Monday, 16 September 2024

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ތާއީދު ނުކުރާ: އިނގިރޭސި ބޮޑުވަޒީރު

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ތާއީދު ނުކުރާ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ރިޝީ ސުނަކް ބުނެފިއެވެ.

ރިޝީ ސުނަކް ބުނެފައިވަނީ އިސްރާއީލުން އަމިއްލަ ނަފްސު ދިފާއު ކުރުމަށް ތާއީދު ކުރާ ކަމަށާއި އަދި އޭގެ އިތުރުން ހަނގުރާމައިގެ މައިދާނުގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން ސަލާމަތުން އެތަނުން ބޭރު ވެވޭނެ ފުރުސަތު ވެސް ލިބެން ޖެހޭ ކަމަށެވެ.

އޭނާ ބުނީ، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ލިބެން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެކަންކަން ކުރެވޭނީ ރައްކާތެރި މާހައުލެއް އޮވެގެން ކަމަށާއި، ހަނގުރާމަ ހުއްޓާލުމުން ހަމައެކަނި ފައިދާ ލިބޭނެ ބަޔަކީ ހަމާސް ކަމަށެވެ.

މިފަދައިން އަނިޔާވެރިކަމަށް އޭނާ އިސްކަންދީފައިވާއިރު، މީގެ ކުރިން ވެސް އޭނާ ވަނީ ހަނގުރާމައިގައި އިނގިރޭސިވިލާތުން އޮތީ ޔަހޫދީ ދައުލަތާ އެކުގައި ހުރިކަމަށް ހާމަކޮށްފައެވެ.

އޭނާގެ މަޤާމާ ޖާހަށްޓަކައި ޔަހޫދީން ރުއްސަން މަަސައްކަތް ކުރާއިރު، ޔަހޫދިީންގެ ޤަތުލުއާންމުގެ ސަބަބުން ޣައްޒާގެ މައިންނާއި ޅަދަރީން އެދަނީ ބަލަބަލާ ތިއްބާ ލޮލުކުރިމަތީގައި ޝަހީދުވަމުންނެވެ. އެތައްހާސް ބައެކެވެ. ޣައްޒާއަށް މިއަދު ކުރިމަތިވެފައިވަނީ އިންސާނީ މުސީބާތެކެވެ. ދިރިއުޅުމުގެ ހުރިހާ މަގުތަކެއް ވަނީ ބަންދުވެފައެވެ. ހޮސްޕިޓަލްތައް ސުންނާފަތިކޮށްފިއެވެ. ގެދޮރު ބިމާ ހަމަކޮށްފިއެވެ. މިސްކިތްތައް ނައްތާލައިފިއެވެ. ސްކޫލުތައް ގޮއްވާލައިފިއެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 5،791 އަށް އަރާފައެވެ. އޭގެ ތެރޭގައި 2،360 ކުޑަކުދިންނާއި، 1292 އަންހެނުން ހިމެނެއެވެ. އަދި، 16,000 އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. 1500 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގެއެވެ. އޭގެ ތެރޭގައި 830 ކުޑަކުދިން ހިމެނެއެވެ. ޣައްޒާ ފުރަބަންދުކޮށް ކާބޯތަކެއްޗާއި ފެނާއި ޞިއްޙީ ފަރުވާގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުތަކުން ހުރަސްއަޅަމުންދާއިރު، ޣައްޒާގެ 2.3 މިލިޔަނެއްހާ ރައްޔިތުންގެ ހާލަތު ދަނީ ދެރަވަމުންނެވެ. އެހީގެ ސާމާނާ އެކު ޣައްޒާއަށް ދަތުރު ކުރަން މަސައްކަތް ކުރާ އުޅަނދުތަކަށް ވެސް ޔަހޫދީ ފައުޖުތަކުން ދަނީ ހުރަސް އަޅަމުންނެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު