22 އެޕްރީލް 2025

ޑރ. ޙަސަންގެ ނަޒަރުގައި، އާބާދީ ބޮޑެތި ރަށްރަށުގައި އެއް ޖިންސުގެ ސްކޫލުތައް އެޅުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް

އާބާދީ ބޮޑެތި ރަށްރަށުގައި އެއް ޖިންސުގެ ސްކޫލުތައް އެޅުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ކަމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، "އައު ސަރުކާރުގެ ތަޢުލީމީ މެނިފެސްޓޯއަށް ވާންވީން ކޮންކޮން ކަންތައްތަކެއް ތޯއެވެ؟" މި މަޢުޟޫއަށް އެމަނިކުފާނު އެކުލަވާލައްވާފައިވާ ދިރާސާ ރިޕޯޓްގައެވެ.

އެމަނިކުފާނުގެ ދިރާސާ ރިޕޯޓް ފައްޓަވަމުން ވިދާޅުވެފައިވަނީ، ކޮންމެ އައު ރިޔާސީ ދައުރަކީ، ދިވެހިރާއްޖޭގެ މަދްރަސީ ތަޢުލީމު އައު މިސްރާބަކަށް ހޭރިޔާކުރުމަށް ލިބޭ ހަނި ފުރުޞަތެއް ކަމަށެވެ. މިފެށޭ ރިޔާސީ ދައުރުގައި ތަޢުލީމީ ދާއިރާއަށް ގެނެވިދާނޭ އިޞްލާޙްތަކަކީ ކޮބައިތޯ ސުވާލުކުރައްވަމުން ޑރ. ޙަސަން ޙަމީދު ވިދާޅުވެފައިވަނީ، ތަޢުލީމީ ދާއިރާއާ ބެހޭގޮތުން ކޮންމެ މީހެއްގެ ވެސް ވަކި ރައުޔުއެއް، ޚިޔާލެއް ހުންނާނެ ކަމަށާއި، ސަބަބަކީ ކޮންމެ މީހެއްގެ ދިރިއުޅުމާ ވެސް މަދްރަސީ ތަޢުލީމާ ފަރުދީ ގޮތުން ގުޅިފައިވާ ކަމަށް ވާތީކަމުގައެވެ.
"މި ދާއިރާގައި، ފަންނީ ފެންވަރެއްގައި އަޅުގަނޑު ޢަމަލީ ގޮތުން މަސައްކަތްކުރާތާ މިހާރު 40 ވަރަކަށް އަހަރު ވެދާނެއެވެ. އަދި ޔުނިވަރސިޓީގައި، ކިޔަވައިދޭ ދެ މާއްދާއެއް ކަމުގައިވާ ”ތަޢުލީމުގެ ފަލްސަފާ“ އާއި ”ތަޢުލީމުގެ މިހާރު މައްސަލަތައް“  ބޭރުން ކިޔެވުމަށް ފަހު އެ މުޤައްރަރުތައް އެކުލަވައިލައި އެ މާއްދާތައް އެކި ދުވަސްވަރު ކިޔަވައިދިނުމުގައި އުޅޭތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ." ޑރ. ޙަސަން ޙަމީދު ވިދާޅުވިއެވެ.

ޑރ. ޙަސަން ޙަމީދު ވިދާޅުވެފައިވަނީ، ތަޢުލީމަށް އަންނަ ބަދަލުތަކާއި ގެންނަންވީ ބަދަލުތަކާ ބެހޭގޮތުން ދުނިޔޭގެ އެކި މުއައްސަސާތަކުގެ ރިޕޯޓުތައް މުޠާލިޢާކުރުމުގައި މިހާރުވެސް ވަގުތު ހޭދަކުރައްވާ ކަމަށާއި، އެމަނިކުފާނުގެ ތަޖުރިބާގެ މައްޗަށް ބުރަވެ އެމަނިކުފާނުގެ ދިރާސާ ރިޕޯޓްގައި ހިމަނުއްވާފައިވާ ކަންކަމަކީ، އެ ބަދަލުތަކެއްގެ ސަބަބުން، ތަޢުލީމީ ދާއިރާއަށް ދެމެހެއްޓެނިވި ހެޔޮ އަސަރުތަކެއް ކުރާނޭކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަންކަން ކަމުގައެވެ.

"މަޖީދިއްޔާ އާއި އަމީނިއްޔާއަކީ 60 ވަރަކަށް އަހަރު ވަންދެން އެއް ޖިންސްގެ ދަރިވަރުންނަށް ކިޔަވައިދިން މަދަރުސާތަކެވެ. މި މަދަރުސާތައް ދެ ޖިންސަށް ބަދަލުކުރިތާ އަދި މިވީ ގާތްގަޑަކަށް ދޮޅަހަކަށް އަހަރެވެ." ޑރ. ޙަސަން ޙަމީދު ވިދާޅުވިއެވެ.

ޑރ. ޙަސަން ޙަމީދު ވިދާޅުވެފައިވަނީ، އަންހެން ކުދީންނަށް ވަކީން ކިޔަވައިދިނުމުން އެކުދީންގެ ނަތީޖާތައް މާބޮޑަށް ރަނގަޅުކަމަށް، ކިތަންމެ ދިރާސާތަކަކުން ދައްކާ ކަމުގައެވެ.

ހާވާޑް ޔުނިވަރސިޓީގެ މި ހޯދުންތަކާއި އެތައް ދިރާސާތަކެއް ޚުލާޞާކޮށްފައިވާ މި ހޯދުންތަކުން އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށާއި، އަންހެން ކުދީންގެ އިސްދާނަކަން މަތިވުމާއި ތަޢުލީމީ ނަތީޖާ %10 އަށް އިތުރުވާނެކަމަށް ދައްކާ ކަމަށް އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ޑރ. ޙަސަން ޙަމީދު ވިދާޅުވެފައިވަނީ، ޗައިނާއަކީ މަދްރަސީ ތަޢުލީމުގައި މިހާރު އެންމެ ކުރީގައިވާ ޤައުމެއް ކަމަށާއި، އެ ޤައުމުގައި ވެސް، ޖިންސް ވަކިން ކިޔަވައިދޭ ސަރުކާރުގެ ސްކޫލްތައް އަންނަނީ ގިނަވަމުންކަމަށް މި ޚަބަރު ބުނާ ކަމަށާއ، ސްރީ ލަންކާގެ އެންމެ މަޝްހޫރު ހުރިހާ މަދަރުސާއަކީ ޖިންސް ވަކީން ކިޔަވައިދޭ މަދަރުސާ ކަމުގައެވެ.

"އަޅުގަނޑުގެ ނަޒަރުގައި، އާބާދީ ބައިބޯ ރަށްރަށުގައި، ވެވެން އޮތް މިންވަރަކުން އެއް ޖިންސްގެ މަދަރުސާތައް ޤާއިމްކުރުމަކީ، ދަރިވަރުންނަށާއި ޤައުމަށް، ޚާއްޞަކޮށް އަންހެންކުދީންނަށް ވަރަށް ބޮޑު މަންފާއެއް ކުރާނޭ ކަމެއްކަން ޔަޤީން އެވެ. މިކަން އެންމެ ފުރަތަމަ ފަށަންވީ މަޖީދިއްޔާ އާއި އަމީނިއްޔާ އެއް ޖިންސްގެ މަދުރަސާއަށް އަލުން ބަދަލުކޮށްގެންނެވެ. މި ރިޔާސީ ދައުރުގައި މިކަން ނުކުރެވުނަސް، މުސްތަޤްބަލްގައި މިގޮތަށް މިކަން ހަމަޖެހިގެން ދާނެ ކަމާ މެދު އަޅުގަނޑުގެ އެއްވެސް ރީބައެއް – ޝައްކެތް – ނެތެވެ." ޑރ. ޙަސަން ޙަމީދު ލިޔުއްވާފައިވެއެވެ.

ރިޕޯޓް ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ، އައު މިސްރާބަކަށް މަދްރަސީ ތަޢުލީމު ހޭރިޔާ ކުރެވޭނީ އެ ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންގެ ވިސްނުމާއި ސިޔާސީ ހުރިހާ ވެރީންގެ ޚިޔާލުތައް އެއްގޮތްވެގެން ކަމަށާއި، ކަންކަން ކުރުވަން ތިބި ސިޔާސީ ވެރީންނަކީ ތަޢުލީމުގެ މަޤްޞަދާއި ދާންބޭނުންވާ މިޞްރާބާއި ތަޢުލީމުގެ ފަންނަން ފާގަތި، ޤާބިލް، މުރާލި ބަޔަކަށް ވެގެން ކަމަށާއި، އިޞްލާޙީ، އިންޤިލާބީ ބަދަލެއް ގެނައުމަށް ޖޯޝާއި ފޯރި ހުރި ބަޔަކަށް ވެގެން ކަމަށެވެ.

"ފަސް އަހަރު ދުވަހުގެ ތެރޭގައި، ހިހޫތަނުން ކައިގެން، ބޭރު ދަތުރުކުރުމަށް ހެސްގަނެގެން، ބޭނުންއިރަކު އޮފީހަށް ވަދެ ނުކުމެ އުޅޭ މީހުންގެ ނާކާމިޔާބުން ޢިބްރަތް ލިބިގަނެގެންނެވެ. ވަޒީރަކަށް ހުންނަ މީހާއަށް، އޭނާގެ ދަށުން މަސައްކަތްކުރާނޭ އެކި ފެންވަރުގެ ސިޔާސީ މީހުން ހޮވުމުގެ އިޚްތިޔާރު އޮވެގެންނެވެ. އެމީހުންގެ މައްޗަށް ބަސްބުނާނެ މީހަކީ ހަމައެކަނި ވަޒީރަށް ވެގެންނެވެ.  އެންމެން އެއް އަމާޒަކަށް ދަތުރުކުރުމަށް ފަލިވަޅުތައް ހަމަކޮށްގެންނެވެ.  ދިވެހި ތަޢުލީމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރުމަށް،  އާރާއި ބާރާއެކު ފަލިޖަހަން ކެރިގެންނެވެ." ޑރ. ޙަސަން ޙަމީދު ރިޕޯޓް ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.

ރިޕޯޓް އެއްކޮށް ވިދާޅުވުމަށް:

A Manifesto for Education Development

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޖިންސު ވަކިކުރުމަށްވުރެން މާ ރަނގަޅުވާނެ ސްކޫލް ނިމޭއިރު ކޮންމެވެސް މަސައްކަތަކަށް ކުދިން އަހުލުވެރި ކުރެވިއްޖެއްޔާ. މިހާރު 10 އަހަރު ކިޔަވައިގެން ނިކުންނަ ކުދިންނަށް ކުރާންއެނގޭ އެއްވެސް ކަމެއްނޮވޭ.

  2. މިކަމަކީ ކުރަން މާ އުނދަގޫ ކަމެއް ނޫން. މާލޭގައި ނަމަ، މަޖީދިއްޔާގެ ބެލެވެރީންގެ ކައިރީގައި އަހަންވީ، ފިރިހެން ކުދީންގެ މަދަރުސާއަކަށް ހަދަން ބޭނުންހޭ؟ އަންހެން ކުދީން ދާނީ އަމީނިއްޔާއަށް. ހަމަ އެގޮތަށް އަމީނިއްޔާ އާ މެދު ކަންކުރަންވީ. މިކަން މިގޮތަށް ނުކުރާނަމަ، ޤައުމީ ޖޯޝް އުފެއްދުމާއި ބަނަވަމުންދާ މަސްރަޙުގައި، އަންޑަނަ ހިފައިގެން ތެދުވާނޭ ބާރު ހުރި ޒުވާން ތަކުރުފާނުން އުފައްދަން ދަތިވާނެ. އެންމެ ބޮޑު މަޞްލަޙަތަކީ ޤައުމުގެ މިނިވަންކަމާއި ޤައުމިއްޔަތު.

  3. އޭގައި އޮތީ "ކިތަންމެ ދިރާސާތަކަކުން ދައްކަނީ، އަންހެން ކުދީންނަށް ވަކީން ކިޔަވައިދިނުމުން އެކުދީންގެ ނަތީޖާތައް މާބޮޑަށް ރަނގަޅުކަމެވެ. ހާވާޑް ޔުނިވަރސިޓީގެ މި ހޯދުންތަކާއި އެތައް ދިރާސާތަކެއް ޚުލާޞާކޮށްފައިވާ މި ހޯދުންތަކުން އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. އަންހެން ކުދީންގެ އިސްދާނަކަން މަތިވުމާއި ތަޢުލީމީ ނަތީޖާ %10 އަށް އިތުރުވާނެކަމަށް ދައްކައެވެ. އަޅުގަނޑުގެ ނަޒަރުގައި، އާބާދީ ބައިބޯ ރަށްރަށުގައި، ވެވެން އޮތް މިންވަރަކުން އެއް ޖިންސްގެ މަދަރުސާތައް ޤާއިމްކުރުމަކީ، ދަރިވަރުންނަށާއި ޤައުމަށް، ޚާއްޞަކޮށް އަންހެންކުދީންނަށް ވަރަށް ބޮޑު މަންފާއެއް ކުރާނޭ ކަމެއްކަން ޔަޤީން އެވެ."

  4. ތާއީދު ކުރާ ޚިޔާލެއް، ކުޑައިރު ސަރުކާރުގައި ހުންނަނީ 3 ސްކޫލު، ބޮޑެތި ކުދީންނަށް 2 ސްކޫލް ހުންނަނީ 2 ޖިންސަށް ބަހާލާފާ. އަމީނިއްޔާ، މަޖީދިއްޔާ. ނަމަވެސް ފަހުގެ ތާރީޚެއްގައި ފެނުނީ އތަންތަންވެސް "ޚަރާބުގެ" މަގުން މަސްހުނިވެގެން ދިޔަތަން. މިއަދު މިއަޑު އިވުމުން އުފާވެއްޖެ.

  5. ޑރ. ޙަސަން ހަމީދު އެ ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެއް. މަޖީދިއްޔާސްކޫލްއިން އަންހެން ކުދިން އަމީނިއްޔާ ސްކޫލް އިން ފިރިހެން ކުދިން ފެނުމުން ވަރަށް ދެރަވޭ. ކުރިންއޮންނަގޮތަށް އޮންނާނެ ނަމައޭ ހިތަށް އަރާ ގިނަ ބެލެނިވެރިންނާއި އެދެ ސްކޫލްގެ އިސް ދަރިވަރުން އުޅޭނެ ކަންޔަޤީން.. އެހެންވެއްޖެނަމަ އެއީ ގިނަ ބަޔަކަށްލިބޭނެ ވަރަށް ބޮޑު އުފަލެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު