7 ފެބުރުވަރީ 2025
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން، ފޮޓޯ: އާބަންކޯ

ދެ ވަނަ ބުރުގައި ފޯމް ލީ 21،000 ފްލެޓަށް އަދި 19،000 ގޯއްޗަށް

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގެ މުއްދަތު މިއަދަށް ހަމަވި އިރު، ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހަޅައިފިއެވެ.

އެ ސްކީމްތަކުގެ ދެވަނަ ބުރުގައި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުށަހެޅީ 21،247 ފޯމެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން ހުށަހެޅީ 19،347 ފޯމެވެ. 
މި ސަރުކާރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވެއެވެ.
ކަންމިހެން އޮތްއިރު، ދެ ވަނަ ބުރުގައި ކުރިމަތިލި 40،000 މީހުންގެ މައުލޫމާތު ސާފުކޮށް، ލިޔުން ހަވާލު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސަރުކާރުން ހާމައެއް ނުކުރައްވައެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ވެސް ގާތްގަނޑަކަށް ހަމަ އެ އަދަދަށް ފޯމު ހުށަހަޅާފައިވެ އެވެ. ފުރަތަމަ ބުރުގައި ފްލެޓާއި ގޯއްޗަށް 20،000 އަށް ވުރެ ގިނަަ މީހުން ކުރިމަތިލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. އެކަމަކު އޭގެ ތެރެއިން ޝަރުތު ހަމަވެގެން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ހިމެނުނީ 18،955 މީހެކެވެ.

ފްލެޓަށް ހުށަހެޅި 20،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަކު، އެއީ ކިހާ އަދަދެއްގެ މީހުން ކަމެއް އަދި ވިދާޅެއް ނުވެއެވެ.

ދެވަނަ ބުރުގައި، ގޯއްޗަށް ކުރިމަތިލެވޭ ޝަރުތެއްގެ ގޮތުގައި ކަނޑައެޅީ މާލޭގެ ރަށްވެއްސަކަށް ވުމާއި މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ. ފްލެޓަށް ކަނޑައެޅި ޝަރުތަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. މިހާތަނަށް ހިއްކާފައި ހުރި ބިންތަކުން ބައެއް މީހުން ގޯތި ކަނޑައި ދީފައިވެއެެވެ.  އެ ސްކީމްގެ ދަށުން ހުޅުމާލެ 2، 3 އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޭން ނިންމާފައިވެއެވެ.

ސަރުކާރުން ވިދާޅިވެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ފުރަތަމަ 4،000 ފްލެޓްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. އެ ގައުމުގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަންނަނީ 2،000 ފްލެޓް އިމާރާތް ކުރަމުންނެވެ. މި ސްކީމްގެ ދަށުން ދޫކުރަން ހުޅުމާލޭގައި އަދި އިތުރު 4،000 ފްލެޓް އިމާރާތް ކުރަން އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) މިދިޔަ އޮގަސްޓް މަހު ވަނީ ސޮއިކޮށްފަ އެވެ.

ފުރަތަމަ 4،000 ފްލެޓް ހަދަނީ 32 ޓަވަރުގައި ކޮންމެ އިމާރާތެއް 16 ފުލޯ އަށެވެ. އޭގެ ތެރެއިން އަދި ނިމުނީ ހަ ޓަވަރެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު