7 ފެބުރުވަރީ 2025

ފެނަކައިގެ ބޮޑު ކޮރަޕްޝަން: 75 މައްސަލަ ތަހްޤީޤަށް، 20 މިލިއަން އަނބުރާ ހޯދަން

ފެނަކަ ކޯޕަރޭޝަނާއި ގުޅޭ ކޮރަޕްޝަންގެ 75 މައްސަލައެއް ފެންމަތިވެ ތަހްޤީޤުކުރަމުންދާއިރު، 20 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އަންގާފައިވާނެކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީސީން ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ކޮރަޕްޝަންއާ ބެހޭ ގޮތުން އޭސީސީން ވިދާޅުވީ އެކޮމިޝަނުން ބަލަމުންދާ ފެނަކައިގެ 75 މައްސަލައިގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތައް ހިމެނޭކަމަށެވެ. އަދި ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭކަމަށްވެސް އޭސީސީއިން ވިދާޅުވިއެވެ.

އޭސީސީން ވިދާޅުވީ މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން ތަހުގީގްކުރަމުންދާ މައްސަލަތަކާ ގުޅިގެން، 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަނގާފައިވާނެކަމަށާއި، އެހެންނަމަވެސް އެއީ ކިތައް މައްސަލައިގެ ފައިސާކަމެއް އޭސީސީން ހާމަކުރައްވާފައެއް ނުވެއެވެ.

ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް، އަންގާފައިވާނެކަމަށާއި، އޭގެތެރޭގައި އެ ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާޙުކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 6 ކަމަކާއި، ކުންފުނިން ބަލައި ތަޙްޤީގުކުރުމަށް 6 ކަމެއް ހިމެނޭކަމަށް އޭސީސީން ވިދާޅުވިއެވެ.

ހަމައެހެންމެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހިންގުމުގައި ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި، އެހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަޙުޤީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ، އެރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށްވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު