ގިނަ ބެލެނިވެރީން އަހަރީ ޗުއްޓީ ބޭނުންވަނީ ޖުލައި މަހު ކަމަށް ބުނާ ބުނުމަކީ ބަރުދަން ހުރި ދިރާސާއެއްގެ މައްޗަށް ބުރަވެ ބުނާ ބުނުމެއް ނޫން ކަމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، "އައު ސަރުކާރުގެ ތަޢުލީމީ މެނިފެސްޓޯއަށް ވާންވީން ކޮންކޮން ކަންތައްތަކެއް ތޯއެވެ؟" މި މަޢުޟޫއަށް އެމަނިކުފާނު އެކުލަވާލައްވާފައިވާ ދިރާސާ ރިޕޯޓްގައެވެ.
އެމަނިކުފާނުގެ ދިރާސާ ރިޕޯޓް ފައްޓަވަމުން ވިދާޅުވެފައިވަނީ، ކޮންމެ އައު ރިޔާސީ ދައުރަކީ، ދިވެހިރާއްޖޭގެ މަދްރަސީ ތަޢުލީމު އައު މިސްރާބަކަށް ހޭރިޔާކުރުމަށް ލިބޭ ހަނި ފުރުޞަތެއް ކަމަށެވެ. މިފެށޭ ރިޔާސީ ދައުރުގައި ތަޢުލީމީ ދާއިރާއަށް ގެނެވިދާނޭ އިޞްލާޙްތަކަކީ ކޮބައިތޯ ސުވާލުކުރައްވަމުން ޑރ. ޙަސަން ޙަމީދު ވިދާޅުވެފައިވަނީ، ތަޢުލީމީ ދާއިރާއާ ބެހޭގޮތުން ކޮންމެ މީހެއްގެ ވެސް ވަކި ރައުޔުއެއް، ޚިޔާލެއް ހުންނާނެ ކަމަށާއި، ސަބަބަކީ ކޮންމެ މީހެއްގެ ދިރިއުޅުމާ ވެސް މަދްރަސީ ތަޢުލީމާ ފަރުދީ ގޮތުން ގުޅިފައިވާ ކަމަށްވާތީ ކަމުގައެވެ.
"މި ދާއިރާގައި، ފަންނީ ފެންވަރެއްގައި އަޅުގަނޑު ޢަމަލީ ގޮތުން މަސައްކަތްކުރާތާ މިހާރު 40 ވަރަކަށް އަހަރު ވެދާނެއެވެ. އަދި ޔުނިވަރސިޓީގައި، ކިޔަވައިދޭ ދެ މާއްދާއެއް ކަމުގައިވާ ”ތަޢުލީމުގެ ފަލްސަފާ“ އާއި ”ތަޢުލީމުގެ މިހާރު މައްސަލަތައް“ ބޭރުން ކިޔެވުމަށް ފަހު އެ މުޤައްރަރުތައް އެކުލަވައިލައި އެ މާއްދާތައް އެކި ދުވަސްވަރު ކިޔަވައިދިނުމުގައި އުޅޭތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ." ޑރ. ޙަސަން ޙަމީދު ވިދާޅުވިއެވެ.
ޑރ. ޙަސަން ޙަމީދު ވިދާޅުވެފައިވަނީ، ކޮވިޑް އާ ގުޅިގެންނާއި އެހެން ސަބަބުތަކާ ހުރެ، ދިރާސީ އަހަރު މިހާރު ވަނީ ޖުލައި މަހު ފެށޭގޮތަށް ހަމަޖައްސާފައި ކަމަށާއި، ބުނެވޭ ގޮތުގައި، މިކަންކުރި މައިގަނޑު ސަބަބަކީ، ރިޒޯޓްތަކުގެ މުވައްޒަފުން އެދޭތީކަމަށް ވާ ކަމަށާއި، މިގޮތަށް މިކަން ބަދަލުކުރިތާ މާގިނަ ދުވަހެއް ނުވެ، ފާހަގަކުރެވެން ފެށީ، ދިގު ޗުއްޓީގެ ދުވަސްވަރު ދިމާވަނީ ރާއްޖެއަށް ވަރަށް ބޯކޮށް ވާރޭ ވެހޭ، ދަތުރުފަތުރުކުރަން ދަތި ދުވަސްވަރެއްގައި ކަމުގައެވެ.
"ހަތަރު މޫސުން އަންނަ ހުޅަނގުގެ ޤައުމުތަކުގައި، ދިގުޗުއްޓީ ދިމާކުރަނީ، މީހުންނަށް ޗުއްޓީއާ ދިމާކޮށް އެކި ކަންކަމުގައި އުޅެވޭ ހޫނު މޫސުމާއެވެ. ޤައުމު އޮންނަ ތަނުން، ހޫނު މޫސުން ދިމާވަނީ ޑިސެމްބަރާ ކަމުގައި ވަނީނަމަ، ދިގު ޗުއްޓީ ޑިސެމްބަރާ ދިމާކުރެއެވެ. މިސާލެއްގެ ގޮތުން އޮސްޓްރޭލިއާ އާއި ނިޔު ޒީލަންޑްގައި ދިރާސީ އަހަރު ފެށެނީ ޖަނަވަރީ ގައެވެ." ޑރ ޙަސަން ހަމީދު ވިދާޅުވެފައިވެއެވެ.
ޑރ. ޙަސަން ވިދާޅުވީ، ގިނަ ބެލެނިވެރީން އަހަރީ ޗުއްޓީ ބޭނުންވަނީ ޖުލައި މަހުކަމަށް ބުނާ ބުނުމަކީ ބަރުދަން ހުރި ދިރާސާއެއްގެ މައްޗަށް ބުރަވެ ބުނާ ބުނުމެއް ނޫން ކަމަށެވެ.
"ގިނަ ބެލެނިވެރީން އަހަރީ ޗުއްޓީ ބޭނުންވަނީ ޖުލައި މަހުކަމަށް ބުނާ ބުނުމަކީ ބަރުދަން ހުރި ދިރާސާއެއްގެ މައްޗަށް ބުރަވެ ބުނާ ބުނުމެއް ނޫނެވެ. އެހެނީ ރާއްޖޭގައި، އުޅޭ 94000 މަދަރުސާ ދަރިވަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ދަރިވަރުންގެ ބެލެނިވެރީންނަކީ ރިޒޯޓްތަކުގެ ވަޒީފާގައި އުޅޭ ފަރާތްތަކެއް ނޫނެވެ. މިކަން ޔަޤީންވަނީ މި ދަރިވަރުންގެ ތެރެއިން %40 ދަރިވަރުންނަކީ މާލޭގައި ކިޔަވާ ދަރިވަރުންނަށް ވާތީއެވެ. މާލޭގެ ވަރަށް މަދު ބެލެނިވެރިޔަކު ނޫނީ ރިޒޯޓް ވަޒީފާގައެއް ނޫޅޭނެއެވެ." ޑރ. ޙަސަން ވިދާޅުވިއެވެ.
ޑރ ޙަސަން ވިދާޅުވެފައިވަނީ، މަދު ބަޔަކު އެދޭ ގޮތަށް، މަންފާކުޑަ ގޮތަކަށް މުޅި ނިޒާމު ގުޑުވާލުމަކީ ޙިކްމަތްތެރި ކަމެއް ނޫން ކަމުގައެވެ.
މިކަން އެންމެ އެދެވޭ ގޮތަށް ނިންމޭނީ ރާއްޖޭގެ ހުރިހާ ދަރިވަރުންގެ ބެލެނިވެރީންގެ މެދުގައި ވޯޓެއް ނަގައިގެން ކަމަށާއި، އެއިރުން ގިނަ ބަޔަކު އެދޭ ގޮތް ހާމަވެގެން ދާނެ ކަމަށާއި، ވޯޓުގެ ނަތީޖާ ގިނަ ބޭފުޅުންނަށް މިހާރުވެސް އަންދާޒާކުރެއްވޭނެ ކަމުގައި ޑރ. ޙަސަން ޙަމީދު ވިދާޅުވިއެވެ.
ރިޕޯޓް ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ، އައު މިސްރާބަކަށް މަދްރަސީ ތަޢުލީމު ހޭރިޔާ ކުރެވޭނީ އެ ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންގެ ވިސްނުމާއި ސިޔާސީ ހުރިހާ ވެރީންގެ ޚިޔާލުތައް އެއްގޮތްވެގެން ކަމަށާއި، ކަންކަން ކުރުވަން ތިބި ސިޔާސީ ވެރީންނަކީ ތަޢުލީމުގެ މަޤްޞަދާއި ދާންބޭނުންވާ މިޞްރާބާއި ތަޢުލީމުގެ ފަންނަން ފާގަތި، ޤާބިލް، މުރާލި ބަޔަކަށް ވެގެން ކަމަށާއި، އިޞްލާޙީ، އިންޤިލާބީ ބަދަލެއް ގެނައުމަށް ޖޯޝާއި ފޯރި ހުރި ބަޔަކަށް ވެގެން ކަމަށެވެ.
"ފަސް އަހަރު ދުވަހުގެ ތެރޭގައި، ހިހޫތަނުން ކައިގެން، ބޭރު ދަތުރުކުރުމަށް ހެސްގަނެގެން، ބޭނުންއިރަކު އޮފީހަށް ވަދެ ނުކުމެ އުޅޭ މީހުންގެ ނާކާމިޔާބުން ޢިބްރަތް ލިބިގަނެގެންނެވެ. ވަޒީރަކަށް ހުންނަ މީހާއަށް، އޭނާގެ ދަށުން މަސައްކަތްކުރާނޭ އެކި ފެންވަރުގެ ސިޔާސީ މީހުން ހޮވުމުގެ އިޚްތިޔާރު އޮވެގެންނެވެ. އެމީހުންގެ މައްޗަށް ބަސްބުނާނެ މީހަކީ ހަމައެކަނި ވަޒީރަށް ވެގެންނެވެ. އެންމެން އެއް އަމާޒަކަށް ދަތުރުކުރުމަށް ފަލިވަޅުތައް ހަމަކޮށްގެންނެވެ. ދިވެހި ތަޢުލީމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރުމަށް، އާރާއި ބާރާއެކު ފަލިޖަހަން ކެރިގެންނެވެ." ޑރ. ޙަސަން ޙަމީދު ރިޕޯޓް ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.
ރިޕޯޓް އެއްކޮށް ވިދާޅުވުމަށް:
ކިޔުންތެރިންގެ ޚިޔާލުތައް:
މީހަކު ތިޔަހެން ނުބުންޏަސް ތިޔައީ ހޫނު މޫސުމުގެ އަވިން ދަނޑުފަނގު ހާމަވާގޮތަށް އެނގޭކަމެއް. ރާއްޖޭގައި އުޅޭ މަދްރަސީ އާބާދީގެ ބެލެނިވެރިންގެ ދެބައިކުޅަ އެއްބަޔަކީ ރިޒޯޓްގައި އުޅޭ ބައެއް ނޫން. މިއީ އަޑުގަދަ މަދު ބައެއް މަންފާއެއް ލިބިގަތުމަށް ކޮށްފައިވާ ކަމެއް.
ވަރަށްވެސް ރަނގަޅު އަދި މގުބޫލު ރަނގަޅު ޚިޔާލުފުޅެއް ޑރ.ހަސަންހަމީދު މި ހުށައެޅީ ނުވަތަ ދެއްވީ، ތައުލީމީދާއުރާ އެކަންޏެއްނޫން މުޅިގައުމު މި 5 އަހަރު އެފުށްމިފުށަށްޖަހައިފި މިގައުމުގެ ރިވެތި ހުރިހާ ސިފައަކާއުސޫލުތަކެއް މުގުރާލާ، ފަރަންޖީންނާއެއްގޮތަށް ދީލާލައިފި.
އޮސްޓުރޭލިއާ ނިއުޒިލެންޑް އެކަނިތަ އޮތީ؟ އެހެން ގައުމުތަކޯ؟ އެމެރިކާގަ އެކަޑަމިކް އިޔާ ފައްޓަނީ އޮގަސްޓް ސެފްޓެންބަރގަ. އިންޑިޔާ ޖޫންގަ. މެލޭގަ މާޗް ޗައިނާ ސެފްޓެންބަރ ހަމަ ކޮންމެހެން ޖެނުއަރީގަ ފައްޓަންޖެހޭތަ؟