ސަރުކާރުގެ ބައެއް ކުންފުނިތަކުގައި އިށީންނާނެ ގޮނޑިއެއް ނެތްވަރަށް އަދި ކުރާނެ މަސައްކަތެއް ނެތި މުވައްޒަފުން ނަގާފައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މިއަދު ވިދާޅުވެއްޖެއެވެ.
އަފީފް މިހެން ވިދާޅުވީ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހެޅި ގަރާރަށް ރައްޔިތުންގެ މަޖިލިހުގައި ބަހުސް ކުރައްވަމުންނެވެ.
އަފީފް ވިދާޅުވީ އިށީންނާނެ ގޮނޑިއެއް، ކުރާނެ މަސައްކަތެއް ނެތިވެސް މުވައްޒަފުން ނަގާފައި އެބަހުރި ކަމަށާއި އެފަދަ ކަންކަން ބެލެން ޖެހޭނެ ކަމަށެވެ.
"ބައެއް ކުންފުނި ތަކުގައި އެބަހުރި އެތަނަށް ވަދެލާފައި ސޮއިކޮށްލާފައި ދާ މީހުން. އެމީހުންނަށް އިށީންނާނެ ގޮނޑިއެއްވެސް ނެތް ބައެއް ތަންތަނުގައި. އެހާ މުވައްޒަފުން އެބަތިބި ގިނަ ކޮށްފައި. މިއީ އެއްވެސް ހާލެއްގައި ދައުލަތުގެ ފައިސާ ހަރަދުކުރަން ޖެހޭނެ ގޮތެއް ނޫން. މިގޮތަށް ހަރަދު ކުރެވިގެންވެސް ނުވާނެ. މިގޮތަށް ހަރަދު ކޮށްފައިވާ ފައިސާ އެއީ ކޮން ގޮތަކަށް ކޮށްފައިވާ ހަރަދެއްތޯ ވެސް ބަލަން ޖެހޭ." އަފީފު ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ، ފެނަކައިގެ މަތިބަރު ކަމުގެ ވާހަކަ އިވޭއިރު، އެއީ ހައްދު ފަހަނައަޅާ ވަރަށް މުވައްޒަފުން ނަގާފައިވާ ކުންފުންޏެއް ކަމަށާއި، ފެނަކައަށް ނަގާފައިވާ އެތައް މުވައްޒަފުންނަކީ އެއްވެސް ބޭނުމެއް ނެތި ނަގާފައިވާ މުޒައްޒަފުން ކަމަށެވެ.
އަފީފް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކަށް މަތިބަރުވާ ވަރަށް މުވައްޒަފުން ނަގައިގެން ބޭކާރު ހަރަދުކުރަމުން ދަނީ ދިވެހި ރައްޔިތުންގެ ފައިސާ އިން ކަމަށާއި އެ ފައިސާ ހަރަދުކުރަން ޖެހޭނީ ދިވެހި ރައްޔިތުންނަށް ފައިދާވާ ގޮތަށް، އެއްވެސް އިސްރާފެއް ނުވާ ގޮތަށް ކަމަށެވެ.
އެ އުސޫލާ ހިލާފަށް ސަރުކާރު ކުންފުނިތަކުގެ ފައިސާ ބޭނުން ކުރެވެމުންދާ ތަން ފެންނަކަން ފާހަގަކުރައްވައި، އެކަންކަން ބެލެންޖެހޭ ކަމަށާއި، އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅެންޖެހޭނެ ކަމަށާއި، އެކަން ނުކޮށްފިނަމަ ފެންނާނީ ބޭކާރު، އަދި ނާޖައިޒް ޚަރަދުތައް ކުރަމުންދާތަން ކަމަށް އަފީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އަފީފް ކާރި އަހާލަބަލަ އަފީފް ކުރީ ކީއްހޭ 5 އަހަރު ވީ އިރު