އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވާ ހަފުލާއަށް ވަޑައިގަތުމަށް ޓަކައި 3،500 ދަޢުވަތު ފޮނުވަން ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ހާމަކުރައްވާފައިވާ ގޮތުގައި، އަންނަ މަހު ރައީސް ކަމަށް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ޖަލްސާއަށް 3500 ދައުވަތު ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.
ޑރ. މުއިއްޒު ވެރިކަމުގެ ހުވާ އަންނަ މަހުގެ 17 ވަނަ ދުވަހު ކުރައްވާއިރު، ވެރިކަމުގެ ހުވާ ކުރައްވާނީ އެކަމަށްޓަކައި، ޖުމްހޫރީ މައިދާނުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށްވެސް އިންތިޚާބީ ރައީސްގެ އޮފީހުން މީގެ ކުރިން ހާމަކުރައްވާފައިވެއެވެ.
ދައުވަތު ދެއްވާ ބޭފުޅުންގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ އިސް ބައެއް ބޭފުޅުން ހިމެނޭކަމަށާއި، އާންމުންނަށްވެސް މި ހަފްލާގައި ބައިވެރިވެވޭއިރު، އެ ހަފްލާއަށް 3500 މީހުންނަށް ދައުވަތު ފޮނުވޭނެ ކަމަށް މަޖިލީހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަޤާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ރައީސް ޞާލިޙް ބޭނުންފުޅުވިއެވެ. އެހެންނަމަވެސް، އެޓާރނީ ޖެނަރަލް ވިދާޅުވެފައިވަނީ ޤާނޫނު އަސާސީ ބަދަލުކޮށްގެން މެނުވީ އެ ތާރީޚުގައި ހުވާކުރުން ނުބޭއްވޭނެތީ، މި އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ދަތި ކަމެއް ކަމަށެވެ.



