ދެން އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔާރ އަޙްމަދު ނަރީޝް ނިންމަވައިފިއެވެ.
ނަރީޝް ވާދަކުރައްވަން ނިންމާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާއަށް، ޕީޕީއެމް ޕީއެންސީ ޓިކެޓުގައެވެ.
މަޖިލީހަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވައި، ނަރީޝް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކުރިމަތިލާން ނިންމީ އެދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.
އަދި ދާއިރާގެ ހުރިހާ ރައްޔިތުންގެ ޙައްޤުގައި ބަސްބުނެ، ދާއިރާގެ ތަރައްޤީއަށް ސަރުކާރާއެކު މަސައްކަތްކުރެވޭނެ އަދި ޙަޤީޤީ މާނައިގައި ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ސާބިތުކަމާއެކު ހުންނާނެ ރައްޔިތަކަށް އޭނާ ވާނެ ކަމަށް ވިދާޅުވިއެވެ.
ނަރީޝް އެދިވަޑައިގަތީ، ކުޅުދުއްފުށީ އުތުރު ދާޢިރާގެ ޕީޕީއެމް-ޕީއެންސީ މެންބަރުން އޭނާއަށް ތާއީދު ކުރުމަށެވެ.
"މިއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގިނަ ރައްޔިތުންގެ އެދުުމުގެ މަތިން ނިންމި ނިންމުމެއް. ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ދާއިރާގެ ތަރައްގީއަށް ސަރުކާރާއި އެކު މަސައްކަތްކުރެވޭނެ އަދި ހަގީގީ މާނައިގެ ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ސާބިތުކަމާއި އެކު ހުންނާނެ ރައްޔިތުންގެ ހާދިމަކަށް އަޅުގަނޑުވާނެ. އަޅުގަނޑު އެދެނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް ޕީއެންސީ މެންބަރުން އަޅުގަނޑަށް ތާއީދުކޮށްދެއްވާ ޕްރައިމަރީ ކާމިޔާބި ކޮށްދެއްވުން." ނަރީޝް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ނަރީޝް ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާންކޮށްފައިވާއިރު، ގިނަ އައު މޫނުތަކެއް މިފަހަރުގެ މަޖިލިސް އިންތިޚާބުން ފެންނާނެ ކަމަށް ބެލެެވެއެވެ.