ޑރ. އަޙްމަދު ޝަހީދަކީ ޤައުމަށް ޚިޔާނަތްތެރިވެފައިވާ މީހެއްގެ ގޮތުގައި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ސިފަކުރައްވައިފިއެވެ.
ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދަށް، ދުންޔާ ފާޑުވިދާޅުވެފައި މިވަނީ އިޒްރޭލު ސިފައިންނާއި ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންގެންދާ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ހަނގުރާމައާއި ގުޅިގެން އިޒްރޭލަށް ތާއީދުކުރައްވާ ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
"ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑު ލަދުގަންނަނީ އެހެން ދިވެއްސެއް މިފަދަސްޓޭންޑެއް ނެގީތީ.ކުރީގެ ފޮރިން މިނިސްޓަރަކު މިފަދަ ވާހަކަތައް ދެއްކުމަކީ ދިވެހި ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް.މިފަދަ އަމަލުތައް ފެންނަނީ ހަމައެކަނި ޤައުމަށް ޚިޔާނާތްތެރިންގެ ކިބައިން!" ދުންޔާ ވިދާޅުވެފައިވެއެވެ.
އިޒްރޭލަށް ހެޔޮއެދިވަޑައިގެން ޑރ. ޝަހީދު ވާހަކަދައްކަވާ ވީޑިއޯއެއް އިޒްރޭލަށް ތާއީދު ކުރާ ބަޔަކު ސޯޝަލްމީޑިއާގައި އާންމުކުރުމާއެކު އެތައް ބައެއްގެ ފާޑުކިޔުންތައް ޑރ. ޝަހީދަށް އަމާޒުވިއެވެ. ފާޑުކިޔުންތަކާ ގުޅިގެން ވީޑިއޯ އާންމުކުރި ފަރާތުން ވަނީ އެ ވީޑިއޯ ޑިލީޓްކޮށްލާފަ އެވެ. ނަމަވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިހާރު އެ ވީޑިއޯ ވަނީ ވައިރަލް ވެފަ އެވެ.
އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގެ ދިފާއުގައި ޑރ. ޝަހީދު ވާހަކަ ދެއްކެވުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު ޑރ. ޝަހީދުވެސް އެކްސް އިން ގެއްލި، އޭނާގެ އެކްސް އެކައުންޓްވެސް މިހާރު ނުފެނެއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކޮށްފައިވާ ވީޑިއޯގައި ޑރ. ޝަހީދު ވިދާޅުވީ ޔަހޫދީންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މިދިޔަ ހައެއްކަ އަހަރު ދުވަހު އޭނާ މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތުން މިމަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ވަރުގަދަ ރޮކެޓް ހަމަލާތަކުގައި މަރުވި ޔަހޫދީންނަށް ހަމްދަރުދީވެ ޑރ. ޝަހީދު ވިދާޅުވީ ޔަހޫދީ އާއިލާތަކުން މިހާރު ކުރަމުންދާ ހިތާމަތައް އިހްސާސްކޮށްލުމަށްވެސް ދަތި ކަމަށެވެ.
ހަމާސް އަކީ "ޓެރަރިސްޓް" ޖަމާއަތެއް ކަމަށް މިވީޑިއޯގައި ވަރަށް ސާފުކޮށް ވިދާޅުވެ، ހަމާސްގެ ހަމަލާތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ހަމަލާތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް އިޒްރޭލުން ފަލަސްތީންގެ ޣައްޒާއަށް އެއްވެސް ހަމައެއްލަމައެއް ނެތި ބޮން އަޅައި ފަލަސްތީންގެ 5،000 އަށް ވުރެ ގިނަ ރައްޔިތުން ޝާހިދުކޮށްލާފައިވާއިރު ފަލަސްތީން ރައްޔިތުންގެ ހައްގުގައި ޑރ. ޝަހީދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ޝަހީދުގެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވަމުން ދުންޔާ މައުމޫން ވިދާޅުވީ ދިވެއްސެއްގެ ހައިސިއްޔަތުން އެކަމަނާ ލަދުގަންނަނީ އެހެން ދިވެއްސެއް އިޒްރޭލަށް ތާއީދުކުރައްވައި ނެންގެވި "ސްޓޭންޑެއް"ގެ ސަބަބުން ކަމަށެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ. ޝަހީދަކީ ދީނީ މައްސަލަތަކާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި އިސްލާމްދީނާ ޚިލާފު އެތައް ވާހަކަތަކެއް ދައްކަމުންދާ ފަރާތެކެެވެ.