން އެޑްރެސް. ސީ ޔޫ އިން ޓްވެންޓީ" ރާހިލް ފޯނުކޯލު ކުރުކޮށްލިއެވެ. އަދި ޝައިނާ ދުރަށްދިޔަ ވަގުތަށް ފޮޓޯނަގައިދޭ ކުއްޖާގާތު މަޑުކޮށްލިއެވެ.
"ހައި. ބުނީމެއްނު ފޮޓޯތައް ދޭނަމޭ. ނަންބަރ ލިޔެލާންވީނު؟" ރާހިލް އެކުއްޖާއަށް ނަންބަރު ކިޔާލަދިނެވެ. "އެންޑް ޔެސް. ޝައިނާއަށް މިކަން ނޭންގިދާނެތަ؟ މިބުނީ އަހަރެންނަށް މި ފޮޓޯތައް ދޭ ވާހަކަ" ރާހިލް އެދުނެވެ.
"އޯހް. އެނގިއްޖެ މިހާރު މި ވާގޮތެއް. ޔޫ ލައިކް ހަރ؟ އަހަންނަށް ޔަގީން އެކުއްޖާވެސް ކުޑަކޮށް ލައިކް ވާކަން. އަޅެ ޓްރައި ކޮށްލަނިކޮށް ތިކަންތައް ވެދާނެ" ފޮޓޯނަގާ ކުއްޖާ ބުނެލިއެވެ.
"ނޫނޭ. ތި ހީވީ މުޅިން ގޯސްކޮށް. އަސްލު ނާންގާށޭ މި ބުނީ. އެއި ފާޑެއްގެ ގޮތެއް ހުންނަ ކުއްޖެއް. ވަރަށް ރުޅިގަދަވާނެ. ދެން އެވާހަކަ ބާއްވާ. އަހަރެން އުއްމީދުކުރަނީ ނުބުނާނެކަމަށް" ރާހިލް އަވަސްއަވަހަށް އެކުއްޖާއަށް އަރައިފައިވާ އޮޅުން ފިލުވައިދިނެވެ. އަދި ފޯނުން އެއްބަސް ވެފައިވާ ގޮތުގެ މަތިން ވިހިމިނެޓު ތެރޭގައި ގެސްޓްހައުސްއާ ދިމާލަށް ދިޔުމަށް އަވަސްވެގަތެވެ.
***********
ކާރުން ފޭބުމަށްފަހު ލައިގެން ހުރި އުސް ފައިވާން އަތަށްނެގި ޝައިނާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އޭނާއަކީ އާންމުކޮށް އުސް ފައިވާން ތަކަށް އެރުމަށް ލޯބިކުރާ މީހެއް ކަމުގައިވިޔަސް އޭނާ އާންމުކޮށް އަރައިއުޅޭ 3 އިންޗީގެ އުސްމިން ހުންނަ ފައިވާނުގެ ބަދަލުގައި އޭގެ ދެގުނަ އުސް އެއްޗަކަށް އަރަން ޖެހުމުގެ ސަބަބުން އޭނާގެ ފައިތިލައިގައި އެކަމުގެ ވޭން ހަރުލައިފައިހުއްޓެވެ.
ލިފްޓާ ހަމައަށް އާދެވުނު އިރު ލިފްޓުގެ ކައިރީގައި މަޑުކޮށްލައިގެންހުރި އަންހެން ކުއްޖާ ޝައިނާގެ ލޮލުގައި އަޅައިގަތެވެ. އެކުއްޖާގެ މޫނުމަތީގައި ދަންނަގޮތެއް ހުރިހެން ހީވި ކަމުގައިވިޔަސް އެކުއްޖާ ލައިފައިވާ ކަކުލާހަމައަށް ހުރި ގަޔަށްބާރު އަތްދިގު ހެދުމުގެ އިތުރުން އަރައިފައިވާ އުސް ފައިވާނުގެ ސަބަބުން އެއީވެސް ކޮންމެސް ހަފްލާއަކުން އައި ކުއްޖެއް ކަމުގައި އޭނާ ނިންމިއެވެ. ފަހަރުގައި އޭނާއަށް އެ މޫނު ފެނުނީ މިރޭގެ ހަފްލާއިން ކަމުގައިވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން އެއީ އެ ހަފްލާއަށްއައިސް އުޅޭ މެހެމާނުންގެ ތެރެއިން އެ ގެސްޓްހައުސްގައި މަޑުކުރާ މެހެމާނެއްކަމުގައި އޭނާ ނިންމިއެވެ. ނަމަވެސް ލިފްޓަށް އެރުމާއެކު ޝައިނާއަށް ހީކުރެވުނު ގޮތާމެދު ޝައްކު އުފެދުނެވެ. ތިންވަނަ ފަންގިފިލާގެ ބަޓަނަށް ފިތައިލައި ލިފްޓުގައިހުރި ލޯގަނޑާ ކުރިމަތިލުމަށްފަހު އަތުގައި އޮތް ކުޑަ ދަބަހުން ނެގި ގަދަ ރަތްކުލައިގެ ލިޕްސްޓިކުން އެ ތުންފަތް ފަވައިލި މަންޒަރު ފެނި ޝައިނާއަށް އެއީ އަމިއްލަ ކޮޓަރިއަށް ދާ ކުއްޖެއް ނޫންކަން އެނގުނެވެ. ނަމަވެސް އެއީ އޭނާއާ ގުޅުންހުރި ކަމަކަން ނުވާތީއާއެކު އެކުއްޖާ ފޭބުމުން ހަތަރުވަނަ ފަންގިފިލާގެ ބަޓަނަށް ފިތައިލިއެވެ.
އެޕަރޓްމެންޓަށް ވަދެވުމާއެކު އެންމެ ފުރަތަމަ ކަމަކަށް ޝައިނާ އިސްތަށިގަނޑުގައި ބާރުކޮށް އައްސައިފައިވާ ވޫލްކޮޅު ނައްޓައިލަމުން އެ އިސްތަށިގަނޑު މިނިވަންކޮށްލިއެވެ. ބޮލަށް ލުއިވެގެން ދިޔުމާއެކު އޭނާއަށް ހިނިތުން ވެލަމުން ދެލޯ މަރައިލެވުނެވެ. ވަރުބަލިކަން ފިލުވާލުމުގެ ނިޔަތުގައި ފިނި ފެންފުޅިއެއް ހިފައިގެން އައިސް ކާމޭޒު ދޮށުގައި އިށީނެވެ. އަދި ހުސްކޮށް އޮތް އެޕަރޓްމެންޓަށް ނަޒަރު ހިންގައިލިއެވެ. މިއީ އޭނާ އެ އެޕަރޓްމެންޓްގައި ހޭދަކުރާ ފަހުރެއެވެ. ނަމަވެސް ހައިރާންވާ ކަމަކީ އޭނާއަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ވަޒީފާގެ ކަންކަމުގައި ރިސޯޓުތަކާއި ރަށްތަކަށް ދަތުރުކޮށްފައިވާ މީހަކަށް ވާއިރު އެއިން އެއްވެސް ދަތުރެއްގައި އޭނާ އުޅުނު ތަނަކާމެދު ނުކުރެވޭފަދަ ގާތް އިހުސާސެއް އޭނާއަށް އެތަނާމެދު ކުރެވުމެވެ. އެޕަރޓްމެންޓްގެ ހަތަރު ފާރުގެ ތެރޭގައި ހިނގައިދިޔަ އެތައް ކަމެއްގެ ހަނދާންތައް އޭނާގެ ސިކުނޑީގައި އާލާވަމުން ދިޔައެވެ. އެއިން ކޮންމެ ހަނދާނަކީވެސް ތަފާތު ހަނދާނަކަށްވާއިރު ކޮންމެ ހަނދާނެއްވެސް އެއްގޮތްވަނީ ހަމަ އެންމެ ކަމެއްގެ ސަބަބުންނެވެ. ނުވަތަ އެންމެ މީހެއްގެ ސަބަބުންނެވެ. އާނއެކެވެ. އޭނާއާއި ރާހިލް އެކަކު އަނެކަކު ރުޅިއެރުވުމުގެ މަގްސަދުގައިވިޔަސް ކޮށްފައިވާ ކަންކަން މިހާރު ވެފައިވަނީ ފޮނި ހަނދާނަކަށެވެ. ރިކޯޑު ކުރެވިފައިވާ ޓޭޕުތަކެއް ފަދައިން ސިކުނޑީގައި ކުޅެވެންފެށި އެ މަންޒަރުތަކުގެ ސަބަބުން އޭނާއަށް ހިނިތުންވެލެވުނެވެ.
ތަރުތީބުން ފެންނަމުންދިޔަ މަންޒަރުތަކުން ވަކި މަންޒަރެއް ސިކުނޑީގައި ކޮށްޓައިލުމާއެކު ކުއްލިއަކަށް އޭނާގެ ހިނިތުންވުން ފިލައިދިޔައެވެ. އާނއެކެެވެ. އެއީ ހަމަ އެކުއްޖާއެވެ. އެ މޫނުމަތިން އޭނާއަށް ފެނުނުހެން ހީވާ ކުއްޖަކާ ވައްތަރުވި ސަބަބަކީ އެއީއެވެ. ލިފްޓުން އޭނާއަށް އެ ފެނުނީ އެރޭ ރާހިލް އެޕަރޓްމެންޓަށް ގެނައި އަންހެންކުއްޖާއެވެ. ތިންވަނަ ފަންގިފިލާއަކީ ރާހިލް މިހާރު އުޅޭ ކޮޓަރި ހުންނަ ފަންގިފިލާއެވެ. މިރޭވެސް އެކުއްޖާ އެދިޔައީ ރާހިލްގެ ގާތަށް ކަން ޝައިނާއަށް ޔަގީންކުރެވުނެވެ. އޭނާ އިށީނދެގެން އިން ގޮނޑި ދޫކޮށްލުމަށްފަހު ސިޓިންގްރޫމްގެ މެދުގައިހުރެ ދެފަރާތަށް ހިނގަންފެށިއެވެ. ވިސްނަން ބޭނުންނުވި ކަމުގައިވިޔަސް އެކުއްޖަކާއި ރާހިލްއާ ދެމެދު މިގަޑީ ހިނގައިފާނެ ކަންތައްތައް ހިތައް އެރުމާއެކު އޭނާއަށް އުނދަގޫ އިހުސާސެއް ކުރެވެމުން ދިޔައެވެ.
"އެއީ އަހަރެންނަކާ ބެހޭކަމެއް ނޫން. އަހަރެން ކީއްވެތަ ރުޅި އަންނަންވީ؟ އެއީ ހަމަ އޭނާގެ ދިރިއުޅުގެ އާދައެއްނު؟ އަހަރެން ކީއްކުރަން އެކަމާ ވިސްނަންވީ؟" ޝައިނާގެ ޟަމީރު އޭނާއަށް ވިސްނައިދެމުން ދިޔައެވެ.
"ނޫން. އަހަރެންނަށްވެސް މިކަމާ ބެހެވެންވާނެ. ކީއްވެ ނުވާންވީ؟؟ އެހެން މީހަކާ ރައްޓެހިވެހުރެ އަހަރެންނާ އެފަދަ ގުޅުމެއް ބޭއްވުމުގެ އިހްތިޔާރެއް އޭނާއަކަށް ނޯންނާނެ!! އެކުއްޖާއަށްވެސް އޭނާގެ ގޮތް އެނގެން ޖެހޭނެ!! އެކަހަލަ އޮޅުމެއްްގެ ތެރޭގަ އެކުއްޖާ ބަހައްޓައިގެން އެކުއްޖާގެ ފައިދާ ނެގުމުގެ ޖާގައެއް ނުދެވޭނެ!! ރާހިލްގެ ގޮތް އޭނާއަށް އެނގެން ޖެހޭނެ!!" ޝައިނާ އޭނަގެ އަމިއްލަ ޟަމީރުގެ އަޑަށް ބީރު ކަންފަތެއް ދިނެވެ. އަދި އިތުރަށް އެންމެ ސިކުންތެއްވެސް މަޑު ކުރުމެއް ނެތި އެޕަރޓްމެންޓުން ނުކުތުމަށް ހިނގައިގަތެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
އަޅޭ ޜާޙިލްމީކޮންކަހަލަމީހެއްތަ
ޚުރިންވެސްށައިނާކާރީގައޭނަބުނިދޯ
ތިމަންނަައެއްއަންހެންކުދިންގެގަޔައްބޮލަކައް
ނާރަމޭއަންހެންކުދިންނޭތިމަންނަގަޔައް
ބޮލައްއަރަނީދެހްމިހާރުކީކުރާށޯ
އެކުއްޖާޔައްގުޅައިގެންެއެގެނައީރާހިލްއަށް
ވަރަކަށްދީބަލަށައިނާ
😅😅😅❤️
ކުރިން އެހެން އުޅުނަސް ދެން ހިޔެއްނުވޭ ރާހިލްއަށް އެހެން އުޅެވިދާނެ ހެނެއް. މިރޭ އެކުއްޖާ އެގެންނަނީވެސް ޝައިގެ ހިޔާލްތަކާއި ދުރުވެވޭނެ ކަމަށް ކަންނޭނގެ. އެނގިދާނެތާ…. ޝައި… މިރޭ ވާނެ ރާހިލްއަށް ރަނގަޅު ލަނޑެއް ދޭން. ހެހެހެ….. ސިފަކުރުންތައް ވަރަށް ފުރިހަމަ. ހީވީ ޝައިގެ ހެދުންވެސް ހަމަލޮލަށް ފެނުނުހެން. ވަރަށް ރީތި މިބައިވެސް. ޒީ މަތިން ވަރަށް މިސްވޭ… ❤
ޝުކުރިއްޔާ ނޫރް.. ޒީވާގެ ބައިތައްވެސް ވަރަށް އަވަހަށް ފެންނަން ފަށާނެ❤️❤️
އޭނާ ހަމަބުއްދި ހުރިހާ ހިނދަކު އެ އިހުސާސްތައް ބޭޒާރުވިޔަ ނުދީ ހިފަހައްޓަން އޭނާއަށް ކުރެވެން ހުރި ހުރިހާާ މަސައްކަތެއް ކުރަނެއެވެ. ހިޔާލުތަކަށް ގެއްލިފައިހުރެ ތުނިކޮށް ފަޅަން ފަށައިފައިވާ ތުނބުޅީގައި އަތް ހިންގައިލަމުން ރާހިލް ފޯނުން ކޮންމެވެސް މީހަކަށް ގުޅައިލިއެވެ. މީީ ރާހިލް ބޭޒާރު ވެދާނެތީ ކުރާ ކަމެއް
ކުރިއަށްހުރި ބައިތައް ކިޔާލަމާ ދޯ.. ރާހިލްގެ ސިކުނޑި މަސައްކަތް ކުރާގޮތެއް ހަމަ ނޭނގޭނެ