"އެއީ އަހަރެންނަކާ ބެހޭކަމެއް ނޫން. އަހަރެން ކީއްވެތަ ރުޅި އަންނަންވީ؟ އަހަރެން ކީއްކުރަން އެކަމާ ވިސްނަންވީ؟" ޝައިނާގެ ޟަމީރު އޭނާއަށް ވިސްނައިދެމުން ދިޔައެވެ.
"ނޫން. އަހަރެންނަށްވެސް މިކަމާ ބެހެވެންވާނެ!! ކީއްވެ ނުވާންވީ؟؟ އެހެން މީހަކާ ރައްޓެހިވެހުރެ އަހަރެންނާއެކު އެފަދަ ކަމެއް ކުރުމުގެ އިހްތިޔާރެއް އޭނާއަކަށް ނޯންނާނެ!! އެކުއްޖާއަށްވެސް އޭނާގެ ގޮތް އެނގެން ޖެހޭނެ!!" ޝައިނާ އޭނަގެ އަމިއްލަ ޟަމީރުގެ އަޑަށް ބީރު ކަންފަތެއް ދިނެވެ. އިތުރަށް އެންމެ ސިކުންތެއްވެސް މަޑު ކުރުމެއް ނެތި އެޕަރޓްމެންޓުން ނުކުތުމަށް ހިނގައިގަތެވެ.
***********
ހަފްލާއަށް ލައިގެންދިޔަ ސޫޓާއެކު އެނދުގެ ފަޑީގައި ލެގިލައިގެން ބިންމަތީގައި އިން ރާހިލްވަނީ ފުންހިޔާލެއްގެ ތެރޭގައެވެ. ކަކުލުހުޅުން ލަންބާލެވިފައިވާ ވައަތުފައިގެ ކަކުލުގައި އެއްއަތް އަޅުވާލައިގެން އިންއިރު އޭނާގެ ކޮނޑުމަތިން ގެނެސް މޭމައްޗަަށް ވާގޮތަށް ވައްޓާލެވިފައިވާ އަންހެން ފައެއްގައި އަނެއްއަތުން ހިފަހައްޓައިލައެގެންއިނެވެ.
"ރާހިލް. ދެންއަޅެ ކީއްކުރަންތަ އަހަރެން ގެނައީ ކަމަކާނުލާ؟؟ ރިޝްގެ ބަރތްޑޭ ޕަރޓީގަ ހުރެފައޭ މި އައީ" ރާހިލްގެ ކޮނޑުމައްޗަށް ދެފައި ބައިލައިގެން އެނދުގައި އީށީނދެއިން އަންހެންކުއްޖާ ހިތްހަމަ ނުޖެހިފައި އަހައިލިއެވެ. އޭރު އެކުއްޖާގެ ހިމަ އިނގިލިތަކުން ރާހިލްގެ ބޯ މޮޑެދެމުން ދިޔައެވެ.
"އަޒޫ ޕްލީޒް. މިރޭ އަހަރެންގެ މޫޑެއް ނެތޭ. ހަމައެކަނި އަހަރެންގާތު ހުރެލަދޭންވީ. ވާނެތަ؟" ރާހިލް އެކުއްޖާގެ ފައިގައި ތުންފަތް ޖައްސައިލަމުން ބުނެލިއެވެ. އެކުއްޖާ ފާޑަކަށް ތުން އަނބުރައިލި ނަމަވެސް ތިރީގައި އިން ރާހިލްއަކަށް އެ މަންޒަރެއް ނުފެނެއެވެ.
"ރާހިލް ދެން ވެގެންއުޅޭ ގޮތެއްވެސް އަހަރެންގާތު ބުނަނީކީއެއްނޫން. ހުން އައިސްފަ ހުއްޓާ އަހަރެން ގެނައީ ކީއްކުރަން؟؟ މިހެން މިކަން ވާނެކަން އެނގުނުނަމަ ރިޝްގެ ޕާރޓީގަ ހުރެފަ އަހަރެން ނާންނާނެ ދޯ. އެހެންނޫނަސް ރައްޓެހިވިއިރު އަހަރެން ހީކުރީ ތީ ވަރަށް މަޖާ މީހެއްކަމަށް. މިހެން ބޭކާރުކޮށް ވަގުތު ހޭދަކުރަން ގުޅައިގެން ގެންނަހާ ފޫހި މީހަކަށް ވާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން. ކީއްވެތަ ތިހާ ވަރަށް ބަދަލުތަކެއް ތި އަންނަނީ؟؟" އެ އަންހެންކުއްޖާގެ ވާހަކަ އަޑު އިވެމުންދިޔަ ވަރަކަށް ރާހިލްއަށްވެސް އޭނާއަށް އަންނަމުންދާ ބަދަލުތަކާމެދު ވިސްނެމުންދިޔައެވެ. އެ ބީރައްޓެހި ބަދަލުތަކަށަ ހުދު އޭނާވެސް މަރުހަބާ ކިޔާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެކަމުގައި މިހާރު އޭނާގެ ކޮންޓްރޯލް ގެއްލިފައިވާ ކަހަލައެވެ.
ހަޤީޤަތަކީ ރާހިލްވެސް މިރޭ އެކުއްޖާގާތު އަންނަށް ބުނީ އެކުއްޖާވެސް އުއްމީދުކޮށްގެން ހުރި މަގްސަދުގައި ކަމެވެ. ނަމަވެސް އެކުއްޖާއާ ކައިރި ވެވުނު ހިނދު ޝައިނާއާއެކު ހިއްސާކުރެވުނު ހިނދުކޮޅުގެ ހިޔާލުތަކުން އޭނާގެ ސިކުނޑި ފުރިގެންދިޔައެވެ. ހިނދުކޮޅަކަށް އެކުއްޖާގެ ސިފަވެސް އޭނާއަށް އޮޅުނުހެން ހީވިއެވެ. އެއީ ކުށްހީއެއްކަމާއި އޭނަގެ ކުރިމަތީގައި ހުރީ ޝައިނާ ނޫންކަން އެނގުނު ހިސާބުން އޭނާގެ ހިތް އެފަދަ ގުޅުމަކަށް އިންކާރު ކުރުން ވެގެންދިޔައީ ހުދު އޭނާވެސް އަޖައިބުކުރުވި ކަމަކަށެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ހިތްވަރުކޮށްފައި އަނެއްކާވެސް އެކުއްޖާއާ ގާތްވާން ކުރި މަސައްކަތަށް އޭނާގެ ޟަމީރު ހުރަސް އެޅުމުން އޭނާ މިރެއަށް އެ ހިޔާލު ދޫކޮށްލީއެވެ. އަނެއްކޮޅުން ރިއާން ދެއްކި ވާހަކަތާކާމެދުވެސް އޭނާއަށް ވިސްނެމުންދިޔައެވެ. ރިއާން ބުނި ފަދައިން އޭނާއަށް ހަގީގަތުގައިވެސް ޝައިނާދެކެ ގަޔާވެވެނީ ބާއެވެ. ނޫނެކެވެ. އެހެން ވެގެނެއް ނުވާނެއެވެ. ޝައިނާގެ އެހުންނަނީ އެއްވެސް ފިރިހެނަކު ގަޔާ ނުވާނެ ފަދަ ގޮތްދޫނުކުރާ މިޒާޖެކެވެ. އެއީ އޭނާއަށް ޝައިނާއާއެކު މާގިނަ ވަގުތު ހޭދަ ކުރެވިފައިވާތީ އަންނަ ހިޔާލުތަކެއްކަމުގައި ނިންމުނެވެ.
ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް މީހަކު ޓަކި ޖަހަންފެށުމާއެކު ރާހިލް އެކުއްޖާގާތު ދޮރުހުޅުވުމަށް ބުންޏެވެ. އެއާއެކު އެކުއްޖާ ރާހިލްގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލައިފައިއޮތް އަތް މިނިވަންކޮށްލަމުން އެނދާ ޖެހިގެންހުރި ސައިޑު ކަބަޑުގެ މަތީގައިވާ ސްވިޗްއަށް އޮބައިލިއެވެ. އެއާއެކު ކޮޓަރީގެ ދޮރުހުޅުވުން އަޑު އިވުނެވެ. އޭރުވެސް ރާހިލްއަކަށް އެތަނަށް ވަނީ ކާކު ކަމެއް ނޭނގެއެވެ. އޭނާ މަޑުމަޑުން ހިޔާލަކަށް ގެެއްލިފައި އިނދެ އެ އަންހެންކުއްޖާގެ ފައިގައި ބޮސްދެމުން ދިޔައެވެ. ކޮޓަރިއަށް ވަދެގެންއައި ޝައިނާއަށް ރާހިލްމެން ތިބިގޮތްފެނި އިރުކޮޅަކަށް ހުއްޓުން އެރިއެވެ. އޭނާގެ ނަޒަރު ރާހިލް ބޮސްދެމުން ދިޔަ ފަައިން ފަށައިގެން އެ ރީތި ފައިގެ ވެރި އަންހެންކުއްޖާއަށް ދަތުރުކުރިއެވެ.
"ކާކު؟"ރާހިލްގެ ސަމާލުކަށް ދޮރާއި ދިމާލަށް ހުއްޓުނީ އޭނާގާތު އިން ކުއްޖާގެ އަޑަށެވެ. ޝައިނާ ފެނުމުން ރާހިލް އަވަސް ހަރަކާތަކާއެކު އެކުއްޖާގެ ފައިން ދޫކޮށްލަމުން ކޮޅަށް ތެދުވިއެވެ. ރާހިލްގެ އަމަލުކުރިގޮތްފެނި އެކުއްޖާ އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ޝައިނާއަށް ބަލައިލިއެވެ.
"ވެއިޓް. އަހަރެންނާ ލިފްޓުން ދިމާވި ދޯ؟" އެކުއްޖާ ޝައިނާ ލައިގެންހުރި ހެދުމަށް ބަލައިލަމުން ބުންޏެވެ. ޝައިނާ އެކުއްޖާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ދުރު ފިޔަވަޅުތަކެއްގައި އައިސް ރާހިލްގެ ކުރިމަތީގައި ހުއްޓުނެވެ.
"ލާސްޓް ނައިޓް ޔޫ ކިސްޑް މީ އެންޑް ޓުނައިޓް ޔޫ އަރ ވިތް ސަމްވަން އެލްސް. ތީ ހާދަ ގޮތެއް ނެތް މީހެކޭ ދޯ؟" ޝައިނާގެ ވާހަކައިން ރާހިލް ގާތު ހުރި ކުއްޖާއަށް ހައިރާންކަމެއް ލިބުނެވެ.
"ރާހިލް މީނަ މި ދައްކަނީ ތެދު ވާހަކައެއްތަ؟ އާރ ޔޫ ޗީޓިންގް އޮން މީ؟" އެކުއްޖާ ރާހިލްއާ ސުވާލުކުރިއެވެ.
"ޝައިނާ ހަމަޖެހިބަ" ރާހިލް ޝައިނާއާ ދިމާލަށް ފިޔަވަޅެއް އަަޅައިލިއެވެ.
"އޭނަ ކައިރީގަތަ ރާހިލް އަދިވެސް ހަމަޖެހޭށޭ ތި ކިޔަނީ؟؟ އޭނަތަ ހަމަ ޖައްސަން ތި އުޅެނީ؟؟ މަށެއް ނޫންތަ ރާހިލްގެ ބިޓަކީ؟؟ މަ ހަމަޖައްސާޖަށް ނޫންތަ ރާހިލް އުޅެން ޖެހޭނީ؟؟" އެކުއްޖާގެ ހިތްހަމާ ނުޖެހިފައިހުރެ ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.
"އަޒޫ" ރާހިލް ގޮތްހުސްވެފައިވާ ފަދައިން އެކުއްޖާގެ އަތުގައި ހިފަހައްޓައިލިއެވެ. ނަމަވެސް އެކުއްޖާ ރުޅިއައިސްފައިހުރެ ރާހިލްގެ އަތް ފޮޅުވައިލިއެވެ.
"އޯކޭ. މަށަށް ފުދިއްޖެ!! މިހާރު އެނގިއްޖެ މިރޭ މަށާ ކައިރި ނުވެވިގެން ތިއުޅެނީ ކީއްވެކަން. އަހަރެން ބޭނުމެއްނޫން އިތުރަށް މި ގުޅުން ކުރިއަށް ގެންދާކަށް." އެކުއްޖާ ރާހިލް ދުރަށް ކޮށްޕައިލުމަށްފަހު ކޮޓަރިން ނުކުތެވެ. އެކުއްޖާ ދިއުމުން ރާހިލް ރުޅިވެރި ނަޒަރަކުން ޝައިނާއަށް ބަލައިލިއެވެ.
"އަހަރެންގެ ރިލޭޝަންޝިޕް ރޫޅާލެވުނީމަ މިހާރު ހިތްހަމަ ޖެހިއްޖެތަ؟ އެނގެއެއްނު އެއީ އެއްވެސް މާނައެއްނެތި ހިނގައިދިޔަ ކަމެއްކަން! ފުރަތަމަ ދުވަހުން ފެށިގެން ޝައިނާ އަހަރެންނަށް ތިކުރާ ނަފްރަތުގެ އަސްލަކީ ކޮބައިކަމެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު އެއީ ކޮންމެ ސަބަބަކަށް ވިޔަސް މިހާރު ފުދިއްޖެ. ޝައިނާ ބުނިހެން އަހަރެންވެސް ބޭނުންވަނީ މިހާރު ޝައިނާއާ ދުރުގަ ހުންނަން. އިތުރަށް ޝައިނާއަށް އުނދަގޫ ކުރާކަށް ޝައިނާ ރުޅި އަރުވާކަށް ބޭނުމެއް ނޫން އެނގިއްޖެތަ؟ ނުކުން–" ޝައިނާ ކުއްލިއަކަށް ރާހިލްގެ ކޮނޑުގައި އަތްއަޅުވައިލުމަށްފަހު ކޮށްލި ކަމަކުން ރާހިލްގެ ދުލުގައިވި ބަސްތަކާއެކު ލާން އުޅުނު ނޭވާވެސް މެދު ކެނޑުނު ކަހަލައެވެ. އޭނާ ކުރީރޭ ކުރިފަދަ ކަމެއް ޝައިނާ އިސްނަގައިގެން ކޮށްފާނެކަން އެއީ އޭނާ ފަހަރެއްގައިވެސް އުއްމީދުކޮށްގެން ހުރިކަމެއް ނޫނެވެ. ރާހިލްގެ ސިކުނޑި ވަހުމުތަކުން ފުރެމުންދިޔަ ނަމަވެސް ނަފްސު އަމިއްލަ ބާރުގެ ދަށަށް ގެންނަމުން ޝައިނާއާ ދުރުވެލިއެވެ.
"ޝައިނާ!! މޮޔަވީތަ؟" ރާހިލް ނޭވާ ހަމައަކަށް އެޅުވުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައެވެ.
"އައި ވޯންޓް ދިސް. ނޫންތަ؟" ޝައިނާ އަނެއްކާވެސް ރާހިލްއާ ގާތްވެލުމަށްފަހު އެ އަމަލު ތަކުރާރުކޮށްލިއެވެ. ރާހިލް މިފަހަރު ތަންކޮޅެއް ހަރުކަށިކަމާއެކު ޝައިނާ ދުރަށް ކޮށްޕާލިއެވެ.
"ޔޫ ޑޯންޓް ވޯންޓް ދިސް" މާނޭވާލެވިފައިހުރެ އޮބިނޯންނަ ވަރަށް ތެޅެމުން އަންނަ ހިތް މައިތިރި ކުރުމަށް މަސައްކަތް ކުރަމުން ރާހިލް ބުންޏެވެ.
"އަހަހަ. ތީ ދެން ވަރަށް ބޮޑު އަޖައިބެއް. ރާހިލްއެއްނޫންތަ މީރޭ ބުނީ އެއީ އަހަރެންވެސް ބޭނުންވެގެން ހިނގި ކަމެކޭ؟؟ ދެން އަހަރެންގެ އަނގައިން އަހަރެން ބޭނުންކަމަށް އެއްބަސްވީމަ ކީއްވެތަ ގަބޫލު ނުކުރަނީ؟؟ ރާހިލް ކުރިއްޔާ އެވަނީ މާނައެއްނެތް މޮމެންޓަކަށް. އަހަރެން ކުރިއްޔާ ވަނީ މޮޔަ ކަމަކަށްތަ؟" ޝައިނާ މަލާމާތުގެ ރާގެއްގައި ބުންޏެވެ. ރާހިލްއަށް ވެގެންއުޅޭގޮތެއް ރޭކައިލީ އަދި ކިރިޔާއެވެ. ޝައިނާ ބޭނުންވަނީ މިރޭ އޭނާ ދެއްކި ވާހަކަތަކުން އޭނާއަށް ވަށްބަސްޖަހާށެވެ. ހަގީގަތެއްނެތް ވާހަކަ ތަކެއްކަން ސާބިތު ކޮށްދޭށެވެ.
"ރާހިލްއެއްނޫންތަ ކަންބޮޑު ވެގެން އުޅުނީ އަހަރެން ރާފިއު އާ 'އޯކޭ' ވެފަ ރާހިލްއާ 'އޯކޭ' ނުވެގެންވެސް. މިހާރު އަހަރެން އޯކޭ ވީމާ ތި ދުރުކޮށްލަނީ ކީއްވެ؟" ޝައިނާ ހުރީ ގޮތްދޫކުރާކަހަލަ ގޮތަކަަށް ނޫނެވެ.
"ޝައިނާ ޕްލީޒް. މިތަނުންދޭ. އަހަންނަށް އެނގޭ ޝައިނާވެސް މިގޮތް ބޭނުން ނުވާނެކަން. ތީ އަހަރެންނަށް ރޭގަ ހެދުނު ގޯހަކާހެދި ޝައިނާގެ ސިކުނޑީގަ އުފެދުނު ވަހުމްތަކެއް. އަހަރެން ގަބޫލުކުރަން ރޭގައާއި މިރޭ އަހަރެންގެ ބަސްމަގު މި ބެހެއްޓުނީ އެންމެ ރަނގަަޅަށް ނޫންކަން.. އެ ދެއްކި ހުރިހާ ވާހަކައެއް އަހަރެން އަނބުރައި ގެނެސްފިން.. ސޯ ޕްލީޒް. ލީވް." ރާހިލް މަސައްކަތްކުރީ ރީތިކޮށް ވާހަކަދެއްކޭތޯއެވެ.
"އަހަރެން އަތްލީމަ ބޭނުން ނުވަނީތަ. އެހެން އެންމެނާ އަހަރެންނާ ހުރީ ކޮން ތަފާތެއްތަ؟ އަހަރެން ހުތުރީތަ؟ އެކުދިންހާ ހަމުގެ ކުލަ އަލި ނޫންވީމަ ރާހިލްގެ ސްޓެންޑަޑަށް ނުފެތެނީތަ؟ އަހަންނަށްވެސް އެނގެޔޭ ރާހި–" ޝައިނާގެ ވާހަކަ މެދުކެނޑުނީ ރާހިލް އައިސް ޝައިނާގެ އަނގަމަތީގައި އަތްއެޅުމުންނެވެ. އޭނާ ރާހިލްއާ މުހާތަބު ކުރަމުންދިޔައީ ރާހިލްވެސް ކުރީރޭ އޭނާއާ މުހާތަބު ކުރިފަދަ ބަސްމަގަކުންނެވެ. ރާހިލްއަށް އެއްޗެއް ވިސްނައިދިނުމުގެ ނިޔަތުގައެވެ.
"ޕްލީޒް. ނޮޓް ޓުނައިޓް.. މިރޭ ޝައިނާ އަހަރެންނާ ތިގޮތަށް ޗެލެންޖް ނުކުރޭ. އައި ވޯންޓް ޓު ޕްރޫވް ޔޫ ރޯންގް ސޯ ބޭޑްލީ… ތިއީ ދޮގެއްކަން ސާބިތުކޮށްދޭން އަހަރެންނަށް ވަރަށް ސްޓުޕިޑް ރިގްރެޓްފުލް ކަމެއް ކުރެވިދާނެ. ޔޫ އަރ ވޭ ބިޔޯންޑް މައި ސްޓެންޑަރޑްސް. ސޯ ޕްލީޒް ލީވް" ޝައިނާއާ ހަތަރުކަޅި ހަމަ ކޮށްލައިގެންހުރެ ރާހިލް ވާހަކަ ދައްކަމުންދިޔައިރު ޖެހިލުންވެފައިހުރެ ޝައިނާއަށް އެ ތޫނު ދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. ރާހިލްގެ ގައިން އޭނާއަށް އޭރު އާދާޔަހިލާފު ހޫނެެއް އިހުސާސުވަމުންދިޔައެވެ. އެކަން ޔަގީންކުރުމަށްޓަކައި އޭނާ މަޑުމަޑުން ރާހިލްގެ މޫނުގައި އަތް ޖައްސައިލިއެވެ. ރާހިލްއަށްވެސް މަޑުމަޑުން ޝައިނާގެ އަނގަމަތީގައި އަޅައިފައިވާ އަތް ތިރި ކޮށްލެވުނެވެ.
"އޯ އެމް ޖީ ރާހިލް ޔޫ އަރ ސޯ ހޮޓް" ޝައިނާގެ ޖުމްލަ އިވުމާއެކު ރާހިލް އެއްމިޔަކަނިން ހިނިތުންވެލަމުން ޝައިނާއާ ދުރަށް ޖެހިލިއެވެ.
"އައި ނޯ ރައިޓް؟؟ ގްލޭޑް ޔޫ ފައިނަލީ ނޯޓިސްޑް." ގަމީހުގެ މަތިން ލައިފައިވާ ކޯޓު ބާލައި ގޮނޑީގެ ފަޑީގައި އަޅުވައިލަމުން ރާހިލް މަލާމާތުގެ ރާގެއްގައި ބުންޏެވެ. އަދި އެއްމިޔަކަނިން ހެވިފައިހުރެ ގަމީހުގެ އަތުކުރީގައި އަޅުވައިފައިވާ ގޮށް ނައްޓައިލިއެވެ.
"މިބުނީ… ހާދަ ހޫނޭ. ރާހިލް ބަލީތަ؟" ޝައިނާ ކުރިއަށް ޖެހިލައި ރާހިލްގެ ކަރުގައި އަތް ޖައްސައިލިއެވެ. އެވަގުތު ރީތިވާ މޭޒުމަތީގައި ހުރި ބޭސްކާޑުތައް ޝައިނާގެ ލޮލުގައި އަޅައިގަތެވެ.
"ކީއްވެ ރެސްޓްނުކޮށް މިރޭ ހަފްލާއަށް ދިޔައީ؟" ޝައިނާ ކަންބިޑުވެފައި އަހައިލިއެވެ.
"ޝައިނާ އަހަރެންނާ ދޭތެރޭ ތިގޮތަށް އަޅައިލާ ވިސްނާކަމަށް ގަބޫލުކުރަން އަހަރެން ވަރަށް ބޭނުން.. އެކަމަކު އަހަރެންނަށް އެނގޭ ކަން އޮތީ އެހެނެއް ނޫންކަން.. އެހެންވީމަ ބިރު ނުގަނޭ.. މިއީ ގައިންގަޔަށް އަރާކަހަކަ ވައިރަލް ހުމެއް ނޫން. ރޭގަ ތެމިގެން ހުއްޓާ އެ އޮތްގޮތަށް ނިދުނީމަ ކުޑަކޮށް ހުން އައީ. އައިމް ފައިން" ރާހިލް ބުންޏެވެ. ޝައިނާއާ ދެމެދު ހިނގައިދިޔަ ކަންތަކަށްފަހު ރޭގަ އޭނާއަށް ވިސްނަން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އަލަށް ކުރެވެން ފަށައިފައިވާ އިހުސާސްތަކުގެ ސަބަބުން އޭނާގެ ސިކުނޑީގައިވަނީ ވަރުގަދަ ތޫފާނެއް އުފެދިފައެވެ. އެ އިންގޮތަށް އިންދައި ނިދިޖެހުނީއެވެ.
"އަދިވެސް ހުރީތަ؟ ހެނދުނު ދިހައެއްގަ ފްލައިޓްވެސް އެބައޮތެއްނު. ދެން ދޭ.." އޭސީ ނިއްވައިލުމަށްފަހު ކޮނޑާހަމައަށް ރަޖާ އޮޅައިލައިގެން އެނދާ މާ ދުރުނޫން ހިސާބެއްގައި ބަހައްޓައިފައިހުރި ސޯފާގައި އިށީންނަމުން ރާހިލް ބުންޏެވެ. އަދި އޭގެ ކުރިމައްޗަށް ވާގޮތަށްހުރި ޓީ.ވީ ހުޅުވައިލިއެވެ.
ބޭހުގެ އަސަރު ކެނޑެމުން އަންނަ ވަރަކަށް ހަށިގަނޑަށް ފެތުރެމުންދާ ހުމުން ރާހިލްއަށް ކުރާ އަސަރު އިތުރުވަމުންއައެވެ. އެކަން ޝައިނާއަށް ނުދެއްކޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭސީ ކޮށްފައިވާ މާލަމެއްގައި މުޅިރޭ ހޭދަކޮށްފައި އައުމުގެ ސަބަބުން އޭނާއަށް އެކަން އުނދަގޫ ވަމުން ދިޔައެވެ. ގައިގެ ކަށިތަކުގައިވެސް އިންތިހާއަށް ރިއްސަމުން ދިޔައެވެ. އިސާހިތަކު އަތުގެ ކުޑަހުޅުން ވަރު ދޫވެގެން އޭނަގެ އަތުގައި އޮތް ރިމޯޓުވެސް ވެެއްޓެން ދިޔައެވެ. އަދި އެ ނެގުމަށްޓަކައި ގުދުވި ވަގުތު އަމިއްލަ ހަށިގަނޑުވެސް އަރިއަޅައިލިއެވެ.
"ރާހިލް… ރާހިލް އޯކޭތަ؟" ޝައިނާ ދުވެފައި އައިސް ރާހިލް ގޮނޑީގައި އިށީނުމަށް އެހީވުމަށްޓަކައި ގައިގައި ހިފަހައްޓައިލަމުން އެއްސެވެ. ރާހިލް އެ ސުވާލަށް ޖަވާބު ދިނުމެެއްނެތި ޝައިނާގެ އަތް އޭނާގެ ގަޔާ ވަކިކޮށްލިއެެވެ. ޝައިނާގެ ހަބަރެއްނުވެ ގިނައިރުވާން ފެށުމުން ރާހިލް އިސް އުފުލައިލައި ބަލައިލިއިރު ޝައިނާ ފެންތައްޓަކާއެކު ބޭސްގުޅައެއް ހިފައިގެން އައިސް އޭނާއަށް އެ ދިއްކޮށްލަނީއެވެ. ރާހިލް ޖަދަލު ކުރުމެއްނެތި ޝައިނާ ގެނައި ބޭސްގުޅަ އަނގަޔަށްލުމަށްފަހު އެއްނޭވައިން ފެންތަށި ހުސްކޮށްލިއެވެ.
"ދެން އެންމެ ރަނގަޅެއްނު. އަހަރެން ބޭސްވެސް މި ކެއީއެއްނު.. ދެން ދޭ" ކުރިމަތީގައިހުރި ޓީވީއަށް ނަޒަރު ހުއްޓައިލަމުން ރާހިލް ބުންޏެވެ. ޝައިނާ ބޯ ޖަހައިލުމަށްފަހު އެތަނުން ނުކުތުމަށް ހިނގައިގަތެވެ. ނަމަވެސް ދޮރު ހުޅުވައިލުމަށްފަހު ދެ ހިޔާލެއްގައިހުރެ ފަހަތައް އެނބުރިލަމުން ރާހިލްއަށް ގޮވައިލިއެވެ.
"އެއްވެސް ކަމެއް ގޯސްވަންޏާ އަހަރެންނަށް ގުޅައްޗޭ." ޝައިނާ ބުންޏެވެ. ރާހިލް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލުމުން ޝައިނާ މަޑުމަޑުން ދޮރު ލައްޕައިލުމަށްފަހު ލިފްޓާ ދިމާލަށް ހިނގައިގަތެވެ.
ގަޑިއެެއްހާއިރު ފާއިތުވެގެން ދިޔައިރުވެސް ޝައިނާގެ ލޮލަކަށް ނިންޖެއްނައެވެ. ރާހިލްގެ ކޯލެއްގެ އިންތިޒާރުގައި އިރުއިރުކޮޅާ ބާލީސް ދަށުގައި އޮތް ފޯނު ނަގައި ބަލައިލެވެއެވެ. އަބަދުމެ އުޖާލާކޮށް ހުންނަ އެމޫނު މަތީގައިވި ވަރުބަލިކަންފެނި އޭނާއަށް ރާހިލް ރަނގަޅު ނޫންކަން އެނގުނެވެ. އެހެނެއްކަމަކު ރާހިލް ރަނގަޅުކަމަށް ބުނާހާ ހިނދަކު އޭނާއަށް އެތަނުގައި މަޑުކުރަން ދެއްކޭނެ ބަހަނާއެއްވެސް ނެތެވެ. ނަމަވެސް ރާހިލް ދާން ބުނި ވަގުތު އެފަދަ ބަހަނާއެއް ހޯދުމަށް އޭނާގެ ސިކުނޑި އަވަސްވެގަތްގޮތުން ޝައިނާ ހާސްވިއެވެ. އޭނާއަކީ ފިރިހެނުންނަށް ނަފްރަތުކުރާ މީހެކެވެ. އޭނާގެ މަންމައާ ދޮންތަގެ ދިރިއުޅުންވެސް ފަނާވެގެން ދިޔައީ އަނިޔާވެރި ފިރިހެނުންތަކެއްގެ ސަބަބުންނެވެ. ހަމަ ރާހިލްފަދަ އަންހެނުންނަށް އެއްވެސް ގަދަރެއް ނުކުރާ އަމިއްލަ ނަފްސުގެ ޝަހުވަތްތަކަށް ގޮސް ހެއްލިފައިވި ބައެއްގެ ސަބަބުންނެވެ. ރާހިލް ފެނުނު ފުރަތަމަ ދުވަހު އޭނާއަށް ރާހިލްގެ ގޮތް އެނގުނު ހިސާބުން ފެށިގެންވެސް އޭނާއަށް ރާހިލްދެކެ ނަފްރަތު ކުރެވޭ ސަބަބަކީ އެއީއެވެ. ނަމަވެސް އޭނާއަށް ރާހިލްއާމެދު އަޅައިލެވެނީ ކީއްވެކަމެއް ނޭނގެއެވެ. ރާހިލްގެ އަތް ފިހުނުތަން ފެނުމުން އެރޭ އެނާގެ ލޮލަށް ހަމަނިދި ނުލިބުނު ފަދައިން މިރޭވެސް އޭނާއަށް ނުނިދިގެން އުޅެނީ ކީއްވެހެއްޔެވެ؟
ސުވާލުތަކުން ފުނިޖެހެމުންދިޔަ ހިތަށް ތަސައްލީއެއް ހޯދުމަށް ޝައިނާ ކުރަހާ ފޮތް ނަގައިގެން އޭގައި ކުރަހަން ފެށިއެވެ. އެ ކުރެހުންތަކުގެ ހިޔާލީ ދުނިޔެއިން އޭނާ ހޭ ލައްވައިލީ ޗާޖަށް ޖަހައިފައި އޮތް ފޯނު ރިންގުވާން ފެށި އަޑުންނެވެ. ޝައިނާ އަވަސް އަވަހަށް އެނދުން ފައިބައިގެން ދުވެފައި ގޮސް ފޯނު ބަލައިލިއެވެ. ޑިސްޕްލޭ އަށް އަރައިފައިވާ ރާހިލްގެ ނަން ފެނުމާއެކު ސުކުންތެއްވެސް ލަސްނުކޮށް ޖަވާބުދިނެވެ.
"ހޭ.. ނި..ނިދަ.. ނިދަނީ.. ދޯ.." ރާހިލްގެ ބަލިއަޑު ކަންފަތުގައި ޖެހުމާއެކު ޝައިނާގެ ހިތައް ހީވީ ހޫނުފެންއެއްޗެެއް އޮއްސައިލެވެނުހެނެވެ. އެ ކުރެވުނު އިހުސާސާމެދު ވިސްނަން ހުރުމުގެ ބަދަލުގައި އޭނާ ރާހިލް ގާތަށް ދިޔުމަށް އަވަސް ވެގަތެވެ.
"ރާހިލް. އަރ ޔޫ އޯކޭ. ކޯލުުގަ ހުންނައްޗޭ އިނގޭ.. އަހަރެން އެބަދަން." ޝައިނާ އަވަސް އަވަހަށް ނިދަންލާ ޓޮޕްކޮޅުގެ ކޮނޑު ނިވާވާހެން ޝޯލެއް އޮޅައިލަމުން އެޕަރޓްމެންޓުން ނުކުތެވެ. މިނެޓެެއްހާއިރު ފަހުން އޭނާއަށް ހުރެވުނީ ރާހިލް އުޅޭ ކޮޓަރީގެ ބޭރުގައެވެ. އޭނާ ޓަކި ޖަހައިލުމުން ފޯނުގައިގުރެ ރާހިލް ދޮރު ހުޅުވައިލިއެވެ.
ޝައިނާއަށް ކޮޓަރީގެ ތެރެއަށް ފިޔަވަޅެއް އަޅައިލެވުނީ ހަމަ ކިރިޔާއެވެ. ރާހިލްގެ ބަރު ހަށިގަނޑު އޭނާގެ ގައިމައްޗަށް ވެއްޓެން އައުމާއެކު އޭނާ އަރި އަޅައިލައިގެންގޮސް އަތުގައި އޮތް ފޯނުވެސް ބިންމައްޗަށް ވެއްޓުނެވެ. ނަމަވެސް އޭނާގެ ގައިގައިހުރި ހުރިހާ ބާރަކާއެކު ރާހިލްގެ ހަށިގަނޑު ކޮންޓްރޯލް ކުރިއެވެ. އޭރު ރާހިލްގެ ހުން އިންތިހާއަށް ގަދަ ވެފައިވާކަށް އޭނާއަށް އިހުސާސް ކުރެވުނެވެ.
"ތޭން. ތޭންކްސް" ރާހިލް މަޑުމަޑުން ބުނެލި އަޑު އިވުނެވެ.
"ރާހިލް. ހިތްވަރުކޮށްލާފަ އަހަންނާއެކު އެނދާ ހިސާބަށްދާން ޓްރައި ކޮށްބަ ޕްލީޒް. ރާހިލް ވަރަށް ބަރެއްނު.." ޝައިނާގެ ވާހަކައަށް ބޯ ޖަހައިލަމުން ރާހިލް ޝައިނާގެ އެހީގައި އެނދާއި ހިސާބަށް ދިޔައެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު ވަގުތުން ރާހިލްގެ ދެލޯ މެރުނުތަން ފެނި ޝައިނާ ކަންބޮޑުވިއެވެ.
"ރާހިލް. ރާހިލް" ދެފަހަރަކަށް ރާހިލްގެ މޫނުގައި ޖަހައިލަމުން ޝައިނާ ގޮވައިލިއެވެ. ދެލޯ ހުޅުވައިލަން ކުރި މަސައްކަތުގެ ތެރެއިން ރާހިލްއަށް ކުރެވުނުހާވެސް ކަމަކީ ބުމަ އަރުވައިލުމެވެ. އެ އިޝާރާތުންވެސް ޝައިނާގެ ހާސްކަން ހިނދުކޮޅަކަށް ފިލައިދިޔައެވެ. ރާހިލްގެ ހުންގަނޑު މައިތިރި ކުރާނެ ގޮތެއް ހޯދުމަށް ޝައިނާ ދުރަށްދާން އުޅުން ވަގުތު ރާހިލް އޭނާގެ އަތުގައި ހިފައި ބާރުކޮށްލިއެވެ.
"ރާހިލް. އަހަރެންނެއް ނުދަމޭ. މި އަންނަނީ." ޝައިނާ އޯގާތެރިކަމާއެކު ވާހަކަދެެއްކިއެވެ. ރާހިލް ޝައިނާގެ އަތުން ދޫކޮށްލިއެވެ. ޝައިނާ ވަގުތު ބޭކާރު ކުރުމެއްނެތި ފާހަނައިގެ ކެބިނެޓުން ހުދު ތުވާއްޔެެއް ތެންމާލައިގެން އައިސް ރާހިލްގާތު އިށީނެވެ. ރާހިލްގެ ބޮލާއި މޫނު އަދި ކަރުދޮށުގައި ތުވާލި އުނގުޅައިލިއެވެ. އެއަށްފަހު ގަމީހުގެ ގޮށްތަށް ނައްޓައިލުމަށްފަހު މޭމަތީގައިވެސް ތުވާލި އުނގުޅައިލިއެވެ. ރާހިލްގެ ކުކުރުމުގެ އަޑު މަޑުވާންފެށިއެވެ. ހަށިގަނޑަށް ލުއިވާން ފެށުމާއެކު ފުން ނިންޖެއްގެ ތެރެއަށް ގެނބިގެންދިޔައެވެ.
ޝައިނާ އެތަނުން ތެދުވާކަށް ހިޔާލެއް ނުކުރިއެވެ. ތުވާލީގެ ފެން ހިކޭހެން ހީވާއިރަށް ގޮސް ތެންމާލައިގެން އައިސް ރާހިލްގެ ހުން މައިތިރިކުރެވޭތޯ އޭނާ މަސައްކަތް ކުރަމުންދިޔައެވެ. ރާހިލްގެ މޫނުމަތިން ފެންނަމުންދިޔަ ވަރުބަލިކަމުގެ އަސަރުތައް މަޑުމަޑުން ފިލަމުން ދިޔައެވެ. ޝައިނާގެ އަތް ބޭއިހްތިޔާރުގައި ރާހިލްގެ މޫނުގައި ބީއްސައިލެވުނެވެ. އެނާގެ އިނގިލިތައް ރާހިލްގެ ތުންފަތުގައި ބީއްސައިލެވުނު ވަގުތު ގައިން ހީބިހި ނަގައިގެން ދިޔަހެން ހީވިއެވެ. ރާހިލްގެ ފަރުވާކުޑަ އަމަލުތަކުގެ ސަބަބުން ޝައިނާއަށް އަސަރުތަކެއް ކޮށްފިކަން ގައިމެވެ.
***********
ހުންގަނޑު މައިތިރިވެ ބޮލުގައި އަޅައިފައިވާ ތުވާލީގެ ތެތްކަން އިހުސާސްވާންފެށި ރާހިލްއަށް ހޭލެވުނެވެ. ކަނާއަތް އައްސިވެފައިވާހެން ހީވުމުން ވައަތް ހިއްލާލައި ނިތްކުރިމަތިން ތުވާލި ނެގުމަށްފަހު އުނދަގޫ ކަމާއެކު ދެލޯ ހުޅުވައިލަން މަސައްކަތް ކުރިއެވެ. އޭނާގެ އަތުގައި ބޯ އަޅައިލައިގެން އޮތް އަންހެންކުއްޖާ ފެނުމާއެކު ރާހިލްއަށް އެއަތް އައްސިވެފައިވި ސަބަބު އެނގިގެންދިޔައެވެ. އެފަދަ ކަންކަމަކީ އޭނާއަކަށް އާ ކަމެއް ނޫނެވެ. އެފަދަ މަންޒަރަކަށް އޭނާ އެ ހޭލަނީ އަލަކަށްނޫނެވެ. ނަމަވެސް އެހެން އަންހެންކުދިންނާމެދު އަމަލު ކުރާ ގޮތާ ހިލާފަށް އެ އަތް ޝައިނާގެ ބޯދަށުން ނެގުމަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. ނިދިފައި އޮތް ޝައިނާގެ މޫނުމަތިން ފެންނަމުންދިޔަ ހަމަޖެހުން ނަގާލެވިދާނެ ކުޑަވެސް ހަރަކާތެއް ގެންނަން އޭނާ ބޭނުން ނުވާ ކަހަލައެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ވަރުބަލިކަމުގެ ނިޝާންތަކުން ޝައިނާ އެރޭގެ ހަތަރުދަން އޭނާއަށް ހޭހަންކޮށްދިނުމުގައި އުޅުނުކަން ސާބިތުވާންހުއްޓެވެ. ބޭރުފުށުން ދައްކަމުންދާ ހިތްހަރުކަމާއި ހިލާފަށް ޝައިނާގެ ފަރާތުން ދުވަހެއް ދުވަހަކަށް ފެންނަމުންދާ އޯގާތެރިކަމާމެދު ރާހިލްއަށް ވިސްނޭވަރު އިތުރު ވަމުންދާކަން ހުދު އޭނާއަށްވެސް އެނގެއެވެ. އެކަންކަމަށް އޭނާގެ ހިތް ލެނބެމުންދާ ވަރަކަށް އޭނާގެ އަމަލުތައް ކޮންޓްރޯލުން ނެއްޓެމުންދާކަންވެސް އޭނާއަށް ގަބޫލުކުރެވެއެވެ.
ރާހިލް ނުވިސްނައި ހުއްޓައި ޝައިނާ ނިދީގެ ތެރެއިން މޯޅިއަކަށް ދެމިލަމުން އިތުރަށް ރާހިލްގެ ގައިގައި ބައްދައިލިއެވެ. އެ ފިނިއަތް ރާހިލްގެ ގަމީހުން ނައްޓަލެވިފައިވާ ގޮށްތަކުގެ ތެރެއިން މޭމަތީގައި ބީހިލުމާއެކު ރާހިލްގެ ނޭވާވެސް ހުއްޓުން ކަހަލައެވެ. ދެވަނަ ސިކުންތުގައި އޭނާވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ޝައިނާއާ އިތުރަށް ގާތްވެލައި ޝައިނާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. އެ އިސްތަށިގަނޑުގެ މީރުވަސް އޭނާގެ ނޭފަތުގައި ޖެހުނުހިނދު ފުންނޭވާއެއް ދަމައިލަމުން ހިނިތުންވެލިއެވެ. އޭނާގެ ހިތަށް މިއިން ޒަމާނަކު ނުލިބޭފަދަ ހިތްހަމަޖެހުމެއް ޝައިނާއާ ގާތުގައިވުމުން ލިބެމުންދިޔައެވެ.
"މިއޮތީއެއްނު މަގޭ ސިކުނޑި އޮޅުންބޮޅުންކޮށް ހުރިހާ ހާލެއް ޖައްސާފަ އަރާމުގަ ނިދަން. ތެންކިޔޫ ފޯރ ޓޭކިންގް ކެއަރްއޮފް މީ ލަ–" އިހްތިޔާރަކާއިނުލާ ދުލުން ބޭރުވާން އުޅުނު ލަފްޒުގެ ބަރުދަން އިހުސާސްވުމާއެކު ރާހިލްއަށް އޭނާގެ ވާހަކަ މެދުކަނޑައިލެވުނެވެ. ނިތަށް ގިނަވި ރޫތަކާއެކު މުޅި މީހާއަށް ހާސްކަމެއް ވެރިވިއެވެ. ކުއްލިއަކަށް ޝައިނާގެ ބޯ ދަށުގައިވި އަތް ދަމައިގަންނަމުން އޭނާއަށް ތެދުވެ އިށީނދެވުނު ގޮތްވެސް ނޭނގުނެވެ. އެކުއްލި ހަރާކާތާއެކު ޝައިނާއަށްވެސް ހޭލެވުނެވެ. ލަސްލަހުން ދެފަހަރަކު އެސްފިޔަ ޖަހާލުމަށްފަހު ލޯ ހުޅުވައިލިއެވެ.
"ރާހިލް. ހޭލީތަ؟ ގަޑިން ކިހާއިރެއް" ޝައިނާ މޯޅިއަކަށް ދެމިލަމުން ރާހިލްގާތު އިށީނެވެ.
"ނޫނޭ. އައިމް ޖަސްޓް ސްލީޕް ވޯކިންގް." ރާހިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
"ޕިސްޕިސް މިހިރީވާ މީހެއް. ހޭލާ ގޮތަށްވެސް ސަކަރާތް ޖެހުމުގަ. އެކަމަކު މިހާރު ދެން ރާހިލްގެ ކުރީގެ ސެލްފްއަށް އިއާދަވެފަ ހުރީމަ މި ބަލަނީ މިހާރު އޯކޭ ކަމަށް." ޝައިނާ ކޮނޑުގައި އޮތް ޝޯލް ރީތިކޮށްލައި އެނދުން ތެދުވެލަމުން ބުންޏެވެ.
"އިރު އަރަނީ ދޯ. 9 ޖަހާއިރު އެއަރޕޯޓަށް ދާން ޖެހޭނެ. ރާހިލްވެސް ރެޑީ ވެލާ. އަހަރެން ބަލާނަން ސޫޕްއެއް އެއްޗެއް ހަދާލެވޭތޯ އެނގޭ. ގައިގަ ވަރު ޖައްސަން ވާނެއެއްނު." ޝައިނާ ބުންޏެވެ.
"ޝައިނާ ހަނދާން ނެތުނީތަ ރެއިން ފަށައިގެން އަހަރެންގެ ގާރލްފްރެންޑެއް ނެތްކަން. ގައިގަ ވަރު ޖައްސައިގެން އަހަރެން ކުރަން އޮތީ ކޮންކަމެއް" ރާހިލް ލާނެތް ރާގަކަށް ހީލައިފައި ބުންޏެވެ.
"އޭންންޑްޑް ހީ އިޒް ބެކް. ދަ އޯލްޑް އެނޯއިންގް ރާހިލް" ޝައިނާ ލަފްޒުތަކަށް ދަމައިލަމުން ބުންޏެވެ. "އެއްޗެއް ބޭނުން ނެތިއްޔާ އަހަރެންގެ މައްސަލައެއްނެތް. ސީ ޔޫ އެޓް ދަ އެއަރޕޯޓް" ޝައިނާ ދޮރުން ބޭރަށް ނުކުންނަން ހިނގައިގަތެވެ. އެވަގުތު އޭނާގެ ފައި ބިންމަތީގައި އޮތް އެއްޗެއްގައި ޖެހުމުން ޝައިނާ އެއީ ކޯއްޗެއްތޯ ބަލައިލިއެވެ. އެއީ އޭނާގެ ފޯނެވެ. ރޭގައި ރާހިލް އޭނަގެ ގައިމައްޗަށް ޖެހުން ވަގުތު ފޯނު ވެއްޓުނު ގޮތަށް ޑިސްޕްލޭވެސް ވަނީ ތަޅައިގެން ގޮސްފައެވެ. ޝައިނާ އެ ފޯނު ހުޅުވޭތޯ މަސައްކަތްކުރިތަން ރާހިލްއަށް ފެނުނެވެ. ނަމަވެސް އެކަމުގައިހުރެ އޭނާ ކޮޓަރިން ނުކުތުމުން އެފޯނު ހުޅުވުމަށް ޝައިނާ ކުރި މަސައްކަތް ކާމިޔާބުވިކަމެއް ނުވަތަ ނުވާކަމެއް ރާހިލްއަކަށް ނޭނގުނެވެ. ކޮޓަރި ތަޅުލުމަށްފަހު އަނެއްކާވެސް އޮށޯވެލީ އެއަރޕޯޓަށް ދިޔުމުގެ ކުރިން ކުޑަކޮށް ނިދާލައި ގައިގައި ހުރި ވަރުބަލިކަން ފިލުވައިލެވޭތޯއެވެ.
***********
ފްލައިޓް ރަންވޭއަށް ޖެެއްސުމާއެކު ރިއާން އޭނާގެ ޑްރައިވަރަށް ގުޅައިލިއެވެ. ޓާރމިނަލުން ނުކުމެވުނުއިރު ދެކާރު އޭނާގެ އިންތިޒާރުގައި މަޑުކޮށްގެން އޮތެވެ. އެމީހުނާއެކު އައި ހެޑްއޮފީހުގެ ދެ މުވައްޒަފުންނަށް ޑްރައިވަރުންނާއެކު އެއްކާރުގައި ދިޔުމަށް އެނގުމަށްފަހު ރިއާން އޭނާގެ ކާރުގެ ޑްރައިވަރ ސީޓާއި ހަވާލުވިއެވެ. އޭނާއަކީ އެއްވެސް އިރަކު އެހެންމީހުން ލައްވައި ކާރުދުއްވާ މީހަކަށް ނުވާތީ އޭނާއަށް އެގޮތް ކަމު ނުދިޔައީއެވެ. ރިއާންގެ އިޝާރާތަށް ރާހިލްއާއި ޝައިނާ ރިއާންގެ ކާރަށް އެރިއެވެ. ރާހިލް ކުރީ ސީޓުގައި ހަމަޖެހިލައި ފޯނު ޗާޖަށް ޖަހަން ދިމާކޮށްލި ވަގުތު ފަހަތު ސީޓުގައި އިން ޝައިނާވެސް އެ ވާގަނޑުގައި ހިފައިލިއެވެ. ރާހިލް ނުހަނު ފަސޭހަކަމާއެކު ޝައިނާއަށް އެ ވާގަނޑު ދޫކޮށްލިތަންފެނި ރިއާންގެ ގާތަށް ހިނިއައި ނަމަވެސް އެކަން ފޮރުވައިލިއެވެ. އެކަމާ ގުޅުވައި ފަހުން ރާހިލްއާ ދިމާކުރުމަށް ސިކުނޑީގައި ރާވައިލަމުން އޭނާ ކާރު ދުއްވައިލިއެވެ. ރާހިލްގެ ނަޒަރު އޭރުވަނީ ފަހަތުގައި އިން ޝައިނާގެ ހަރަކާތްތަކަށް ހުއްޓިފައެވެ. ޝައިނާއަށް އަދިވެސް ފޯނު ނުހުޅުވިގެން އުޅޭކަން އޭނާއަށް ފާހަގަވިއެވެ.
މާލެއާ ހިސާބަށް އާދެވުނު އިރުވެސް ކާރުތެރޭގައިވި ހިމޭންކަމުގެ ސަބަބުން ރިއާންއަށް ހައިރާންކަމެއް ލިބުނެވެ. ރާހިލްއާއެކު 20 އަހަރުވީ ރަހްމަތްތެރިކަމުގައިވެސް ދުއްވާއެއްޗެއްގައި އެހާ ހިމޭން ދަތުރެއް ކުރި ހަނދާނެއް އޭނާގެ ނެތެވެ. ވަކިން ހާއްސަކޮށް ބޭރުފެންނަ ބިއްލޫރިގަނޑެއް ހުރި އުޅަނދަކިއްޔާ ދުއްވާފައިދާއިރު ފެންނަހާ އެއްޗަކަށް ފާޑުކިޔުމުގައި ރާހިލްއަކީ ކުޑަކުއްޖަކަށްވެސް ދޫ ނުކުރާވަރުގެ ފަހުލަވާނެކެވެ. ވީއިރު ރާހިލްއަށް އައިސްފައިވާ ބަދަލާމެދު ރިއާން ކަންބޮޑުވިއެވެ.
ކާރުއައިސް ޝައިނާ އުޅޭ ގޭގެ ކުރިމައްޗަށް ހުއްޓާލުމުން ރާހިލް ކުޑަދޮރުން ބޭރަށް ކަޅިހިންގައިލައި ޝައުގުވެރިކަމާއެކު އެ އިމާރާތަށާ ބަލައިލިއެވެ. ގާތްގަނޑަކަށް 5 ބުރިއަށް ހިއްލާލެވިފައިވާ އެގެ ބޭރުން ފެންނަނީ އާދައިގެ މާލޭ ގެތަކާއި އެއް ފެންވަރުގެ ގެއެއްގެ ގޮތުގައެވެ.
"ރިއާން.. ލަގެޖް." ޝައިނާ ކާރުން ނުކުންނަމުން ރިއާންއަށް ހަނދާންކޮށްލަދިނެވެ. ރިއާން ކާރުގެ ޑިކީ ހުޅުވާލިއެވެ. ޝައިނާ ކާރުގެ ފަހަތަށްގޮސް ލަގެޖް ނެގުމަށް މަސައްކަތް ކުރަމުންދިޔައެވެ. އޭރު ރިއާންއާއި ރާހިލް ކާރުގެ ކުރީ ލޯގަނޑުން އެ މަންޒަރު ބަލަންތިއްބެވެ. ކާރުގެ ފަހަތައް ވެހިކަލްތައް ގިނަވެ ފުނިޖެހުނުއިރުވެސް ޝައިނާއަށް އެ ލަގެޖް ނެގޭ ގޮތެއް ނުވިއެވެ. އެހެންކަމުން ރިއާން އޭނާ އިންފަރާތުގެ ދޮރު ހުޅުވައިލީ ޝައިނާއަށް އެހީތެރިވާން ދިއުމުގެ މަގްސަދުގައެވެ. ނަމަވެސް ރިއާންއަށް ކާރުން ބޭރަށް ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް ރާހިލް ކާރުން ފައިބައިގެންގޮސް ޝައިނާ ގާތަށް ހުއްޓުނެވެ. މިނެޓެއްހާއިރު ވަންދެން ޝައިނާ ނުނެގިގެން އުޅުނު ފޮށި ރާހިލް އެންމެ އަތެއްގެ ބާރުގައި ނަގައި ބިންމަތީގައި ބަހައްޓައިލިއެވެ. ލައިގެންހުރި ގަދަފެހި ކުލައިގެ ގަމީހުގެ އަތް އުޅަނބޮއްޓާއި ހިސާބަށް އޮޅާލެވިފައިވުމުގެ ސަބަބުން ހާމަވެފައިވާ ރާހިލްގެ މުލައްދަނޑީގެ ނާރުތައް އެހަރަކާތާއެކު ފުފިލިގޮތް ފެނި ޝައިނާގެ ތަލިން ކުޅު ހިކުނުއިރު، މޫނުއަނބުރައިލެވުނީ އެއީ ބަލަންނުވާ މަންޒަރެއް ފަދައިންނެވެ.
"އޭ ނައްޓާލާ. އަހަރެން ގުޅާނަން ފަހުން" ރާހިލް ކާރުގައި ޖަހައިލަމުން ރިއާންއަށް އެންގިއެވެ. އެކަމާ އިތުރު ސުވާލެއްނުކޮށް ރިއާން ދިޔައީ އޭރުވެސް މަގުގެ ފަހަތުން ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑު އިވެމުންދާތީއެވެ.
"ކުރިންވެސް ތިކަން ތިހެން ވީހެއްނު"
"މިހާރު ގަޑި ޖެހިއްޖޭ މި ކަމަކާހުރެ"
"މި އަންހެން ވެރިންނަށް ހީވާނެ ފިރިހެނުންނަށް ވާ ކޮންމެ ކަމެއް ތިމަންނަމެނަށް ވާނޭ"
"އޭނަ އެ ހުރިހާ ވަގުތެއް ނެގިއިރުވެސް ކާރު ތެރޭ ތިބި މީހުންވެސް އަޅާނުލާ ތިބީއޭ ހަމަ"
"ބަ* އެކޭ މި ކާރުތަކާ ހެދި"
ފޮށި ނަގަން ލަސްވުމުގެ ސަބަބުން ރިއާންގެ ކާރުގެ ފަހަތުން ނައްޓައިލި ސައިކަލުތަކުގައި ތިބި މީހުން ދެއްކި ވާހަކަތައް ރާހިލްއާއި ޝައިނާއަށް އިވުނެވެ. އެކަމަށް އެހާބޮޑު ސަމާލުކަމެއް ނުދީ ދެމީހުންވެސް ގޭގެ ދޮރާށިން އެތެރެއަށްވަނީ އެއީ މާލޭގެ ކޮންމެ ދުވަހެއްގެ ހާލަތު ކަމުގައި ވާތީއެވެ.
"ތެންކްޔޫ. އަހަރެން ހަމަޖައްސާލާނަން ދެން މިހިސާބުން" ޝައިނާ ރާހިލްއަށް ޝުކުރު އަދާކުރިއެވެ.
"މިތާކު ލިފްޓެއްވެސް ނެތެއްނު. ކިތަށްވަނަ ފްލޯރއަށް މި އަރުވަން ޖެހޭނީ؟" ރާހިލް ސިޑިއަށް ބަލައިލަމުން ބުންޏެވެ.
"ތިނެއް. އަހަރެންނަށް ވާނެޔޭ. އަހަރެން ތިފޮށި ސިޑިން ބޭލީވެސް." ޝައިނާ ރާހިލްއަތުން ފޮށި އަތުލަން މަސައްކަތް ކުރިއެވެ.
"ސިޑިއަކުން އެއްޗެއް ބޭލުމާ އެރުވުމާ ވަރަށް ތަފާތުވާނެ. އަހަރެން ހީކުރީ އަހަރެންނަށްވުރެ ބޮޑަށް ޝައިނާއަށް އެކަން އެނގޭނަ ކަމަށް. ފިޒިކްސްއާ އޭތި މީތި ކިޔަވައިގެންހުރީމަ" ރާހިލް ބުންޏެވެ.
"އަހަރެންނަކީ އާރކިޓެކްޓް އެކޭ. ނޮޓް އެން އިންޖިނިއަރ" ޝައިނާ ޖަދަލުކުރިއެވެ. ނަމަވެސް ރާހިލް ހަމަހިލާ ޝައިނާއަކަށް ދުލެއް ނުކުރިއެވެ. އެންމެފަހުން ޝައިނާ ހަތިޔާރު ބެހެއްޓިއެވެ. އަދި ރާހިލްގެ ފަހަތުން ސިޑީގެ ހަރުފަތްތަށް ގިރާކުރަން ފެށިއެވެ. އެޕަރޓްމެންޓްގެ ދޮރު ތަޅުލައިފައި ހުރުމުން ދަބަހުގައި އޮތް ތަޅުދަނޑި ނަގައި އެޕަރޓްމެނޓް ހުޅުވައިލަމުން ޝައިނާ އެތެރެއަށް ވަނެވެ. ރާހިލް ބޭރުގައި ހުރެ ޝައިނާގެ ފޮށި އެޕަރޓްމެންޓް ތެރެއަށް ވައްދައިލިއެވެ.
"ފެން ބޭނުންތަ؟ ޖޫސް؟ އެތެރެއަށް ވަދެބަ" ރޭގައި ބަލިވެ އުޅުމަށްފަހު އެ ފޮށި އުފުލަން ޖެހުމުން ރާހިލް އިތުރަށް ވަރުބަލިވެފައި ހުރެދާނެކަމަށް ވިސްނި ޝައިނާ ބުންޏެވެ. ރާހިލް އަވަސް އަވަހަށް އެޕާރޓްމެންޓްގެ ތެރެއަށް ވަދެގަތްގޮތުން ހީވީ ޝައިނާ އެހެން ނުބުނެގެން ހުރިހެންނެވެ.
ޝައިނާ ރާހިލްއަށް ފެންތައްޓެއް އަޅައިދިނުމަށްފަހު އޭނާގެ ފޮށި ދަމައިފައިގޮސް ކޮޓަރިއަށް ވެއްދިއެވެ. އެވަގުތުކޮޅުގެ ތެރޭގައި ރާހިލް އެ އެޕަރޓްމެންޓްގެ ތެރެއަށްނަޒަރު ހިންގައިލިއެވެ. އާދައިގެ އެޕަރޓްމެންޓެއް ކަމުގައިވިނަމަވެސް ރީތި ސާދާ ގޮތެެއް ފެންނަން ހުއްޓެވެ. ސިޓިންގްރޫމްގައި ބޮޑު ގޮނޑިސެޓަކާއި ތިރި މޭޒެއް އަދި ޓީވީއެއްގެ އިތުރުން ފެންނަންހުރީ ކާމޭޒެކެވެ. އެ މޭޒު ހުރި ހިސާބުން ވަކި ކުރެވިފައިވާ ކައްކާ ތަންކޮޅަކާއި ސީދާ ސިޓިންގްރޫމްގެ ތެރެއަށް ނުކުމެވޭ ގޮތަށް ހުރި ކޮޓަރިއަކާއި ކާމޭޒާއި ދިމާލަށް ނުކުމެވޭ ގޮތަށް ދެކޮޓަރި ހުއްޓެވެ. އެޕަރޓްމެންޓްގެ ފްލޯރިންގާއި ގުޅޭގޮތަށް ފާރުގައި ލެވިފައިވާ ކުލަތަކާއި ޒީނަތްތެރިކަމަށް ބޭނުން ކުރެވިފައިވާ އާލާތްތަކުން ޝައިނާގެ ހުނަރުވެރިކަން ފެންނަމުންދިޔައެވެ.
"ހިއެއްނުވޭ މިގަޑީގަ އެކަކުވެސް އުޅޭ ހެނެއް. އަހަރެން ދައްތަމެންނަށް ގުޅާލާނަ–" ރާހިިލްގެ ކުރިމައްޗަށް އައިސް ހުއްޓުނު ޝައިނާގެ ވާހަކަ މެދުކެނޑުނީ ޝައިނާގެ ކޮޓަރިއާ އިންވެގެން ހުރި ކޮޓަރީގެ ތެރެއިން އެއްޗެއް ވެއްޓުނު އަޑަށެވެ.
ރާހިލްއާއި ޝައިނާ އެކަކުއަނެކަކަށް ބަލައިލުމަށްފަހު ދެމީހުންއެކީ އެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ގޭގައި މީހެއްނެތި ވަގެއް ވަނީކަމަށް ހިތައި ޝައިނާ ކަންބޮޑުވިއެވެ. އެކޮޓަރިއާ އަރައި ހަމަވުމާއެކު ޝައިނާ ރާހިލްއަށް ބަލައިލިއެވެ. ރާހިލް ބޯ ޖަހައިލުމުން ޝައިނާ ކޮޓަރީގެ ތަޅުގައި ހިފައި އަނބުރައިލިއެވެ. ކޮޓަރި ތަޅުނުލައި ހުރުމުން ދެމީހުންގެ ހިތުގައިވެސް ވަގަކާމެދު އުފެދިފައިވި ޝައްކު އިތުރަށް ޔަގީންވިއެވެ. އެހެނަސް ހުޅުވިގެން ދިޔަ ދޮރާއެކު ފެނުނު މަންޒަރުން ރާހިލްއާއި ޝައިނާ ދެލޯބޮޑުކޮށްލަމުން އެކަކު އަނެކަކަށް ބަލައިލިއެވެ. އެކޮޓަރީގައިހުރި އެނދުގެ ބާލީސްތައް އެތަން މިތަނަށް އުކާލެވިފައިވާއިރު އެނދުގެ ރަޖާގަނޑުގެ ދަށުގައި ދެމީހަކު ހަރަކާތްތެރިވާކަން އެނގެމުންދެއެވެ. އެރަޖާގަނޑުގެ ދަށުން އަންހެންކުއްޖެއްގެ ހުނުމުގެ އަޑާއި މާނޭވާލުމުގެ އަޑު އިވެމުން ދިޔައެވެ.
ޝައިނާއާއި ރާހިލްއަށް ހުރިތަނުން ގުޑާނުލެވިގެން އުޅެނިކޮށް ރަޖާގަނޑުގެ ތެރޭގައި އުޅުނު ފިރިހެންކުއްޖާ ތެދުވިއެވެ. އުނަގަނޑާއި ހަމައަށް އެޅިފައިވާ ރަޖާގަނޑާއެކު ހުރި ޝިމާން ފެނުމާއެކު ޝައިނާ ތޫލި އަޑަކުން ހަޅޭއްލަވައިގަންނަމުން ފަހަތައް އެނބުރުނެވެ.
"އައިމް ނޮޓް ނޭކެޑް ސިސް. ޖަސްޓް ޝަރޓްލެސް. ސްޓޮޕް ބީއިންގް ޑްރެމެޓިކް." ޝިމާން ތެދުވެ އެނާގެ ޖިންސުގައި އަޅައިގަނެފައިވާ ރަޖާގަނޑު ވަކިކޮށްލަމުން ބުންޏެވެ. ރާހިލް ޝައިނާގެ ކޮނޑުގައި ހިފައި ކޮޓަރިއާވީ ފަޅިއަށް އަނބުރައިލުމުން ޝައިނާ އޭނާގެ އިނގިލިތަށް ކުޑަކޮށް ދުރުކޮށްލައި ބަލައިލުމަށްފަހު ލޯމަތިން އަތް ނެގިއެވެ. އޭރުވެސް ރަޖާދަށުގައި އުޅުނު އަންހެންކުއްޖާގެ ހިލަމެއް ނުވެއެވެ.
"ސީރިއަސްލީ އަހަރެން ހިއެއް ނުކުރަން ޝައިނާތީ އެހާ ހިޕޮކްރިޓް މީހެއް ކަމަކަށް. އައި މީން ޝައިނާގެ ބްރަދަރ މިހެން އުޅޭއިރު އަހަރެންގެ އުޅުމަށް ފާޑުކިޔަން" ރާހިލްގެ ވާހަކައަށް ޝައިނާ ލޯ އަޅައިލިއެވެ.
"ކަމޯން ސިސް. އަހަރުމެން އެއްވެސް ކަމެއް ނުކުރަމޭ. ސްޓަޑީ ބްރޭކެއް ނެގި ގަޑީގަ ކުޑަކޮށް ގިލިގިލި ކޮށްޓާލީ. މީ ކާކުތަ މިތާހުރެ ފާޑުފާޑުގެ ވާހަކަ ދައްކަން" ޝިމާން ގޮނޑީގައި އަޅުވައިލައިފައިއޮތް ޓީޝާޓު ބޮލުން މަހާލަމުން ބުންޏެވެ.
"ކޮބާ ދައްތަމެން؟" ޝައިނާ ބިންމަތީގައިހުރި ބާލީސްތައް ނަގަމުން ޝިމާންގާތު އެއްސެވެ.
"މަންމަމެން ދޯ. ސިސް ރޭގަ ގުޅާފަ ބުނީމެއްނު މިއަދު އަންނާނަމޭ. އެހެންވެ މެންދުރަށް މާ ވަރުގަދަޔަށް ކައްކާށޯ ކިޔާފަ އެއްޗެހި ގަންނަށް ނިކުތީ. އެކަމަކު މިހާރު ވަރަށް އިރުވެއްޖެ ދިޔަތާ. އަދިވެސް އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުދެމެއްނު… މީ ކާކު؟" ޝިމާން ރާހިލްގެ ކުރިމައްޗަށް އައިސް ހުއްޓިލަމުން ބުންޏެވެ.
"ދޮންބޭ؟" އެނދުގައި އިން ކުއްޖާގެ އަޑަށް ދޮރު ކައިރީގައި ތިބި ތިންމީހުންގެ ބޯތައް އެދިމާލަށް އެނބުރުނެވެ.
"ދޮންބޭ؟" "އިޝީ؟" ޝިމާންއާ ރާހިލްއާށް އެއްފަހަރާ އިޝްވާއާ ދިމާލަށް އެނބުރެމުން އަހައިލެވުނެވެ. އެއަށްފަހު އެ ދެމީހުންގެ ނަޒަރު އެކަކުއަނެކަކާ ސީދާވިއެވެ. ރާހިލް އިޝްވާއަށް ބަލައިލުމަށްފަހު ނުރުހުމުގެ ނަޒަރަކުން ޝިމާންއަށް ބަަލައިލިގޮތުން ޝިމާން ހިންދިރުވައިލިއެވެ.
"ނޮޓް ދަ ބެސްޓް ވޭ ޓު މީޓް ދި ބްރަދަރ އައި ގެސް" ކުށްވެރިއެއް ފަދައިން ދެއަތް ކޮނޑާއި ހިސާބަށް ހިއްލާލައިގެންހުރެ ޝިމާން ރާހިލްގެ ކުރިމަތިިން ދުރަށް ޖެހިލިއެވެ.
" ދޮންބޭ. މިތާ ކީއްކުރަނީ.؟؟؟" އިޝްވާ އެނދުން ތެދުވެގެން އައިސް އެމީހުންގަތު ހުއްޓިލިއެވެ.
"ތިސުވާލު ކުރަންވީ އަހަރެންނެއްނު. އިޝްކޮ މިތާ ކީއްތިކުރަނީ؟ ވިތް ދިސް." ރާހިލް ހިތްހަމަ ނުޖެހިފައިހުރެ ޝިމާންއަށް ބަލައިލަމުން ބުންޏެވެ.
"ކިޔަވާށޭ އައީ. ސްޓަޑީ ބްރޭކްއެއް ނަގާފަ މާނު އިޝީގައިގަ ގިލިގިލި ކޮށްޓަން ފެށީރަށް ދޮންބެމެން އައީ." އިޝްވާ ރާހިލްގެ އަތުގައި އެލިގަންނަމުން ބުންޏެވެ. ރާހިލް ޝިމާންއަށް ލޯ އަޅައިލިއެވެ.
"ކަޓް އިޓް ދޮންބޭ. އިންޑިއާ ފިލްމް ތަކުގަ އުޅޭކަހަލަ ވިލައިން ދޮންބެ އަކަށްވީމަ މައި ސްވީޓް ދޮންބެއަކާ ނުވެސް ގުޅޭ. އިޝީއަށް އެނގޭ ދޮންބެ ވަރަށް ޗިލް ވާނެކަން. މާނު އިޒް އަ ގުޑް ބޯއީ އޭ. ދޯ ސިސް. ސިސްއަށްވެސް ދޮންތިއަށްވެސް އެނގެޔޭ އިޝީ އެންޑް މާނުގެ ކަންތައް" އިޝްވާ ޝައިނާއަށް ދޯ ދެމުން ބުންޏެވެ. ރާހިލް ޝައިނާގެ އިޝާރާތަކަށް ބަލައިލުމާއެކު ޝައިނާވެސް އެކަމާ އެއްބަސްވަމުން ބޯ ޖަހައިލިއެވެ.
"އެންމެނަށް އެނގޭއިރު ކީއްވެ ދޮންބެ ކައިރި ނުބުނީ؟" ރާހިލް އިޝްވާގާތު އެހިއެވެ.
"ބަަލަ ދޮންބެގާތު ބުނެވޭނީ ފުރުސަތެއް ލިބިގެންނު. އައި ގޮތަށް ދޮންބެ ނައްޓާލީވިއްޔަ ހ.ދ އަށް ކޮންމެ–" ކުއްލިއަކަށް އިޝްވާ އެއްޗެެއް ހަނދާންވި ފަދައިން ވާހަކަ ހުއްޓައިލިއެވެ. "ވެއިޓް. ދޮންބޭއާ ސިސް އާ ދެމީހުންވެސް މާލެ އައީ. ސޭމް ޑޭ. ސޭމް ޓައިމް. ޑަޒް ދިސް މީން"
"ޔެސް ދޭ ވަރ ރޫމް މޭޓްސް" ޝިމާން އިޝްވާގެ ހިތުގައި އޮތް ސުވާލަށް ޖަވާބުދިނެވެ.
"ނޮޓް ރޫމް މޭޓްސް" ޝައިނާއާއި ރާހިލް އެއްފަހަރާ ބުންޏެވެ
"އޯކޭ އޯކޭ. ހައުސް މޭޓްސް. ފްލެޓް މޭޓްސް. ހަމަ އެކައްޗެއްނު މި ކިޔެނީ" ޝިމާން ކޮޓަރީގެ މޭޒުމަތީގައިހުރި ކޯކްފުޅިން ކޯވަރެއް އަނގަޔަށް އަަޅައިލަމުން ބުންޏެވެ.
"ދެން ދޮންބެ ކީއްވެ ދޮގު ހެދީ. ހ.ދ އަށޭ ބުނީ" އިޝްވާގެ އަޑު ކުއްލިއަކަަށްބާރުވިއެވެ.
"އަހަރެން ވޯކް ޓްރިޕްއެކޭ ބުނިނަމަ މަންމަމެން އެހާ ފަސޭހައިން ފޮނުވާނެތަ؟ ޑޭޑް ބޭނުމެއްނުވޭ އެކޮމްޕެނީ ނޫން ކޮމްޕެނީ އެއްގަ އަހަރެން ވޯކް ކުރާކަށް" ރާހިލް އަސްލު ސަބަބު ފޮނުވައިލިއެވެ.
"ދޮންތިއަށް އެނގޭތަ؟" އިޝްވާ ދެއަތް މޭމަތީގައި ހުރަސްކޮށްލަމުން އަހައިލިއެވެ. ރާހިލް ކުށްވެރިއެއް ފަދައިން އިސްޖަހައިލިއެވެ. އަދި ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހުރައިލިއެވެ.
"ވަޓް؟؟ ދޮންބޭ. ޔޫ ކާންޓް. އަހަންނަށް އެނގިއްޖެ ދޮގު ހެދީ ކީއްވެކަން. ސިސް އާ އެއްކޮށް ދިޔަކަން ދޮންތިއަށް ނާންގާކަށްނު" އިޝްވާ ހިތްހަމަ ނުޖެހިފައި ރާހިލްއާ ދިމާލަށް ބުންޏެވެ.
"ކަމޯން. އިޝްކޮއަށް އެނގެއެއްނު ދޮންތި އެއީ ކުދިކުދި ކަންކަންވެސް ކިހާ ބޮޑުކޮށްލާ މީހެއްކަން. އެހެންވެ ބުނަން ނުކެރުނީއޭ. އަހަރެން ޒީގެ ފްރެންޑްސް އާ ވާހަކަ ދައްކަން ޒީ ބޭނުން ނުވާކަން އިޝްކޮއަށް އެނގެއެއްނު" ރާހިލް އަމިއްލަ ނަފްސު ދިފާއުކުރަން މަސައްކަތް ކުރިއެވެ.
"އެކަމަށްޓަކައި ދޮންތިގެ ރަނގަޅު ސަބަބުތަކެއް ހުއްޓެއްނު. ސިސްއާ ގާތްވާން ހިޔާލުވެސް ނުކުރާތި. ސިސް. ސިސްވެސް ދޮންބެ ދައްކާ މޮޅެތި ވާހަކަތަކަށް ނުހެއްލޭތި" އިޝްވާ ޝައިނާގެ އަތުގައި ހިފައި ދަމައިގަންނަމުން ރާހިލްއާ ދުރަށް ހިނގައިގަތެވެ.
"ތި އެންމެންވެގެން އަހަރެން އެހާބޮޑު ވިލަންއަކަށް ނުހަދަބަދޯ. އަހަރެން ނޫޅެމޭ ޝައިނާއަށް ގޮތެއް ހަދާކަށް. ޕްލީޒް ޑޯންޓް ޓެލް ޒީ" ރާހިލް އާދޭހުގެ ރާގެެއްގައި އިޝްވާގާތު ބުންޏެވެ.
"އެ ތެދެއް އިޝީ. އަހަރުމެން ދިޔައީ ހަމައެކަނި ވޯކް އަށޭ. އަހަރެންވެސް ބޭނުމެއްނޫން މިކަން ޒީ އަށް އެނގިހެން ބޮޑު ޑްރާމާއަކަށް ވާކަށް. އެހެންނޫނަސް ރާހިލްއަކީ ތި ބުނާވަރު ވިލަންއެއް ނޫނޭ" ޝައިނާވެސް އިޝްވާ ރުއްސުމުގެ މަސައްކަތް ކުރިއެވެ. ޒީވާ އަހާ ސުވާލަކަށް ދޭނެ ޖަވާބެއް އޭނާގެ ނެތެވެ. ޒީވާ އެދެމެދުގައި ކަމެއް ހިނގިތޯ އަހައިފިނަމަ ދޮގު ހަދާނެ ހިތްވަރު ހުންނާނެހެން އޭނާއަކަށް ހިއެެއް ނުވެއެވެ.
"ބަލާބަ. ސިސްވެސް ސިއްރު ކުރަން ތި އުޅެނީ. މިހާއަވަހަށް ދޮންބެގެ މަޅީގަ ޖެހުނީ" އިޝްވާގެ ވާހަކައިން ޝައިނާއަށް މަޑުމަޑުން އިޝްވާގެ ނަމުން ގޮވައިލެވުނު އިރު ރާހިލްއަށް ފޫހިގޮތަކަށް ކަޅިއަނބުރައިލެވުނެވެ.
"އޯކޭ. އެކަމަކު ދޮންބެވެސް ނުވާނެ އިޝީ އެންޑް މާނުގެ ވާހަކަ މަންމިމެން ކައިރި ބުނެގެނެއް" އިޝްވާ ރާހިލްއާ ދިމާލަށް އެނބުރިލަމުން ބުންޏެވެ.
"ޑީލް" ރާހިލް ދެއަތް ހުޅުވައިލަމުން ބުންޏެވެ. އެއާއެކު އިޝްވާ އުފަލުން ރާހިލްގެ ގައިގައި ބައްދައިލިއެވެ.
އިޝްވާގެ ގައިގައި ބައްދައިލަމުން ރާހިލް އިޝްވާއަށް ނުފެންނާނެ ފަދައިން ދުރުގައި ހުރި ޝިމާންއަށް ބަލައިލަމުން އިންޒާރެއް ދޭ ފަދައިން ދެއިނގިލިން އަމިއްލަ ލޮލަށް އިޝާރާތް ކޮށްލުމަށްފަހު ޝިމާންގެ ދެލޮލަށް އިޝާރާތްކޮށްލިއެވެ. އެމަންޒަރު ފެނި ޝައިނާގެ ގާތަށް ހިނިއައި ނަމަވެސް އެކަން ފޮރުވައިލިއެވެ. އިޝްވާ ބުނި ފަދައިން ރާހިލްފަދަ ސަކަ މިޒާޖެއްގެ މީހަކަށް ސީރިއަސް ބޭބެއެއްގެ ރޯލު ކުޅެވިދާނޭ ޝައިނާގެ ހިތެެއްވެސް ނުބުނެއެވެ. ކުއްލިއަކަށް ޝިމާންގެ ފޯނު ރިންގުވާން ފެށުމާއެކު އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ.
"ކާކު؟" އިޝްވާ އާދައިގެމަތިން އަހައިލިއެވެ.
"ތިނެއް ތިނެއްގެ ނަމްބަރެއް. ވެދާނެ އެސޯސިިއޭޝަންއިން އޮފިޝަލް ކަންތަކުގަ ގުޅަނީ ކަމަށްވެސް. ހެލޯ" ޝިމާން ފޯނު ނަގަމުން ޖަވާބުދިނެވެ.
"ޔެސް؟ ޔެސް ދިސް އިޒް މީ. އައިމް ދަ ސަން" ޝިމާން ވާހަކަ ދައްކަމުން ދިޔައިރު މޫނަށްއަރަމުންދިޔަ ކުލަވަރުތަކުގެ ސަބަބުން ކަމެެއް ގޯސްވެއްޖެކަން އެތާ ތިބި މީހުންނަށް ރޭކައިލިއެވެ.
"ވަޓް. ވެއިޓް… ވެން ވޯޒް ދިސް. ޔެސް. ޔެސް ވީ ވިލް ބީ ދެއަރ ސޫން" ފޯނު ބޭއްވުމާއެކު ޝިމާން ކަންބޮޑުވެފައި ޝައިނާއާ ދިމާލަށް ބަލައިލިއެވެ.
"ސިސް" ކުޑައިރުއްސުރެން ޝިމާން ދެރަވާކަމެއް ދިމާވެއްޖެނަމަ ޝައިނާއަށް ގޮވާލާ ރާގުގައި އަކުރުތަކަށް ގޮވައިލިއެވެ. އޭނާއަށް ލިބުނު ހަބަރުގެ ސަބަބުން ދެފައިން ވަރުދޫވެ ކަކޫމައްޗަށް ވާގޮތަށް ބިންމަތީގައި އިށީދެވުނެވެ.
"ޝިމާން.. ކިހިނެއްވީ؟؟ ބުނެބަ.." ޝައިނާ ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޝިމާންގެ ކުރިމަތީގައި އިށީނދެލަމުން އެ ދެއަތުގައި ހިފަހައްޓައިލިއެވެ. އޭނާގެ މޫނުންވެސް ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. ނަމަވެސް ޝިމާންއަށް އެއްޗެއް ބުނަން އުނދަގޫ ވެގެން އުޅޭ ކަހަލައެވެ.
އިޝްވާވެސް ގޮސް ޝިމާންގާތު އިށީނދެލަމުން ކޮނޑުގައި ހިފަހައްޓައިލިއެވެ. އެމަންޒަރު ބަލަންހުރި ރާހިލްވެސް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ އެތަނުގައި ކުރިން އޮތް އުފާވެރި މާހައުލު ބަދަލުވެގެން ދިޔައިރު އެކަމުގެ ފަހަތުގައިވާ ސަބަބެއް ޝިމާންއަކަށް ނޫނީ ނޭނގެއެވެ.
"ޝިމާން އަޅެ ކިހިނެއްތަވީ. ކާކުތަ ގުޅީ؟" ޝިމާންގެ މޫނަށް ވެރިވަމުންދިޔަ އަސަރުތައްފެނި ޝައިނާގެ ކެތްތެރިކަން ކުޑަވަމުންދިޔައެވެ.
"ބޭބް. ބޭބް ލުކް އެޓް މީ. ބުނެބަ ކިހިނެއްތަވީ؟؟" އިޝްވާވެސް ކައިރީގައި އިށީނދެ ޝިމާންއަށްވެގެން އުޅޭގޮތަށް އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ.
"ހޮސްޕިޓަލް. އެކް..އެކސިޑެންޓްގަ. މަމް. މަމް އައިސީޔޫގަ" ޝިމާން އިޝްވާގެ މޫނަށް ބަލަހައްޓައިގެން އިނދެ ބުނެލި ބަސްތަކާއެކު ހީވީ އެތަނުގައި ބޮމެއް ގޮއްވައިލިހެނެވެ. ޝައިނާގެ ހަރަކާތްތަށް ހިނދުކޮޅަކަށް ގަނޑުވިއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ވަރަށް ރީތި. އެކަމަކު ކިހިކިނެތް ތިހެދީ އަންޔާ ސިސް. ހާދަ ހިތާމަވެރި ހަބަރަކުންނޭ ތިނިންމާލީ. ޝައިގެ ބޮޑުދައިތައަށް އަވަސް ޝިފާއަކަށް އެދެން….. ޝިމާންވެސް ހާދަ މަޖަލޭ.
ރާހިލް ށައިނާދެކެއަސްލު ލޯބިވޭކަންނޭނގެ
އެގޮލާނުބުނީހަމަދޯ ދެންގެނެސްދީބަލަ ރިއާންއާ
ޒީވާގެލޯބިތަންކޮޅެއް
ކޮބާ މިއަދުގެ ބައި
ކޮބާ މިއަދުގެ ބައި
މިހާރު އަޕްލޯޑް ކޮށްލައިފިން