Saturday, 13 April 2024

ޗައިނާ-އިންޑިއާގެ ނުފޫޒުގެ ތެރޭގައި ރާއްޖެ ފިތިފައި އޮތުމަށް ބޭނުމެއް ނުވޭ: އިންތިހާބީ ރައީސް

ދުނިޔޭގެ ބޮޑު ދެ ބާރު ކަމުގައިވާ ޗައިނާ-އިންޑިއާގެ ނުފޫޒުގެ ތެރޭގައި ރާއްޖެ ފިތިފައި އޮތުމަށް ބޭނުންފުޅުނުވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާ އަދި ޗައިނާގެ ނުފޫޒުން ރާއްޖެ ސަލާމަތް ކުރާނެ ކަމަށާއި އެ ދެބާރުގެ ދެމެދުގައި ތާށިވެފައި އޮންނަން ބޭނުންފުޅު ނުވާކަމުގައެވެ.

"ދުނިޔޭގެ ގަދަ ބާރުތަކެއްގެ ގަދަހިފުމުގެ ތެރޭގައި ފިތޭ ވަރަށް ވުރެ ރާއްޖެ މާ ކުޑަ. އަޅުގަނޑުމެންގެ އެކަމުގެ ތެރޭގައި ފިތުމުގެ ފުރުސަތެއް ނުދެވޭނެ،" މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާ ބައްދަލު ކުރައްވައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި، މީގެކުރިންވެސް އިންޑިއާ ސަފީރާ ބައްދަލުކޮށް މިކަމާ މަޝްވަރާ ކުރެވުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ފަސްގަނޑުގައި ބޭރު ބައެއްގެ ނުުފޫޒު އޮންނަން ބޭނުންފުޅުނުވާކަން ފާހަގަކުރައްވަމުން، އެންމެ ފުރަތަމަ ދުވަހުވެސް އެމަނިކުފާނު ރައްޔިތުންނަށް ވައުދުވެފައި އޮންނާނީ ރާއްޖޭގެ ފަސްގަނޑުގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ކަމަށާއި، އެ ވައުދު ފުއްދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބީބީސީން ބުނާ ގޮތުގައި ޒަމާނުއްސުރެ ރާއްޖެ އޮތީ އިންޑިއާގެ ނުފޫޒުގެ ދަށުގައި ކަމުން،  އިންތިހާބީ ރައީސްގެ މި ފިޔަވަޅުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދާނެ ކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ރިޔާސީ އިންތިހާބުގައި ޑރ.މުއިއްޒު ހޯއްދެވި ކާމިޔާބަކީ އިންޑިއާ އަށް ލިބިގެންދިޔައީ ބޮޑު ނާކާމިޔާބެއް ގޮތުގައި އެމީހުން ސިފަކުރެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރާއެކު އިންޑިއާ އިން ގާތްގުޅުމެއް ބޭއްވިކަން ބީބީސީން ފާހަގަކުރެއެވެ. އަދި މިފަދަ އަމަލުތަކަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބީބީސީން ބުނެފައިވެއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާ އެކޭ އެއްފަދައިން ޗައިނާއަކީ ވެސް ރާއްޖޭގެ ތަރައްގީ އަށް ގިނަ އެހީތައް ފޯރުކޮށްދެއްވި ގައުމެއް ކަމަށާއި އިންފްރާސްޓްރަކްޗަ އަދި ޑިވެލޮޕްމަންޓް މަޝްރޫއުތަކަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް އިންވެސްޓެއް ޗައިނާއިން ކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ އިންޑިއާ އިން ވެސް ރާއްޖެއަށް ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ ތަރައްގީގެ އެހީ ދީފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބުމަށް ނޭދޭ ކަމަށާއި، އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުމުގެ އިތުރުން، އިންޑިއާއާ އެކު، މި ސަރުކާރުން ސޮއިކޮށްފައިވާ އެހެން އެއްބަސްވުންތައް ވެސް ރަނގަޅަށް މުރާޖައާ ކުރަން ބޭނުންފުޅުވާ ކަމަށާއި، އެ އެއްބަސްވުންތަކުގައި ވަރަށް ގިނަ ކަންކަން ރައްޔިތުންގެ މަޖިލީހަށް ވެސް ސިއްރު ކޮށްފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *