"ހޮވިފައިވާ ރައީސަށް ހުވާ ކުރުމާއި ސަރުކާރު އެކުލަވާލުމަށް ހުރަސްއެޅުމަކީ ޤައުމަށް ޤައްދާރުވުން"

ހޮވިފައިވާ ރައީސަށް ހުވާ ކުރުމާއި ސަރުކާރު އެކުލަވާލުމަށް ހުރަސްއެޅުމަކީ ޤައުމަށް ޤައްދާރުވުން ކަމުގައި ކުރީގެ ސްޓޭޓް އެޓާނީ ޢަބްދުﷲ ނާޝިދު ވިދާޅުވެއްޖެއެވެ.

ނާޝިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޮވިފައިވާ ރައީސަށް ހުވާ ކުރުމާއި ސަރުކާރު އެކުލަވާލުމަށް ހުރަސްއެޅުމަކީ ޤައުމަށް ޤައްދާރުވުން ކަމަށާއި، މިކަން ޤަސްތުގައި ރާވައިގެން ޤައުމު ޑެޑް ލޮކަކަށް ގެންދިއުމުގެ ޤާނޫނީ ހުއްޖަތެއް ނެތް ކަމަށެވެ.

"ހޮވިފައިވާ ރައީސަށް ހުވާ ކުރުމާއި ސަރުކާރު އެކުލަވާލުމަށް ހުރަސްއެޅުމަކީ ޤައުމަށް ޤައްދާރު ވުން. މިކަން ޤަސްތުގަ ރާވައިގެން ޤައުމު ޑެޑް ލޮކަކަށް ގެންދިއުމުގެ ކޮން ޤާނޫނީ ހުއްޖަތެއް އޮތީ. މިވާނީ ބޭރުގެ އަދުއްވެއްގެ ނުރައްކާތެރި ރޭވުމަކަށް! ދިވެހިން ސަމާލުވޭ." ނާޝިދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ނާޝިދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕީޖީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

"އެގޮތުން މަޖިލީހުގެ ރިޔާސަތުގައި ގަދަބާރުން އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވުން އަޅުގަނޑުމެން އެދެނީ. ކުރިމަތީގައި ބައެއް ކަންކަން އެބަހުރި. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވެސް ހިމެނޭ. އެއީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް. އެފަދަ ޖަލްސާއެއް ވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން 29ގެ ވޯޓު ނުނަގާ ކުރިއަށް ގެންދެވިދާނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.

އެކަމަކު މީގެކުރިން އަސްލަމް ވިދާޅުވެފައިވަނީ، އާ ސަރުކާރަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގެ ނިޔަތުގައި މަޖިލީހުން އެއްވެސް ކަމެއް ނުކުުރައްވާނެ ކަމަށާއި، އެއްބާރުލުން ދޭންޖެހޭ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައި، ރޮޒެއިނާ ވެސް ވިދާޅުވެފައިވަނީ، މުއިއްޒުގެ ހުވާ ކުރެއްވުން ކުރިއަށް ގެންދަންވާނީ މަޖިލީހުގެ އިތުބާރު ހުރި ރައީސަކާއި އެކީގައި ކަމަށާއި އިތުބާރު ގެއްލިފައި ހުރި ރައީސަކު އެކަން ކުރުމަށް ޖާގައެއް ނުދެވޭނެ ކަމަށެވެ.

އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތީ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން، އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ ނަޝީދު ވަކި ކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ނިންމައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު