Saturday, 15 June 2024

ޝަރުތުތައް ފުރިހަމަނުވާތީ ސަޕްލިމަންޓްރީ ބަޖެޓު ބަލައެއް ނުގަތް؛ ފުރިހަމަކުރަން އަންގައިފި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ސަޕްލިމަންޓްރީ ބަޖެޓުގައި، މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަނުވާތީ، އެ ބަޖެޓް ބަލައި ނުގަތް އަނބުރާ ފޮނުވާލައިފިއެވެ. އަދި އެކަންކަން ފުރިހަމަކުރުމަށްފަހު އަލުން ހުށައެޅުމަށް އަންގަވާފައިވެއެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށް، އިތުރު 6.5 ބިލިއަން ރުފިޔާ ޚަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މިމަހުގެ 18ވަނަ ދުވަހު ކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން ޒިޔާޢު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ފޮނުއްވި ސަޕްލިމަންޓްރީ ބަޖެޓުގައި، މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަނުވާތީ، އެކަންކަން ފުރިހަމަކުރެއްވުމަށް އަލުން ހުށައެޅުއްވުމަށް އަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސޮއިކުރައްވާ އެ ބަޖެޓު އަނބުރާ ފޮނުވާލާފައިވާކަމަށެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅުއްވި ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށައަޅާނަމަ ޤާނޫނުގައި ބަޔާންކުރާގޮތަށް ބަޖެޓު ތައްޔާރުކުރުމަށްފަހު އެ ފައިސާއެއް ނުވަތަ އެބަޖެޓެއް ބޭނުންވާ ދުވަހެއްގެ އެއް މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެކަމަށް މާލިއްޔަތު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އަދި އެ ހުށައަޅާ ބަޖެޓުގައި ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުންހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބު ހިމަނަންވާނެކަމަށް މާލިއްޔަތު ޤާނޫނުގައިވެއެވެ. އަދި ރިކަރަންޓު ޚަރަދާއި ކެޕިޓަލް ޚަރަދުގެ ޚުލާސާވެސް ބަޖެޓުގައި ހިމަނަންވާނެކަމަށް މާލިއްޔަތު ޤާނޫނުގައި ބަޔާންކުރެއެވެ.

ސަޕްލިމަންޓްރީ ބަޖެޓުގައި ހަމަނުވަނީ ކޮން ޝަރުތެއްކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މިއީ ސަރުކާރުން ހުށައެޅުއްވި ސަޕްލިމަންޓްރީ ބަޖެޓުގެ ޝަރުތު ފުރިހަމަކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގެވި ދެވަނަ ފަހަރުކަމަށް މަޢުލޫމާތު ލިބޭއިރު، ފިނޭންސް މިނިސްޓްރީން ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ފޮނުއްވުމުން، މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތަށް ފުރިހަމަނުވާތީ، އެ ބަޖެޓު އަނބުރާ ނުފޮނުވައި އެ މަޢުލޫމާތުތަށް ފޮނުވުމަށް މަޖިލީހުން ފުރަތަމަ އެދުނު ނަމަވެސް ފިނޭންސްއިން ފަހުން ފޮނުއްވި މަޢުލޫމާތުތަކުގައިވެސް ޤާނޫނޫގައި ބަޔާންކުރާ ކަންކަން ފުރިހަމަވެފައިނުވާ ކަމަށް މަޢުލޫމާތި ލިބެއެވެ.

ސަޕްލިމަންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅައިފައިވަނީ ޕީއެސްއައިޕީއާއި އާސަންދައާއި ސަބްސިޑީތަކަށް ކުރާ ޚަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަންއަށެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ، މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިނގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެ ނޫން ޚަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ޚަރަދު ކުޑަކުރުމަށް ރާވައިފައިވާ ގިނަ ފިޔަވަޅުތައް ރާވައިފައިވާ ގޮތަށް ތަންފީޒުވެފައިނުވާތ،ީ އެ ކަންކަމުން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީވެސް މިހާރު ދަށްވެފައިވާކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު