23 އެޕްރީލް 2025

އިންތިޚާބީ ރައީސް ނިންމަވާފައިވަނީ، 49 ބިލިއަން ރުފިޔާގެ ރޭންޖުގައި ބަޖެޓު ހިފަހައްޓަވަން: ޣައްސާން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވައިލެއްވުމުގައި، އެންމެ ފުރަތަމަކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ، 49 ބިލިއަން ރުފިޔާގެ ރޭންޖުގައި ބަޖެޓު ހިފަހައްޓަވަން ކަމުގައި އެމަނިކުފާނު ބަޖެޓު މަސައްކަތްތަކަށް އެކުލަވައިލެއްވި ކޮމިޓީގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރޭ ސަންގުޓީވީގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ ބަޖެޓުގެ މަސައްކަތް ޑރ.މުޢިއްޒު ފެއްޓެވީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އިތުރުން، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ ކުންފުނިތަކުން ބަލައިގަންނަ އަދި ޤަބޫލުކުރާ މިންގަނޑުގެ ތެރެއަށް ބަޖެޓު ގެންނެވުމުގެ އަމާޒުގައި ކަމަށާއި، އެ އަމާޒަކީ ރާއްޖޭގެ ދަރަނި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖެހޭ މިންވަރު ކުޑަކުރުން ކަމަށެވެ.

"އެންމެ ފުރަތަމަކަމަށް ރައީސް (ޑރ.މުޢިއްޒު) ނިންމަވާފައިވަނީ، މިހާރު އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކުރައްވާފައިވަނީ، 49 ބިލިއަން ރުފިޔާގެ ރޭންޖުގައި ބަޖެޓު ހިފަހައްޓަވަން. އެއީ އެންމެ ފުރަތަމަ ރައީސް ނިންމެވި ކަމަކީ،" ޣައްސާން ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން މިހާރު އޮތީ ވަރަށް ބޮޑަށް މަތީގައި ކަން ފާހަގަކުރައްވަމުން، ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ހަދާ އެޖެންސީތައްކަމަށްވާ ފިޗާއި މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާކަމަށާއި، އެކަމުގެ ހައްލަކީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ކުޑަކުރުން ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ، މިހާރު ހިނގަމުންދާ ސަރުކާރުން ޑރ.މުޢިއްޒުގެ ސަރުކާރަށް މަސައްކަތްތައް ވާރުތަވުމަކީ އެމަނިކުފާނު ބޭނުންފުޅުނުވެގެން ހިނގާކަމެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމައިލުމަކީ ޑރ.މުޢިއްޒުގެ ސަރުކާރުގެ އެޖެންޑާގައި އޮތް ކަމެއް ކަމަށެވެ.

އިންތިޚާބީ ރައީސް ބޭނުންފުޅުވާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ މުހިއްމު މަޝްރޫޢުތައް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުގައި މިހާރު ހިމަނާފައިވާނެ ކަމަށާއި، އޭގެ އިތުރަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރަން ބޭނުންވާ ކަންކަމަށް ބޭނުންވާ 200 މިލިއަނެއްހައި ރުފިޔާ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމަންޓަރީ ބަޖެޓުގައި ހިމަނާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ، ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ރައްޔިތުން ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހޭނެ މަންޒަރެއް ފެނިގެންދާނެ ކަމަށާއި، ބަޖެޓު ކުޑަވި ނަމަވެސް ކަންކަން ކުރާނެ ގޮތް އެނގިވަޑައިގަންނަވާ ވެރިޔަކު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ބޭނުންވާ ކަންކަން ރަނގަޅަށް ހިނގާތަން ފެނިގެންދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު