Saturday, 13 April 2024

ނަޝީދު މަޖިލިސް ރައީސްކަމުން ދުރުކުރަން އެމްޑީޕީން ތްރީލައިން ވިޕެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުުރުކުރަން، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހަށް ވައްދާފައިވާ މައްސަލަ ފާސްކުރަން، ތްރީލައިން ވިޕެއް ނެރެން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ އިއްތިފާގުން ނިންމައިފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފައެވެ. އެ ބައްދަލުވުމުގައި ވަނީ، މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ ނަޝީދު ވަކި ކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ނިންމައިފައެވެ.

ދެވަނަ ފަހަރަށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކުގައެވެ.

މިކަމާ ގުޅިގެން، މިއަދު އޭޑީކޭގައި އޮތް ރަސްމިއްޔާތެއްގައި ނަޝީދު ވަނީ ނުސީދާ ގޮތެއްގައި އެމްޑީޕީގެ މަޖިލީސް މެންބަރުންނަށް ފާޑު ވިދާޅުވެފައެވެ.

"އެއް އިރު އިތުބާރު އޮތިއްޔާ އަނެއް އިރު ނޯންނަ،" ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ ޖޯކު ޖައްސަވާފައެވެ.

އެންމެ ފުރަތަމަ އެމްޑީޕީން ނަޝީދު ވަކިވުމާ އެކު ރައީސް ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސާ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން ހުށަހެޅި ނަމަވެސް، އެ ފަހަރު ދެ މައްސަލަ އެއްފަހަރައި ހުށަހެޅުމުން މުޅި މަޖިލީސް ހުއްޓުނެވެ. އޭގެ ފަހުން، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭ ނަޝީދުގެ ސަޕޯޓަރުންގެ ރުހުން ހޯދަން އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެނެސްފައެވެ.

އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙަށް ތާއީދު ނުކުރުމުން، އަނެއްކާ ވެސް އެމްޑީޕީން ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައެވެ.

މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވާއިރު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ބޭނުންވާ 43 މެންބަރުންގެ ވޯޓު ފަސޭހަކަމާއެކު ހަމަވާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތީ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *