ލިޔެކިޔުންތައް ނައްތާލުމަކީ ޝައްކުގެ ނަޒަރުން ބެލޭނެކަމެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިހް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހް ޒައިދު މިހެން ވިދާޅުވެފައިވަނީ ފިއުލް ސަޕްލައިޒް އޮފް މޯލްޑިވްސްއިން ލިޔުންތަކެއް ނައްތާލި މައްސަލައަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝައިހް ޒައިދު ވިދާޅުވީ އިންތިގާލީ ދުވަސްވަރެއްގައި ސަރުކާރުގެ ނުވަތަ ސަރުކާރުގެ ބާރު ހިނގާ އެއްވެސް އިދާރާއަކުން ލިޔެކިޔުންތައް ނައްތާލުމަކީ އެބަޔަކާމެދު ޝައްކުގެ ނަޒަރުން ބެލޭނެ ކަމެއް ކަމަށެވެ.
"އެހެނީ ސިއްރު ކުރުމާއި ވަންހަނާ ކުރުމުގެ ތަބީއަތް އޮންނާނީ ކޮރަޕްޝަނާއި ފަސާދަ، ވައްކަމާ ހިޔާނާތް ފަދަ ކަންކަމުގައެވެ.". ޒައިދު ވިދާޅުވިއެވެ.
ލިޔުންތައް ނައްތާލި މައްސަލައާ ގުޅިގެން އެފްއެސްއިިމްއިން ވިދާޅުވީ ނައްތާލީ ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި، އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން ކަމަށެވެ.
އެފްއެސްއެމްގެ ލިއުންތަކެއް ކޮންކްރީޓް މެޝިނަކަށް އަޅައިގެން ނައްތާލި މައްސަލަ އާންމުކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފެކެވެ. އެ މައްސަލައިގައި އެ މުވައްޒަފު ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިއުން އެފްއެސްއެމްއަށް ވަނީ އަމާޒުވެފައެވެ.
މިކަމާ ގުޅިގެން އެކުންފުނިން ވިދާޅުވެފައިވަނީ، އެ މުވައްޒަފު މަސައްކަތްކޮށްފައިވަނީ ކުންފުނީގެ ނަން ކިލަނބުކުރުމަށް ކަމަށެވެ.
ސަރުކަރު ބައެއް ކުންފުނިތަކުން ލިޔެކިޔުންތައް ނައްތަލަމުންދާތީ އެކަން ހުއްޓުވައިދޭން ފުލުހުންގެ އިދާރާއާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ވަނީ އެދިފައެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބެމުންދާ ކަން ފާހަގަކުރައްވަމުން، ސަރުކަރު ކުންފުނިތަކުގެ ލިޔުންތަކާއި ދައުލަތުގެ ލިޔެކިޔުންތައް ނައްތާލުމަކީ އެ ކޮމިޝަނުން ހިންގާ ތަހުޤީޤުތަކަށް ހުރަސް އެޅުން ކަމަށް އޭސީސީން ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
އެ ބަޔާނުގައި ވަނީ، ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ ގާނޫނީ ކުށެއް ކަމަށާއި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، އަދި މިފަދަ ކަންކަން ހުއްޓުވައިދިނުމަށް ޕީސީބީގައި އެދިފައިވާނެ ކަމަށެވެ.
އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި ނައްތާލަމުން ދިޔަ މަންޒަރު ވީޑިއޯކޮށް، އާންމުކުރި އެ ކުންފުނީގެ މުވައްޒަފު ވަނީ ވަޒީފާ އިން ސަސްޕެންޑް ކޮށްފައެވެ.
އެ ކުންފުނިން ނައްތާލީ ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި، އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން ކަމަށާއި ކުންފުނީގެ ނަން ކިލަނބުކުރަން އުޅޭ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މީގެ ކުރީގަ ލިޔުންތައް ނައްތާލަނީ އަންދާލައިގެން އިވަހަށާ މެޝިނަށް އަޅައިގެނެއް ނޫން .