އެމްޑީޕީގެ އެއްވެސް މެންބަރަކު ނަޝީދަށް އެއްވެސް އިރަކު އިތުބާރެއް ނުކުރޭ: ރައީސް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރަކު، އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް، އެއްވެސް އިރެއްގައި އިތުބާރު ނުކުރާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އެމްޑީޕީން ފާސްކުރި ތްރީލައިން ވިޕާ ގުޅޭގޮތުން ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން އަލުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ މަސައްކަތް ފެށީ އިތުބާރު ނެތުމުން ކަމަށެވެ.

"އެހެންވީމާ އެ ގޮތަށް އެމްޑީޕީން ކުރިއަށްދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖޯކުޖައްސަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ، އެ މަނިކުފާނާމެދު އެއްއިރު އިތުބާރު އޮތިއްޔާ، ދެން އަންނަ ހަފުތާގައި އެ އިތުބާރު ގެއްލޭ ކަމަށެވެ.

މިކަމަށް ރައްދު ދެއްވައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އިތުބާރުކުރާކަމަށް ބުނެ މައްސަލަ މަޑުޖައްސައިލަން ޖެހުނީ ވަގުތާއި ހާލަތުގެ ގޮތުންކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި އެހެން ބޮޑު ހަަލަބޮލިކަމެއްގެ ތެރެއަށް ދާން މަގުފަހިވާ އެއްވެސް ކަމެއް އެ ދުވަސްވަރު ކުރައްވަން އެ މަނިކުފާނު ވެސް ބޭނުންފުޅުވެވަޑައި ނުގެންނެވީކަމަށާއި، އެއީ ޕީޖީ މެދުވެރިކޮށް އެ މަސައްކަތް މަޑުޖައްސައިލެއްވި ސަބަބުކަމަށެވެ. އަދި އެއީ ވަގުތީ ގޮތުން ކުރެއްވި ކަމެއްކަމަށްވެސް އެމްޑީޕީގެ އިސްލީޑަރ، ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އެ ވަގުތު ބޭނުންނުވާތީ ވަގުތީ ގޮތުން ކުރިކަމެއް. އެއިރަކު ވެސް އިތުބާރު އޮވެގެންނެއް ނޫން. ކަންތައްތައް ކުރަމުންދިޔަ ގޮތް އެއްގޮތަކަށް ވެސް މަޖިލިސް މެމްބަރުންނަކަށް ކަމަކުނުދޭ. އެހެންވީމާ އެ ކަން ކުރިއަށްގެންދާ ގޮތަށް އެއިރު ވެސް އޮތީ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައިވާއިރު، އެ މައްސަލައާ ގުޅޭ ގޮތުން، އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ ނަޝީދު ވަކި ކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ފާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަހަރުން ތިބޭފުޅާއަށް ކުރި އިތުބާރެއްކޮށް، ތިގޮނޑީގައި ބޭންދީ ރައީސް ނަޝީދު ދެއްވި އިތުބާރާއި ޔަޤީންކަމުގެ މައްޗަށް ބިނާކޮށް….
    މިއަދު؟

    1. ދިވެހިރާއްޖެ ގެ ރައީސް ކަމުގެ މަޤާމަކީ ސީދާ ރައްޔެތުންގެ ވޯޓުން ދެއްވާ މަޤާމެއް! އޭގަ އުޅޭ އަންނި ނޫނީމަ އިބޫއަށް ލިބުނު އެތައް ވޯޓެއްވެސް! އެހެންވެ 139000 ވޯޓުން ހޮވުނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު