Thursday, 18 April 2024

ޚިޔާލު: އަނިޔާވެރި އިޒުރޭލުން ހިންގާ ޖަރީމާއަކީ އެއްފަހަރުން ނަސްލެއް ނައްތާލުން

މިއީ ދުވަހަކުވެސް ދުށް ކަމެއް ނޫނެވެ. އެހެންނަމަވެސް ނަސްލު ނައްތާލުމަށް ހިންގާ ޕްރޮޕެގަންޑާތަކުގެ ވާހަކަ އަޑުއަހަމެވެ.

އެއްފަހަރާ އެއްދުވަހެއްގެ ތެރޭގައި 700 މީހުން ޝަހީދުކޮށްލުމަކީ، ވެދާނެ ކަމެއްތޯ ސުވާލު އުފެދޭނެއެވެ. އެހެންނަމަވެސް، އަނިޔާވެރި ޔަހޫދީންގެ ޤަތުލުއާންމުގައި ފަލަސްޠީނުގެ ކުށެއް ނެތް 700 މީހުން ޝަހީދުކޮށްލައިފިއެވެ. އެއް ފަހަރާއެވެ. އެއް ރެއެއްގައެވެ. މިއީ 2021 ވަނަ އަހަރުގެ ތެރޭގައި އިސްރާއީލުން ޣައްޒާ ދެކޮޅަށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދަށް ބަލާއިރު، އޭގެ ތިން ގުނަ އަދަދެކެވެ.

މިއީ ކުއްލި ހައިރާންކަމެއް ގެނުވި، ހިތްދަތި މަންޒަރެކެވެ. ކެކުޅުން ބޮޑު ހާދިސާއެކެވެ. މިކަން އިތުރުވަމުންދާނެ ކަމަށް ވިސްނި، އިންސާނީ ނަސްލަކަށް ދިމާވާނެ މުސީބާތާމެދު ކަންބޮޑުވެއެވެ.

އިންސާނީ ޙައްޤުތައް ހިމާޔާތްކޮށް ދިފާޢުކުރުމަށްޓަކައި އުފައްދާފައިވާ އދ. ގެ ލީޑަރުން ގެ ކިބައިންވެސް ފެނިގެން މިދަނީ، އިންސާނިއްޔަތުވަންތަ ކަމުގެ ކަންފުޅެއްވެސް ނެތް ޢަމަލުތަކެވެ. އެތައް ބަޔަކު މަރައި ނަސްލެއް ނަސްތާލަމުންދާއިރު، އެމަންޒަރު ފެންނަ މީހަކު ނެތޭވެސް ބުނެވިދާނެއެވެ. އެކަން ކުށްވެރިކޮށްލާންވެސް ނުކެރެއެވެ. އެ ލާއިންސާާނީ ޢަމަލުތައް ހުއްޓާލަން ގޮވާލާ ތަނެއްވެސް ނުފެއެވެ. އެކަމަކު ނަމުން އިންސާނީ ޙައްޤެވެ. ހަމާސްއިން ހައްޔަރުކޮށްގެން އުޅޭ އަސީރަކު މިނިވަންކުރަން ގޮވާލަފާނެއެވެ. އެކަމަށް އެއްބަސްވުންތަކާއި ހުށަހެޅުންތައްވެސް ހުށަހަޅާފާނެއެވެ. އެހެންނަމަވެސް، އެތައް ބަޔަކު މަރާ ތަންތަން ބިމާ ހަމަކޮށް ސުންނާފަތިކުރަމުންދާއިރު، އެކަމުގެ ދިފާޢުގައި ހުށަހަޅާނެ އެއްބަސްވުމެއް ހުށަހަޅާނެ ހުށަހެޅުމެއް ވެސް ނެތެވެ. އިންސާފުގެ ކަންފުޅެއް ވެސް ނެތެވެ.

ކުޑަކުދިންތައް މި ދުނިޔެ ދޫކުރަމުންދަނީއެވެ. 2،400 އަށްވުރެ ގިނަ ކުޑަކުދިން، އިޒުރޭލުގެ އަނިޔާވެރިކަމުގެ ދަށުން ޝަހީދުވެފައިވާއިރު، މިއަދަދު އިތުރުވެދާނެކަމަށް ރިޕޯޓްތައް ބުނަމުން އެބަދެއެވެ. އެތައް ކުޑަކުދިންނެއް ދުނިޔެއިން ފޮހެލާއިރު، އެބައިމީހުން އެތިބީ ނިދާފައެވެ. އަސީރު މީހާ ދޫކޮށްލަން ގޮވަގޮަވައެވެ.

އެތައް ކުޑަކުދިންނެއް މަގުމަތިވެ އަޅާލާނެ ޔާރެއް އިޔާރެއް ނެތި، ނަފްސާނީ އެތައް މައްސަލަތަކެއް ދިމާވަމުން އެބަދެއެވެ. އަޅާލާނެ މީހަކު ނެތެވެ. އަޅާލެވޭނެ ގޮތެއްވެސް ނެތެެވެ. މި ހިތްދަތިކަމުގައި އުޅެމުންދާ އެތައް ހާސް ކުޑަކުދިން ރެފިޔުޖީ ކޭމްޕްތަކުގައެވެ. މަންމައެއް ބައްޕައެއް، އާއިލާއެއް ނެތެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 5،791 އަށް އަރާފައެވެ. އަދި، 16,000 އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. 1500 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގެއެވެ. އޭގެ ތެރޭގައި 830 ކުޑަކުދިން ހިމެނެއެވެ. ޣައްޒާ ފުރަބަންދުކޮށް ކާބޯތަކެއްޗާއި ފެނާއި ޞިއްޙީ ފަރުވާގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުތަކުން ހުރަސްއަޅަމުންދާއިރު، ޣައްޒާގެ 2.3 މިލިޔަނެއްހާ ރައްޔިތުންގެ ހާލަތު ދަނީ ދެރަވަމުންނެވެ. އެހީގެ ސާމާނާ އެކު ޣައްޒާއަށް ދަތުރު ކުރަން މަސައްކަތް ކުރާ އުޅަނދުތަކަށް ވެސް ޔަހޫދީ ފައުޖުތަކުން ދަނީ ހުރަސް އަޅަމުންނެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *